ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް 30 ޕަސެންޓް ޑިސްކައުންޓް އަދި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭ ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
އުރީދޫ މޯލްޑިވްސް އިން ތައާރަފްކުރި “އިސްރަހަވެހި ޕްލޭން” އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ. މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭނެކެވެ.
މި ޚާއްޞަ ޕެކޭޖް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އެވެ. މި ޕެކޭޖް އިފްތިތާޙްކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ “އުރީދޫގެ ސީނިއަރ ސިޓިޒަން ޕޯސްޓްޕެއިޑް” އޮފަރއާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ދިރިއުޅުމުގެ އަސާސީ ބޭނުމަކަށް އިންޓަރނެޓް ވެފައިވާއިރު، ވަރަށް ހަލުވިކަމާއެކު ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެގޮތުން ޓެކްނޮލިޖީގެ ތެރެއިން ބަރޯސާވެފައިވަނީ ހަމައެކަނި މުވާޞަލާތު ކުރުމަށް އެކަނިނޫން ކަމަށާއި، މަޢުލޫމާތު ހޯދައި، އިޤްތިޞާދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މި ޕެކޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުކޮށް، އައު ފުރުސަތުތަކާ ގުޅުވާލަދިނުން ކަމަށެވެ. އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް، ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އުރީދޫއިން ދެމި ތިބޭނެކަމަށް ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ “އިސްރަހަވެހިންގޭ ޕެކޭޖް” މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފަރތައްވެސް ލިބިގެންދާނެ އެވެ.


