ހދ.ހަނިމާދޫގައި އިމާރާތްކުރަން ނިންމާފައިވާ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އާއި ހަނިމާދޫ ކައުންސިލް ރައީސް އަބްދުލް ސައްތާރު ހަސަންއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހަނިމާދޫ ސްކޫލްގެ ގިނަ ދަރިވަރުންނާއި، ހަނިމާދޫ ކައުންސިލަރުން އަދި ޑަބްލިޔުޑީސީ އާއި، ހަނިމާދޫގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވެފައިވެއެވެ.

މިނިސްޓަރު ޒާހިރު މިއަދު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތް ނިމާލަދިނުމަށް ކޮންޓެކްޓަރުގެ އަރިހުން އެދޭކަމަށާއި އަދި މިސްކިތުގެ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެދިފައިވެއެވެ.
އަލާފް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތަކީ ދައުލަތުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނަ ގޮތަށް އިމާރާތްކުރާ މިސްކިތެކެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މި 365 ދުވަސްތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މިސްކިތެކެވެ.


