އެޗް.ޕީ.އޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން “މަދިރި ހޯހޯ” މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ކެމްޕޭނެކެވެ. މިއަހަރުގެ ކެމްޕޭން ފަށާފައިވަނީ ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައެވެ.
މި ކެމްޕޭން އިފްތިތާޙް ކޮށްދެއްވަމުން މާލެ ސިޓީގެ މޭޔަރު ވަނީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފައެވެ. މޭޔަރު ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތައް ނުވަތަ ސްކޫލް ތަކާއި، ޕޮލިސް އެމްއެންޑީއެފް، މިތަންތަތުން އެކަނި ނުކުމެ މިހެން ފާހަގަކޮށްލެވޭ ދުވަހެއްގެ ވަގުތުކޮޅެއްގައި ސާފުކޮށްލުމަކުން މިކަން ނުވާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ޚާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
“މަދިރި ހޯހޯ” ކެމްޕޭނާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގެ ނަތީޖާ ހާސިލްވިކަމަށްވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރުކަމަށް އިސްކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށެވެ.


