11 ގައުމަކުން މަންކީޕޮކްސް ފެނިއްޖެ

ޚަބަރު ފަހުގެ ޞިއްހަތު

11  ގައުމަކުން މަންކީޕޮކްސް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ، ދުނިޔޭގެ 11 ގައުމަކުން މިހާތަނަށް 80 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މި ބަލި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މަންކީޕޮކްސް އަށް ޝައްކު ކުރެވޭ އިތުރު 50 ކޭސް އިތުރަށް ބަލަމުން އަންނަ ކަމަށް ސިއްހަތު ޖަމިއްޔާއިން ބުނި ނަމަވެސް އެ ބަލި ފެތުރޭ އެއްވެސް ގައުމެއްގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ވައިރަހަކުން ޖެހޭ ބަލި ކުރިން ފެނިފައި ވަނީ އިޓަލީ، ސްވިޑަން، ސްޕޭން، ޕޯޗުގަލް، އެމެރިކާ، ކެނެޑާ އަދި އިނގިރޭސި ވިލާތުންނެވެ.

މި ބަލި ޖެހޭ މީހުން ވެސް މަދު ހަފުތާތަކެއްގެ ތެރޭގައި މި ބަލިން ފަސޭހަވާކަމަށް އިނގިރޭސި ވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އިން ބުނެ އެވެ. ވައިރަހަކުން އުފެދޭ މި ބައްޔަކީ ގައިން ގަޔަށް ބައްޔަކަށް ނުވުމާއެކު އާއްމުންގެ ތެރޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަ އެވެ.

މަންކީޕޮކްސް އަށް ޚާއްސަ ވެކްސިނެއް މިހާތަނަށް އުފެއްދިފައިނުވިނަމަވެސް ސްމޯލްޕޮކްސް ވެކްސިން ދިނުމުން މަންކީޕޮކްސް ބަލީގެ 85 ޕަސެންޓް މީހުންނަށް ރައްކާތެރިކަން ލިބެ އެވެ.

އިނގިރޭސި ވިލާތުން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ މި މަހު 7 ވަނަ ދުވަހު އެވެ. އެއީ ދާދި ފަހުން ނައިޖީރިއާ އަށް ދަތުރުކުރި މީހެކެވެ. ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ބުނީ އެ މީހާ އަށް ވައިރަސް އަރާފައި ވަނީ ނައިޖީރިއާ އިން ކަމަށް ބެލެވޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ