ދިވެހިރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ބާރު އޮތީ ޒުވާނުންގެ އަތްމަތީގައެވެ. މިއީ ޒުވާނުން މި ޤައުމަށް ޓަކައި ޤުރުބާންވާންޖެހޭ ވަގުތެވެ. ޒުވާނުންގެ އުޅުމާއި އަޚުލާޤުންނެވެ. އަމިއްލަ މަސްލަހަތުގެ ކުރިއަށް ޤައުމު އިސްކޮށްގެންނެވެ. އަމިއްލަ އެދުންތަކަށްވުރެ ޤައުމާއި ރައްޔިތުން ކުރިއަށް ނެރެގެންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ 90 އިންސައްތައަކީ ޒުވާނުންނާއި މެދުއުމުރުފުރައިގެ މީހުންނެވެ. މި ބަލި އެއްގެއިން އަނެއް ގެއަށް އެއް ރަށުން އަނެއް ރަށަށް ދަނީ މި މީހުންނާއެކުގައެވެ. ޒުވާނުންގެ ވިސްނުމާ ފިކުރު، އުޅުމާއި ގުޅުން އަޚުލާޤާއި ސުލޫކު ރަނގަޅު ކޮށްފިނަމަ ކޮވިޑް މައިތިރި ކުރެވޭނެއެވެ. ރާއްޖޭގެ ތަފާސް ހިސާބުތައް ދައްކަނީ މިހެންނެވެ.
އެހެނަސް ޒުވާނުންނަށް ގެތަކުގައި ތިބެވޭކަށް ނެތެވެ. ކާންބޯން މަސައްކަތް ކުރަން ޖެހެއެވެ. ވަޒީފާއަށް ނިކުންނަން ޖެހެއެވެ. ޤައުމީ ޚިދުމަތުގައި އުޅެންޖެހެއެވެ. ޤައުމު ހުއްޓުނަ ނުދީ ހިންގާން ޖެހެއެވެ. ޒުވާނުންނަކީ މި ޤައުމުގެ ފުރާނައެވެ. އެހެންވީމާ މި އާލަމީ ވަބާގެ ޝިކާރައަކަށް ޒުވާނުން ވާނެއެވެ. އެހެން ނަމަވެސް މިހާރަށްވުރެ ބޮޑަށް ބަލައިގެން ސަމާލުކަން ދީގެން އުޅެވިއްޖެނަމަ ބަލި މިއަށްވުރެ ބޮޑަށް ކޮންޓްރޯލް ވާނެއެވެ. އާއިލާތަކުގެ ދުވަސްވީ މައިންބަފައިންނާއި ކާފައިންނާއި މާމައިން ވެސް ސަލާމަތް ކުރެވޭނެއެވެ.
ޒުވާނުންނަކީ ބަލީގެ ރިސްކް ކުޑަ ބައެއް ނަމަވެސް މި ބަލީގައި ޒުވާނުން ވެސް މަރުވެއެވެ. ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑެވެ. މު ބަލީގެ ދުވަސްވަރު ގޮތް ނޭނގޭ ކުއްލި މަރުތައް ޒުވާނުންގެ މެދުގައި އިތުރުވެއެވެ.
ޒުވާނުން ސަމާލުކަންދޭންވީ ކޮންކޮން ކަމަކަށްހެއްޔެވެ؟ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެވިދާނެއެވެ. ކޮފީގައި ހޭދަކުރާ ވަގުތު މަދުކުރެވިދާނެއެވެ. ގިނައިން އަތް ދޮވުމާއި ސެނަޓައިޒަރ ބޭނުންކުރުން އިތުރު ކުރެވިދާނެއެވެ. ޕާސަނަލް ސެނަޓައިޒަރ ކުޑަފުޅިއެއް ގެންގުޅެވިދާނެއެވެ. ފޮތި މާސްކުގެ ބަދަލުގައި ސާޖިކަލް މާސްކު ބޭނުން ކުރެވިދާނެއެވެ. ރާއްޖެއިން އެން 95 ގެ މާސްކު ވެސް ގަންނަން ލިބެން އެބަހުއްޓެވެ. ބޭނުންކުރަން ވާނީ އެއިރަކު ލިބެން ހުރި އެންމެ ރައްކާތެރި މާސްކެކެވެ. ބޭރުގައި އުޅުން މަދުކުރަން ޖެހެއެވެ. ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ނުނިކުތުމާއި މީހުންނާ ބައްދަލުކޮށް ހެދުން މަދުކުރަން ޖެހެއެވެ. މިކަންކަމަށް ޒުވާނުން ސަމާލުކަން ދީފިނަމަ އެތައް ފުރާނައެއް ޒުވާނުންނަށް މި ޤައުމުގައި ސަލާމަތް ކުރެވޭނެއެވެ.