ށ.ފުނަދޫ ޒުވާނުން ތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޔުނިޓީ ކަޕް 2020 ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މުބާރާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތް ތެރިވަނީ މީގެ ކުޑަ ދުވަސްކޮޅެށް ކުރިން އެރަށުގައި ތައްޔާރުކުރި ސަންރައިޒު ބީޗް ތައްޔާރު ކުރުމުގައި އުޅުނު، ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މަޖީދު (މާއްޓޭ) ޓީމެވެ.
މި މަހުގެ 28 ވަނަދުވަހު ފެށުމަށް ތައްޔާރު ވަމުންދާ ވޮލީ 4 އެން 4 ގައި ޖުމްލަ ދެ ޖިންސް އެއްކޮށް 11 ޓީމެއް ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 7 ޓީމް އަދި އަންހެން 4 ޓީމެވެ.
މީގެ އިތުރުން ސެޕްޓެންބަރ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި 19 ޓީމް ވަނީ ބައިވެރި ވެފައެވެ. އެއީ އަންހެން 4 ޓީމް އަދި ފިރިހެން 15 ޓީމެވެ. މީގެ ތެރޭގައި ށ.ޅައިމަގު ފިރިހެން 2 ޓީމް ހިމެނެއެވެ.
މުބާރާތާއި ގުޅޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހުސައިން އަރީފް (ޔޫކޭ) ވިދާޅުވީ މިއީ ޒުވާނުނަން ކުޅިވަރުގައި އިތުރު ފުރުސަތު ހޯދައިދޭން އިންތިޒާމް ކުރާ މުބާރާތެއްކަމަށެވެ.
“މި ރަށުގައި މުއައްސަސާ ތަކުގެ މުބާރާތް ބާއްވާ ކޮންމެ އަހަރަކުވެސް، އެމުބާރަތުގައި މުއައްސަސާއިން ބޭރު 1 ކުޅުންތެރިއަކަށް ފުރުސަތު މި ލިބެނީ، ކުޅެން ބޭނުންވާ ގިނަ ކުދިނަން ފުރުސަތެއް ނުލިބޭ، އެހެންވެ މިފަދަ މުބާރާތެއް ބާއްވަން ގަސްދުކުރީ” ހުސެއިން އަރީފް (ޔޫކޭ) އިތުރަށް ވިދާޅުވިއެވެ.
މި 2 މުބާރާތުގައި ހޮވުމަށް ކަނޑައެޅިފައިވާ މަގާމު ތަކާއި ގުޅޭގޮތުން ޔޫކޭ ވިދާޅުވީ ފުޓްސަލްގައި ޗެމްޕިއަން، ރަނަރަޕް، އެންމެ މޮޅުކުޅުން ތެރިޔާ، މޮޅު 5 ކުޅުންތެރިން، އަންހެން އަދި ފިރިހެން، އެންމެ މޮޅު ކޯޗު އަންހެން އަދި ފިރިހެން ކަމަށެވެ.
ވޮލީ 4 އެން 4 ގައި ހޮވާނީ ޗެމްޕިއަން، ރަނަރަޕް، އެންމެ މޮޅުކުޅުން ތެރިޔާ، މޮޅު 4 ކުޅުންތެރިން، އަންހެން އަދި ފިރިހެން، އަދި ދެ ބައިންވެސް އެންމެ މޮޅު ކޯޗެވެ.
ޔުނިޓީ ކަޕް 2020 މެއިން ސްޕޮންސާއަކީ ފުނަދޫ ހެލޯ ޝޮޕެވެ. މީގެ އިތުރުން ކޯ ސްޕޮންސާއެއްގެ ގޮތުން މިފަހަރު ބޭނުން ކުރަނީ ” ގެވެހިގުޅުން” ކެމްޕޭނެވެ. މިއީ ޖެންޑަރ މިނިސްޓްރީގެ ގެވެށި އަނިޔާއާއި ގުޅިގެން ހިންގާ ޕްރޮގްރާމްގެ ދަށުން އެމިނިސްޓްރީއިން މިހާރު ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
ހުސައިން އަރީފް (ޔޫކޭ) ވިދާޅުވީ ގެވެހިގުޅުން މިގޮތަށް ޚިޔާރުކުރީ، މިކަމަށް މުޖުތަމަޢު ހޭލުން ތެރި ކުރުވުމުގެ ބޭނުމުގައި ކަމަށެވެ. މިކަމާއި ގުޅޭ ލިޔުންތަކާއި އަޑުގަދަ ކުރާ ބޭނުން ކޮށްގެން މުބާރާތް ކުރިއަށްދާ ސަރަހައްދުގައި މައުލޫމާތު ހިއްސާކުރަމުންދާނެއެވެ. އަދި މުބާރަތް ކުރިޔަށް ދާ ސަރަހައްދުގައި ތަފާތު މެސެޖުތައް ލިބޭހެން ބެނާތައް ހަރު ކުރެވިފައި ހުންނާނެ ކަމަވެސް ވިދާޅުވިއެވެ.

މިއީ ޔުނިޓީ ކަޕް ބާއްވާ ދެވަނަފަރެވެ. މިދިޔައަހަރު ބޭއްވީ ފުޓްސަލް އެކަންޏެވެ. އެ މުބާރާތުގެ ތަށި ހޯދީ ފުނަދޫ ލަ ފެމީލާ އެވެ.



