ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

އިރުގެ އަލިކަމުގެ ތެރެއަށް އަނދިރިކަން ވަދެ މުޅި ފަޒާގެ ކުލަ ބަދަލުކޮށްލިއެވެ. މަޑު ވައިރޯޅިން ހިތްތަކަށް އިތުރު ތާޒާ ކަމެއް ގެނުވަމުންދިޔައެވެ. މަގުމަތީގައި ދުއްވާއެއްޗެހީގެ އަޑު މުޅި ހިސާބުގައި ހަރުލާފައި ހުއްޓެވެ. މާފަންނު ޕަނާޝް ވިލާގެ އެންމެ ތިރީ ފަންގިފިލާގައި ކާ އެއްޗެހި ތައްޔާރު ކުރާ ވަސް ހިފާލާފައި ހުއްޓެވެ. އެގޭ ބަދިގެއަށް ނަޒަރު ހިންގާލުމުން ޝެފް ޔުނީފޯމުގައި ދެ ފިރިހެނުން އުޅޭތަން ފެނެއެވެ. ކައިރީގައި އަތްގާތް ކޮށްދިނުމަށް އިތުރު އަންހެނަކު ހުއްޓެވެ. ބަލާ ބެލުމަށް އެ ތިން މީހުންނަކީވެސް ބޭރު މީހުންނެވެ. އެމީހުން އެއުޅެނީ ރޭގަނޑު އަށެއް ޖަހަންވާއިރަށް ކެއުން ތައްޔާރުކުރެވޭތޯއެވެ. 

އެގޭ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އިޒާނީ ތައްޔާރުވަމުން ދިޔައީ ކޮލެޖަށް ދިޔުމަށެވެ. އެކޮޓަރިއަށް ނަޒަރު ހިންގާލުމުން ފެންނަނީ މާލޭގެ އާދައިގެ ކޮޓަރިއެއް ނޫނެވެ. އެއަށްވުރެ މާ ތަނަވަސް، ހިތްގައިމު ކޮޓަރިއެކެވެ. ފާރުތަކުގައި މަޑު ދަނބު ކުލައަކާއި ފިޔާތޮށި ކުލައެއް ލާފައި ހުރުމުން އެއީ އަންހެން ކުއްޖަކަށް ނިސްބަތްވާ ކޮޓަރިއެއްކަން މާ ރަނގަޅަށްވެސް ދެނެގަނެވެއެވެ. މުޅި ކޮޓަރީގައި ހުރީ އެންމެ ޒަމާނީ ފަރުނީޗަރެވެ. ބޮޑު އަލަމާރި ހުޅުވާލާފައި ހުރިއިރު، އޭގެތެރޭގައި ފެންނަން ހުރީ ޒަމާނީ ފެޝަނުގެ އަންނައުނެވެ. ރީތިވާ މޭޒުމަތީގައި ތަރުތީބެއް ނެތި ބަހައްޓާފައި ހުރި މޭކްޕް ސާމާނުތައް ހުއްޓެވެ. އިޒާނީ އެ އެއްޗެހިތައް ތަރުތީބުކޮށްލިއެވެ. އަދި މާރކް ޖެކޯބްސް ގެ ޑެއިޒީ ސެންޓުފުޅި ނަގާ މުޅި ގަޔަށް ޖަހާލިއެވެ. އެންމެ ފަހު ފަހަރަށް އޭނާ ލޯގަނޑު ބަލާލިއެވެ. ކުލަ އަލި އޮމާން ހަންގަނޑެކެވެ. ލޮލުގައި ފަވާލާފައި ހުރި ‘އައި ލައިނާ’ އެދެލޯ އިތުރަށް ފުރިހަމަކޮށްދެއެވެ. ތުންފަތުގައި ޖައްސާފައި ހުރީ މަޑު ރަތްކުލައެކެވެ. ކަޅުކަން ގަދަ، ފަން އިސްތަށިގަނޑު ހުރީ ރީތިކޮށް ފަހަތަށް އައްސާލާފައެވެ. މުށި ކުލައިގެ މަތިކޮޅާއި ކަޅު ޖީންސްގައި އޭނާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ތައްޔާރުވެގެން ތިރިއަށް ފޭބުމުގެ ކުރިން މަންމަ ކޮޓަރިއަށް ބޯދިއްކޮށްލާ ބައްޕައަށް ގުޅާދިނުމަށް އޭނާ އެދުނެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮންމެ ރެޔެކޭ އެއްފަދައިން އާޒިމް އޭނާގެ ކާރުގައި ދަރިފުޅު ކޮލެޖަށް ގެންގޮސްދިނެވެ. އެދުވަހަކީ އާ ސެމިސްޓާއެއް ފަށާ ދުވަސް ކަމުން އަލަށް ކޮލެޖާއި ގުޅުނު ކުއްޖެއްވެސް އިނެވެ. ނަމަކީ ޒޯޔާވެ. ޒޯޔާއާއި އިޒާނީ ވަރަށް އަވަހަށް ގާތް އެކުވެރިންނަށް ވިއެވެ.

އެއްރޭ ކްލާސް ނިންމާލުމަށްފަހު އިޒާނީ މަޑުކޮށްލީ ބައްޕަ ބަލާ އަންނަންދެނެވެ. ހަމަ އެގޮތަށް ޒޯޔާވެސް މަޑުކޮށްލައިގެން ހުރީ އޭނާ ބަލާ އަންނާނެ ކަމަށް އޭނާގެ ބޭބެ ބުނެފައިވާތީއެވެ. އެހެން ރޭރޭ ޒޯޔާ ހިނގާފައި ގެއަށް ގޮސް، މިރޭ އޭނާ މަޑުކޮށްގެން ހުރުމުން އިޒާނީ އޭނާއާއި ދިމާކޮށްލިއެވެ. 

“ޒޯގެ ބޯއި ފްރެންޑް ބަލާ އަންނަނީތަ؟” ހިނިގަނޑެއް ޖަހާލަމުން އިޒާނީ އަހާލިއެވެ. 

“ސާބަހޭ. ކޮން ބޯއި ފްރެންޑެއްތަ.. މަ ބަލާ އަންނަނީ ބޭބެއޭ..” ހިސާބަކަށް ލަދުގަނެފައި ހުރެ ޒޯޔާ ޖަވާބު ދިނެވެ. 

ދެމީހުން އެކި ވާހަކައިގައި ތިއްބާ ކޮލެޖް ގޭޓު ކުރިމަށްޗަށް ޒޫމާ އެކްސް ސައިކަލެއް މަޑުކޮށްލިއެވެ. އެސައިކަލުގައި އިނީ އެންމެ މީހެކެވެ. ބަލާ ބެލުމަށް ވިހީގެ ފަހު އަހަރުތައް ގުނަމުންދާ އެ ޒުވާން ފިރިހެން ކުއްޖާއަށް އެވަގުތު ގިނަ ލޯތަކެއް އަމާޒުވެގެން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އާދައިގެ ވަރަކަށް ކުލަ އަލި ހަންގަނޑަކާއި ކަސްރަތީ ހަށިގަނޑަކާއި، އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ފުރިހަމަ ސޫރައެއް އޭނާއަށް ލިބިގެންވެއެވެ. ހާއްސަކޮށް، އޭނާ ‘ސްޓައިލް’ކޮށްފައި ހުރި އިސްތަށިގަނޑާއި ޓްރިމް ކޮށްފައި ހުރި ތުނބުޅި ފެނި އިޒާނީއަށްވެސް އެހެން ދިމާލަކަށް ނުބެލުނެވެ. ކައިރީގައި ހުރި ޒޯޔާ ކިޔާ އެއްޗެއް ވެސް އޭނާއަށް އަޑު ނީވޭކަހަލައެވެ.

“އިޒޫ..” ފަހު އަކުރަށް ދަމާލަމުން ޒޯޔާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. 

“ހޫން. ކީކޭ.. އެބަ އަޑު އިވެޔޭ.” އިޒާނީއަށް ހަމަހޭވެރިކަން ވީ ކިރިޔާއެވެ.

“މަ މިދަނީ ދާން އިނގޭ. ބަލާ އައިއްސި..” އެހެން ބުނެލުމަށްފަހު ޒޯޔާ ހިނގައިގަތެވެ. އިޒާނީ ބަލަން ހުއްޓާ އޭނާ ގޮސް އެ އެރީ އެއްކަލަ ޒުވާނާގެ ސައިކަލު ފަހަތަށެވެ. އެސައިކަލު ގޮސް ގެއްލެންދެން ބަލަން ހުންނަން އިޒާނީ ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު ކާރެއްގެ ބަރުގޮނު އަޅާލި އަޑު އިވުމުން، ދާން ޖެހުނީކަން އޭނާއަށް އެނގުނެވެ.

އެރޭ އިޒާނީއަކަށް ނުނިދުނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަ ވަނީ އެޒުވާނާގެ ސޫރައެވެ. ކިތަންމެ ފަހަރަކު ޒޯޔާއަށް ގުޅާ އެއީ ހަގީގަތުގައިވެސް ޒޯޔާގެ ބޭބެތޯ ސުވާލުކުރަން ބޭނުންވިއެވެ. އެހެނަސް މާ ދަންވެފައި ހުރުމުން ގުޅަން ނުކެރުނީއެވެ. ދެއަތަށް ފުރޮޅި ވަރުބަލި ވީއިރުވެސް އިޒާނީއަކަށް ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން ފޯނު ހުޅުވާލާ ފޭސްބުކަށް ވަދެލިއެވެ. ނިއުސް ފީޑްގެ އެންމެ ފުރަތަމައަށް އިނީ ޒޯޔާގެ ޕޯސްޓެެވެ. އެޕޯސްޓުގައި ވަނީ “ވެލްކަމް ބެކް މައި ލަވިންގ ބްރަދާ” ޖަހާފައިވާ ފޮޓޮއެކެވެ. އެފޮޓޯގައި ވަނީ އިޒާނީ ހިތް އެދި ގޮވަމުންދާ ސޫރައެވެ. އިތުރަށް ޕޯސްޓް ބަލާލިއިރު އިތުރު މީހަކު ޓެގް ކޮށްފައި އިނެވެ. 

“މުހައްމަދު ޒަޔާން.” އިޒާނީއަށް އެނަން ކިޔާލެވުނެވެ. އަދި ވަގުތުން އެ ޕްރޮފައިލްއަށް ވަދެ ބަލަން ފެށިއެވެ. އޭގައި ވަނީ އިޒާނީގެ ދެލޯ ދުށުމަށް އެދެމުންދާ ޒުވާނާގެ ފޮޓޯތަކެވެ. އެފޮޓޯތަކަށް ބަލަން އޮއްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. 

އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކީ މުޅި ޖައްވު ރަތާއި ރީދުލުގެ ކުލަކުލައިން ޖަރީކުރަމުންނެވެ. އެންމެންވެސް އެމީހެއްގެ މަސްއޫލިއްޔަތައިގެން ދުވަސް ފެށިއެވެ. އެހެނަސް އިޒާނީ އަދި އެއޮތީ ގަދަ ނިދީގައެވެ. ހިޔާލެއް ފިކުރެއް ނެތް މައުސޫމު ކުޑަ ކުއްޖެއް ފަދައިންނެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އުފުލަންޖޭހޭ މާބޮޑު މަސްއޫލިއްޔަތެއް ނޯވެއެވެ. ކެއްކުމާއި، ދޮވެ އިސްތިރި ކުރުމާއި، ފޮލާ ސާފުކުރުމަށް އިޒާނީގެ ބައްޕަގެ މުވައްޒަފުން އެގޭގައި ތިބެއެވެ. އޭނާއަށް ހޭލެވުނީ މެންދުރު ވީ ފަހުންނެވެ. އަވަހަށް ތައްޔާރުވެލައިގެން ކާާގެއަށް ދިޔައިރު ހުސްނާ އުޅެނީ ކާގޭގައެވެ. 

“ދަރިފުޅު ރޭގަ ނުނިދަނީތަ؟” އިޒާނީ ކާގެއަށް ވަނުމާއެކު ހުސްނާ ވާހަކަ ދައްކަން ފެށިއެވެ. 

“ލައްބަ މަންމާ.. ކޮލެޖް އެސައިންމަންޓްއެއް ނިންމަން ޖެހޭތީ ވަރަށް ލަހުން ނިދުނީ.” އިޒާނީ ދޮގެއް ހަދާލާ މަންމަ ހިތް ހަމަޖައްސާދިނެވެ. 

“ދެން އަވަހަށް އެއްޗެއް ކާން އުޅޭ. މަންމަ މި ހުންނަނީ ދަރިފުޅާއެކު ކާން މަޑުކޮށްގެން. ބައްޕައާ ބޭބެ ވީ މިއަދު ރިސޯޓަށް ގޮސް.. ހަވީރު އަންނާނީ.”އިޒާނިގެ ބުރަކަށީގައި ފިރުމާލަމުން ހުސްނާ ވާޙަކަ ދެއްކިއެވެ. ހުސްނާއާއި އާޒިމްގެ ތިބީ ދެކުދިންނެވެ. އިޒާނީ އާއި އަޒާންއެވެ. ދެމަފިރިންވެސް ދެކުދިން ދެކެ އިންތިހާއަށް ލޯބިވެއެވެ. މިހާތަނަށް އައިއިރު އެއްވެސް ކަމެއް އެކުދިންނަށް އުނިވެފައި ނެތެވެ. ﷲގެ ހެޔޮ ރަޙުމަތުން އާޒިމް އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. މިހާރު އަޒާންވެސް އޭނާގެ ބައްޕައާއި އެކު ވިޔަފާރީގެ ކަންކަމުގައި ބައިވެރިވެ އުޅެއެވެ.  

އެރޭ ކޮލެޖަށް ދިޔުމަށް މާ އަވަހަށް އިޒާނީ ތައްޔާރުވިއެވެ. އަދި ފަނަރަ ވަރަކަށް މިނެޓް ކުރިން އޭނާ ކޮލެޖަށް ދިޔައެވެ. ގޭޓު ދޮށުގައި މަޑުކޮށްލައިގެން ހުރީ ޒޯޔާ ގޮވައިގެން އޭނާގެ ބޭބެ އަންނާނެކަމުގެ އުންމީދުގައެވެ. އެމޫނު ހަމަ ލޮލަން ބަލާލާ ހިތުން އިޒާނީއަށް ހުރެވެނީކީ ނޫނެވެ. 

ގަޑިޖެހެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޒޯޔާ ގޮވައިގެން ޒަޔާން ކޮލެޖަށް ދިޔައެވެ. ޒޯޔާމެންގެ ގެ މާ ދުރު ނޫން ކަމުން އާދައިގެ ވަރަކަށް ދުއްވާލާފައި ގަޑި ނުޖެހި ދެވުނެވެ. ޒަޔާންއަށް މިރޭވެސް އެފެނުނީ ރޭ ފެނުނު ކުއްޖާއެވެ. ސައިކަލުން ފައިބައިގެން ޒޯޔާ ގޮސް އެކުއްޖާ ކައިރީ މަޑުކޮށްލިއެވެ. އެކުއްޖާގެ ނަޒަރު ޒަޔާންއަށް ސީދާވެފައި ހުރިތަން ފެނުމުން އޭނާ ހިނިތުންވެލިއެވެ. އެއާއެކު އިޒާނީގެ ދޮން މޫނު ރަތްވެގެން ދިޔަތަން ޒަޔާންއަށް ފެނުނެވެ. އެހެންކަމުން އިތުރަށް މަޑުނުކޮށް އޭނާ ސައިކަލު ދުއްވާލިއެވެ. 

“ހާދަ އުފާ ވެފަ؟” އިޒާނީގެ ފުޅާ ހިނިތުންވުން ފެނި ޒޯޔާ އަހާލިއެވެ. އިޒާނީ އަކީ އަބަދުވެސް ހިތް ހަމަ ޖެހިފައި ހުންނަ ކުއްޖެކެވެ. އެކަމަކު މިއަދު އެ މޫނުގައި ހުރި އަސަރު ކިތަންމެހާވެސް ތަފާތެވެ. ޒޯޔާ ސުވާލުކުރީ ވެސް އެހެންވެއެވެ. 

“ހުމް.. އަބަދުވެސް އުފާވެފައޭ ހުންނަނީ. މަ ކޮން އިރަކުތަ ދެރަވެގެން އުޅުނީ؟” އިޒާނީ އުޅުނީ ނޭނގޭ ކަމަށް ހަދާ ވާހަކަ އޮޅުވާލާށެވެވެ. އެހެނަސް އޭނާއަށް ވީގޮތް ޒޯޔާގެ ނަޒަރުން ކަސިޔާރު ވެގެން ނުދިޔައެވެ.

“އެހެންވެ ދޯ ގޭޓުން ފެށިގެން ކްލާހަށް އާދެވުނު އިރުވެސް ބަހެއް ނުކިޔަ، މޮޔައެއްހެން ހެވިފަ ތިހުރީ..” ޒޯޔާ އެހެން ބުނުމުން އިޒާނީ އޭނާގެ ގައިގައި ޖަހާފައި ގޮސް ކުލާހަށް ވަނެވެ. ކުލާހަށް ވަދެ ދެކުދިންވެސް އާންމުކޮށް އެކުދިން އިށީންނަ ތަނުގައި އިށީނދެ ހަމަޖެހެލިއެވެ. ކުދިން ހަމަވުމުން ލެކްޗަރާ ކުލާސް ފެށިއެވެ. މިރޭގެ ލެކްޗާ އެހެން ރޭރެއަށްވުރެ ދިގުވާހެން އިޒާނީއަށް ހީވިއެވެ. ކުލާސް ނިމޭނެ ގަޑިއަކަށް އިންތިޒާރު ކުރެވެނީއެވެ. އަމިއްލަ ހިޔާލަށް ގެއްލިފައި އިނދެވެނީއެވެ. އެހިޔާލުގައި ވަނީ ޒަޔާން އެވެ. މިރޭ ޒަޔާން އޭނާއަށް ބަލާލި ގޮތެވެ. އެ ލޯބި ހިނިތުންވުމެވެ. 

“އިޒާނީ.. އިޒާނީ.. އާރ ޔޫ ހިއާރ؟” އިޒާނީ ސިހިގެންދިޔައީ ޒޯޔާ އޭނާގެ އަތުގައި ވިކާލުމުންނެވެ. ލެކްޗަރާ އިޒާނީއަށް ގޮވާލި ވާހަކަ ޒޯޔާ މަޑުމަޑުން ބުނެލިއެވެ.

“ޔެސް މޭމް.” ވާނުވާ ނޭނގި ހުރެ އިޒާނީ ޖަވާބުދިނެވެ.

“ސޯ ކޭން ޔޫ ޓެލް މީ ދަ ފަސްޓް ސްޓޭޖް އޮފް އެރިކް އެރިކްސަންސް ސްޓޭޖަސް އޮފް ސައިކޮލޮޖިކަލް ޑިވެލޮޕްމެންޓް؟” އެފަދަ ސުވާލެއް އައިސްފާނެ ކަމަކަށް އިޒާނީ ހީވެސް ނުކުރެއެވެ. އެސުވާލުގެ ޖަވާބު އެނގޭނީވެސް އަޑުއެހިނަމަތާއެވެ. މިފަހަރު ސަލާމަތްކޮށްދިނީ ޒޯޔާއެވެ. އޭނާގެ ފޮތުގައި ލިޔެފަ ހުރި ނޯޓް ތަކަށް އިޝާރާތްކޮށް ބުނަންވީ ބަސްތަކުގައި އޭނާގެ އިނގިލި ޖެއްސިއެވެ. 

“ޓްރަސްޓް ވާސަސް މިސްޓްރަސްޓް.” ނިކަން އަވަހަށް އިޒާނީ ޖަވާބު ދިނެވެ. އެއާއެކު ހިތްހަމަޖެހުނުކަން އަންގާލަމުން ލެކްޗަރާ ބޯ ޖަހާލިއެވެ. އަދި މިރެއަށް ކްލާސް ނިމުނީ ކަމަށް ބުންޏެވެ. ޒޯޔާއާއި އިޒާނީ އަވަސްވެގަތީ ބޭރަށް ނިކުންނާށެވެ. އިޒާނީ ބައްޕައަށް ގުޅާ ބަލާ އައުމަށް އެދުނެވެ. ޒޯޔާވެސް އޭނާގެ ބޭބެއަށް ގުޅިއެވެ. ޒަޔާން ހުޅުމާލޭގައި ހުރި ވާހަކަ ބުނުމުން ޒޯޔާ މަޑުކޮށްލީ އިޒާނީ ބަލާ އަންނަންދެނެވެ. 

“ކިހިނެއް ވެފަތަ މިރޭ އިނީ.؟ މިސް ތިން ފަހަރު ގޮވި ފަހުން އިޒޫއަށް އަޑު އިވުނީ.” އިޒާނީއަށް ކޮންމެވެސް ބަދަލެއް އައިސްފި ކަން ޒޯޔާއަށް މިހާރު ޔަގީން ވެއްޖެއެވެ. 

“މިރޭ ވަރަށް ފޫހި ލެސަން. އެހެންވެ ކަންނޭނގެ..” އިޒާނީ ދިނީ ވަރަށް އާދައިގެ ޖަވާބެކެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އިޒާނީއަށްވެސް އޭނާއަށް އެވަމުންދާ ގޮތެއް ނޭނގެއެވެ. އޭނާއަށް އެވަނީ ކުރިން ދުވަހަކުވެސް ނުވާ ފަދަ އިހުސާސެކެވެ. ލޯބި ވެވުނީ ހެއްޔެވެ؟ އެވެސް އެންމެ ގާތް ރަހުމަތްތެރިޔާގެ ބޭބެ ދެކެ ހެއްޔެވެ؟ 

“ޝިޓް..” އިޒާނީ މަޑުމަޑުން ބުނެލި ބަސް ޒޯޔާއަށް އަޑު އިވުނެވެ. އަދި ކިހިނެއްވީތޯ ޒޯޔާ ސުވާލުކުރުމުން ކަމެއް ނުވެއޭ ބުނެ ނިންމާލިއެވެ. މިގޮތަށް ކިހާ ދުވަހަކު ހުރެވިދާނެ ބާއޭ އިޒާނީ ހިތަށް އެރިއެވެ. ޒޯޔާ ގާތުގައި އޭނާގެ ބޭބެގެ ވާހަކަ އަހަންވެސް އިޒާނީއަށް ނުކެރޭނެއެވެ. ޒޯޔާ ހިތަށް އަރާނީ ކީކޭބާއޭ ވިސްނަން ހުއްޓާ އާޒިމްގެ ކާރު އައިސް ކޮލެޖް ގޭޓު ކަރިއަށް މަޑުކޮށްލިއެވެ. ޒަޔާން ނުފެނި ދާން ޖެހުމުން ޒޯޔާ ހިތް ހަމައެއް ނުޖެހުނެވެ. އަދި ގެއަށް ދެވުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް އޭނާ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އެނދުމައްޗަށް ވެއްޓިގަނެ ފޯނުން ފޭސްބުކް ހުޅުވާލިއެވެ. އަދި ޒަޔާންގެ ޕްރޮފައިލްއަށް ވަދެ އޭނާގެ ފޮޓޯތައް ބަލަން ފެށިއެވެ. ފެންނަނީ ދެތިން ފީޗާޑް ފޮޓޮއެވެ. އެވަރުން ހިތް ނުފުރިގެން އިންސްޓާގްރާމްގައި އެކި ގޮތްގޮތަށް ޒަޔާންގެ ނަން ޖަހައިގެން އޭނާގެ އެކައުންޓް ފެނުނެވެ.

ފަހުގެ ފޮޓޯތަކުން ފެންނަނީ ބޭރު ގައުމެއްގައި ނަގާފައި ހުރި ފޮޓޯ ތަކެކެވެ. އެއީ ނިއުޒިލޭންޑްކަން އަޒާނީއަށް އެނގުނެވެ.  އަދި ޕައިލެޓް ޔުނިފޯމުގައި ނަގާފައި ހުރި ގިނަ ފޮޓޯތަކެއް ފެނުނެވެ. އެކައުންޓް ‘ޕްރައިވެޓް’ ނުކޮށް އިންކަން ނަސީބެކެވެ. އިޒާނީ އެފޮޓޯތަކަށް ބަލާ ފޫއްސެއް ނުވިއެވެ. އޭނާ ހިތާހިތުން ޒަޔާންގެ ރީތިކަމަށް ތައުރީފް ކުރިއެވެ. 

އެހެން އޮއްވާ ފޭސްބުކުން ރިކުއެސްޓެއް ލިބުނެވެ. އުފަލުން ހުރެވުނު ތަންވެސް އިޒާނީއަށް ނޭނގުނެވެ. އެނދު މައްޗަށް ކޮޅަށް އަރާ ފުންމަން ފެށުނެވެ. އަދި ޒަޔާންގެ ރިކުއެސްޓް އޭނާ އެކްސެޕްޓް ކޮށްލިއެވެ. ޒަޔާންގެ ޕޯސްޓްތައް ރަނގަޅަށް ފެންނަން ފެށީ އަދި ކިރިޔާއެވެ. އޭނާގެ ޕޯސްޓް ތަކުން އެއީ ނިއުޒިލޭންޑްގެ އިންޓާނޭޝަނަލް އޭވިއޭޝަން އެކެޑަމީ އިން ޕައިލެޓްކަން ކިޔަވައިގެން ހުރި މީހެއްކަން އެނގުނެވެ. އިޒާނީއަށް ޒަޔާން އިތުރަށް ކަމުދިޔައީ އެހެންވެއެވެ. ޒަޔާން އަކީ ކިޔަވައިގެން ހުރި މީހެކެވެ. ބަލާލަންވެސް ރީތި މީހެކެވެ. އޭނާގެ ޕޯސްޓްތަކުން ފެންނަނީ ވަރަށް ހަރުދަނާ، ކެރޭ މީހެއްގެ ސިފަތަކެވެ. ހަޔާތުގެ ބައިވެރިއެއްގެ ފަރާތުން އިޒާނީ ބޭނުންވާ ހުރިހާ ސިފަތަކެއް ޒަޔާންގެ އެބަ ހުރި ކަމަށް އޭނާ ނިންމިއެވެ.

“ހައި..” ޒަޔާން މެސްޖެއް ފޮނުވާލިއެވެ.   

(ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ