ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރު ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފައިވަނީ މަރުވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާއަށް ފަރުވާދެމުން ގޮސްފައިވަނީ ހުޅުމާލެ ފެސިލިޓީގައެވެ. މިއާއެކު ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 300 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ގިނަވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކޮވިޑްގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެކަހެރިވި ޓެސްޓުތައް ހެދުމަށާއި އަދި މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް، އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އާއި އެތަންތަނަށް ޒިޔާރަތް ކުރާ މީހުން މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


