ޒުވާނުން އިސްލާމް ދީނާއި ބީރައްޓެހިވަނީ ކީއްވެ؟

ފަހުގެ ދީން

އިސްލާމް ދީނުގައި ޒުވާނުނަށް މަތިވެރި މަޤާމަކާއި މަތިވެރި ޝަރަފެއް ދެއްވާފާވާއިރު  މިއަދުގެ ޒުވާނުންދަނީ އިސްލާމްދީނާއި ބީރައްޓެހިވަމުންނެވެ. ހުޅަނގުގެ މީހުންގެ ޘަޤާފަތާއި އެމީހުން އުޅެމުންދާގޮތް މިއަދު ޒުވާނުނަށް ވަނީ މަޤްބޫލް ވެފައެވެ. މިގޮތަށް ޒުވާނުން އިސްލާމްދީނާ ބީރައްޓެހިވަމުން ދަނީ ސަބަބެއްނެތި އެއް ނޫނެވެ.
    
ޒުވާނުން އިސްލާމްދީނާއި ބީރައްޓެހިވުމަށް މެދުވެރިވާ އެއްސަބަބަކީ އެކުދިންގެ މައިންވަފައިންނާއި، އެކުދިން ތަރުބިއްޔަތު ކުރުވަންތިބި މީހުންނެވެ. ރަސޫލާ ޙަދީޘް ކުރައްވަނީ كلّ مولود يولد عل الفطرة فأبواه يهوّدانه أوينصّرانه أويمجّسانه [رواه البخارى] މާނައީ: ” ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ (ސާފުސީދާ) ގޮތްމަތީގައެވެ. އޭނާ يهودى އަކަށް ހަދަނީވެސް ނުވަތަ نصارىއަކަށް ހަދަނީވެސް ނުވަތަ مجوسى އަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ.” މި ޙަދީޘުން ދޭހަވަނީ ހެޔޮގޮތުގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ މަސްޢޫލިއްޔަތުގެ ބޮޑުކަމެވެ. އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކަށް ބޯލެނބުމުގެ ރޫޙު ކޮންމެ ކުއްޖެއްގެ ކިބައިގައި މާތްﷲ ލައްވާފައިވަނިކޮށް އިސްލާމްދީދާ ދުރު އާދަކާދަތަށް ދަސްކޮށްދެނީ އަދި އެގޮތަށް ހަނުވަނީ މައިންބަފައިންނެވެ.
         
ޒުވާންކަމުގެ ދުވަސްވަރަކީ ކުދިންގެ ޙަޔާތުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ކުދިން ޒުވާންކަމަށް އަރައިގެން އަންނައިރު އެކުދިން ގުޅުން ބަހައްޓަނީ ކޮންކޮން ބާވަތެއްގެ ބަޔަކާތޯ ބެލުމަކީ މައިންބަފައިންނާއި ތަރުބިއްޔަތުކުރާ މީހުންގެ ވާޖިބެކެވެ. އެ ކުދިން ޒުވާން ދުވަސްރު އިޙްތިޔާރުކުރާ ރަޙުމަތްތެރިންގެ ސަބަބުން އެ ކުދިންގެ އަޚުލާޤާއި ސުލޫކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ކީރިތި رسول الله صل الله عليه وسلم حديث ކުރައްވަނީ  أيّاك وقرين السّوء فإنّك به تعرف [ ابن عساكر] މާނައީ: ” ނުބައިމީހުންނާ (ރަޙުމަތްތެރި ވުމާމެދު ) ތިބާ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ތިބާގެ ކިބައިގައި އެފަދަ ނުބައި މީހުންގައި ހުރިގޮތް ހުންނާނެ ކަމުގައި ބެލެވޭހުއްޓެވެ.”          އިސްލާމްދީން ނޫން އެހެން ދީނެއް ޤަބޫލުކުރާ މިހެއް އެކުދިންގެ ގާތް ރަޙުމަތްތެރިޔާގެ ގޮތުގައި ޚިޔާރުކޮށްގެން އުޅޭނަމަ އެކުދިން އިސްލާމްދީނާއި ބީރައްޓެހިވުމަށް މަގުފަހިވެއެވެ. މިއަދުގެ ޒުވާނުން އިސްލާމްދީނާ ބީރައްޓެހިވަމުންދަނީ މީޑިޔާގެ އެހީގައި ކުރެވޭ ފިކުރީ ހަނގުރާމައިގައި ދަލުގައި ޖެހުމުންނެވެ. މީޑިޔާގެ އަވާގައި ޒުވާނުން ޖެއްސުމުގައި ޒަމާނީ ވަޞީލަތްތަކުގެ އާރާއި ބާރުވަނީ ކާފިރުންގެ އަތްމަތީގައެވެ. ” ޒުވާނުން” ރިމޯޓުކޮންޓުރޯލް ކާރެއްގެ ގޮތުގައި ސިފަކުރާނަމަ އެކާރުގެ  ރިމޯޓުގެ ވެރިފަރާތްތަކީ ކާފަރުންނެވެ. ކާފަރުންނަށް ރިމޯޓުގެ އެހީގައި އެކާރު ބޭނުން ގޮތަކަށް ދުއްވާލެވެއެވެ. މީޑިޔާގެ ބޭނުން ކޮށްގެން ކާފަރުންދަނީ އިސްލާމްދީނާއި މެދު ދޮގު ވާހަކަތައް ފަތުރަމުންނެވެ. މިކަމުގެ ސަބަބުން މީޑިޔާ ބޭނުން ކުރާ ޒުވާނުންގެ އިސްލާމްދީނަށްޓަކައި ނަފުރަތު އުފެދެއެވެ. މީޑިޔާގެ ވަޞީލަތްތަކުގެ ކުރިމަތީގައި ހޭދަކުރެވޭ ކޮންމެ ގަޑިއިރަކީވެސް ޒުވާނުންގެ ޢަޤީދާ އާއި ކުޅެލާނެ ގަޑިއިރެކެވެ.
         
ތަޢުލީމީ ޙަޔާތަކީ އިންސާނާގެ ޙަޔާތުގައި ވަރަށް ގިނަކަންތައްތަކެއް ދަސްކޮށް އާކަންތައްތަކެއް ތަޖުރިބާ ކުރަމުންދާ ދުވަސްވަރެކެވެ. ކުދިންގެ ޅަޢުމުރުގައި އެކުދިންނަށް ރަގަނޅު ގޮތާއި ރަގަނޅުނޫން ގޮތް ވަކިކުރަން ނޭގެނީސް އެކުދިން އިސްލާމްދީން ނޫން އެހެންދީން އޮންނަ ޤައުމު ތަކަށް ދަރިން ފޮނުވުމަކީ އެކުދިންގެ ދީން އެހެން ދީންތަކާއި މަސްހުނިވާ ކަމެކެވެ. ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ޔުނިވާރސިޓީތަކުން އިސްލާމްދީނާއި ޒުވާނުން ދުރިހެލިކުރުމަށްޓަކައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.
       
ޒުވާނުން އިސްލާމްދީނަށް ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިން ވަރަށް ބޮޑު ޒިންމާއެއް ނަގަންޖެހެއެވެ. މީޑިޔާގެ ވަޞީލަތްތައް މިހާ  ކުރިއަރާފައިވާ އިރު އަޅުގަނޑުމެންގެ ޒުވާނުން މީޑިޔާގެ ބޭނުންކުރަނީ ރަގަނޅު ގޮތުގައިތޯ ބަލަން ޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ