ދައުލަތުގެ ބަޖެޓުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކުގެ މެދުގައި ބަހަން ނިންމައިފިއެވެ.
މި ފައިސާ ހަރަދު ކުރުމަށް ނިންމާފައި ވަނީ އެކި ދާއިރާތަކުގައި ހުންނަ އެޕާޓީގެ އޮފީސްތައް ކުރިއެރުވުމަށެވެ. މި ނިންމުން ނިންމާފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ 71 މެންބަރުންގެ އިއްތިފާގުންނެވެ.
މިއީ ދާދި ފަހުން އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ވައުދެކެވެ.
މި ނިންމުމުގެ ދަށުން ކޮންމެ އަހަރަކު އެޕާޓީއަށް ލިބޭ ފައިސާގެ 60 އިންސައްތަ ޕާޓީގެ ދާއިރާތަކުގެ އޮފީސްތައް ކުރިއެރުވުމަށް ހޭދަކުރުމަށް ނިންމާފައެވެ.
ދާއިރާތަކަށް ފައިސާ ބަހަން ނިންމި ގޮތް:
* 20 އިންސައްތަ ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުން
* 25 އިންސައްތަ ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުން
* 45 އިންސައްތަ ދާއިރާގެ މެމްބަރުންގެ ނިސްބަތުން ބެހުން
* 10 އިންސައްތަ ދާއިރާތަކުގައި ހިންގާ ޕާޓީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުން
މި ނިންމުމުގެ އިތުރުން އަންނަ މަހު އޮންނަ އެމްޑީޕީ ކޮންގްރެސްއަށް ތައްޔާރުވުމަށް ކޮމެޓީތަކެއްވެސް ރޭގައި އޮތް ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން ވަނީ އެކުލަވާލާފައެވެ.


