ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް އާސަންދަ މިއަހަރަށް ދީފައިވާ ބަޖެޓް ހުސްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރު އާސަންދައިގެ ހަރަދުތައް ދީފައިވަނީ 730.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އެކުންފުނިން ވަނީ 974.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެހެންކަމުން އާސަންދަ ސްކީމަށް ސަރުކާރުން ވަނީ އިތުރު 143.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މި ސްކީމަށް މިދިޔަ އަހަރު ކަނޑައަޅާފައިވަނީ 950.6 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނުނިމެނީސް އެ ބަޖެޓް ވަނީ ހުސްވެފައެވެ. އެ އަހަރު ދައުލަތުގެ ބަޖެޓުން އާސަންދައަށް ހަރަދުކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ.
އަހަރުގެ މެދާ ހަމައަށް އާދެވުނުއިރު، ބޮޑު އަދަދެއް އާސަންދައަށް ހަރަދުވެގެން ގޮސްފައިވާއިރު، މި ހަރަދުތައް ގިނައިން ދަނީ ރާއްޖެ އިން ބޭރުން ބޭސް ފަރުވާ ހޯދުމަށް ކަން ފާހަގަ ކޮށްލެވެއެވެ.
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މަރިޔަމް ޝަފީގް މީގެ ކުރިން މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އާސަންދަ ސްކީމަކީ އަދިވެސް އެންމެ ފުރިހަމަ ކޮށް އޮތް ސްކީމެއް ނޫން ކަމަށާއި އެކަން އިސްލާހު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމުގައެވެ.
ޝަފީގާ އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ އަމިއްލަ ތަންތަނުން ހިދުމަތް ދިނުމުގައި އަގުތަކަށް ގެންނަ ބަދަލުތަކަށް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތުމާއި އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތުމެވެ.
މީގެ އިތުރުން ޝަފީގާ ވިދާޅުވިގޮތުގައި ބައެއް ބަލިތަކުގެ ފަރުވާއަށް އާސަންދަ ކަވަރޭޖްގެ އަގުތައް ހެދުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި ހާއްސަކޮށް ނާރުގެ ބަލިތަކުގެ އޮޕަރޭޝަންފަދަ ރާއްޖެއަށް އަލަށް ތައާރަފް ވަމުންދާ ފަރުވާތަކުގެ އަގު އަދި މިހާތަނަށް ހެދިފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެކަމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޝަފީގާ ވިދާޅުވިއެވެ. އަދި އާސަންދައިގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އެކު މަޝްވަރާކުރަމުންދާ ކަމުގައި ޝަފީގާ އިތުރަށް ވިދާޅުވެފައިވެއެވެ.