ރާއްޖޭގައި ރޫހާނީ ފަރުވާދޭ ހިންދޫ ހާމުދުރެއްގެ މައްސަލަ ބަލަނީ

ޚަބަރު ފަހުގެ

ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭން އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ “މާސްޓަ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

“ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފި ނަމަ ލަސް ނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން،” ފުލުހުން ބުންޏެވެ.

“މާސްޓަ ދުރްގާ ރާއޯ ގުރުޖީ” ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުގައި ބުނާ ގޮތުގައި، އެ މީހާއަކީ ފާލު ބެލުމާއި ސިހުރު ރަނގަޅުކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ މީހެކެވެ. އަދި އެ މީހާ އަށް އެޕޮއިޓްމަންޓް ހެއްދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ހިމަނާފައިވެ އެވެ.

އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް ވެސް އެ ޕޭޖުގައި ޖަހާފައިވާ އިޝްތިހާރުތަކުގައި ބުނެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ