ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

(23 އޯގަސްޓް 2020 އާ ގުޅޭ)

“ހައި..” ޒަޔާން މެސެޖެއް ފޮނުވާލިއެވެ. އިޒާނީގެ އަތް ފައި ފިނިވެގެން ދިޔައެވެ. ޒަޔާން އެގޮތަށް އިސްނަގާފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އިޒާނީއާއި ޒޯޔާ އެއްކޮށް ވަރަށް ގިނަ ފޮޓޯތައް ފޭސްބުކުގައި ޕޯސްޓް ކޮށްފައި ހުންނާނެއެވެ. އެފޮޓޯތައް ޒަޔާންއަށް ފެނުނީ ކަމަށް އޭނާ ނިންމިއެވެ. އެކަމަކު، ޒަޔާން އޭނާއާއި ވާހަކަ ދައްކަން ބޭނުންވީ ކީއްވެ ހެއްޔެވެ؟ ޒަޔާންއަށްވެސް އިޒާނީއަށް ވާ ގޮތްތައް ވަނީބާއެވެ. 

އިޝްތިހާރު
އިޝްތިހާރު

“ހައި..” އަތުގައި މަޑު ތުރުތުރެއް ހުރި ނަމަވެސް އިޒާނީ މެސެޖަށް ޖަވާބު ފޮނުވާލީ ހިނިތުންވެފައި އިން އެމޯޖީއަކާއި އެކުގައެވެ. މެސެޖް ފޮނުވާލުމާއެކު ޒަޔާން އެމެސެޖް ބެލިކަން އިޒާނީއަށް އެނގުނެވެ. 

“ޔޫ އާރ ޒޯޒޯސް ފްރެންޑް ދޯ”؟ އިޒާނީގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޒަޔާންއަށް އޭނާ އެނގެއެވެ. އެހެންކަމުން އާނއެކޭ ބުނެ ޖަވާބު ފޮނުވާލިއެވެ. އެއާއެކު ދެމީހުންގެ ވާހަކަ ފެށުނެވެ. އިޒާނީއަށް މާ ގިނަ ވާހަކަ ދައްކާކަށް ނުކެރުނެވެ. ގިނަ ވާހަކަ ދެއްކީ ޒަޔާންއެވެ. ޒަޔާން ބުނި އެއްޗަކަށް އެއްޗެއް ބުނެލުން ފިޔަވާ އެހެން ވާހަކައެއް ދައްކާކަށް އިޒާނީއަކަށް ނޭނގުނެވެ. 

“އޯކޭ، ގާރލް. އައި ހޭވް ޓު ގޯ ނައު. ސީ ޔޫ.” މުޅި ރޭ ޒަޔާންއާއި ވާހަކަ ދައްކަން ބޭނުންވެފައި އޮއްވާ ޒަޔާން ޗެޓް ނިންމާލިއެވެ. މަޑުކޮށްލަން ބުނާނެ ހިތްވަރެއް އިޒާނީގެ ނެތުމުން ޒަޔާން އޮފްލައިން ވީތަން ބަލަން އޭނާ އޮތީއެވެ. ފޯނު ކައިރީގައި ބޭއްވުމަށްފަހު ބާލީހުގައި އިޒާނީ ބައްދާލިއެވެ. އެބާލީހަކީ ޒަޔާންއަށް ވީނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އެފަދަ ހިޔާލެއް ކުރެވުމުން އޭނާގެ މޫނުގައި ބާލިސް އަޅާ މޫނު ފޮރުވާލިއެވެ. ހީވަނީ އެއްވެސް މީހަކަށް އެމޫނުގައިވާ ޖަޒުބާތުތައް ދައްކަން ބޭނުންނުވާ ހެންނެވެ. އެރޭވެސް އޭނާ ހޭދަކުރީ ޒަޔާންގެ ފޮޓޯތައް ބެލުމާއި އެދެމީހުން އެރޭ ވާހަކަ ދެއްކި މެސެޖްތައް ތަކުރާރުކޮށް ކިޔުމުގައެވެ. ބަޔާން ކުރަން ނޭނގޭ ހިތްހަމަ ޖެހުމެއް އެކަމުން ލިބޭތީއެވެ.

ﷲގެ އިރާދަފުޅާއެކު ދުވާލު ރޭގަނޑަށް ބަދަލުވެ، ރޭގަނޑު ދުވާލަށް ބަދަލުވަމުން ދުވަސްތައް ކުރިއަށް ދިޔައެވެ. އިޒާނީއާއި ޒަޔާންގެ ރަހުމަތްތެރިކަންވެސް ދިޔައީ ބަދަހި ވަމުންނެވެ. އެކަން ވަމުން ދިޔައީ އެއްވެސް މީހަކު ހީނުކުރާހާ ސިއްރުންނެވެ. ޒޯޔާއަކީ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ވީނަމަވެސް، އިޒާނީ ބެލީ އަދި ޒޯޔާއަށް އެވާހަކަ ސިއްރުކުރާށެވެ. އާދައިގެ މަތިން، ކޮލެޖް ކައިރިން ފިޔަވާ އެހެން ތަނަކުން އޭނާއާއި ޒަޔާން ބައްދަލެއް ނުވެއެވެ. އަދި އެހެން ފެންނަ އިރު ހިނިތުންވުމެއް ފިޔަވާ އެހެން އިޝާރާތެއް ދެމީހުންވެސް ނުކުރެއެވެ. އިޒާނީއަށްވުރެ ޒަޔާން ލަދުގަންނަ ކަހަލައެވެ. ޗެޓް ކުރާއިރު ވާހަކަ ގިނަވިޔަސް، ދިމާވީމާ އެކަކަށްވެސް ވާހަކަ ދައްކާކަށް ނުކެރެއެވެ. ޒަޔާންގެ އެސިފަތައް ފެނި އިޒާނީގެ ހިތުގައި ފެވިފައިވާ ޒަޔާން ގެ ނަން، ދުވަހަކަށްވުރެ ދުވަހެއް ކުލަ ގަދަވަމުން ދިޔައެވެ. މިރޭވެސް ޒޯޔާ ބަލާ އައިސް ޒަޔާން އެދިޔައީ ޒޯޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްފައެވެ

“ޔޫ ލުކްޑް ބިއުޓިފުލް ޓުނައިޓް.” ކޮލެޖުން ގެއަށް އައިސް ވަނުމާއެކު ޒަޔާންގެ މެސެޖެއް ލިބުނެވެ. އެފަދައިން ތައުރީފު ކުރުމަކީ ޒަޔާން މިހާރު އާންމުކޮށް ކުރާ ކަމެކެވެ. އެފަދައިން ތައުރީފުކޮށްލާ ކޮންމެ ފަހަރަކު އިޒާނީގެ ހިތް ވިރިގެންދާ ކަހަލައެވެ. 

“އިޒޫ ހާދަ ހިނި އައިސް؟ ދައްކަބަލަ ދޮންބެއަށްވެސް ތި މީމް ބަލާލަން،” ސިޓިންގ ރޫމް ސޯފާގައި އޭނާގެ ބޭބެ އިން ކަން އިޒާނީ އަށް އެނގުނީ އަދި ކިރިޔާއެވެ.

“ވަޓް މީމް.. މީމް ބަލާފަ އެކަނިތަ މީހުން ހެނީ.” ފޯނު ލޮކް ކޮށްލާ ޖީބަށް ލަމުން އިޒާނީ ބުނެލިއެވެ.

“ދެން އެހެންވިއްޔާ ބޯއި ފްރެންޑް މެސެޖް ކުރީ…” އަޒާންއަށް ބުނެވުނީ އެހިސާބަށެވެ. ސޯފާގައި ބަހައްޓާފައި ހުރި ކުޝަންއަކުން އިޒާނީ ދިން ހަމަލާ އަމާޒުވީ އޭނާގެ މޫނުމައްޗަށެވެ. ހަމަ އެ ކުޝަން ނަގާ އަޒާންވެސް އޭނާގެ ކޮއްކޮއާއި ދިމާލަށް އެއްލާފައި ދުއްވައިގަތެވެ.

“ދޮންބެގަނޑު…” އިޒާނީ ވެސް އަޒާން ފަހަތުން ދުއްވައިގަތެވެ. އެމަންޒަރު ބަލަން އާޒިމްއާއި ހުސްނާ ތިބީ ހިނިއައިސްފައެވެ. ދެބެއިންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ފަނޑުވެގެން ނުދާކަން އެމީހުންނަށް ވިސްނުނެވެ. 

“ދަރިފުޅާ، އަޒާން. އިޒާނީ. ދެން ހުއްޓާލަބަލަ.. މިހާރު ތީ ކުޑަ ކުދިންނެއް ނޫނެއްނު.” އާޒިމް ތަންކޮޅެއް ބާރަށް ދެކުދިންނަށް ގޮވާލިއެވެ.

“ބައްޕާ އަޅުގަނޑެއް ނޫން. އިޒޫ ފެށީ..” މައި ނޭވާ ލަމުން އަޒާން އައިސް ސޯފާގައި އިށީނެވެ.

“ދަރިފުޅު މިހާރު ތިއުޅެނީ މީހަކާ އިންނަން. ދެން ތި ކުޑަކުދިން އުޅޭގޮތަށް އުޅުން ހުއްޓާލަން ވެއްޖެ ހެން ބައްޕައަށް ހީވަނީ..” އަޒާން ކައިރީގައި އިށީންނަމުން އާޒިމް ވާހަކަ ދެއްކިއެވެ.

“ދޮންބެ؟ މެރީކުރަނީ؟ އަސްލުތަ؟” ގަބޫލު ނުކުރެވިފައި ހުރެ އިޒާނީ އަހާލިއެވެ. އާނއެކޭ ބުނުމަށް އަޒާން ބޯޖަހާލިއެވެ. އަދި މާދަމާއަކީ ހުކުރު ދުވަސް ކަމުން، މެންދުރުގެ ކެއުމަށް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާ ގެންނާނެ ކަމަށް ބުންޏެވެ. އަދި އެންމެންގެ އެދުމުގެ މަތިން އެކުއްޖާގެ ފޮޓޯވެސް އަޒާން ދެއްކިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ނިދަން ދިޔުމަށް ހުސްނާއާއި އާޒިމް ތެދުވިއެވެ. 

“ދަރިފުޅު މާދަން ތަންކޮޅެއް އަވަހަށް ހޭލާތި އިނގޭ.. މިހާރު ކޮންމެ ދުވަހަކު ތި ހޭލެވެނި މެންދުރު ވާ ފަހުން. މަންމައަށް އެނގޭ ދަރިފުޅު ކޮންމެ ރެޔަކު ނުނިދާ ހުރެ ކޮލެޖްްްްް މަސައްކަތެއް ނުކުރާނެކަން.” އިޒާނީއަށް ބަލާލަމުން ހުސްނާ ބުނެލިއެވެ. އިޒާނީ އިސް ޖަހާލީ އޭނާގެ ބައްޕަވެސް ހުއްޓާ މަންމަ އެވާހަކަ ދެއްކީމައެވެ. 

“ތެދެއް ދަރިފުޅާ. އަވަހަށް ހޭލަން އާދަ ކުރަންވާނެ. ދުވާލު ނިދުމަކީ ކަންނެތް ވާ ކަމެއް. އަދި ދަރިފުޅު ތީ އަންހެން ކުއްޖެއް. އަންހެން ކުދިން ވަރަށް މުރާލި ވާން ވާނެ. މަންމަ އެކޭ އެއްގޮތަށް.” ހުސްނާގެ ކޮނޑުގައި ހިފާލަމުން އާޒިމް ވާހަކަ ނިންމާލިއެވެ. އަދި އެންމެން ގޮސް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދުމަށް އަވަސްވެގަތެވެ. 

އިޒާނީ ކޮޓަރިއަށް ވަދެ ފޯނު ހުޅުވާލިއިރު ޒަޔާންގެ ހައެއްކަ މެސެޖް އައިސްފައި އޮތެވެ. އިޒާނީ ނިދީތޯ ސުވާލުކޮށްފައި އޮތެވެ. އެހެން ކަމުން އަވަސް އަވަހަށް ޒަޔާންގެ މެސެޖަށް ޖަވާބު ފޮނުވާލާފައި އޭނާ ވަނީ ފާހާނާއަށެވެ. ނިދަން ތައްޔާރުވެގެން އައިސް އެނދުގައި ޖައްސާލާ ގައިގައި ބޯ ރަޖާގަނޑު އަޅާލިއެވެ. 

“ހޭވް ޓު ވޭކް އަޕް އާރލީ ޓުމޯރޯ.” މާދަމާ އަވަހަށް  ހޭލަން ޖެހޭކަމަށް ޒަޔާން ކައިރީ އޭނާ ބުނެލިއެވެ. އަދި މާ ލަސްވަންދެން މަޑު ނުކުރެވޭނެ ވާހަކަ ބުނެލިއެވެ. 

“އޯކޭ، ޕްރިންސެސް.. ނިދާލަ.” ޒަޔާން އެފަދަ މެސެޖެއް ކޮށްލާ ކޮންމެ ފަހަރަކު އަޒާނީގެ ހިތް އުފަލުން ނަށާލައެވެ. ކޮންމެ ރެޔަކު ހިތް ހަމަ ޖެހިގެން ނިދާލެވެނީ ޒަޔާންގެ ފަރާތުން އެފަދަ މެސެޖެއް ލިބުނީމައެވެ. ޒަޔާންއާއި ވާހަކަ ނުދެއްކޭ ދުވަހަކީ ފުރިހަމަ ދުވަހަކަށް ނުވެއެވެ. 

އިރު ފެނުން ތޮޅެލީ އާ ދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން މާލޭ މަގުތައް ފެންނަނީ ވަރަށް ފަޅުކޮށެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން އާޒިމްއާއި ހުސްނާ ފަތިހު ހިނގާލަން ނިކުމެ އުޅުނެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކޮށްލުމަށް ލިބެނީ އެފަދަ މަދު ވަގުތުކޮޅެކެވެ. އާޒިމްގެ ތާވަލު އޮންނަ ގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކީ އޭނާ މަސައްކަތުގައި އުޅޭ ދުވަސްތަކެވެ. ޕަނާޝް ޓްރެވެލްސް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް ކޮޅަށް ޖަހާފައި އެހުރީ އާޒިމްގެ ބުރަ މަސައްކަތުންނެވެ. އެންމެ ރިސޯޓަކާއި އެކު ފެށި ވިޔަފާރި ފުޅާވެ، މިހާރު އެ ކުންފުނީގެ ތިން ރިސޯޓް އެބަ އޮތެވެ. އަދި އެކި އަތޮޅު ތަކުގައި އާޒިމްގެ ގެސްޓް ހައުސްތައްވެސް އެބަ ހުއްޓެވެ. 

ހުކުރު ދުވަހުގެ މެންދުރުގެ ވަގުތު ޖެހުނު އިރު ހުސްނާވެސް ބަދިގެ ފަރާތުގައި އުޅެއެވެ. އަދި އިޒާނީވެސް އޭނާގެ މަންމައަށް އެހީތެރިވެ ދިނުމުގައި އުޅުނެވެ. ދުވަހަކީ ހާއްސަ ދުވަހެއް ކަމުން ސުފުރާމަތިން ތަފާތު ވައްތަރުތައް ފެންނަން ހުއްޓެވެ. ކާގެ ހަމަޔަކަށް އެޅުނު އިރު ހުކުރު ހުތުބާ ފަށައިގެން ކުރިޔަށް ދާ އަޑު އިވެމުން ދިޔައެވެ. ހުސްނާއާއި އިޒާނީ އަވަސްވެގަތީ އާޒިމްމެން އަންނަން ވާ އިރަށް ގައިދޮވެލާ ރީތިވެލުމަށެވެ. އިޒާނީ ތައްޔާރުވެގެން ތިރިއަށް ފޭބި އިރު ހުސްނާ ސިޓިންގރޫމުގައި ޓީވީ ބަލަން އިނެވެ. އާޒިމްއާއި އަޒާން ގެއަށް ވަދެގެން އައީ އެވަގުތުގައެވެ. 

“ކޮބާ ގެންނަން ބުނި ކުއްޖާ؟” އެމީހުންނާއެކު އިތުރު މީހަކު ނުފެނުމުން ހުސްނާ ސުވާލުކުރިއެވެ. 

“އަވިގަދަވީމަ، ބައްޕަ ކާރުގަ ދާންވެގެން. ހުޅުމާލެ ވިއްޔަ ދާން ޖެހެނީ..” އަޒާން އޮޅުން ފިލުވާލަ ދިނެވެ. 

“ދަރިފުޅުވެސް ކާރެއް ގަންނަން ވިނު؟ ސައިކަލަށްވުރެ މާ ސޭފްވެސް ވާނެ.” ގެއަށް ވަންނަ ދޮރު ކަރިރީގައި ހުރި ކަބަޑުގެ ވަތްގަނޑުން ކާރުގެ ތަޅުދަނޑި ނަގާ އަޒާންއަށް ދިއްކޮށްލަމުން އާޒިމް ބުނެލިއެވެ. 

“ފަހުން ދޯ.. އެހެން ނޫނަސް ބުރުޖަހާލަން ހަމަ އެންމެ ބެސްޓީ ސައިކަލު.” ތަޅުދަނޑީގައި ހިފަމުން އަޒާން ބުނެލިއެވެ. އޭނާ ގެއިން ނިކުތުމަށް ހިނގައިގަތުމުން ބަލައިގެން ދުއްވުމަށް އާޒިމް ހަނދާންކޮށްދިނެވެ. އަދި އަޒާން އަންނަންދެން އެންމެން ސޯފާގައި މަޑުކޮށްލިއެވެ. 

މާ ގިނަ އިރުތަކެއް ނުވެ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އަޒާން ދޮރުން ވަދެގެން އަންނަތަން ފެނުނެވެ. އެކުއްޖާއަށް މަރުހަބާ ކިޔުމަށް އެންމެން ސޯފާއިން ތެދުވިއެވެ. 

“މަންމާ.. ބައްޕާ. މީ ޝާނާ.” އަޒާން އޭނާގެ ލޯބިވެރިޔާ އެންމެންނަށް ތައާރަފު ކޮށްދިނެވެ. ޝާނާ މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާ ހީކުރި ވަރަށްވުރެ އަޒާންގެ ގެ މާ ތަނަވަސްވެފައި ރީއްޗެވެ.  

“މާޝަﷲ.. ލޯބި ކުއްޖެއް..” ޝާނާގެ މޫނުގައި ދެއަތުން ހިފާލަމުން ހުސްނާ ބުނެލިއެވެ. ކުރިންވެސް ލަދުން ހުރި ޝާނާ އިތުރަށް ލަދުގަތެވެ. ހުސްނާ އާޒިމްއަށް ބަލާލުމުން އާޒިމް ބޯޖަހާލީ ހިތްހަމަ ޖެހުމުގެ ގޮތުންނެވެ. 

“ކާން އުލެންވީނު ދޯ.. ބައްޕަ މިހުރީ ވަރަށް ބަނޑުހައިވެފަ.” ކާގެއާ ދިމާލަށް ހިނގައި ގަންނަމުން އާޒިމް ބުނެލިއެވެ. އާޒިމްގެ ފަހަތުން އެންމެންވެސް ގޮސް ކާގެއަށް ވަނެވެ. ކާގެއަށް ވަނުމާއެކު ދުވި މީރު ވަހުން ބަނޑު ފުރޭވަރުވެއެވެ. ހުރިހާ ކަމެއް ހުރީ އެންމެ ފުރިހަމައަށް ތައްޔާރު ކޮށްފައެވެ. ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ގިނަ ވާހަކަ ދެއްކީ އާޒިމްއެވެ. އެގޮތުން ޝާނާގެ އާއިލާއާއި އަދާކުރާ ވަޒީފާއާއި ބެހޭގޮތުން އާޒިމް ސުވާލު ކުރިއެވެ.

“އަޅުގަނޑު އުޅެނީ ޕްރައިވެޓް ކޮމްޕެނީއެއްގަ އެކައުންޓެންޓަކަށް. އެތާ އުޅޭތާ މިހާރު ދެ އަހަރު ވަނީ. ފެމެލީގަ ތިބެނީ އަޅުގަނޑު ގެ އިތުރުން ދައްތައަކާއި ފިރިހެން ކޮއްކޮއެއް. ދައްތަ މިހާރު މެރީ ކޮށްގެން ވަކިން އުޅެނީ. ދެން އުޅެނީ މަންމައާއި ބައްޕަ.” މަޑުމައިތިރިކަމާއެކު ޝާނާ ވާހަކަ ދެއްކިއެވެ. އެދެއްކި ވާހަކަ އަޑުއަހާ އާޒިމް ހިތްހަމަ ޖެހުނުކަން އަންގާލުމަށް ހިނިތުންވެލިއެވެ.

“ދަރިފުޅުގެ ޗޮއިސް ބައްޕައަށް ވަރަށް ކަމުދޭ… ކޮން އިރަކުން ދެކުދިން ކައިވެނި ކުރަން ނިންމާފަ އޮތީ؟” އާޒިމް ވާހަކަ ދެއްކީ އަޒާންއާއެވެ. ވީހާވެސް އަވަހަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަ އަޒާން ބުނެލިއެވެ. އަދި ޝާނާއަށް ދޯ ދިނެވެ. ހަމަ އެވަގުތު އިޒާނީގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ފޯނު ނަގާ ބަލާލުމަށް އުލެނިކޮށް ހުސްނާ އަޒާނީއަށް ގޮވާލިއެވެ. އޭނާ ފޯނު ލޮކް ކޮށްލުމަށްފަހު ކައިރީގައި ބޭއްވީ މަންމަ އެބުނި އެއްޗެއް ވިސްނުމުންނެވެ. ކައިވެނީގެ ވާހަކަ ކުރިޔަށް ގެންދިޔަ އިރު އިރުއިރުކޮޅުން އިޒާނީގެ ފޯނަށް މެސެޖް އަންނަމުން ދިޔައެވެ. އެންމެންނަށް އެކަން ފާހަގަ ވެދާނެތީ އިޒާނީ އޭނާގެ ފޯނު ޖީބަށްލީ އެހެންވެއެވެ.

“އެހެންވީމަ ޝާނާގެ މަންމަމެންނާ ވާހަކަ ދައްކާލާފަ ދޯ ކުރިޔަށް ދާނީ.. އެމީހުންގެ ހިޔާލު ވެސް ހޯދަން ވާނެއެއްނު.” ހުސްނާއަށް ފެންނަ ގޮތް އޭނާ ހާމަކުރިއެވެ. އަދި ޝާނާއަށް ފަަސޭހަ ދުވަހަކުން އެގެއަށް ދިޔުމަށް ހުސްނާއާއި އާޒިމް ނިންމިއެވެ. އަދި ގިނަ ގިނައިން ޝާނާ އެގެއަށް ގެނައުމަށް އަޒާން ކައިރިން އެދުނެވެ. 

މެންދުރުގެ ކެއުން ނިންމާލުމަށްފަހު އިޒާނީ ވަނީ ކޮޓަރިއަށެވެ. ޒަޔާން ކޮށްފައި ހުރި މެސެޖްތަކަށް ޖަވާބު ދިނުމަށް އޭނާ އަވަސްވެގަތެވެ. އޭނާގެ ދޮންބެ ކައިވެނިކުރަން އުޅޭ ވާހަކަ އޭނާ ޒަޔާން ކައިރީގައި ބުންޏެވެ. 

“ހޭ، ލެޓްސް މީޓް ޓުނައިޓް..” ޒަޔާން އެދުނީ އިޒާނީއާއި ބައްދަލު ކުރުމަށެވެ. ކުއްލިއަކަށް ބައްދަލުވާން ބުނުމުން ދޭނެ ޖަވާބެއް އިޒާނީއަކަށް ނޭނގުނެވެ. އަދި މިއަދަކީ ހާއްސަ ދުވަހަކީތޯ އިޒާނީ އަހާލިއެވެ. 

“ޔެސް. އިޓްސް އަ ވެރީ ސްޕެޝަލް ޑެ ޓުޑޭ.” ހާއްސަ ދުވަހެއްކަމަށް ޒަޔާން ބުނުމުން އިޒާނީ ވިސްނާލިއެވެ. ހަމަ ގައިމުވެސް މިއީ ޒަޔާންގެ އުފަން ދުވަހެއް ނޫނެވެ. ދެން ކޮން ހާއްސަ ކަމެއް ހެއްޔެވެ؟ އޭނާ ސުވާލުކުރުމުން ޖަވާބުގައި ޒަޔާން ބުނީ މިއީ އެދެމީހުން ވާހަކަދައްކަން ފެށިތާ އެއް މަސް ވީ ދުވަސް ކަމުގައެވެ. ބޭއިހުތިޔާރުގައި އިޒާނީ އަށް ހިނިތުންވެވުނެވެ. 

އެފަދަ ކުދި ކުދި ކަންކަން ހަނދާން ހުންނާނީ ޒަޔާންގެ ހިތުގައިވެސް ކޮންމެވެސް އެއްޗެއް އޮތީމައޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އަދި ޒަޔާންއާއި ބައްދަލުކުރަން ދިޔުމަށް އޭނާ އިންތިހާއަށް ބޭނުންވިއެވެ. އެކަމަކު ބައްދަލުކުރަން ދާނީ ކިހިނެއްތޯ ވިސްނާލަން އިޒާނިއަށް މަޖުބޫރުވިއެވެ. މިރެއަކީ ކްލާސްވެސް ނުއޮންނަ ރެއެކެވެ. އިޒާނީއަކީ އާންމުކޮށް ބޭރަށް ގޮސް އުޅޭ ކުއްޖެއް ނޫނެވެ. ހާއްސަކޮށް ރޭގަނޑު ބޭރަށް ދިޔުމަކީ އޭނާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ