ތިލަދެކުނު މަލަސް ގެ ނިމުން ފާހަގަ ކޮށްފި

ޚަބަރު ފަހުގެ

ހދ. އަތޮޅުގެ 10 ސްކޫލަކާއި ޢީސަ އޮންލައިން ޕޮއިޓްރީ ގުޅިގެން ކުރިޔަށް ގެންދިޔަ ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހުގެ ނިމުން ރޭ ފާހަގަ ކޮފިއެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ޒޫމް މެދުވެރި ކޮށެވެ.

މިކޯސް ކުރިޔަށް ގެންގޮސްފައިވަނީ، މިމަހުގެ 18 އިން 26 ށެވެ. 125 ދަރިވަރުން މި ކޯހުގައި ބައިވެރިވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯހުގައި ބައިވެރިވި ސްކޫލުތަކަކީ، ހަނިމާދޫ ސްކޫލް، ފިނޭ ސްކޫލް، ނާވައިދޫ ސްކޫލް، ހިރިމަރަދޫ ސްކޫލް، ކުރިނބީ ސްކޫލް، ކުމުންދޫ ސްކޫލް، މަކުނުދޫ ސްކޫލް، ނޮޅިވަރަމް ސްކޫލް، ނޮޅިވަރަންފަރު ސްކޫލް، ނެއްލައިދޫ ސްކޫލެވެ.

ތިލަ ދެކުނު މަލަސް ނިންމުމުގެ ރަސްމިއްޔާތުގައި ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އާދަމް ވިދާޅުވީ، މި ޙަރަކާތަކީ ތިލަދެކުނުގެ ތާރީޚުގައި ލިޔެވިގެންދާނެ ޙަރަކާތެއް ކަމަށެވެ. ގިނަ އަދަދެއްގެ ސްކޫލުތައް ބައިވެރިވެގެން އޮންލައިންކޮށް ކުރިޔަށްގެންދެވުނު މި ޙަރަކާތަކީ، މިފަދަ ފުރަތަމަ ޙަރަކާތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާވައިދޫ ސްކޫލުގެ  ޕްރިންސިޕަލް ޢަލީ ޝަރީފު ވަނީ ކޯހުގެ އުސްތާޛު ޢީސާ ޝަރީފުގެ މަސައްކަތްޕުޅަށް ނިހާއީ ތަޢުރީފެއް ކުރައްވައި ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރު ލެއްވުމަށް ވެސް ޝުކުރު އަދާ ކުރެއްވިއެވެ.

ކޯހުގެ އުސްތާޛު ޢީސާ ޝަރީފުގެ ވާހަކަފުޅުގައި މި ޙަރަކާތް ފެށިގެން އައިގޮތް އޮޅުން ފިލުވައި ދެއްވިއެވެ. ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙަންމަދު އާދަމްގެ އިސްނެންގެވުމެއްގެ މަތިން ވަރަށް އާދައިގެ ގޮތަކަށް ދެކެވުނު ވާހަކައެއް ފުޅާވެ މިފަދަ މިންވަރަކަށް ބޮޑުވެގެން ދިއުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. މިހާ ފުރިހަމަކޮން މި ހަރަކާތް ކުރިޔަށް ގެން ދެވުނީ ހަނިމާދު ސްކޫލް ގެ ޕްރިންސިޕަލް އަބްދުލް މުހުސިން އަބުދުލް ލަތީފުގެ ރޭވުން ތެރިކަމާ ހިކުމަތުކަން ފާހަގަކޮށް ޝުކުރު އަދާކުރިއެވެ.

މިކޯހުގެ މަގުސަދު ހާސިލް ވެއްޖެކަމަށް ވިދާޅުވެ ޢީސަ ވިދާޅުވީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކޯހުގައި ބައިވެރިވީ މިކަމަށް މާބޮޑު ޝައުޤެއް ހުރެގެން ނޫންކަމަށެވެ. މިދުވަސްކޮޅުގައި ގޭގައި ތިބޭން ޖެހުނީމާ ދެން ހަމަ ބައިވެރިވެލީ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ވަރަށް ބޮޑަށް މިކަމަށް ޝައުޤު އުފެދިއްޖެ ކަމަށާއި މީގެ އިތުރު ބުރެއް ކުރިޔަށް ގެންގޮސް ދެއްވުމަށް ބައިވެރިވި ދަރިވަރުން އެދިފައިވާކަމަށެވެ.

ދަރިވަރުންގެ މި އެދުމަށް މި ކޯހުގެ އުސްތާޛު ޢީސާ ޝަރީފް ވިދާޅުވެފައިވަނީ މީގެ ދެވަނަ ބުރެއް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޤައުމީ އަރުޝީފުގެ  ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙުމަދު (ފަރެސް) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޅެންވެރިކަމަކީ ކޮބައިކަން ޢާމިރު ކިޔައިދެއްވިއެވެ. ޅެންވެރިކަމަކީ ކިބުރުވެރިކަމެއް ނޫންކަމަށާއި، އަދި އެއީ ބޮޑާކަމެއް ނޫންކަމަށާއި ޅެންވެރިކަމަކީ، ވިސްނުންތެރިކަމާއެކު ބޭނުންކުރާ ރިވެތިފަންނުވެރިކަމެއްކަމަށް ވިދާޅުވިއެވެ.

ޢާމިރުގެ ވާހަކަފުޅުގައި އަދަބަކީ ކޮބައިކަމާއި، އަދަބު އަދާކުރަނީ ކޮންދައުރެއްކަން ތަފްޞީލުކޮށްދެއްވިއެވެ. މިގޮތުން އަދަބުގެ ތެރޭގައި އެންމެ ބާރުގަދައީ ޅެންވެރިކަންކަމަށް ޢާމުރު ވިދާޅުވިއެވެ.

ޢާމިރު ވިދާޅުވީ މިފަދަ ޙަރަކާތެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ދަރިވަރުން ބައިވެރިވާތީ ވަރަށް އުފާ ކުރައްވާ ކަމަށެވެ. މިއީ، ހަނދާން ނައްތާނުލެވޭނެ ކަމެއް ކަމަށާއި މިފަދަ ހިތްފަސޭހަ މަންޒަރުތައް އަޅުގަނޑުމެން ދައްކާންޖެހޭ ކަމަށް ޢާމިރު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ ސްކޫލުތަކަށް ދޭ އެއްޗަކީ މުޖުތަމަޢުގެ ނާރަށް ޖަހާ އިންޖިކްޝަނެއްކަމަށެވެ. އެހެންކަމުން ކުރިޔަތް އޮތްތަނުގައި ތިލަ ދެކުނުން މޮޅެތި ޅެންވެރިންތަކެއް އުފެދިގެން ދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ކޯހުގެ ބައެއް ދަރިވަރުންގެ ޅެންތައް ހުށަހަޅައި ދީފައިވެއެވެ. މީގެ އިތުރުން  އީ.އޯ.ޕީގެ ދަރިވަރުންގެ ޅެންފޮތް “އަސްކަނި” ނެރެފައިވެއެވެ. މިފޮތަކީ 170 ޞަފުޙާގެ މައްޗަށް އެކުލެވިފައިވާ ފޮތެކެވެ. މީގެ އިތުރުން މުޙްތާރު ފަހުމީގެ “ޖަރީ” ޅެން ފޮތް ވަނީ ނެރެފައެވެ. މި ދެފޮތް ވަނީ ކޯހުގެ ބައިވެރިންނަން ހަދިޔާ ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ