ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ހިންގުން ހުޅުމާލޭގައި ހުންނަ އިމާރާތަކަށް މިއަދު ބަދަލުކޮށްފި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އިދާރާގެ ހިދުމަތްތައް ދެން ލިބޭނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތުން ކަމަށެވެ. އެއީ ހުޅުމާލެ އިންޑޯ ސުވިމިން ޕޫލް ކުރިމައްޗަށް އޮންނަ ގޯޅި އެވެ.
އިންޑިއާ ހައިކޮމިޝަން މިހާތަނަށް ހިންގަމުން އައީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ. އެ އިމާރާތް ބާވުމައި އަދި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވެސް ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.


