ހުޅުމާލެ އޮތީ ޗައިނާ އަށް މޯގޭޖްކޮށްފައި ކަމަށާއި އެ ތަނުގެ ރަޖިސްޓްރީ އޮތީ ޗައިނާ ސަރުކާރުގެ އަތުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހަނިމަދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދު ދައްކަމުން އަންނަ ވާހަކައަކީ ދަރުމަވަންތަ ހޮސްޕިޓަލް މޯގޭޖްކޮށްފައި އޮތް ވާހަކަ ކަމަށެވެ.
އެކަމަކު، މަޖިލިހުގައި ވާހަކަ ދައްކަވާ އިދިކޮޅު ބޭފުޅުންގެ މުދަލާއި ގެދޮރާއި އަނބިދަރިންނާ އެއްކޮށް މޯގޭޖްކޮށްފައި އޮތް ކަމެއް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.
“މުޅި ހުޅުމާލެ، އެ ތަނުގައި ހުރި ރައްޔިތުންގެ ގެދޮރާ އެއްކޮށް އެއޮތީ، މޯގޭޖްކޮށްފައި. އެ ތަނުގެ ރަޖިސްޓްރީ އޮތީ ޗައިނާ ސަރުކާރުގައި. ހުޅުމާލެ ފޭސް އެކެއް، ދޭއް ހުރިހާ އެއްޗެއް އޮތީ މޯގޭޖްވެފައި، އެބޭފުޅުންގެ ފްލެޓު ވެސް އެ ހުރީ މޯގޭޖްވެފައި. އަނެއް ހެން ވަރަށް ތަފްސީލްކޮށް ބުނާ ނަމަ، މީހެއްގެ އޮޑިއަށް މުދާ އަރުވައިގެން ތިބި އުސޫލުން ހުޅުމާލޭގައި ތިއްބެވި ބޭފުޅުން މިއަދު އެ ތިއްބެވީ. އޮޑި އަޑިއަށް ދިޔައީމަ، ހުރިހާ ކަމެއް ނިމި ދިޔައީ” ހަނިމާދޫ މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
އެހެންވެ، އިދިކޮޅު ފަރާތްތަކުން މޯގޭޖްގެ ވާހަކަ ދައްކާ އިރު، އެ ބޭފުޅުން “ފަތިފުށް” ވެސް އޮތް ކަން ހަނދާންކޮށްގެން ވާހަކަ ދެއްކީމަ، ސަރުކާރުގެ ބޭފުޅުން ވާހަކަ ދައްކަވަން ވެސް ފަސޭހަ ވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
“މި ހުރިހާ ކަމެއް ހިންގާފައި، މި ތަނުގައި ހުރިހާ އަނގައެއް ތަޅާފައި، މިވަރަށް މި ބޭފުޅުންގެ ލަދާއި ހަޔާތާ ކެނޑިގެން ދިޔަ ދުވަހެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ، މި ބޭފުޅުންގެ ޑީއެންއޭ ހަދައިގެން ނޫނީ ނެތް މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭކަށް،” ހަނިމާދޫ މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ. އެކަމަކު، އެމްޑީޕީން ވެރިކަމަށް އައިސް ވަރަށް ގިނަ ކަންތައްތައް ކޮށްދީފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.


