ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

(27 އޯގަސްޓް 2020 އާ ގުޅޭ)

އިޒާނީއަކީ އާންމުކޮށް ބޭރަށް ގޮސް އުލޭ ކުއްޖެއް ނޫނެވެ. ހާއްސަކޮށް ރޭގަނޑު ބޭރަށް ދިޔުމަކީ އޭނާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. 

އިޝްތިހާރު
އިޝްތިހާރު

ގަޑިން އަށެއް ޖެހިއިރު އިޒާނީ ހުރީ ބޭރަށްދާން ތައްޔާރު ވެގެންނެވެ. ލުއި މޭކަޕެއް ކޮށްފައި ހުރި އިރު، އިސްތަށިގަނޑު ހުރީ ނުއައްސާ، ދޫކޮށްލާފައެވެ. ގަދަ ރަތް ކުލައިގެ މަތިކޮޅަކާއި ކަޅު ކުލައިގެ ސްކީނީ ޖީންސެއް ލާފައި ހުރުމުން، އޭނާ އިތުރަށް ދޮން ކަމަށް ދައްކައެވެ. ގަޑި ކައިރިވަމުން ދިޔަ ވަރަކަށް އިޒާނީގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފެށިއެވެ. ބޭރަށް ނިކުންނާނީ ކީކޭ ކިޔާފަ ހެއްޔެވެ؟ ވިސްނާކަށް މާ ގިނަ ވަގުތެއްވެސް ނެތެވެ. އަށްގަޑި ބައިގައި ޒަޔާން އަންނާނެއެވެ. ދެއަތް ދެއަތާ މޮޑެލަމުން އޭނާ ލޯމަރާލިއެވެ. 

“ހައި ޕްރިންސެސް. ރެޑީތަ؟” އަށްގަޑި ބައި ވާން ދިހަ މިނެޓަށް ވީތަނާ ޒަޔާންގެ މެސެޖެއް ލިބުނެވެ. ޖަވާބުގައި ދާން ވީ ކޮން ތާކަށްތޯ އިޒާނީ އަހާލިއެވެ. އަދި ގެ ކައިރިއަށް ނައުމަށް އެދުނެވެ. 

“ވެއާރ އެވާރ ޔޫ ވޯންޓް ޓު ގޯ.. ކޮން ތާކަށް ދާން ބޭނުންވަނީ؟” ޒަޔާން ހުރީ އިޒާނީ ބޭނުންވާ ތަނަކަށް ދިޔުމަށް ތައްޔާރަށެވެ. 

“ވިލިމާލެ…” އިޒާނީ އިރުކޮޅަކު ވިސްނާލާފައި ޖަވާބު ފޮނުވާލިއެވެ. މާލޭގެ އެއްވެސް ތަނަކަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ބައްޕައާއި ދޮންބެގެ ގިނަ ރައްޓެހިން އުޅެނީ މާލޭގައެވެ. އެއިން މީހަކަށް އިޒާނީއާއި އަޒާން އެއްކޮށް ފެނިއްޖެ ނަމަ އެ ހަބަރު ގެއާ ހަމައަށް ފޯރާކަށް މާ ގިނަ އިރެއް ނުވާނެކަން އޭނާއަށް އެނގެއެވެ. އެހެން ކަމުން ވިލިމާލެ ދިޔުން ރަނގަޅުވާނެ ކަމަށް އިޒާނީ ނިންމިއެވެ.

“އޯކޭ.. މި ނައްޓާލި ޓާމިނަލްއަށް. ގޮސް މެސެޖް ކުރީމަ އާދޭ.” ޒަޔާން ފެރީ ޓާމިނަލްއަށް ގޮސް ހަބަރެއް ވުމުން ނޫނީ ނައުމަށް އިޒާނީ ގާތު ބުންޏެވެ. އިޒާނީ އެކަނި ޓާމިނަލްގައި މަޑުކުރާކަށް ޒަޔާންއެއް ނޭދެއެވެ. ޒަޔާންގެ އެފަދަ އަމަލުތަކުން އޭނާ އިޒާނީއާއި މެދު ވިސްނާ މިންވަރު ހާމަވެއެވެ. އެފަދަ މީހަކު އިޒާނީގެ ހަޔާތަށް އައީތީ އޭނާ ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ޒަޔާންވެސް އިޒާނީއާއި މެދު ހާއްސަ ގޮތެއް ބަހައްޓާކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ޒަޔާން މެސެޖް ކުރުމުގެ ކުރިން އިޒާނީ ތިރިއަށް ފޭބިއެވެ. އެވަގުތު އާޒިމްއާއި ހުސްނާ ސިޓިންގ ރޫމުގައި ޓީވީ ބަލަން ތިއްބެވެ.

“ދަރިފުޅު ބޭރަށް ދަނީތަ؟ މަންމަ ވަރަށް ގޮވިން ކާންވެސް..” ހުސްނާއަށް އިޒާނީ ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ފެނުމުން އޭނާ ބޭރަށް ދަނީކަން އެނގުނެވެ. ކޮލެޖުން ގްރޫޕް މަސައްކަތެއް ހަވާލުކޮށްފައި އޮތް ކަމަށް އިޒާނީ ބުންޏެވެ. އަދި އާޒިމް އޭނާ ގެންގޮސްދޭން އުޅުމުން، ދާން ޖެހެނީ ގެ ކައިރީގައި ހުރި ގެއަކަށް ކަމަށް ބުނެ އިތުރު ދޮގެއް ހަދާލިއެވެ. ހުސްނާއާއި އާޒިމް އިޒާނީއަށް ވަރަށް އިތުބާރުކުރެއެވެ. ދެކުދިންނަށްވެސް ދެވިފައިވާ ތަރުބިއްޔަތާއި މެދު އެމީހުން ޝައްކެއް ނުކުރެއެވެ. މިހާތަނަށް އައި އިރު، ދެ ކުދިންވެސް ގޯސް މަގަކުން ނުދާކަން އެދެމަފިރިން ޔަގީން ކުރެއެވެ. 

އިޒާނީ އަވަސް އަވަހަށް ހިނގާފައި ގޮސް ފައިވާން ބަހައްޓާ ހަރުގަނޑުން ކަޅު ކުލައިގެ ތިރި ފައިވާނެއް ނަގާ ފަޔަށް ހެޔޮވަރުކޮށްލިއެވެ. އަދި ނިކުންނަމުން އަވަހަށް ގެއަށް އަންނާނެކަމަށް މަންމަމެންނަށް އަޑު އިވޭނެހެން އޭނާ ބުނެލިއެވެ. ގޭގެ މައި ގޭޓާއި އަރާ ހަމަވި ތަނުން ޒަޔާންގެ މެސެޖް ލިބުނެވެ. އެހެންކަމުން އިޒާނީ ބާރު ހިނގުމެއްގައި ފެރީ ޓާމިނަލްއާއި ދިމާލަށް ހިނގައިގަތެވެ. ފަސް ވަރަކަށް މިނެޓުން ހިގާފައި އެހިސާބަށް ދެވުނު އިރު ސައިކަލު މަތީގައި ޒަޔާން މަޑުކޮށްލައިގެން އިންތަން އޭނާއަށް ފެނުނެވެ. ޒަޔާން ފެނުމުން ވެފައި ހުރި ވަރުބަލިކަންވެސް ހިނދުކޮޅެއްގެ ތެރޭ ފިލައިގެން ދިޔައެވެ. 

އިޒާނީއަށް އިރުކޮޅަކު ޒަޔާންއަށް ބަލަން ހުރެވުނެެވެ. އަޅި ކުލައިގެ ގަމީހަކާއި ގަދަ ނޫ ކުލައިގެ ޑެނިމް ޖީންސްއެއްގައި ޒަޔާން ފެންނަ ގޮތް ވަރަށް ހިތްގައިމެވެ. ގަމީހުގެ އަތްކުރި އުޅަނބޮށްޓާއި ހަމައަށް އޮޅާފައި ހުރުމުން އަތްދަނޑި އޮތީ ހާމައަށެވެ. އިޒާނީއަށް ޒަޔާން ކައިރިއަށް ހިނގަމުން ދިޔައިރު އިތުރު ދިމާލަކަށް ނުބެލެއެވެ. ކައިރިއަށް ދެވުމުން ޒަޔާންގެ ތެމިފައި ހުރި އިސްތަށިގަނޑާއި މޫނުގައި ހުރި ތާޒާކަން ފެނި، އޭނާ އެއައީ ހަމަ ދެންމެ ފެންވަރައިގެންކަން އިޒާނީއަށް އެނގުނެވެ. ޒަޔާން ކައިރީ ހުއްޓުމާއެކު ދުވި މީރު ވަހުން އިޒާނީ ހަށި ފުރާ ނޭވާއެއް ލިއެވެ. އެވަސް މުޅި ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކާއި ހަމައަށް ފޯރި ކަހަލައެވެ. ޒަޔާންއާއި އިތުރަށް ގާތްވެލާ އެ މޭގައި މޫނު ފޮރުވާލަން އިޒާނީ ކިތަންމެހާވެސް ބޭނުންވިއެވެ. 

އިޒާނީ އައިސް ޒަޔާން ކައިރީ ހުއްޓުނު އިރުވެސް ޒަޔާންގެ ކަޅި އިޒާނީގެ މޫނުން ވަކިނުވިއެވެ. އޭނާގެ އަމިއްލަ ދެލޮލަށް އޭނާގެ އެއްވެސް ބާރެއް ނުހިނގާ ކަހަލައެވެ. އެހެން ރޭރެއާއި ހިލާފަށް އިޒާނީ އެހުރީ އޭނާގެ ފަން އިސްތަށިގަނޑު ދޫކޮށްލާފައެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިއާއެކު އެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ކޮށްފައި ހުރި ލުއި މޭކަޕް، އިޒާނީގެ ރިތިކަން އިތުރުކޮށްދިނެވެ. ނޫޑް ލިޕްސްޓިކެއް ޖައްސާފައި ހުރި ތުންފަތުގެ މަޑުކަން ބަލާލަން ޒަޔާންގެ ހިތް އެދެމުން ދިޔައެވެ. 

“ދާން ވީނު؟” އެދެމީހުންގެ މެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ އިޒާނީއެވެ. އެއީ އިޒާނީގެ އަޑު ޒަޔާންގެ ކަންފަތުގައި ޖެހުނު ފުރަތަމަ ފަހަރެވެ. 

“ކަމް، ލެޓްސް ގޯ..” އިޒާނީއަށްވެސް ޒަޔާންގެ ފިރިހެންވަންތަ އަޑު އިވުނީ އަދި ކިރިޔާއެވެ. ޒަޔާން ސައިކަލުން ފައިބަމުން ޓިކެޓް ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. އޭނާއާއި އެކު އިޒާނީވެސް ހިނގައިގަތެވެ. ވިލިމާލެއާ ހަމައަށް ދެވެންދެން އިޒާނީ އިނީ ހިތް ނުތަނަވަސް ވެފައެވެ. ފެރީގައި އިން އިރު ވެސް އޭނާއަށް އެކި ދިމަ ދިމާ ބެލެނީއެވެ. 

“ޔޫ އޯކޭ؟” އިޒާނީގެ ކަންފަތް ދޮށަށް ގާތްވެލަމުން ޒަޔާން އަހާލިއެވެ. އެފަދަ ހަރަކާތަކަށް އުންމީދު ނުކޮށް އިނުމުން، އިޒާނީގެ މުޅި ހަށިގަނޑުގައި ބާރު އޮއެވަރެއް އުފެދުނު ކަހަލައެވެ. އެ އޮއެވަރުގެ އަސަރުން އެންމެ ހިމަ ލޯލިތައްވެސް ކޮޅަށް ޖެހުނު ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އަވަސް އަވަހަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު އިޒާނީ ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އޭނާގެ އަޑުވެސް އަރު ތެރޭގައި ތާށިވެފައި ހުރި ކަހަލައެވެ. 

އިޒާނީއަށް ހިތް ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ވިލިމާލެއަށް ފެރީ ގާތްކުރުމުންނެވެ. ޒަޔާން ފެރީއިން ފައިބައި އިޒާނީއަށް އޭނާގެ އަތް ދިއްކޮށްލިއެވެ. އިޒާނީ ފެރީއިން ފޭބީ ޒަޔާންގެ އަތުގައި ހިފައިގެންނެވެ. މަގުމައްޗަށް ނިކުމެވުނު އިރުވެސް ޒަޔާން ހުރީ އިޒާނީގެ އަތުގައި ހިފައިގެންނެވެ. ދުވަހަކުވެސް އެއަތުން ދޫނުކޮށްލުމަށް އަޒުމް ކަނޑައަޅައިގެން ހުރި ކަހަލައެވެ. 

ދެމީހުން ގޮސް ވަނީ މާ ދުރު ނޫން ހިސާބެއްގައި ހުރި ކެފޭ އަކަށެވެ. ދެމީހުންވެސް އޯޑަރު ކުރީ ކޮފީއެވެެ. ކޮފީ ބޮމުން ދިޔަ އިރު މަދުމަދުން ދެމީހުންވެސް ވާހަކަ ދެއްކިއެވެ. މެސެޖުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދާއްކާކަށް ދެމީހުންކުރެ އެކަކަށްވެސް ނުކެރުނެވެ. އިޒާނީ ޒަޔާންއަށް ބަލާލާ ކޮންމެ ފަހަރަކު އޭނާ އިންނަނީ އިޒާނީއަށް ބަލާށެވެ. ދެތިން ފަހަރަކު އިޒާނީ ޒަޔާންގެ ލޯ މަތީގައި އަތްވެސް އެޅިއެވެ. 

“ނުބަލަންވިތަ؟” ޒަޔާން އިޒާނީގެ އަތުގައި ހިފާ އޭނާގެ ލޯ މަތިން އެއަތް ނެގިއެވެ. “ސޮރީ.. އައި ކާންޓް ހެލްޕް މައިސެލްފް.” ލާނެއް ހިނިތުންވުމަކާއެކު އޭނާ ބުނެލިއެވެ. އެއާއެކު އިޒާނީ ދެއަތުން އޭނާގެ މޫނު ފޮރުވާލިއެވެ. 

ކޮފީ ބޮއެ ނިމުމުން ދެމީހުން މިސްރާބު ޖެހީ އަތިރިމައްޗާއި ދިމާލަށެވެ. އެތަން އަނދިރިކޮށް އޮތުމުން އިޒާނި ހުރީ ޒަޔާންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އިޒާނީ ބިރުން ހުރި ކަން އެނގުމުން، އޭނާގެ އުނަގަނޑުގައި ހިފާލާ ޒަޔާންގެ ހަށިގަނޑާއި އޭނާ ކައިރިކޮށްލިއެވެ. ދެމީހުން ގޮސް އަތިރިމަތީގެ ދޮންވެލިގަނޑުގައި އިށީނދެލިއެވެ. އުޑުމަތި ބަލާލުމުން ގިނަ އަދަދަކަށް ތަރި ފެންނަން ހުއްޓެވެ. ބުރު ހަމަ ނޫނަސް ހަނދު އެހުރީ ސާފުކޮށް ފެންނާށެވެ. މަޑުމަޑުން ބީއްސާލާ ރާޅުތައް، އެމާހައުލު ފަޅުފިލުވާދެމުން ދިޔައެވެ. 

“އަދިވެސް ބިރުންތަ ތި އިންނަނީ؟” އިޒާނީ ހިމޭންވެފައި އިނމުން ޒަޔާންއަށް ކަމަކު ނުދިޔައެވެ. “ޗެޓް ގަ އެކަމު ހާދަ އަނގަ ގަދައޭ..” އިޒާނީ ލައްވާ ވާހަކަ ދެއްކުވުމުގެ ނިޔަތުގައި އޭނާ އިޒާނީއާ ދިމާކޮށްލިއެވެ. 

“ނޫން. މިގޮތަށް މިކަހަލަ ތަނަކަށް އަދި އަލަށް މި އައީ. އެހެންވެ.” އިސް އޮބާލަމުުން އިޒާނީ ވާހަކަ ދެއްކިއެވެ. މިއީ އޭނާ ފިރިހެނަކާއި އެކު މިފަދައިން އެކަހެރިކޮށް ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ޒަޔާންއަށް އިތުބާރު ކުރެވުމަކީ ގޯހަކަށް ވާކަށް އޭނާ ނޭދެއެވެ. 

“ކޯއްޗެއް ތި ވިސްނަނީ؟ ނޫޅެމޭ އިޒާނީ ކާލާކަށް.. ސޯ ރިލެކްސް.” އިޒާނީގެ ހިތުގެ އަޑު ޒަޔާންއަށް އިވުނު ފަދައެވެ. އޭނާ ޒަޔާންއަށް ބަލާލީ އެހެންވެއެވެ. މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ޒަޔާން އޭނާ ދަސްކޮށްފިއޭ އިޒާނީ ހިތަށްއެރިއެވެ. މަޑުމަޑުން އިޒާނީ ވާހަކަ ދައްކަން ފެށިއެވެ. އާއިލާއާއި، ކިޔެވުމާއި ބެހޭގޮތުންނެވެ. މުސްތަގުބަލާއިމެދު ކުރާ އުންމީދުތަކާއި ބެހޭގޮތުންނެވެ. ޒަޔާންވެސް ކުރިއަށް ވިސްނާފައި ހުރި ކަންކަން އިޒާނީއާއި ހިއްސާ ކުރިއެވެ. ދެމީހުން ވާހަކައިގައި ތިއްބާ އިޒާނީގެ ފޯނަށް މެސެޖެއް ލިބުނެވެ. 

“ބައްޕަ އެ މެސެޖް ކުރީ. ދާންވީ ކަންނޭގެ ދޯ.” ޒަޔާންއަށް ދޯ ދެމުން އިޒާނީ ގަޑި ބަލާލި އިރު ދިހައެއް ޖަހާ ބޮޑު ވެއްޖެއެވެ. “އިޓްސް ޓޫ ލޭޓް.. ދިހަގަޑި ބައި ވީ.” އިޒާނީ ކަންބޮޑުވެފައި އިނުމުން ދާންވީ ކަމަށް ބުނެ ޒަޔާން ތެދުވިއެވެ. އަދި އިޒާނީއަށް އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފާ އިޒާނީ ތެދުވުމާއެކު ޒަޔާން އޭނާގެ އަތަށް ދަމާލިއެވެ. ސަމާލުނުވެ ހުރުމުން އިޒާނީގެ ހަށިގަނޑު ޒަޔާންގެ ހަށިގަނޑުގައި ‘ތަތްވެ’ އެކަތިގަނޑަކަށް ވިއެވެ. ޒަޔާންގެ ދެއަތް އިޒާނީގެ އުނަގަނޑުގައި ވަށާލިއިރު، އިޒާނީ ހުރީ އެއްވެސް ހަރަކާތެއް ކުރަން ނޭގިފައެވެ. އިޒާނީގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން ޒަޔާން ދުރަށް ޖެހެލިއެވެ.

“ސޮރީ.” ކުށްވެރިއެއް ފަދައިން އިސް އޮބާލަމުން ޒަޔާން ބުނެލިއެވެ. އަދި އިޒާނީ ގޮވައިގެން ޓާމިނަލްއަށް ދިޔުމަށް ހިނގައިގަތެވެ. ފެރީގައި ތިބި އިރު ވެސް ދެމީހުން ކުރެ އެކަކުވެސް ބަހެއް ނުކިޔައެވެ. މިރޭ ކުރެވުނު ކަމާއިމެދު ޒަޔާންއަށް ވިސްނެނީއެވެ. އިޒާނީ އެކަމާ ހިތްހަމަ ނުޖެހިދާނެތީ އޭނާ ކަންބޮޑުވިއެވެ. އެވަގުތު އަމިއްލަ ނަފްސަށް ބާރު ނުފޯރުވުނީ ކީއްވެ ހެއްޔެވެ؟

މާލެއަށް ފޭބުމާއެކު އިޒާނީ އަވަސް ވެގަތީ ގެއަށް ދިޔުމަށެވެ. އޭނާ ހިނގައިގަތުމުން ޒަޔާން ވެސް ސައިކަލަށް އަރާ އިޒާނީގެ ފަހަތުން ދިޔައެވެ. އޭނާ ގޮސް ގެއަށް ވަންނަންދެން ޒަޔާން ދުރުގައި ބަލަން އިނެވެ. 

ބާރު ހިނގުމެއްގައި ގޮސް އިޒާނީ ގޭޓުން ވަދެގެން ދިޔައެވެ. ގެއަށް ވަނުމާއެކު ސިޓިންގ ރޫމުގައި އޭނާގެ ބައްޕަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިތަން ފެނުނެވެ. ބައްޕަގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. އިޒާނީ ގެއަށް ވަދެގެން އައިތަން ފެނުމުން އާޒިމް އޭނާއާއި ދިމާލަށް ބަލާލީ ހިތްހަމަ ނުޖެހުމުގެ ނަޒަރަކުންނެވެ. 

“އިޒާނީ.. ދަރިފުޅު ކޮން ތާކުން ތި އައީ؟ ކޮން ހިސާބެއްގަ ހުރި ގެއަކުން؟” އާޒިމް ކުރި ސުވާލުތަކުން އޭނާއަށް ކޮންމެވެސް އެއްޗެއް އެނގޭހެން އިޒާނީއަށް ހީވިއެވެ. އެހެން ނަމަވެސް ކޮންމެވެސް އެއްޗެއް ބުނެ ބައްޕަ ހިތް ހަމަ ޖައްސާލާ އެކަމުން ސަލާމަތްވާން އިޒާނީ ބޭނުންވިއެވެ. 

“ސޮރީ ބައްޕާ. ކުޑަކޮށް ލަސްވީ.. ވިލިމާލޭ ފެރީ ޓާމިނަލް ކައިރީ ހުރި ގެއަކަށް ދިޔައީ..” އިޒާނީ ހަމަ ޖެހިލާފައި ބުނެލިއެވެ. އަދި ލަހުން އާދެވުނީތީ މައާފަށް އެދުނެވެ.

“އިޒާނީ. ދަރިފުޅު ދޮގު ނުހަދައްޗޭ. ދަރިފުޅު ދިޔައީ ވިލިމާލެއަށް.. އެހެންނު؟ އެވެސް ކޮންމެވެސް ލޯ ކްލާސް ފިރިހެނަކާއެކު.” އާޒިމް ބުނެލި ބަސްތަކުން އިޒާނީގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނާ އިސް ޖަހާލީ އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ހަމަ ޔަގީނުންވެސް ބައްޕައަށް ހުރިހާ ކަމެއް އެނގިއްޖެއޭ އޭނާ ހިތް ބުންޏެވެ. އޭނާ އެއްޗެއް ނުބުނެ ހުރުމުން އާޒިމް އޭނާގެ އަތުގައި ހިފާ ގެނަސް ސޯފާގައި ބޭންދިއެވެ. 

“އިޒާނީ. ވާހަކަ ދައްކާ. ވިލިމާލެ ދިޔައީ ކީއްކުރަން؟ އެ ފިރިހެން ކުއްޖާއަކީ އިޒާނީގެ ކާކު؟” އިޒާނީ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައި އިށީނދެ އާޒިމް ސުވާލުކުރަން ފެށިއެވެ. ބައްޕަ ނުރުހިފައި ހުރިތަން ބަލާކަށް އިޒާނީއަށް ކެތެއް ނުވިއެވެ. 

“ސޮރީ ބައްޕާ. އަޅުގަނޑު ދިޔައީ ފްރެންޑަކާއެކު. ހީ އިޒް އޮންލީ އަ ފްރެންޑް.” ހިތްވަރު ކޮށްފައި އިޒާނީ ވާހަކަ ދައްކަން ފެށިއެވެ. އެހާލަތުގައިވެސް ޒަޔާން ދިފާއު ކުރެވޭތޯ އޭނާ ބެލިއެވެ. 

“ބައްޕަ އަކަށް ނުވިސްނޭ ޖަސްޓް އަ ފްރެންޑަކާއެކު ވިލިމާލެއަށް ދަރިފުޅު ދާން ޖެހޭ ސަބަބެއް.. ބައްޕަމެން ދަރިފުޅުމެންނަކަށް ދޮގު ހަދާކަށް ދަހެއް ނުކޮށްދެން. އެކަމަކު ފުރަތަމަ އަހާލުމުންވެސް ދަރިފުޅު ހެދީ ދޮގު. ބައްޕަ އަބަދުވެސް ބުނަން، ތެދު ބުނާށޭ. އަމިއްލަ މީހާއާއި ދެކޮޅަށްވިޔަސް ބުނަންވާނީ ތެދު. ބައްޕަ ނޭދެން ދަރިފުޅަށް ދެރަ ގޮތެއް ވާކަށް. ތީ ބައްޕަގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު. ބައްޕަގެ އިއްޒަތާއި ގަދަރު. މާދަންވެސް ދަރިފުޅު ގޯސް މަގަކަށް އަޅައިފި ނަމަ ލަދުގަންނަން ޖެހޭނީ ބައްޕައަށް. އެހެންވެ ދަރިފުޅު އުޅޭ ނޫޅޭގޮތް ބައްޕަ ބަލަން ޖެހެނީ..” އާޒިމްގެ ރާގު ބަދަލުވިއެވެ. އިޒާނީ ދެކެ ވާ ލޯބި އޭނާގެ އަޑުން ހާމަވިއެވެ. 

“ސޯ ސޮރީ ބައްޕާ.” އިޒާނީގެ ލޮލުން ކަރުނަ ހިލިފައިވާ ހާލު އޭނާ ބައްޕަގެ ކިބައިން މައާފަށް އެދުނެވެ. “ދެން ދުވަހަކުވެސް ދޮގެއް ނުހަދާނަން. އެގޮތަށް ބޭރަކަށްވެސް ނުދާނަން..” ބައްޕައަށް ދޮގު ހެދުނީތީ އިޒާނީ އިނީ އިންތިހާއަށް ދެރަވެފައެވެ. ބައްޕަ ދެރަ ކުރުމަކީ އޭނާ ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ. ބައްޕަވެސް އޭނާ ދެރަވާ ފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ބުނި ކޮންްމެ ކަމެއް އެންމެ ފުރިހަމައަށް ކޮށްދެއެވެ. އަށާރަ އަހަރު ފުރުނު ދުވަހު، އިޒާނީ އަށް ނުވެސް އެނގި ހުޅުވާފަ ހުރި ބޭންކް އެކައުންޓެއްގެ ކާޑު ހަވާލުކުރިއެވެ. އެއީ އިޒާނީ ކިޔެވުމަށާއި ބޭނުންވާ އެހެން ކަންކަން ކުރުމަށް ބައްޕަ އެއްކޮށްދިން ފައިސާއެވެ. ބައްޕަގެ ވާޖިބު އެހާ ފުރިހަމައަށް އަދާކުރަމުން ދާއިރު، އެކަމުގެ އަގު ވަޒަން ކުރަންވާނެ ކަން އިޒާނީއަށް ވިސްނުނެވެ.

“ބައްޕަ ދަރިފުޅަށް މައާފު ކޮށްފިން.” އާޒިމް ހިތްހަމަ ޖެހުނު ކަން އަންގާލަމުން ހިނިތުންވެލިއެވެ. “ބައްޕަ އެހާ ހިތްހަމަ ޖެހޭ ގޮތެއް ނޫން ދަރިފުޅު ފިރިހެން ކުދިންނާއި އެއްކޮށް ބޭރަށް ދިޔުމަކީ. ދަރިފުޅު ބޯއި ފްރެންޑެއް ހުންނަ ނަމަ، ބައްޕަ އެދެނީ އެކުއްޖަކު މިގެއަށް އައިސް ދަރިފުޅާއި ބައްދަލުކުރުން.” އާޒިމް ބޭނުންވާގޮތް ހާމަ ކުރިއެވެ. “ބޭރަށް ނިކުތުމުން މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާ ހަދާނެ. އެގޮތް ދަރިފުޅުވެސް ލައިކެއް ނުވާނެހެން ބައްޕައަށް ހީވަނީ.” އަދި ސަބަބު ވެސް ބަޔާން ކޮށްދިނެވެ. 

“އޯކޭ ބައްޕާ..” އިޒާނީ ސޯފާއިން ތެދުވެ ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ ފުރަތަމަވެސް ފޯނު ނަގާ ޒަޔާންއަށް މެސެޖެއް ލިޔެލިއެވެ.

“ހައި. އައިމް ސޮރީ. ދެން މީޓްއެއް ނުކުރެވޭނެ.” ހިތާއި ދެކޮޅަށް އިޒާނީ މެސެޖް ފޮނުވާލިއެވެ.   (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ