މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން ލިބިފައި ހުރި ބައެއް ގެއްލުންތަކުގެ ފޮޓޯޓަކެއް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން އާންމުކޮށްފި އެވެ.
ހަތަރު ފަރާތުން ދަގަނޑު ހޮޅިތަކެއް ހަރުކޮށްފައި ހުރި ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ މިިދިޔަ މަހުގެ 16 ގަ އެވެ. ބްރިޖް ހަދާ ކުންފުނި، އެފްކޯންސް އަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
ވިލިމާލެ ފަރުގައި އެޅިފައި ހުރި ދަގަނޑުތަކާއި ކުނިތައް ސާފު ކުރުމަށް ފަހު ލިބިފައި ހުރި ގެއްލުންތައް ބަލައި އީޕީއޭ އިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުގައި ވަރަށް ފުން ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.
ދަގަނޑު ހޮޅިތައް ޖެހިގެން އައި އިމްޕެކްޓާއި ގޭނިގެން ފަރަށް ލިބިފައި ހުރި ބޮޑެތި ގެއްލުންތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. ސާވޭ ހަދަން އުޅުން އީޕީއޭގެ ބައެއް ޑައިވަރުން ވަޅުގަނޑުގެ ތެރެއަށް ފީނާފައި އެކީ ވަދެގެން ވެސް ފޮޓޯ ނަގާފައި އެބަހުއްޓެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ގެއްލުން ވެފައި ހުރީ ޕްލެޓްފޯމްގެ މައިގަނޑުގެ ބައިތަކުން ނޫން ކަމަށާއި އޭގެ ފައިތަކުން ކަމަށެވެ. ފެންނަ ވަޅުގަނޑުތަކަކީ ފައިތަކުން ލިބިފައި ހުރި ގެއްލުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް ވަޅުގަނޑުތައް ގާތްގަނޑަކަށް 10 ފޫޓަށް ވުރެ ފުން ނެވެ.
އީޕީއޭ އިން ކުރިން ބުނި ގޮތުގައި ބްރިޖުގެ ޕްލެޓްފޯމް ފުން ކުރަން ވެސް އުނދަގޫވީ އެ ނުނަގާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ޕްލެޓްފޯމްގެ ކަށިތައް ފަރު ތެރެއަށް ވަދެފައި ހުރުމާ ގުޅިގެނެވެ.


