ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) އިން ފަރަށް ލިބުނު ގެއްލުން ބެލުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކުރި ސާވޭގެ ރިޕޯޓު ބަލައިގަންނަން ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ދެކޮޅު ހަދައިފިއެވެ.
ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރީ މިދިޔަ އޮގަސްޓު 16 ގައެވެ.
ފަރަށް ލިބުނު ގެއްލުންތައް ބަލަން ކުރި ސާވޭ ނިންމުމަށްފަހު މިދިޔަ މަހުގެ 14 ގައި އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ފުރުސަތު ދިނެވެ. އަދި ރިޕޯޓު ޢާންމުކުރުން ލަސްވަނީ އެފްކޮންސްއިން ޖަވާބުދާރީނުވާތީކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ އެ އިދާރާއިން ކުރި ސާވޭއާމެދު ހިތްހަމަނުޖެހޭތީ އަމިއްލައަށް ސާވޭކުރަން ހުށަހެޅީ މީގެ ދެ ހަފުތާއެއް ކުރިން ކަމަށެވެ. އަދި އީޕީއޭއިން ސާވޭ ހެދިއިރު ވެސް އެ ކުންފުންޏަށް ބައިވެރިވުމުގެ ފުރުސަތު ދިން ކަަމަށާއި ނަމަވެސް ބައިވެރިވެފައިނުވާ ކަމަށެވެ.
އެފްކޮންސްއިން އެ ގޮތަށް ހުށަހެޅުމުން އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި އެ މުއްދަތު އަދި ހަމަނުވާކަމަށް ނަޢީމް ވަނީ ވިދާޅުވެފައެވެ.
އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


