ޝުކުރުގެ ޖިޒީއެއް

ރަންގަލަން ރިޕޯޓް އަރކައިވް އިޖުތިމާޢީ މީހުން ފަހުގެ

‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
މި ހިތާވެރި ޚަބަރު ލިބުމާއެކު ފުރަތަމަ ވެސް ހިތަށް އައީ އަޅުގަނޑުގެ ލޮބުވެތި ހެޑްމާސްޓަރ ރެފްރީކަން ކުރެއްވި ފުޓްބޯޅަ މެޗެއްގެ ހަނދާނެވެ. އޭރު އަޅުގަނޑަކީ ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ އެއް ހައުސްގެ ކެޕްޓަނެވެ. ކުޅެމުން ދިދަ ފުޓްބޯޅަ މެޗުގައި އަޅުގަނޑުގެ ޓީމުގެ ކެޕްޓަނެވެ. އެ މެޗަކީ ސްކޫލުގެ ސްޕޯޓްސްމީޓުގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެންމެ ގިނަ ދަރިވަރުންނާއި ބެލެނިވެރިން އިންތިޒާރު ކުރަމުންދިޔަ އިވެންޓެވެ. އެންމެން ވެސް އުންމީދު ހުރީ އެހެން އިވެންޓްތައް ނިމުނުލެއް ލަސްވުމާއެކު ފުޓްބޯޅަ މެޗް އޮންނާނީ އެހެން ދުވަހެއްގައި ކަމަށެވެ. އޭރު ފަހެއްޖަހާ ބޮޑުވެދާނެއެވެ. މޫނު އަނދިރިވަނީއެވެ. ކުއްލިއަކަށް ކަށިގަނޑު ފުމެ ދަނޑަށް ދެ ޓީމު ކުޅެން ނުކުތުމަށް އެންގެވީ ހެޑްމާސްޓަރެވެ. ރެފްރީ އަކީވެސް އެއީއެވެ. ހައިރާންވިއެވެ. އެކަމަކު ތާވަލުގައި މިއަދު އޮތްކަމެއް މާދަމާއަށް ލަސްކުރައްވަން ބޭނުންފުޅު ނުވީއެވެ.

ހިތްދަތިވި ދުވަހެކެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭނގެއެވެ. ފޯރިގަދަ ކުޅުމެކެވެ. އެކަމަކު ކުޅެގަންނާކަށް ފުރުސަތެއް ނުލިބެއެވެ. ކަށިގަނޑުގެ އަޑު ނުކެނޑެވެ. ދެކުއްޖަކު ކައިރި ވެލާއިރަށް އޮންނަނީ ގޮއްވާފައެވެ. ކުޅެން ލިބުނީ ފަނަރަ ވަރަކަށް މިނެޓުގެ ދެ ހާފެވެ. އެންމެ އަނދިރިވީ ވަގުތު އިދިކޮޅު ޓީމުގެ ހަލުވި ފޯވާޑް ނޫރާނީވިލާ ޢަލީ ޒާހިރަށް ލިބުނު ފުރުސަތެއްގައި ދުވެފައި ކުރިއަށް އަރައި އޭނާގެ ރަސްމީ ވާތު ފައިން ފޮނުވާލި ބާރު ބޯޅައެއް ލަނޑަކަށް ވެއްޖެއެވެ. އަޅުގަނޑުމެންނަށް ހީވީ ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ކަމަށެވެ. އޭރު އެގޮތަށްވަންނަ ގޯލަށް ކިޔަނީ މައްލާގޯލެވެ. ރެފްރީ ނިންމީ ލަނޑަކަށެވެ. ޝަކުވާކުރާނީ ކިހިނެއްތޯއެވެ. ރެފްރީ އަކީ ހެޑްމާސްޓަރެވެ. އެކަމަކު ވެސް އަޅުގަނޑު ދަންނަވާލީމެވެ. ވިދާޅުވީ ރެފްރީގެ ނިޔާއަކީ އެންމެ ފަހުގެ ނިޔާކަމަށެވެ. މެޗު ނިމުނީ އެ ނަތީޖާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޢަލީ ވަޙީދަކީ ވަރަށް ގޮތެއްގައި ހުންނަވާ ބޭފުޅެކެވެ. މާގިނަ ވާހަކަތަކެއް ދައްކަވައެއް ނޫޅުއްވައެވެ. ގިނަ ވާނީ ޢަމަލެވެ. އޭރުވެސް އަޅުގަނޑަކީ ބައްޕަގެ “ލައިބުރަރީ”ން ފޮތްކިޔާ ތާރީޚީ ވާހަކަތައް އަޑުއަހާ ސުވާލުކޮށް ހަދާ މީހެކެވެ. ޢަލީ ވަޙީދު މަނަދޫއަށް ވަޑައިގެން ސްކޫލް ހިންގެވި ދުވަސްވަރު އުޅުއްވި ގޮތުން އަޅުގަނޑު ހިތަށް އަރައެވެ. މުޙައްމަދު އަމީން ވެސް އުޅުއްވާނީ މިހެންނެވެ.

ހުރިހާ ކަމެއްގެ ޑީޓޭލަށް ބައްލަވާނެއެވެ. ވާނުވާ ކިޔައިދީ ބައްލަވައި މެނޭޖުކޮށް ހިންގަވާނެވެ. އެއީ ކަންތައްތަކަށް ލޯހުޅުވޭ ހިންގުންތެރިއެކެވެ. އިންތިޒާމުތައް ކުރައްވަމުން އެހެންއުޅުއްވާފައި ޝަރަފުވެރި މެހުމާނަކަށް ވެސް އިންނަވާނެއެވެ. ރެފްރީ އަކަށް ވެސް އެ އެރުއްވީތާއެވެ.

އޭގެފަހުން އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކުގައި ވެސް އަޅުގަނޑު ކުޅުނީމެވެ. ސިފައިންގެއަށް ވަދެ ވަރަށް ވަރުގަދަ މުބާރާތްތަކުގައި ވެސް ކުޅުނީމެވެ. މާފަންނު ސްޓޭޑިއަމްގައާއި ހެންވޭރުދަނޑުގައާއި ގަލޮޅު ދަނޑުގައި ވެސް ފޯރިގަދަ މުބާރާތްތަކެއް ކުޅުނީމެވެ. ފައިނަލް މެޗެއްގައި ގަލޮޅުގަނޑުގައި ކުޅެނިކޮށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހުގެ ފަހުން އެފެންވަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލަން މަޖުބޫރުވީއެވެ.

އެހުރިހާ ދުވަހަކު އެ ހުރިހާ ވާދަވެރި މެޗްތަކެއް އަޅުގަނޑުކުޅުނީ ލޮބުވެތި ހެޑްމާސްޓަރ ޢަލީ ވަޙީދާ އެކުގައެވެ. ކުޅުންތެރިން ހިތްހަމަ ނުޖެހި މާރާމާރީ ހިންގި މެޗްތަކުގައި ވެސް ދަނޑުމަތީގައި ހުންނަން ޖެހުނެވެ. ރެފްރީން ކަނޑައެޅިގެން ބޭއިންސާފުން ނިންމި ކިތަންމެ ނިންމުމެއް ދެކުނީމެވެ. ކިތަންމެ އަނިޔާއެއް ވެސް ވިއެވެ. އެކަމަކު އަޅުގަނޑަށް އެނގެއެވެ. ރެފްރީގެ ނިޔާއަކީ އެންމެ ފަހުގެ ނިޔާއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ހެޑްމާސްޓަރު ޢަލީ ވަޙީދު ދަނޑުމަތީގައި ހުންނަވައެވެ. އެ ހަމަނުޖެހުންގަނޑު ތަކުގެތެރެއަށް ވަނުމަށް މަނާކުރައްވައެވެ. އެ ދުވަހުން ފެންކަޅިވެފައި ހުރެގެން ދަނޑުން ފައިބަނިކޮށް ބޮލުގައި ފިރުމާ ލަމުން ވިދާޅުވި ވާހަކަފުޅު ކަންފަތުގައި ޖެހެއެވެ. މީ ކުޅިވަރެވެ. ކުޅިވަރުގައި ވާނީ މޮޅު ނޫނީ ބައްޔެވެ. ކުޅިވަރު ކުޅެންވާނީ ހުރިހާ ފަހަރަކު މޮޅު ނުވާނެކަމާއި ބަލިވާނެ ކަން ވެސް ގަބޫލުކުރެވޭ މީހުންނެވެ.

ކިޔަވައިދެއްވާ މުދައްރިސުންނަކީ ދަރިވަރުންގެ ހަޔާތުގައި ވަރަށް މުހިންމު ބައެކެވެ. ތަރުބަވީ މާހައުލުގައި ހުރިހާ ކަމަކީ ފޮތުގެ ދެލިގަނޑެއް ނޫނެވެ. އެ ބޭފުޅުންގެ ޚިދުމަތަށް ޙަޤީޤަތުގައި ޙައްޤު މިންވަރަށް ޝުކުރެއް އަދައެއް ނުކުރެވޭނެއެވެ. ކޮންމެ ދަރިވަރަކު ވެސް ވާނީ އެކަމުގައި ދަރަނިވެރިއަކަށެވެ. ކުޑަ ދުވަސްކޮޅެއްގައި ނަމަވެސް މުރާލި ހީވާގި ހެޑްމާސްޓަރު ޢަލީ ވަޙީދަކީ އަޅުގަނޑުގެ ލޮބުވެތި މުދައްރިސެކެވެ. އަޅުގަނޑު އަޅުގަނޑަށް ވުމުގައި ހިއްސާދާރެކެވެ.

އަޅުގަނޑުގެ ލޮބުވެތި ހެޑްމާސްޓަރު ސ. ހިތަދޫ ސްނޯ ވައިޓް ޢަލީ ވަޙީދު (މާވަޑި ޢަލީ ވަޙީދު) ނިޔާވި ޚަބަރު މި އެހީ ވަރަށް ފުން ހިތާމައާއެކުގައެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާ އަކީ މަރުޙޫމް ޢަލީ ވަޙީދުގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރުކޮށް ދެއްވުމެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.

ނޯޓް: މިއީ ފޭސްބުކްގައި 02 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ