އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަން ހާމަކުރައްވާފައި އޮތުމުން ރައްދު ދެއްވަ އެވެ. އޭގެ އިތުރަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
“މިފަހަރު ރައީސް ސޯލިހަށް ތާއީދުކުރެވޭކަށް ނެތް،” ގައުމީ މަޖިލީހުގެ ވަޓްސްއެޕްގްރޫޕްގައި ނަޝީދު ވިދާޅުވި އެވެ.
ރައީސަށް ތާއީދު ނެތް ކަމަށް ނަޝީދު ވިދާޅުވިއިރު މި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ދައުވަތު ދެއްވައި ރައީސް ބޭއްވެވި ބައްދަލުވުމަށް ވެސް ވަޑައިނުގަތުމަށް ނިންމަވައި ވިދާޅުވީ އެއްވެސް މަޝްވަރާއެއް، ބައްދަލުވުމެއް ބާއްވަވަން ބޭނުން ނުވާ ކަމަށެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމަނިކުފާނާ ވާހަކަ ދައްކަވައި ކަންކަން ކުރިއަށް ގެންދަވަން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުއާ ދެމެދު ގުޅުން ގޯސްވީ ވެސް ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން އެދިވަޑައިގަތް ހިސާބުންނެވެ. އެކަމަކު މިއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.