ބާރަށުގައި ތަރައްގީގެ މަސްރޫއުތައް މަޑުޖެހިފައިވާތީ ބާރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކައުންސިލްގެ 4 މެންބަރުން ސޮއިކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ 2000 ވުރެ ގިނަ މީހުން އުޅޭ އެރަށުގައި 2017 ވަނަ އަހަރު ފެށި ނަރުދަމާގެ ހިދުމަތް އަދިވެސް ފުރިހަމަ ނުވާކަމަށާއި އަދި ފެނުގެ ނިޒާމް ގާއިމުކުރުމަށް ދީފައިވާ މުއްދަތް ހަމަވަން ދާއިރު އެކަމުގެ ކުޑަ ޕަސަންޓެއްގެ މަސްކަތް ނިމުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
އަދި އެރަށު ކޯޓުގެ މަސައްކަތާއި ފެނަކަ އާއޮފީސްގެ މަސައްކަތާއި ރަށުގެ ނެރު ފުންކުރުން އަދި ފުޓުސަލް ދަނޑު މަސައްކަތް މިހާރު ވަނީ އެއްކޮށް ހުއްޓިފައިވާ ކަމަށްވެެެސް އެކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ރަށުގައި ޔޫތު ސެންޓަރެއްގެ މަސައްކަތް ބަޔަކާ ހަވާލު ކޮށް އޭގެފަހުން އެމަސްރޫއުގެ އެއްވެސްކަމެއް ނުކުރާއިރު އައުޓްޑޯ ޖިމަށް ގެނެސްފައިވާ ތަކެތި ދަބަރަށް ވެފައިވާކަމަށް އެކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައިވެއެވެ.
އަދި އެބަޔާނުގައިވަނީ ކައުންސިލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދޭން ބަޖެއްޓު ކުރި ނަމަވެސް އެކަމަށް މިހާތަނަށް ހައްލު ލިބިފައި ނުވާކަމަށާ އެހެން ކަމުން އެރަށު އަންހެނުންގެ ތަރަގީއަށް މަސްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ޖާގައެއް ދެވިފައި ނުވާކަމަށެވެ.
2023 ވަނަ އަހަރުގެ ބަޖެޓުގައި އެރަށައް ބެނޫންވާ ތަރައްގީގެ އެއްވެސް މަސްރޫއެއް ހިމަނާފައިނުވާކަމަށާއި އެރަށައްވުރެއް ކުޑަ އަބާދީ ތަކަށް މަސްރޫއުތަށް ހިންގާގޮތަށް އެރަށުގެ މަސްރޫއުތަށް ހިނގައިދިނުމަށް އެދިފައިވެއެވެ. އަދި މިހާރު މަސްރޫއުތަށް ހުއްޓިފައި ހުރުމުން ރައްޔިތުންގެ އުއްމީދުތައް ގެއްލި ރައްޔިތުން މާޔޫސްވާންޖެހިފައިވާތީ އެކަން ހަރުކަށި އިބާރަތުން ކުއްވެރި ކުރާކަމަށް އެކައުންސިލުން ބުންޏެވެ.
އަދި ބާރަށު ތަރަގީއަށް ބޭނުންވާ އެންމެހާއި ކަންކަމުގައި އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް އެކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.


