ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތަރު ޕަބްލިކް ސުކޫލާއި އެއް ޕްރައިވެޓް ސްކޫލް އެޅުމަށް އެޗްޑީސީން ބިން ހަވާލުކޮށްފިއެވެ.
ސަރުކާރުގެ 4 ސްކޫލް އެޅުމަށް ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.
ސަރުކާރުގެ ވަށާޖެހޭ ތައުލީމްގެ ހަރުދަނާ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އައު ހަތަރު ޕަބްލިކް ސްކޫލް ބިނާ ކުރުމަށް ނިންމާފައެވެ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމާއިއެކު ކުރެވުނު މަޝްވަރާތަކާއިއެކު މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައެޅިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައެވެ.
އެޗްޑީސީން ބުނީ ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި އަދި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ގާއިމްކުރެވޭ ސުކޫލަކީ 50،098.85 އަކަފޫޓުގެ ޖާގައިގައި ގާއިމްކުރެވޭ ސުކޫލެކެވެ. އަދި ޕްލޮޓް LZ-9 ގައި 50،098.85 އަކަފޫޓުގެ ސުކޫލު، ޕްލޮޓް N4-20 ގައި 66،777.84 އަކަފޫޓު އަދި ޕްލޮޓް N5-33 ގައި 70،710.53 އަކަފޫޓުގެ ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗް.ޑީ.ސީން ވަނީ އަމިއްލަ ފަރާތެއްކަމަށްވާ އައިލެންޑަރސް އެޑިއުކޭޝަނުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އެޅުމަށްވެސް ބިން ހަވާލުކޮށްފައެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަބްދުލް ރަޝީދެވެ. ސްކޫލް އެޅުމަށް 48000 އަކަފޫޓުގެ ބިމެއް ވަނީ ދީފައެވެ.
މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން އެކްރެޑިޓްކޮށްގެން ހިންގާ ސްކޫލަކަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރޕްލޭން އެކުލަވާލެވިފައިވަނީ އިޖްތިމާއީ އަދި އިޤްތިސާދީ ގޮތުން އާބާދުވަމުން އަންނަ މުޖުތަމައުއަކަށް ބޭނުންވާނޭ ހުރިހާ ޚިދުމަތަކާއި ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އާދިއްތަ ދުވަހު މި ސޮއިކުރި މަޝްރޫޢުތަކަކީވެސް އައު ފެށުމެއްގެ އުންމީދުގައި ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރަމުންދާ ރައްޔިތުންނަށް ގިނަގުނަ ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއްކަން އެޗްޑިސީން ވަނީ ފާހަގަކޮށްފައެވެ.