މިހާރު ކުރިއަށްދާ ފީފާވޯލްޑްކަޕްގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރުން މަނާކޮށްފައިވާތީ އެކަމާ ދެކޮޅަށް ޖަރުމަނުގެ ކުޅުންތެރިން ދަނޑުމަތީގައި އިހުތިޖާޖު ކޮށްފިއެވެ.
މެޗު ފެށުމުގެ ކުރިން، ޖަރުމަންގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންގެ ރަސްމީ ފޮޓޯ ނަގަން ކުޅުންތެރިން މަޑުކޮށްލައިގެން ތިބެ ފޮޓޯ އަށް ހުއްޓުނީ އަނގަމަތީގައި އަތް އަޅައިގެން ތިބެ އެވެ.
ޖަރުމަންގެ ކުޅުންތެރިން ހަޅުތާލު ކުރީ، ވިއްސާރަ ދުނީގެ ކުލަތައް ހިމަނައިގެން ފަރުމާކޮށްފައިވާ ކެޕްޓަން ބޭންޑް ނޭޅޭތީ އެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން ޖަރުމަން ހިމެނޭ ގޮތަށް ޔޫރަޕްގެ ހަތް ގައުމަކުން ވަނީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ކުރިން ބުނެފަ އެވެ. ނަމަވެސް، ކާޑު ދައްކާނެކަމުގެ ބިރަށް އެ ނިންމުން އެ ޓީމުތަކުން ފަހުން ބަދަލުކުރިއެވެ.
އަނެއް ހަ ގައުމަކީ، ބެލްޖިއަމް، ޑެންމާކު، ނެދަލެންޑްސް، ސްވިޒަލެންޑް، އިންގްލެންޑް އަދި ވޭލްސް އެވެ.
ގަތަރުގައި އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ ކަމަށް ބުނެ ޝަކުވާ ކުރި ޖަރުމަނަކީ އެ ގައުމަށް ހިޖުރަކުރާ މުސްލިމު ގައުމުތަކުގެ ރެފިއުޖީންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ގައުމެކެވެ. މިދިޔަ އަހަރު އަފްގާނިސްތާނުގެ ބާރުވެރިކަން ތޯލިބާނުން ހޯދުމުން އެ ގައުމު ދޫކޮށް ދިޔަ ރެފިއުޖީންނަށް އެހީވާން ވެސް ޖަރުމަނުން ދެކޮޅު ހެދިކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވޯލްޑް ކަޕް ފެށުމުގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ހިންގާ އިސްލާމް ފޯބިއާ ހަރަކާތްތައް މިފަހަކަށް އައިސް ޖަރުމަންގައި ވަނީ ފުޅާ ވެފަ އެވެ. އެކަން ހުއްޓުވުމަށް ޖަރުމަންގެ ސަރުކާރުން މަސައްކަތް ނުކުރާތީ އެ ގައުމަށް އޮތް ފާޑުކިޔުން ވެސް ބޮޑެވެ.