(02 ސެޕްޓެމްބަރ 2020 އާ ގުޅޭ)
“އައި ވިލް ކިޑްނެޕް ޔޫ އެންޑް މެރީ ޔޫ.” ޒަޔާން އެބުނީ އިޒާނީގެ ދޮންބެ ބުނި ގޮތަށެވެ. “އައި ވިލް ނެވާރ ލީވް ޔޫ އެލޯން.” އަދި ދުވަހަކުވެސް އިޒާނީ ދޫނުކޮށްލާނެ ކަމަށް ޒަޔާން ބުންޏެވެ. “އައި ރިއަލީ ލައިކް ޔޫ.” އެންމެ ފަހުން ޒަޔާންގެ ހިތުގެ އަޑު އޭނާ އިއްވާލިއެވެ. ފުލު ފުލުން އައި މެސެޖްތައް ކިޔަން އިން އިޒާނީގެ ތުންފަތް ދަމާލާ ހިނިތުންވެލިއެވެ. އޭނާއަށްވެސް ޒަޔާން ވަރަށް ކަމުދާކަމަށް ބުނެ މެސެޖް ފޮނުވާލިއެވެ. އަދި ފޯނު މޭގައި ޖައްސާލާ، އުފަލުން ނަށަން ފެށިއެވެ.
“އިޒޫ.. ޕިއްޒާ އިޒް ހިއާރ.” އިޒާނީއަށް ހަމަ ހޭވެރިކަންވީ އޭނާގެ ކޮޓަރި ދޮރުގައި އަޒާން ޓަކި ޖަހަން ފެށުމުންނެވެ.
އާ ދުވަހެކެވެ. އުޑުމަތީ ވިލާ ބޯވެފައި ވާތީ އިރުގެ ހޫނުކަން މާ ގަދައެއް ނޫނެވެ. އާޒިމްގެ ކަޅު ކުލައިގެ ކާރު އަމީނީ މަގުން ދުއްވާފައި އެދަނީ ހެންވޭރާ ވީ ކޮޅަށެވެ. ކުރީ ސީޓުގައި އިޒާނީ އޭނާގެ ކުޑަ ދަބަސް އުނގު މަތީ ބާއްވާލައިގެން އިނެވެ. ފަހަތު ސީޓުގައި އޭނާގެ ލެޕްޓޮޕް ދަބަސް ބާއްވާފައި އޮތެވެ. މިއީ ޒޯޔާގެ ގެއަށް އޭނާ ދާ ފުރަތަމަ ފަހަރެވެ. ކޮލެޖް މަސައްކަތެއް ކުރަން ކަމަށް ބުނެ އިޒާނީ އެގެއަށް އެ ދަނީ ޒަޔާންއާއި ބައްދަލުކުރާށެވެ. ޒޯޔާ ކިޔައިދިން ހިސާބަށް ދެވުނު އިރު އޭނާ މަގުމަތީގައި ނުކުމެ ހުރި ތަން އިޒާނީއަށް ފެނުނެވެ. އެހިސާބަށް ގޮސް އާޒިމް ކާރު މަޑުކޮށްލުމާއެކު އިޒާނީ ފޭބިއެވެ. އަދި ފުޅާ ހިނިތުންވުމެއް ޒޯޔާއަށް ރައްދުކޮށްލިއެވެ.
“ލެޕްޓޮޕް ނުގެންދަނީތަ؟” އިޒާނިމެން ގޭތެރެއަށް ވަނުމަށް ހިނގައިގަތުމުން އާޒިމް ގޮވާލިއެވެ. ޒަޔާންއާއި ބައްދަލުކުރަން ހިތް އަވަސްވެފައި ހުރުމުން ލެޕްޓޮޕް މަތިން އިޒާނީ ހަނދާނެއްވެސް ނެތެވެ. އޭނާ އަވަސް އަވަހަށް އައިސް ފަހަތު ދޮރު ހުޅުވާލަމުން ދަބަސް ނެގިއެވެ. އަދި މަސައްކަތް ނިމުމުން ގުޅާނެ ކަމަށް އޭނާގެ ބައްޕަ ގާތު ބުނެލިއެވެ. އޭނާ ދަބަސް ހިފައިގެން އައުމުން ޒޯޔާ އޭނާ ގޮވައިގެން ގޮސް ލިފްޓަށް އެރިއެވެ. އަދި އަށްވަނަ ފިތަށް އޮބާލިއެވެ.
ޒޯޔާމެންގެ ގެއަކީ އާދައިގެ ދެ ކޮޓަރީގެ އެޕާޓްމަންޓެކެވެ. އެ އިމާރާތުގެ ޓެރަހާއި އެއްކޮށް އެމީހުން ވަނީ އެތަން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައެވެ. އިޒާނީއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ކުޑަދޮރުން ބޭރުން ފެންނަ ހިތްގައިމު މަންޒަރަށެވެ. ގެނައި ދަބަސް ސޯފާގައި ބޭއްވުމަށްފަހު ކުޑަދޮރު ކައިރިއަށް ޖެހެލުމުން ސިނަމާލެ ބުރިޖާއި ރާޅުގަނޑުން ނަގާ ބިޔަ ރާޅުތައް ފެންނަމުން ދިޔައެވެ.
“ދެން ތިތާ ކޮޅަށްތަ ހުންނަނީ؟” އިޒާނީ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އަތް އަޅައިގެން ހުރުމުން ޒޯޔާ އަހާލިއެވެ.އޭނާ އެހެން ބުނުމުން އިޒާނީ އެތަނުުން ދުރަށް ޖެހިލަމުން އައިސް ޒޯޔާ ކައިރީގައި އިށީނދެލިއެވެ. އަދި ގޭގަ އުޅޭ އެހެން މީހުން ކޮބާތޯ ސުވާލުކުރިއެވެ.
“ދޮންބެ އެބައިން ޓެރެސްގަ..” ޒޯޔާ ހިތުން އޭނާ އެބުނީ އިޒާނީ އަޑު އަހަން ބޭނުންވި ޖުމުލައެވެ. އެއާއެކު އިޒާނީ ހިނިތުންވެލިއެވެ.
“މިބުނި މަންމަ ބައްޕަ ވާހަކަ.” ހިނިތުންވެފައި އިނދެ އިޒާނީ އޮޅުން ފިލުވައި ދިނެވެ.
“ނޭނގޭނެ އެއްނު.” ޒޯޔާ ހިނިގަނޑެއް ޖަހާލިއެވެ. ” ދޮންބެ ހޯދާކަށް ނޫންތަ ތި އައީ؟” ޒޯޔާ ސަމާސާ ކޮށްލިއެވެ. އަދި އޭނާގެ މަންމައަކީ ކަލާފާނު ސުކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށާއި، މިވަގުތު ވީ ޑިއުޓީގައި ކަމަށް ބުންޏެވެ. އަދި ބައްޕަވީ މަޖީދީ މަގުގައި އެމީހުން ހިންގާ ފިހާރައަށް ގޮސް ކަމަށް ބުންޏެވެ.
“ދެން އޭނި ކާކު؟ ޓީވީ ރެކު މަތީގައި ބައިންދާފައި އިން ފޮޓޯއަށް އިޝާރާތް ކޮށްލަމުން އިޒާނީ އަހާލިއެވެ. އެއާއެކު ޒޯޔާގެ އުފާވެރި މޫނު ކުއްލިއަކަށް ބަދަލުވިތަން އިޒާނީއަށް ފެނުނެވެ.
“އެއީ ދޮންތަ.. ޝީ ކޮމިޓްޑް ސުއިސައިޑް 2013 ގަ.” ރިހުން އެކުލެވިފައިވީ އަޑަކުން ޒޯޔާ ވާހަކަ ދެއްކިއެވެ. “އޭރު ޒޯއަށް ކިރިޔާ 18 ވީ.. މާ ބޮޑަކަށް ނޭނގެ ވީ ގޮތެއް. ހަމަ އެކަނި އިނގެނީ ޝީ ވޯޒް ރޭޕްޑް ކަން. ދެން އޭގެ ފަހުން ދޮންތަ ޑިޕްރެސް ވެގެން ކުރިި ކަމެއްކަމަށް ހީކުރީ. އެކަމު އަސްލު ޝީ ގޮޓް ޕްރެގްނެންޓް.. ޝީ މެރީ ކުރަން އުޅެނިކޮށް ހުރިހާ ކަމެއް ވީ..” އެވާހަކަތައް ކިޔާދީ ނިމުނު އިރު ޒޯޔާގެ ލޮލުން ކަރުނަތައް ވިދަން ފަށައިފިއެވެ.
“އައިމް ސޯ ސޮރީ.. ޑޯންޓް ބީ ސޭޑް.” ޒޯޔާއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ ގައިގައި ބައްދާލަމުން އިޒާނީ އޭނާގެ ބުރަކަށީގައި ފިރުމާލަދިނެވެ.
“އޯހ ޝިޓް.. ވަޓް އިޒް ގޮއިންގ އޮން ޔޫ ޓޫ؟” ޒަޔާންގެ އަޑަށް ދެމީހުން ދުރަށް ޖެހެލިއެވެ. ” ދެމީހުން ރޮމޭންސް ކޮށް ނިމިއްޖެއްޔާ ޓެރެސްއަށް އަންނަންވީނު.” ބޮއެފައި ހުރި ކޮފީޖޯޑު ގެނެސް ސިންކަށް ލަމުން ޒަޔާން ދެ އަންހެން ކުދިންނާއި ދިމާކޮށްލިއެވެ. އޭނާ ތިރިއަށް އެ ފޭބީ ދެމީހުން އާދޭތޯ ޓެރެސްގައި މަޑު ކޮށްކޮށް ނައިސްގެންނެވެ. ޒަޔާން ހުރީ އާދައިގެ ޓީޝާޓަކާއި ސޯޓުބުރިއެއް ލާފައެވެ. އަބަދު ފުނާއަާފައި ހުންނަ އިސްތަށިގަނޑު އޮތީ ތަރުތީބެއް ނެތި ހާވާލާފައެވެ. އިޒާނީ އޭނާއާއި ދިމާލަށް ބަލަން އިނުމުން އަތުގެ އިނގިލިތަކުން އޭނާ އިސްތަށިގަނޑުގައި ފުނާއަޅާލާ ތަރުތީބު ކޮށްލިއެވެ. އަދި އިޒާނީއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ކޮންމެ ފަހަރެކޭވެސް އެއްފަދައިން އިޒާނީގެ މޫނު ރަތްވެގެން ދިޔަތަން ޒަޔާންއަށް ފެނުނެވެ.
“ދޮންބެމެން ޓެރެސްއަށް ދާންވީނު. ޒޯ އަންނާނަން ނަގެޓްސް ތެއްލައިގެން.. އިޒޫ ކާނަން ދޯ؟” ޒޯޔާ ގޮސް ފްރީޒަރުން ނަގެޓްސް ޕެކެޓެް ނެގިއެވެ. އަދި ބަދިގެއަށް ވަނެވެ.
“ހިނގާ ދާން. ޝީ ވިލް ކަމް.” އިޒާނީއަށް އަތް ދިއްކޮށްލަމުން ޒަޔާން ބުނެލިއެވެ. ދެވަނަ ވިސްނުމަކާއި ނުލާ އެއަތުގައި އޭނާ ހިފިއެވެ. އަދި ޓެރެސްއަށް އެރުމަށް ހުރި ސިޑިން ދެމީހުން އަރައިގެން ދިޔައެވެ. ޓެރެސްއަށް އެރުމާއެކު އިޒާނީ އެތަނަށް ނަޒަރު ހިންގާލިއެވެ. އެތަނުގައި ގިނަ އަދަދަކަށް ގަސް އިންދާފައި ހުރި ޕޮޓްތައް ހުއްޓެވެ. އަދި ދަގަނޑު އުނދޯއްޔެއްވެސް ބަހައްޓާފައި ހުއްޓެވެ. އެތަނުގައި ހުންނަ އިރު މުޅި ސަރަހައްދު ހާމައަށް ފެންނަން އޮތެވެ. އިޒާނީ ގޮސް އިންދާފައި ހުރި ގަސްތަކާއި ކައިރިވެލިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ޒަޔާން ހުއްޓެވެ.
“މަންމަގެ މިރުސް ގަސްތައް.” ޒަޔާން އިޒާނީއާއި ފުރަގަހުން ގާތްވެލަމުން ބުނެލިއެވެ. އޭނާގެ އަތް އިޒާނީގެ ހަށިގަނޑުގައި ވަށާލިއެވެ. އަދި އިޒާނީގެ ކޮނޑުމައްޗަށް އެއްލާފައި ހުރި އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން އޭނާގެ ކޮނޑުގައި ޒަޔާންގެ ދަތްދޮޅި ޖައްސާލިއެވެ.
“ޔޫ ސްމެލް ސޯ ގުޑް.” އިޒާނީގެ ކަންފަތް ދޮށުން ވަސް ބަލާލަމުން ޒަޔާން ސަމާސާ ކޮށްލިއެވެ. އެވަގުތު އިޒާނީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ޒަޔާންއާއި ކުރިމަތި ވާނޭހެން އެނބުރުނެވެ. އިޒާނީ ދުރަށް ޖެހިލަން އުޅުމުން ޒަޔާން އޭނާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. އިޒާނީ ލަދުން އުޅޭގޮތް ފެނުމުން ޒަޔާން ގާތަށް ހިނިއަންނަ ގޮތް ވިއެވެ. އަދި އިތުރަށް ޒަޔާންގެ ގަޔާ އިޒާނީ ގާތްކޮށްލިއެވެ.
“ސޯ؟ ހެޕީ ތަ؟” އިޒާނީ ބަހެއް ނުބުނެ ހުރުމުން ޒަޔާން ވާހަކަ ފެށިއެވެ. ހޫނ އަޅުވާލަމުން އިޒާނީ ބޯޖަހާލިއެވެ. “ދެން ތިހާ ލަދުން އުޅޭ އެއްޗެއް ނޫނޭ، ޕްރިންސެސް. އައި ލައިކް ޔޫ. ޔޫ ލައިކް މީ. ސޯ؟” ޒަޔާން އޭނާގެ ދެއަތުން އިޒާނީގެ ދެއަތް ނަގާ ޒަޔާންގެ ކޮނޑުމަތީ ބޭއްވިއެވެ. އަދި އިޒާނީ ގެނެސް މޭގައި ފޮރުވާލިއެވެ.
“އަންނަ ތާޒްޑޭގަ އެބޮތް ދޮންބެގެ ވެޑިންގ. އައި ވޯޒް ތިންކިންގ ޒަޔާން ގެންދަން..” ޒަޔާންގެ ކޮނޑުގައި ދެއަތް ވަށާލައިގެން ހުރެ އިޒާނީ ވާހަކަ ދެއްކިއެވެ. “އޭރުން ދޮންބެ މެންނާވެސް މީޓް ވާނެ އެއްނު.” އިޒާނީއަށް ފެންނަ ގޮތް އޭނާ ހިއްސާކުރިއެވެ. ޒަޔާންވެސް އެހިޔާލަށް ތާއީދު ކުރިއެވެ. އަދި ދެމީހުން ވާހަކަ ދައްކަމުން ގޮސް އުނދޯލީގައި އިށީނދެލިއެވެ. ޒޯޔާ އެތަނަށް އައީ އެވަގުތުއެވެ. އޭނާގެ ދެއަތުގައި ތަށިތައް ހުރުމުން އިޒާނީ ތެދުވެ ޒޯޔާއަށް އެހީވިއެވެ. ތިން މީހުން ސަކަރާތުގައި ތިއްބާ އުޑުމަތި ބަނަކޮށްލާ، ވާރޭ ކަނި ޖަހަން ފެށިއެވެ. ޒޯޔާ ތެމެން ބޭނުން ނުވާ ކަމަށްބުނެ އެއްޗެހިތައް ހިފައިގެން ދުވެފައި އެތަނުން ދިޔައެވެ. ޒަޔާންއާއި އިޒާނީ އަނެއްކާވެސް އެކަނިވީއެވެ. އިޒާނީވެސް ހިޔާވުމަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ހުށިޔާރުކަމާއެކު ޒަޔާން އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ތެމޭނެ އެއްނު..” އިޒާނީ އެހެން ބުނުމާއިއެކު ބޯކޮށް ވާރޭ ވެހެން ފެށިއެވެ.
“ތީ ވޯޓާ ޕްރޫފް ކުއްޖެއް ނޫންތަ؟” ޒަޔާން އިޒާނީ ގެނެސް މޭގައި ބޮނޑިކޮށްލިއެވެ. ޒަޔާން ކޮށްލާ ސަމާސާ ތަކުން އިޒާނީގެ ހިތް އުފާކޮށްދެއެވެ. ވެހެމުން ދިޔަ ބޯ ވާރޭގައި ދެމީހުން ތިބީ އެކަތި ގަނޑަކަށްވެފައެވެ. އެދެމެދަށް ވާރޭގެ ފެން ތިއްކެއްވެސް ނުވަދެވޭނެ ފަދައިންނެވެ. ޒަޔާން މަޑުމަޑުން އިޒާނީ ގަޔާ ދުރުކޮށްލަމުން އޭނާގެ މޫނުގައި ދެއަތުން ހިފާލިއެވެ. އަދި އޭނާގެ މޫނު އިޒާނީގެ މޫނާއި ގާތްކޮށްލިއެވެ. އިޒާނީ ލޯމަރާ ފިއްތާލީ ދެން ވާނެ ގޮތެއް އޭނާއަށް ނޭނގޭތީއެވެ. އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެންފެށިއެވެ. ޒަޔާންގެ ނޭވާ އިޒާނީގެ މޫނަށް އެޅުނު އިހުސާސް އޭނާއަށް ކުރެވުނެވެ. ގުޑިވެސް ނުލާ އޭނާ ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ހިނދުކޮޅެއްގެ ތެރޭގައި ޒަޔާންގެ މަޑު ތުންފަތް އިޒާނީގެ ތުންފަތުގައި ބީހިލިއެވެ.
“ޔަމް.. ސްޓްރޯބެރީ.” އިޒާނީގެ މޫނާއި މޫނު ދުރުކޮށްލަމުން ޒަޔާން ބުނެލިއެވެ. އިޒާނީ ލޯ ހުޅުވާލި އިރު ޒަޔާންގެ މޫނުމަތީގައި ފެންނަން ހުރީ ލާނެއް ހިނިތުންވުމެކެވެ. ޒަޔާންގެ އަތުން ވީއްލިގެން ދުއްވައި ގަންނަން އިޒާނީ ބޭނުންވިއެވެ. ނަމަވެސް ޒަޔާންގެ އަތުތެރޭގައި އޭނާ ހައްޔަރުވެފައި ހުރި ކަހަލައެވެ.
“އައި ލަވް ޔޫ.” ޒަޔާންގެ މޫނު އަނެއްކާވެސް އިޒާނީގެ މޫނާއި ކައިރިކޮށްލަމުން އޭނާ ބުނެލިއެވެ. އަދި ނުހަނު ލޯބިން އިޒާނީގެ ތުންފަތުގައި ބޮސްދިނެވެ. އިޒާނީގެ މުޅި ހަށިގަނޑުގައި ރާޅު ބާންޏެއް އުފެދުނު ކަހަލައެވެ. ހިތް އަވަސްވެ ލޭ ދައުރުވުން އިތުރުވެގެން ދިޔައެވެ. އޭނާގެ ގައިން ވަރު ދޫވެ ޒަޔާންގެ ކަނދުރާގައި ދެއަތް ވަށާލިއެވެ. އެއާއެކު އިޒާނީގެ ލުއި ހަށިގަނޑު ޒަޔާންގެ ބާރުގަދަ ދެއަތުން އުފުއްލާލިއެވެ. ލިބުނު ފޮނި އަރާމާއި ލައްޒަތުން އެ ހިނދުކޮޅު ނިމެން އިޒާނީވެސް ބޭނުން ނުވާ ކަހަލައެވެ. މުޅި ހަޔާތުގައިވެސް އެފަދަ އިހުސާސެއް އޭނާ ތަޖުރިބާއެއް ނުކުރެއެވެ.
“އައި ލަވް ޔޫ، އިޒާނީ.” ޒަޔާން ތަކުރާރުކޮށް ބުނެލިއެވެ. އިޒާނީގެ ޖަވާބަކަށް އޭނާ އިންތިޒާރު ކުރާ ކަހަލައެވެ. “އައި ލަވް ޔޫ ޓޫ ޒަޔާން.” ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަ ކުރިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ވީ އިޒާނީގެ އާއިލާއަށް ވަރަށް ހާއްސަ ރެއަކަށެވެ. އެއީ އެ އާއިލާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކައިވެނި ކުރެވޭ ރެއެވެ. ހުޅުމާލޭގައި ހުރި ‘ޕަނާޝް ނައިޓްސް އިން’ ހޮޓެލްގެ ޓެރެސް އޮތީ ރަން ކުލައިގެ ބޮކިތަކުންނާއި މާތަކުން ޒީނަތްތެރި ކޮށްލާފައެވެ. ގަޑިން އަށްގަޑި ބައި ވީ އިރު ކައިވެނި ކޮށްދޭ މީހުން އައެވެ. އެވަގުތު އެތަނުގައި ތިބީ ހަމައެކަނި ދެމީހުންގެ އާއިލާއަށް ނިސްބަތްވާ މީހުންނެވެ. ގާޒީ އިށީނުމުން ދެން ތިބި އެންމެވެސް ގޮނޑިތަކުގައި އިށީނދެ ހަމަޖެހެލިއެވެ. އަދި އެހިސާބުން ކައިވެނީގެ މަޖިލިސް ފެށިގެންދިޔައެވެ.
ކައިވެނިކޮށް ނިމުމާއެކު ޕާޓީ ފެށުނެވެ. އަލަތު ދެމަފިރިން އެދެމީހުންނަށް ހާއްސަ ކުރެވިފައި ހުރި ތަނުގައި މަޑުކޮށްލައިގެން ތިއްބެވެ. ރަން ކުލައިން ޖަރީކޮށްފައި ހުރި ހުދު ކުލައިގެ ވެޑިންގ ޑްރެސްގައި ޝާނާ ފެންނަގޮތް ވަރަށްވެސް ހިތްގައިމެވެ. ކޮށްފައި ހުރީ ދުވަހާ ގުޅޭ ފުރިހަމަ މޭކަޕެކެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ އޮމާންކޮށް، ބޮޑު ހުޅިއެއް ޖަހާފައެވެ. ޝާނާއެކޭ އެއްގޮތަށް އަޒާންވެސް ހުރީ ހަފްލާއަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އޭނާ ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާނެ ކަން ޔަގީނެވެ.
ހޮޓެލްގެ ލޮބީގައި އިޒާނީ މަޑުކޮށްލައިގެން ހުރީ ޒަޔާން އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އޭނާ ހުރީ ކްރީމް ކުލައިގެ މެކްސީ ޑްރެސްއެއް ލާފައެވެ. އޭނާގެ ހިމަ ތޮޅި ހަށިގަނޑާއި އެ ހެނދުން ވަރަށް ގުލެއެވެ. އުނަގަނޑުގައި ރަން ކުލައިގެ ބެލްޓެއް އަޅާފައި އޮތުމުން އެ އުނަގަނޑު މާ ބޮޑަށްވެސް ހިމަ ކަމަށް ދައްކައެވެ. ބޮލުގައި ހުޅިއެއް ޖަހާފައި ހުރުމުން އޭނާގެ ދޮން ކަނދުރާ އޮތީ ހާމައަށް ފެންނާށެވެ. އާދައިގެ މަތިން ލުއި މޭކަޕެއް ކޮށްފައި ހުރި ނަމަވެސް ތުންފަތުގައި ގަދަ ރަތް ކުލައެއް ޖައްސާފައި ހުއްޓެވެ. ތިން އިންޗީގެ އުސް ފައިވާނަކަށް އަރާފައި ހުރި އިރު އޭނާ އިތުރަށް ދިގު ކަމަށް ދައްކައެވެ. އޭނާ އިރު އިރުކޮޅާ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލައެވެ.
ލޮބީގެ ސޯފާގައި އިށީނދެލައިގެން އިންދާ އޭނާއަށް ޒަޔާން ވަދެގެން އަންނަތަން ފެނުނެވެ. އަވަސް ހިނގުމެއްގައި އޭނާ ޒަޔާންއާއި ދިމާލަށް ދިޔައެވެ. ހުދު ކުލައިގެ ގަމީހާއި ކާކީ ކުލައިގެ ފަޓުލޫނެއް ލާފައި ހުރުމުން އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. ގަމީސް ހުރީ ރީތިކޮށް ބެގީކޮށްފައެވެ. އަދި އަބަދުވެސް ބޯ ސްޓްއިލް ކޮށްފައި ހުންނަ ގޮތަށް އޭނާގެ ބޯ ސްޓައިލް ކޮށްފައި ހުއްޓެވެ.
“ސޮރީ، ބޭބީ. ލަސްވީ ޕެޓްރޯލް އަޅަން ޖެހުނީމަ.” ލަސްވީ ސަބަބު އޮޅުން ފިލުވާ ދެމުން ޒަޔާން މައާފަށް އެދުނެވެ. “ޔޫ ލުކް ސޯ ބިއުޓިފުލް.” އަދި އިޒާނީގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. އިޒާނީ ހިނިތުންވެލީ ޒަޔާން ހުރިހާ ވަގުތަކުވެސް އޭނާދެކެ ވާ ލޯބި އެކި ގޮތް ގޮތުން ހާމަ ކުރާތީއެވެ. ލަސް ނުކޮށް ދެމީހުން ގޮސް އެރީ އެތަނުގައި ހުރި ޕްރައިވެޓް ލިފްޓަށެވެ. ދެމީހުން ލިފްޓުގައި އެކަނި ވުމުން ޒަޔާންގެ ލޯބިވެތި ގޯނާތައް އިޒާނީއަށް އަމާޒުވިއެވެ.
“ސްޓޮޕް ދެން ޒަޔާން..” ލިފްޓުގެ ދޮރު ހުޅުވެން ފެށުމުން އިޒާނީ ބުނެލިއެވެ. ޒަޔާންއަށްވުރެ ކުރިން އޭނާ ލިފްޓުން ފޭބިއެވެ. އަދި ދެމީހުން އެކުއެކީ ގޮސް އަޒާންއާއި ޝާނާއަށް މަރުހަބާ ކިއެވެ.
“ދޮންބެ، މައި ފްރެންޑް ޒަޔާން.” އިޒާނީ ދެމީހުން ތައާރަފް ކޮށްދިނެވެ. އަދި މާ ގިނަ އިރު ނުކޮށް އެތަނުން ދުރަށް ޖެހެލިއެވެ.
“ހޫޒް ދެޓް؟” ޒަޔާން މީހަކަށް އިޝާރާތް ކޮށްލަމުން އިޒާނީ ކުރެން އަހާލިއެވެ. އިޒާނީއަށް ނޭނގޭ އެތަށް ބައިވަރު މީހުން އެތަނުގައި ތިއްބެވެ. “ޔޫ ނޯ ހިމް؟” ޒަޔާން އަނެއްކާވެސް އަހާލިއެވެ.
“ކޮބާތަ؟” ޒަޔާން އެބުނި ދިމާލަށް ބަލާލަމުން އިޒާނީ އަހާލިއެވެ.
“އޭނީ އެއްނު ހުދު ގަމީހެއް ލާފަ. ގޯލްޑް ބުރުގާ އަޅާފަ ހުރި އަންހެނެއް ކައިރީގަ. ތުނބުޅީގަ ނުރަ، ޖަހާފަ އައިނެއް އަޅާފަ..” ޒަޔާންއަށް އެހިސާބަށް ބުނެވުމާއެކު އިޒާނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ދެޓްސް މައި ޑޭޑް. ދެން އޭނި މޮމް.” ހެމުން ހެމުން އިޒާނީ ކިޔައިދިނެވެ. ނަމަވެސް ޒަޔާންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނުނެވެ. (ނުނިމޭ)