ޔާމީންގެ ޝަރީއަތުގެ ރިޕޯޓު ކޯޓުން ދޫކޮށްފި

ޚަބަރު ފަހުގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވުމާ ގުޅިގެން އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވި ލަސްވަނީ ހުކުމުގެ އިސްތިއުނާފު ތައްޔާރުކުރަން ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ މަހުޟަރު ބަޔާންތައް ކޯޓުން ނުދޭތީ ކަމަށެވެ.

ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންގެ ވަކީލުންނަށް ރިޕޯޓު ދޫކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ “ބުރަ ދުވަސްކޮޅެއް” ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަނީ ބަންދު ދުވަސްތައް ނުލާ 14 ދުވަހުގެ މުއްދަތެކެވެ. އެ 14 ދުވަސް ހަމަވާން އޮތީ މިއަދެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ