ކޮވިޑާ ދިމާކޮށް ހުއްޓާލާފައި އޮތް ޗައިނާގެ ދަތުރުތައް ރާއްޖެ އަށް މިއަދު އަލުން ފަށައިފި އެވެ.
މިއަދު ރާއްޖެ އައި ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިނުން 198 މީހުން އައިސްފައިވެ އެވެ. ޗައިނާ އަކީ ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓެވެ. ނަމަވެސް ފާއިތުވި ތިން އަހަރެއްހާ ދުވަހު ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައިސްފައެއް ނުވެ އެވެ. ޗައިނާގެ ބޯޑަރުތައް ހުޅުވައިލީ މި މަހުގެ 8 ގަ އެވެ.
ބެއިޖިން ކެޕިޓަލް އެއާލައިނުން މިއަދު ފެށި ދަތުރުތައް ކުރާނީ ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ބެއިޖިން ކެޕިޓަލް އެއާލައިނުން ހަފުތާއަކު 4 ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ 306 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.
ބެއިޖިން ކެޕިޓަލް އެއާލައިން ރާއްޖެ އަށް ދަތުރުތައް ފެށުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ޙާއްސަ ހަރަކާތެއް ވެސް ބާއްވާފައެވެ. އެ ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބެއިޖިން ކެޕިޓަލް އެއާލައިންގެ އިތުރުން، ޗައިނާގެ އިތުރު ދެ އެއަރލައިނަކުން ވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ޗައިނާ އީސްޓަން އެއަރާއިނާއި އާއި ހޮންގްކޮން އެއާލައިނެވެ.
އީސްޓަން އެއާލައިނުން ދަތުރުތައް ކުރާނީ މި މަހުގެ 28 އިން މާޗް މަހުގެ 25 ގެ ނިޔަލަށެވެ. އަދި ހޮންކޮންގް އެެއާލައިންގެ ދަތުރުތައް ކުރާނީ މާޗް މަހުގެ 23 އަށެވެ.


