ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

(06 ސެޕްޓެމްބަރ 2020 އާ ގުޅޭ)

“ދެޓްސް މައި ޑޭޑް. ދެން އޭނި މޮމް.” ހެމުން ހެމުން އިޒާނީ ކިޔައިދިނެވެ. ނަމަވެސް ޒަޔާންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނުނެވެ. ޒަޔާންއަށް އައި ކުއްލި ބަދަލު ފެނުމުން، ވީ ކީއްތޯ އިޒާނީ އަހާލިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ސޮރީ.. އައި ޑިޑިންޓް ނޯ އެއީ އިޒޫގެ ބައްޕަ ކަމެއް.” ޒަޔާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. 

“ބައްޕަމެންނާ މީޓް ކޮށްލާނަންތަ؟” ޒަޔާންގެ އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާލަމުން އިޒާނީ އަހާލިއެވެ. ބައްޕައާއި ބައްދަލުކުރަން މާ އަވަސް ކަމަށް ބުނެ ޒަޔާން ދެކޮޅު ހެދިއެވެ. ކޮންމެވެސް ދުވަހަކުން އިޒާނީގެ ބައްޕައާއި ބައްދަލު ކުރާނޭ ކަމަށް އޭނާ ބުނެލިއެވެ. އަދި ޕާޓީ ނުވެސް ނިމެނީސް ގެއަށް ދިޔުމަށް ބޭނުންވާ ވާހަކަ އިޒާނީ ގާތު ބުނެލިއެވެ. 

ގެއަށް ދެވުމާއެކު ޒަޔާން ގޮސް ޓެރެސްއަށް އެރިއެވެ. ރީތި ވައިރޯޅި ޖެހެމުން ދިޔައިރުވެސް ޒަޔާންގެ ނިއްކުރި މަތީގައި ދާ ތިކިތައް ވިދަން ފެށިއެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެނީއެވެ. ނޭވާ ވަނީ އަވަސްވެފައެވެ. އެކަމަށް ލުޔެއް ލިބޭތޯ ގަމީހުގެ ބެގީ ނައްޓާލާ، ކަރު ގޮށާއި އެކު އިތުރު ދެގޮށް ވެސް އޭނާ ނައްޓާލިއެވެ. އެއަށްފަހު މުޅި މޫނު މަތީގައި ދެއަތް ހާކާލިއެވެ. އަދި އެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާލިއެވެ. 

މަޑު ހިނގުމެއްގައި ޒަޔާން ގޮސް އެތަނުގައި ހުރި އުނދޯލީގައި އިށީނދެލިއެވެ. ހަޔާތުގެ ސަފުހާތައް ފަހަތަށް އުކެމުން ގޮސް 2013 ވަނަ އަހަރުގައި މަޑުޖެހުނެވެ. އޭރު ޒަޔާންއަށް އެކާވީސް އަހަރެވެ. އޭރު ޒަޔާން މަސައްކަތް ކުރަމުން ދިޔައީ އެއާޕޯޓް ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައެވެ. ޒަޔާންމެންގެ އާއިލާ އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. މާ ތަނަވަސް ނޫނަސް އެމީހުން އުޅެމުން ދިޔައީ ސާދާ، ފުދުންތެރި ދިރިއުޅުމެކެވެ. އެ އުފާވެރި އާއިލާ ހާސްކަމެއްގެ ތެރެއަށް ވެއްޓުނީ، އެ އާއިލާގެ އެންމެ ބޮޑަށް ހުރި އަންހެން ކުއްޖާ، ޒައިނާއަށް އައި ކުއްލި ބަދަލުތަކުންނެވެ.

ޒައިނާ އަދާކުރަމުން ދިޔައީ ސަރުކާރު އޮފީހެއްގައެވެ. އޭނާއަކީ އެންމެންނާއި ގުޅޭ، މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ހަފްތާ ބަންދުގައި އޮފީސް ކުދިންނާއިއެކު ރިސޯޓަކަށް ނުވަތަ ވިލިމާލެއަށް ދިޔުމަކީ އޭނާ އާންމުކޮށް ކުރާ ކަމެކެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އޭނާއާއި އެކު އެއް އޮފީހެއްގައި ވަޒީފާ އަދާ ކުރަމުން އައި ނާއިފްއާއެވެ. އެމީހުން ކައިވެނި ކުރަން ނިންމާފައި އޮތީ ހަމަ އެ އަހަރުއެވެ. 

އާދައިގެ މަތިން ޒައިނާއާއި އިތުރު ތިން ކުދިން ހަފްތާ ބަންދުގައި ރިސޯޓަކަށް ދިޔައެވެ. ޕަނާޝް ދޮންވެލި ރިސޯޓް އެންޑް ސްޕާ ގައި އެމީހުން ދެ ރޭ މަޑުކުރިއެވެ. ޒައިނާ އެ ދަތުރު ނިންމާލުމަށްފަހު ގެއަށް އައި އިރު، މުޅި މީހާ ހުރީ ބަދަލުވެފައެވެ. އޭނާގެ ސަކަ މިޒާޖު ހަމަ ހިމޭން ކަމަށް ބަދަލުވިއެވެ. އަބަދު ހިނިތުންވެފައި ހުންނަ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތް ފަދައެވެ. އަބަދު ކޮންމެވެސް ކަމެއްގައި މަޝްއޫލުވެގެން އުޅުނު މީހާ ގަބުވެފައި އިންނަ ވަގުތުތައް ގިނަވިއެވެ. ކޮޓަރިން ބޭރަށް ނިކުންނަ ވަގުތުތައް މަދު ވިއެވެ. މި ބަދަލު އެންމެނަށް ފާހަގަވެގެން ސުވާލު ކުރި ނަމަވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ.

ޒަޔާންއަށް އޭނާގެ ދައްތަ އެހެން އުޅޭތަން ބަލާކަށް ކެތެއް ނުވިއެވެ. އޭނާ ދައްތައާއި ވާހަކަ ދައްކަން ގަސްދުކުރިއެވެ. ޒައިނާ ހޯދަމުން ދަނިކޮށް ފެނުނީ ޓެރެސްމަތީ ހުއްޓައެވެ. 

“ދޮންތާ..” ޒަޔާން ގޮސް ޒައިނާ ކައިރީގައި ހުއްޓުނެވެ. “ދޮންތަ ބަލީތަ؟ އޮފީހުގަ ކަމެއް ވީތަ؟ ރިސޯޓުގަ ކަމެއް ވީތަ؟” ރިސޯޓުގައި ކަމެއްވީތޯ އަހާލުމުން ޒައިނާ ކުއްލިއަކަށް ޒަޔާންއާއި ފުރަގަސް ދެމުން އަނެއް ފަރާތަށް އެނބުރުނެވެ. 

“މިހާރު ކިހާ ދުވަހެއްވީ ތިހެން އުޅޭތާ.. ދޮންތައަށް ކޮންމެވެސް ކަމެއް ވެއްޖެ ކަން ޔަގީން. ޕްލީޒަ ކިޔާދީބަލަ. ޓްރަސްޓް މީ، ދޮންތާ.” ޒައިނާ އަނގައިން ނުބުނުމުން އަނެއްކާވެސް ޒަޔާން ވާހަކަ ދެއްކިއެވެ. އަދި ޒައިނާގެ ދެ ކޮނޑުގައި ހިފާލިއެވެ. އެއާއެކު ޒައިނާގެ ގަޔަށް ކަރަންޓު ޖެހުނު ކަހަލައެވެ. އޭނާ ސިއްސައިގެންގޮސް ދުރަށް ޖެހުނެވެ. ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. 

“ޕްލީޒް.. ޕްލީޒް. އަހަރެން ގައިގަ އަތް ނުލާ.. އަހަންނަށް ތިހެން ނުހަދާ..” ފަހަތަށް ޖެހެމުން ގޮސް ރެއިލިންގައި ޖެހުމުން ޒައިނާ ރޯން ފެށިއެވެ. އަދި ދެއަތް ޖޯޑު ކޮށް އާދޭސް ކުރަން ފެށިއެވެ. ޒަޔާން އޭނާއާއި ދިމާލަށް އަންނަން ފެށުމުުން ޒައިނާ ރެއިލިންގ މައްޗަށް އަރަން އުޅުނެވެ. ޒަޔާންއަށް ދުވެފައި ގޮސް އޭނާ ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. 

“ދޮންތާ… މީ ޒަޔާންއޭ.. ހަމަޖެހިބަލަ.” ޒައިނާ ގައިގައި ބާރަށް ހިފަހައްޓައިގެން ހުރެ ޒަޔާން ތަކުރާރުކޮށް ބުނަމުންދިޔައެވެ. އޭރުވެސް ޒަޔާންގެ އަތެރެއިން ވީއްލިގެން ދިޔުމަށް ޒައިނާ ގަދަ ހަދަމުން ދިޔައެވެ. އެހިސާބުން، ޒައިނާ ނުބުންޏަސް ކަން ވީ ގޮތް ޒަޔާންގެ ސިކުނޑިއަށް ވިސްނުނެވެ.  

“ދޮންތާ. ކާކު ދޮންތައަށް ތިހެން ހެދީ؟” ޒަޔާން ކުރި ސުވާލު އަޑި އުވުމާއެކު، ކުޑަކުއްޖެއް ފަދައިން ޒައިނާ ބަޑި ފަޅައިގެން ދިޔައެވެ. އޭނާގެ ގައިން ވަރު ދޫވެ ހުރިގޮތަށް ތިރިވިއެވެ. ޒައިނާ ހިމާޔަތް ކޮށްދީގެން ޒަޔާން އިނެވެ. އޭނާ ބޭނުންވަރަކަށް ރޯލަން ޒަޔާންގެ ކޮނޑު ދީގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ޒައިނާގެ ގައިން ޒަޔާން ދޫކޮށެއް ނުލައެވެ. ޒައިނާ ހަމައަކަށް އެޅެންދެން އޭނާ މަޑުކުރިއެވެ.

“ދޮންތާ.. ކާކުތަ؟ ނާއިފްތަ؟” ޒައިނާގެ މޫނުގައި ދެއަތުން ހިފާލަމުން ޒަޔާން އަހާލިއެވެ. އޭނާގެ އަޑު މަޑެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ ޒައިނާ ބުނެލިއެވެ. އޭނާ ގޮވައިގެން ޒަޔާން ގޮސް އުނދޯލީގައި އިށީނެވެ. އޭނާ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނާގެ ދައްތައަށް އެފަދަ ގޮތެއް ހެދީ ކާކުތޯ ބަލަން ޒަޔާން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ޒަޔާން ތަކުރާރުކޮށް ސުވާލުކުރުމުން ޒައިނާ ދިޔަ ރިސޯޓުގެ ނަމާއި އެކަން ކުރި މީހާ އަކީ ކާކުކަން ބުނެދިނެވެ. ޒަޔާންއަށް ދެ ބުމަ ގޮށްޖަހާލާ އަތް މުއްކަވާލެވުނީ ބޭއިހުތިޔާރުގައެވެ. 

“ޑޯންޓް ވޮރީ ދޮންތާ.. އައި ވިލް ފައިންޑް ހިމް.” ކަންބޮޑު ނުވުމަށް ޒަޔާން ބުނެލިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައިވެސް އެ މުޑުދާރު އަމަލު ހިންގި މީހާ ހޯދާނެ ކަމަށް ޒަޔާން ވައުދުވިއެވެ. ޒައިނާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ ޒަޔާންއާއި އެވާހަކަ ހިއްސާކުރުމުން އޭނާ ހިތްވަރު ދިނުމުންނެވެ. އެފަދަ ކޮއްކޮއެއް ލިބުނީތީ އުފާ ކުރާ ހާލު ޒައިނާ ޒަޔާންއަށް ޝުކުރު އަދާކުރިއެވެ. އޭނާގެ ވާހަކަތައް ގަބޫލުކުރީތީއެވެ. 

ޒަޔާން އެންމެ ފުރަތަމަވެސް އޭނާގެ މައިން ބަފައިންނާއި އެވާހަކަ ހިއްސާ ކުރިއެވެ. މަންމައާއި ބައްޕަ ގާތު އެވާހަކަ ހިއްސާކުރުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް އެއީ ސިއްރުކޮށްގެން ވާނެ ކަމެއް ނޫންކަން ޒަޔާން ގަބޫލު ކުރިއެވެ. އެ މައްސަލައިގެ އެންމެ އަޑިއަށް ފޯރުމަށްޓަކައި ޒަޔާންއަށް އެދެމީހުންގެ އެއްބާރުލުންވެސް ބޭނުންވެއެވެ. މަންމައާއި ބައްޕައާއި މަޝްވަރާ ކުރުމަށްފަހު ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގެ ގޮތުން އިތުރު ތަހުގީގަށް ޒައިނާގެ މެޑިކަލް ޗެކަޕެއް ހެދުމަށް ފުލުހުން އެދުނެވެ.

މެޑިކަލް ރިޕޯޓު ބަލާ ދިޔައީ ޒަޔާންއާއި ޒައިނާއެވެ. އެމީހުން ތިބީ ޓޯކެން ނަންބަރު ޖެހެންދެން މަޑުކޮށްގެންނެވެ. އެހެން ތިބި އިރު ޒައިނާ އިރު އިރުކޮޅާ ޒަޔާންއަށް ބަލާލައެވެ. ކަންބޮޑުވެފައި ވާ ބެލުމަކުންނެވެ. އެފަދަ ކޮންމެ ފަހަރަކު ޒަޔާން ޒައިނާގެ އަތުގައި ހިފާލާ ބާރުކޮށްލައެވެ. ކޮންމެ ހާލެއްގައިވެސް ދައްތައާއި އެކު ހުންނާނަމޭ ބުނާ ފަދައިންނެވެ. އެހެނަސް ޒައިނާގެ ހިތް ބިރު ގަންނަނީއެވެ. މިއަދު ލިބޭ ރިޕޯޓުގެ ނަތީޖާ އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލާނެއޭ ޒައިނާގެ ހިތް ބުނަނީއެވެ. 

ޓޯކެން ނަންބަރު ޖެހުމުން ޒަޔާން އަވަސް ހިނގުމެއްގައި ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. ފަހަތުން ޒައިނާވެސް ދިޔައެވެ. ރިޕޯޓު ހިފައިގެން ނިކުންނަމުން އޭގައި އޮތް އެއްޗެއް ޒަޔާން ބަލާލިއެވެ. އޭނާގެ ދެލޯ ބޮޑުވިތަން ޒައިނާއަށް ފެނުމުން ޒަޔާންގެ އަތުން ރިޕޯޓު ޖަހައިގަތެވެ. އަދި އޭގައި އޮތީ ކީކޭތޯ ބަލާލިއެވެ. ޒައިނާގެ ފައި ދަށުން ބިންގަނޑު ދަމައިގެން ދިޔަ ކަހަލައެވެ. އަތުގައި އޮތް ރިޕޯޓަށް ބަލަން ހުރީ އޭގައި ލިޔެފައި އޮތް އެއްޗެއް ބަދަލުވޭތޯ ކަންނޭނގެއެވެ. ނަމަވެސް ގުދުރަތުގެ ނިޔާ މާ އަނިޔާވެރިއެވެ. މުޅި ކާއިނާތުވެސް ދައުރުވަނީ ޒައިނާއާއި ދެކޮޅަށް ކަމަށް އޭނާއަށް އިހުސާސް ކުރެވެން ފެށިއެވެ. 

ޒައިނާ ގުޑިވެސް ނުލާ ހުންނަން ފެށުމުން ޒަޔާން އޭނާގެ އަތުގައި ހިފައިގެން މަގު މައްޗަށް ނިކުތެވެ. އެ ދައްތަގެ ހިތުގައި މިވަގުތު އަޅާނެ ވޭނާއި ކުރެވޭނެ އިހުސާސްތައް ޒަޔާންއަށް އަންދާޒާކުރެވެއެވެ. ގެއަށް ދިޔަ މަގުމަތީގައި އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ޒަޔާން ވިސްނަމުން ދިޔައީ އޭނާގެ މައިން ބަފައިންނަށް އެ ހަބަރު ދޭނެ ގޮތެކެވެ. ހާއްސްކޮށް މަންމައަށް ވާނޭ ގޮތަކާއި ދޭތެރޭ އޭނާ ކަން ބޮޑުވިއެވެ.

“ޔާން. ދަރިފުޅު. ކީކޭ އޮޮތީ؟” ޒަޔާންމެން ގެއަށް ވަނުމާއެކު ޒީނާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ދެކުދިންނާއި ދިމާލަށް ހިނގައި ގަންނަމުން ޒީނާއަށް އަހާލެވުނެވެ. 

“މަންމާ.. އެހަށް އިށީންނަންވީނު؟” ޒަޔާން އޭނާގެ މަންމަގެ ކޮނޑުގައި ހިފާލަމުން ސޯފާއާއި ދިމާލަށް ހިނގައިގަތެވެ. ޔާސިރުވެސް ގެއަށް ވަދެގެން އައީ ހަމަ އެވަގުތުއެވެ. އޭނާ އެ އައީ ޒަޔާން ހޮސްޕިޓަލުން ނިކުންނަމުން ގުޅާފައި ގެއަށް އައުމަށް އެދުމުންނެވެ. 

“ދެން ބުނެބަލަ، ދަރިފުޅާ..” ޒަޔާން ހިމޭނުން އިންނަން ފެށުމުން ޒީނާ އަނެއްކާވެސް އެހިއެވެ. ކޮންމެވެސް ގޯހެއް އުޅެނީކަން ވިސްނި، ޔާސިރު ޒަޔާންގެ އަތުގައި އޮތް ރިޕޯޓުތައް ބަލަން ފެށިއެވެ. ސޯފާ ކައިރީ ކޮޅަށް ހުރި ޔާސިރުގެ މޫނު މައްޗަށް އެރި ކުލަވަރު އެތާ ތިބި އެންމެންނަށް ފެނުނެވެ. ވާނުވާ ނޭނގި ޒޯޔާވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ޔާސިރުގެ ކަކުލު ހުޅުން ވާގި ދޫވެގެން ސޯފާގައި އިށީނެވެ. އަދި އަލައިގެން ހުރި އައިނު ނަގާ ލޯ ފޮހެލިއެވެ. 

“މަންމާ. ދޮންތަ ބަނޑުބޮޑު ކަމަށް…” ޒަޔާންއަށް ބުނެވުނީ އެހިސާބަށެވެ. ނޫނެކޭ ކިޔާ ޒީނާ ބާރަށް ރޯން ފެށިއެވެ. އެފަދަ ހާލަތެއްގައި ޒަޔާންއަށްވެސް ކެތް ކުރަން ދަތިވިއެވެ. އޭނާ މަންމަގެ ކޮނޑުގައި ހިފާލަމުން ކައިރިކޮށްލިއެވެ. 

“ނޫން ނޫން. އެހެނެއް ނުވާނެ. ތި ނަތީޖާ ނުބައިކޮށް ތި އޮތީ.. މަގޭ ދަރިފުޅަށް އެފަދަ ދެރަގޮތެއް ނުވާނެ.” ޒީނާ ގިސްލާ ރޮނީއެވެ. އެންމެންގެ ލޮލުން ކަރުނަ ފެނުމުން ޒޯޔާއަށްވެސް ރޮވޭ ގޮތްވިއެވެ. އަދި އޭނާގެ ދައްތަ ކައިރިއަށް ގޮސް ދައްތަގެ ލޯ ފޮހެލަދީ، ހިތްވަރު ދިނުމުގެ ގޮތުން ބައްދާލާ ބޮލުގައި ފިރުމާލަދިނެވެ. މުޅި ގޭތެރެ ވަނީ އެންމެންގެ ރުއިމުގެ އަޑުން އަޑު ބައްދާލާފައެވެ. ހީވަނީ މީހަކު މަރުވެގެން އުޅޭ ހެންނެވެ. އެ ކުޑަ ކުޑަ އާއިލާއަށް އެފަދަ ފުން ހިތާމައެއް ދިން މީހަކަށް ހައްގު އަދަބު ދިނުމަށް ޒަޔާން އަޒުމް ކަނޑައެޅިއެވެ. 

“ޒައި، ދަރިފުޅު އަލުން ޓެސްޓު ހަދަންވީނު.. މި ނަތީޖާ ނުބައިވެސް ވެދާނެ އެއްނު.” ޔާސިރު ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އެންމެންގެ ކުރިމަތީ އޭނާގެ ދަރިފުޅު ބަދުނާމު ވާކަށް ޔާސިރު ނޭދެއެވެ. 

“ނޫން ބައްޕާ.. ދެން ނުވާނެ އަޅުގަނޑަކަށް. ދެން ނުވާނެ..” ޒޯޔާގެ އަތުން ވީއްލިގެން ޒައިނާ ދުއްވައިގަތީ ކޮޓަރިއަށެވެ. ޒަޔާންއަށް އެހިސާބަށް ނުދެވެނީސް ދޮރު ތަޅުލި އަޑު އިވުނެވެ. ޒައިނާއަށް ގޮވާ ގޮވާ ހަބަރެއް ނުވުމުން ޔާސިރު އޭނާގެ ކޮޓަރިއަށް ވަދެ ތަޅުދަނޑި ފައްޗެއް ހިފައިގެން އައެވެ. އޭގައި ތަޅުދަނޑިތައް ގިނަވުމުން ޒައިނާގެ ކޮޓަރި ތަޅުދަނޑި ހޯދުނީ ވަރަށް އުނދަގުލުންނެވެ. ދޮރު ހުޅުވުމާއެކު ފެނުނު މަންޒަރުން ޒަޔާންގެ ދެލޯ ބޮޑުވިއެވެ. 

“ދޮންތާ..” ޒައިނާއަށް ގޮވާލަމުން ޒަޔާން އެ ކޮޓަރީގައި ހުރި އެނދާއި ދިމާލަށް ދުއްވައިގަތެވެ. ޒައިނާ ހުރީ ފައްކާގައި އައްސާފައި ހުރި ޝޯލް ކަރަށް މަހާލައިގެން އެނދު މަތީ ބަހައްޓާފައި ހުރި ގޮނޑިއެއް މައްޗަށް އަރައެވެ. ކުޑަ ވަގުތުކޮޅެއް ލަސްވީ ނަމަވެސް ޒައިނާ ސަލާމަތް ނުކުރެވުނީހޭ ޒަޔާން ހިތަށް އެރިއެވެ. ޒަޔާން އަވަސް އަވަހަށް ގޮސް ޒައިނާގެ ގައިގައި ހިފެހެއްޓިއެވެ. އަދި އޭނާގެ ކަރުގައި އޮޅާފައި އޮތް ޝޯލް މޮހާލިއެވެ. 

“މައި ލައިފް އިޒް އޯވާ. ދެން ނުވާނެ… ދެން ނޫޅެވޭނެ. ދެން ކިހިނެއް ހަދާނީ.؟” ޒައިނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

“ތިހެން ނުބުނޭ ދަރިފުޅާ.. ތިކަމުގަ ދަރިފުޅުގެ ކުށެއް ނެތް. ﷲ އިރާދަ ކުރެއްވިއްޔާ ދަރިފުޅަށް ތި ހާލު ޖެއްސި މީހާ މި ދުނިޔެ މަތީގައި ބޭޒާރުވެ ފަލީހަތް ވާނެ.. މި ދުނިޔޭގައި އިންސާފު ނުލިބިއްޖެ ނަމަ އާހިރަތުގައި ހަމަ ޔަގީނުންވެސް ދަރިފުޅަށް އިންސާފު ލިބޭނެ.” ޒީނާ އޭނާގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. “އަމިއްލައަށް މަރުވުމަކީ ވަރަށް ބޮޑު ފާފައެއް.. ސީދާ ނަރަކައިގެ އަޒާބު ލިބޭ ކަމެއް. ދަރިފުޅު ކެތްތެރިވޭ.” ޒީނާގެ ލޮލުން ކަރުނަ ނުހިކެއެވެ. 

އެރޭ ޒަޔާން ޑިއުޓީގައި ހުއްޓާ ނޭނގޭ ނަންބަރަކުން ކޯލެއް އައެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ޒަޔާން ބޭރަށް ނިކުމެލިއެވެ.

“ތި ކުރަން އުޅޭ ކަންތައް ކުރުމުގެ ކުރިން އަދި ވިސްނާލާ.” އަނެއް ކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. 

“އެކްސްކިއުޒް މީ؟ ކާކު ތީ؟” ރުޅިވެރި އަޑަކުން ޒަޔާން އަހާލިއެވެ.

“މީ ކާކުތޯ ނުބަލާ. ޒަޔާން ދައްތަގެ އިއްޒަތާއި ގަދަރު ހިފަހައްޓަން ބޭނުން ނަމަ ކޯޓުގައި އޮތް މައްސަލަ ވީ އެންމެ އަވަހަކަށް ނަގާ. އެހެންނުނީ…”

“އެހެންނޫނީ ކޯއްޗެއް؟ ބުނަން ވާހަކައެއް. މި މައްސަލަ ނުވެސް ނަގާނަން. އަދި ކަލެއަށް ތި ކުރި މޮޅު ކަމުގެ އަދަބުވެސް ލިބޭނެ.” ދަތްކުނޑި ވިކާލި ވަރުން ޒަޔާންގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔައެވެ. އެކޮޅުން އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ޒަޔާން ފޯނު ކަނޑާލިއެވެ. އެ ނަންބަރުން ދެވަނަ ފަހަރަށް ގުޅުމުން ފޯނެއްވެސް އޭނާ ނުނެގިއެވެ. ދެން ލިބުނީ މެސެޖެކެވެ.    (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ