މާތް ﷲ އަށް ދުޢާކުރުން

ފަހުގެ ދީން

ރަމަޟާންމަހަކީ މާތް ﷲ އަށް ދުޢާކުރުން އެންމެ އަވްލާކަންބޮޑު ދުވަސްވަރެވެ. ރަމަޟާންމަހަކީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވާ ދުވަސްރެއްވެސް މެއެވެ. ރަމަޟާންމަހަކީ ދުޢާ އިޖާބަކުރައްވާ ދުވަސްވަރެއްކަން ބަޔާން ކުރައްވަމުން ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ ثَلَاثَةٌ لاَ تُرَدُّ دَعْوَتُهُمْ الْإِمَامُ الْعادِلُ وَالصَّائِمُ حِيْنَ يُفْطِرُ وَدَعْوَةُ الْمَظْلُومِ [ رواه الترمزى وإبن ماجه و أحمد والبيهقى وإبن حبّان وإبن خزيم] މާނަ: “ތިންމީހެއްގެ ދުޢާ އިޖާބަ ނުކުރައްވާ ރައްދު ނުކުރައްވާނެތެވެ. ރޯދަވެރިޔާ ރޯދަ ވީއްލާހިނދު ކުރާ ދުޢާއާއި ޢަދުލުވެރި އިމާމުގެ ދުޢާއާއި ބޭއިންސާފުން އަނިޔާ ލިބެމުންދާ މީހާގެ ދުޢާއެވެ.” އެހެން ބަސްފުޅެއްގައި ވެއެވެ. إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ [رواه إبن ماجه] މާނަ: “ހަމަކަށަވަރުން ރޯދަވެރިޔާއަށް، ރޯދަވީއްލާއިރު، ރައްދު ނުކުރައްވާނެ ދުޢާ ލިބިގެންވެއެވެ.”

މާތް ﷲ ރަމަޟާންމަހުގެ ރޯދަޔާއި ބެހޭގޮތުން ބާވައިލެއްވި އާޔަތްތަކުގެ މެދުތެރޭގައި އެކަލާނގެ އަޅުންނަށް، އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަންގަވާފައިވެއެވެ. މާާތް ﷲ ވަޙީ ކުރައްވަަަނީ މިފަދައިންނެވެ. أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ މާނައީ: “ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ.” މިކަމުން އެނގެނީ ރަމަޟާންމަހަކީ ރޯދަވެރިޔާގެ ދުޢާ އިޖާބަކުރައްވާނެ ވަގުތެއްކަމެވެ. އެއީ ރޯދައިގެ ސަބަބުން އުފެދިފައިވާ ރޫޙާނީ ޖައްވުގެ ސަބަބުންނެވެ. އަޅުވެރިކަމާއި ތަޤްވާވެރިކަމުގެ ޖައްވުގެ ސަބަބުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދުޢާއަކީ ވަރަށް ވަރުގަދަ އައްޑަނައެކެވެ. މުޞީބާތުގެ ވަގުތުގައި އިންސާނާ އެންމެ ފުރަތަމަވެސް އޭނާގެ ވެރިރަސްކަލާނގެ އާއި ގުޅުން ބަދަހިކުރަނީ ދުޢާގެ ޛަރީޢާއިންނެވެ. ރޯދައަކީވެސް ވަރަށް ވަރުގަދަ އައްޑަނައެކެވެ. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. الْصِّيَامُ جُنَّةٌ، فَإِذَا كَانَ أَحَدَكُمْ صَائِمً فَلَا يَرْفُثْ، وَلاَ يَجْحَلْ: فَإِنِ امْرؤٌ قَاتَلَهُ، أَوْ شَاتَمَهُ، فَلْيَقُلْ: إِنِّى صَائِمٌ: مَرَّتَيْنِ [ رواه البخارى و أبوداود] މާނަ: “ރޯދައަކީ ރައްކަލެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަހިނދު އެމީހާ ހުތުރު ކަންތައްތައް ނުކުރާހުށިކަމެވެ. އަދި ޖާހިލުން ކުރާކަހަލަ ކަންތައްވެސް ނުކުރާ ހުށިކަމެވެ. ފަހެ މީހަކު ތިމާއަށް ހަމަލާދީފިނަމަ، ނުވަތަ ތިމާއާއި ދިމާއަށް މީހަކު ހުތުރު އެއްޗެއް ގޮވައިފިނަމަ، ހަމަކަށަވަރުން ތިމަން މިހުރީ ރޯދައަށޭ ދެފަހަރު ބުނާހުށިކަމެވެ.”

އެހެންކަމުން މި ބަރަކާތުން ފުރިގެންވާ މައްސަރުގައި ދުޢާ ކުރުން އިތުރުކުރައްވަމާ ހިންގަވާށެވެ!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ