الحَمْدُلله رَبِّ العَالَمِيْن.وَالصَّلاَة وَسَّلام عَلى أَشْرَفِ الأَنْبِيَاءِ وَالمُرْسَلِين.وَعَلَي آلِه وَصَحْبِه أَجْمَعِيْن. وَمَنْتَبِعَهُمْ بِإِحْسَانٍ إِلَى يَوْمُ الدِّيْن.
އަޅުގަނޑުމެންނާ މިވަނީ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުވެފައެވެ. ރަމަޟަން މަހަކީ ރަހުމަތުން ފުރިގެންވާ މާތް މައްސަރެެކެެވެ. ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) މިބަސްފުޅުގެ މާނައަކީ “ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމްވެއްޖެއެވެ.” (މިޙަދީޘް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ.) އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީީޘް ކުރައްވާފައިވެއެވެ. “من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه” މާނައީ : “ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ.” (މިޙަދީީީޘްރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.)
އެހެންކަމުން މި މައްސަަރުގެ ދަރުމަޔާއި ޘަވާބު ލިބިގަތުމަށް އަވަސްވެގަންނާށެވެ. އަދި ހެޔޮކަންތައްތައް އިތުރު ކުރާށެވެ. ހެޔޮކަންތައްތަކުގައި ހީވާގި ވާށެވެ. ފާފަ ފުއްސަވާ ﷲ ގެ މަޣްފިރަތައް އެދި ގިނަގިނައިން ދަންނަވާށެވެ. އަޅަމެއްގެ ކުށްތައް އަފޫ ކުރައްވާ އަދި އަޅަމެންނީ ބާއްޖަވެރިންކަމުގައި ލައްވާށި! އާމީން