الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين
ރޯދަހިފުމަކީ ކެތްތެރިތެރިކަން ދަސްކޮށްދީ ކެތްތެރިވުމަށް ތަމްރީނުދޭ ކަމެކެވެ. މިހެންވެ ކީރިތި ރަސޫލާ ރޯދަމަހަށް (ނުވަތަ ރަމަޟާން މަހަށް) ކެތްތެރިކަމުގެ މަހޭ ވިދާޅުވިއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ (صَوْمُ شَهْرِ الصَّبْرِ وثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ يُذْهِبْنَ وَحَرَ الصدر)”ކެތްތެރިކަމުގެ މަހުގައި ރޯދަ ހިފުމާއި އެހެން ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަކީ ހިތުގެ ވަސްވާސްތައް ނައްތައިލަދޭނެ ކަމެކެވެ. ނުވަތަ އެއީ އެހެން މީހުންނަށް ޙަސަދަވެރިވުމާއި ނުނިޔަތްލުމުން ދުރުހެލި ކުރުވާނެ ކަމެކެވެ.”
ރޯދަވެރިއާ ވަކިވަގުތަކުން ވަކި ވަގުތަކަށް ނުކައި ނުބޮއި ހުރުމާއި، ޝަހްވަތްތަކާ ދުރުހެލިވެ ހުރުމުގެ ސަބަބުން، ކެތްތެރިކަން އޭނާގެ ގައިގައި އަށަގަނެއެވެ. ކެތްތެރިކަން އޭނާގެ ސިފައަކަށް ވެދެއެވެ. ކީރިތިރަސޫލާ ރޯދައާ ކެތްތެރިކަމާ ދެމެދުގައިވާ ގުޅުން ބަޔާންކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. (الصومُ نصفُ الصبرِ) “ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބަޔެވެ.” އަދިވެސް ޙަދީޘްކުރެއްވިއެވެ. (الصَّبْرُ نِصْفُ الإِيمَانِ) “ކެތްތެރިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބަޔެވެ.”
މި އިން އެނގެނީ ރޯދަވެރިއާއަށް ﷲގެ ޙަޟްރަތުގައި ލިބިގެންވާ މަތިވެރި ދަރަޖައެވެ. އެހެނީ އިންސާނަކަށް މަތިވެރި ދަރަޖައާ ހަމައަށް ދެވޭނީ އޭނާގެ ޞާލިޙު ޢަމަލުތަކުގެ ސަބަބުންނެވެ. ރޯދައަކީ ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި އަޅުކަމެކެވެ. އިންސާނާގެ ޢަޒްމު ވަރުގަދަކުރެވިގެން މެނުވީ އެ ހިސާބަކަށް ނުދެވޭނެއެވެ. އޭނާގެ ޢަޒްމު ވަރުގަދަ ކުރެވޭނީ ކެތްތެރިވެގެންނެވެ. އޭނާގެ މާއްދީ ޖިސްމާނީ އެދުންތަކުގެ ކުރިމަތީގައި ނުގުޑާ ފަދަ ސާބިތު ޢަޒްމެއްގެ ވެރިއަކަށް ވެވޭނީ ކެތްތެރިވެވިގެންނެވެ.
އިންސާނާ ހަރުދަނާ މީހަކަށްވުމަށް ހުރަސްއަޅާ ކަންތައްތަކެއްވެއެވެ. ކަންބޮޑުވުމާއި ހާސްވުމާއި ހިތާމައާއި ދެރަވުމާއި މާޔޫސްވުމެވެ. ކަންނެތްކަމާއި ނުކުޅެދުންތެރިކަމެވެ. ފިނޑިކަމާއި ދަހިވެތިކަމެވެ. އެހެންމީހުންގެ ދަށުގައި އުޅެންޖެހުމާއި ދަރަނިވެރިވުންފަދަ ކަންކަމެވެ. އެހެންކަމުން ލޮބުވެތި ރަސޫލާ މިފަދަކަންކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ ދުޢާފުޅަކީ اَللَّهُمَّ إِنِّى أَعُوذُبِكَ مِنَ الْهَمِّ وَالْحُزْنِ وَأَعُوذُبِكَ مِنَ الْعَجْزِ وَالْكَسَل وَأَعُوذُبِكَ بِكَ مِنَ الْجُبْنِ والبُخلِ وَأَعُوذُبِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ މި ދުޢާގެ މާނައަކީ: “ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ކަންބޮޑުވުމާއި ، ހިތާމަކުރަންޖެހޭ ކަންތައްތަކުން މި އަޅާ ސަލާމަތްކޮށްދެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް މި އަޅާ އެދެމުއެވެ. އަދި ކަންނެތްކަމާއި، ފިނޑިކަމުން ސަލާމަތްކޮށްދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން، މި އަޅާ ރައްކައުތެރިކަމަށް އެދެމުއެވެ. އަދި ދަރަނިވެރިކަމުންނާއި އެހެންމީހުންގެ އަތްދަށުވުމުން ސަލާމަތްކޮށްދެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް މި އަޅާ އެދެމުއެވެ.”
މިފަދަ ކަންތައްތަކަށް ކުރިމަތިލުމުގައި އަޅުގަނޑުމެންގެ ހަތިޔާރަކީ ކެތްތެރިކަމާއި އުއްމީދެވެ. މިދެހަތިޔާރުން ހަތިޔާރުއަޅައިގެން މިފަދަ މުޞީބަތްތަކާ ކުރިމަތިލެވޭނަމަ ތިމާގެ ޢިއްޒަތް ނިކަމެތިވެގެން ނުދާނެއެވެ. އޭރުން ތިމާ ހުންނާނީ މާތްﷲގެ ރައްކައުތެރި ކަމުގައެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.”