ރާއްޖޭގައި ހަތަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި 

ޚަބަރު ފަހުގެ

ރާއްޖޭގައި ހަތަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހޮސްޕިޓާ އިމާރާތްކުރަނީ ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އަލިފުށީގެ އިތުރުން ގއ. ވިލިނގިލީގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެންމެ ފުރަތަމަ މިމަސައްކަތް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި 30 ގައެވެ. އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ. ނަމަވެސް މަސައްކަތް އަވަސްކުރަން މިއަދު ވަނީ ޗައިނާ ކުންފުންޏަކާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާއާ) އާ އެވެ. މި އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސިޑްކާގެ ވައިސް ޗެއާމަން ދިން ބޯ ޖިން އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ.

ޗައިނާ އާއެކު މިއަދު ވަނީ އިތުރު އެއްބަސްވުންތަކެއްގައި ވެސް ސޮއިކޮށްފަ އެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައިވާ ދާރުލް އާސާރު މަރާމާތު ކުރުމާއި، ގައުމީ ކުތުބުހާނާ މަރާމާތު ކުރުމާއި 2026 އިން 2027 އަށް ޗައިނާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ އެއްބަސްވުމެއް ވަނީ ވެފަ އެވެ. އޭގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރައިންޑްޝިޕް ބުރިޖުގެ މަރާމާތުގެ މަސައްކަތްކުރުމަށްވެސް މިއަދު ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ