الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين
އާދެ! ކޮންމެ މުސްލިމަކުވެސް ޢިބްރަތް ލިބިގަންނަން ޖެހޭނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުންނެވެ. އެހެނީ އެކަލޭގެފާނަކީ އެހެން ހުރިހާ މުސްލިމުންނަށްވާ ފުރިހަމަ ނަމޫނާއެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ ﴿ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا﴾ سورة الأحزاب: 21 މާނަ: “ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެެންވާ ނަމޫނާއެއް ވިއެވެ. (އެއީ) ﷲ ގެ ދަރުމައާއި އާޙިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.” މިފަދަ މާތް ޝަޚްޞއްޔަތެއްގެ ބޭފުޅަކު މިފަދަ މާތްކަމާއި ބަރަކާތްތެރިކަމުން ފުރިގެންވާ ދުވަސްތައް ހޭދަކުރައްވާފައިވާ ގޮތްއެނގި ދަސްކުރުމަކީ އަހަރެމެންގެ ތެރެއިން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. ސަބަބަކީ އެކަލޭގެފާނު އަމަލު ކުރައްވާފައިވާ ގޮތްތައް އަހަރެމެންނަށް ނޭނގިއްޖެނަމަ، މިމާތް މައްސަރުން އަހަރެމެންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.
ކީރިތި ރަސޫލާ ރަމަޟާން މަހުގައި، އެހެން މައްސަރުތަަކަށްވުރެ އިތުރަށް ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވި ހަތަރުކަމެއް ފާހަގަ ކޮށްލެވެއެވެ. އެއީ، ދީލަތިފުޅުވެ ވަޑައިގައިގަތުމާއި، ކީރިތި ޤުރްއާން ކިޔަވާވިދާޅުވުން ގިނަކުރެއްވުމާއި، ﷲ ގެ ޙަޟްރަތުގައި މުނާޖާ ދަންނަވައި ދުޢާ ކުރެއްވުމާއި އިސްތިޣްފާރު ކުރެއްވުން ގިނަކުރެއްވުމެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބްނު ޢައްބާސް ވިދާޅުވިއެވެ. كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ، وَكَانَ أَجْوَدَ مَايَكُونُ فِي رَمَضَانَ حِيْنَ يَلْقَاهُ جِبْرِيْلُ، وَكَانَ يلقَاه في كُلِّ ليَلَة مِن رَمَضَان فَيُدَارِسُهُ الْقُرْآنَ، فَلَرَ سُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدُ بِالْخيْرِ مِنَ الرِّيْحِ الْمُرْسَلَةِ (رواه البخارى ومسلم) މާނަ: “ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ، އަހަރެމެންގެ ތެރެއިން އެންމެ ދީލަތި ސާހިބާއެވެ. އެކަލޭގެފާނު އެންމެ ދީލަތިވެ ވަޑައިގެންނަވަނީ، ރަމަޟާންމަހުގައި ޖިބްރީލްގެފާނާ ބައްދަލުވެވަޑައިގަނަންވާ ހިނދުގައެވެ. ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި، ޖިބްރީލްގެފާނު އެކަލޭގެފާނާ ބައްދަލުކުރައްވައި، އެކަލޭގެފާނާއެކު ކީރިތި ޤުރުއާން މުދާރަސާ ކުރައްވައެވެ. ފަހެ ޖިބްރީލްގެފާނާ ބައްދަލުވެ ވަޑައިގަންނަވާ ހިނދު، ޞަލަވާތާއި ސަލާމްލެއްވި ﷲ ގެ ރަސޫލާގެ ދީލަތިފުޅުކަން، ހެޔޮކަމާއިގެން ފޮނުއްވާ ވަޔަށްވުރެވެސް މާބޮޑެވެ.”
ރަމަޟާންމަސް އަތުވެއްޖެނަމަ، އިތުރު އެކަލޭގެފާނު ރޭއަޅުކަން ކުރެއްވުމުގައި ގިނަވަގުތު ހޭދަކުރައްވައެވެ. ﷲ ގެ ޙަޟްރަތުގައި މުނާޖާ ދެންނެވުމާއި އިސްތިޣްފާރު ކުރެއްވުން ގިނަ ކުރައްވައެވެ. އަދި ގިނަގިނައިން ޛިކުރު ކުރައްވައެވެ. ވަކިން ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކާއި ދުވަސްތައް ހޭދަކުރެއްވީ އިޢުތިކާފަށް އިންނެވުމުގައެވެ. ވީމާ ކޮންމެ މުސްލިމަކުވެސް ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް ވޭތުކުރަންވީ އެމާތް ސާހިބާ ވޭތިކުރައްވާފައިވާ ގޮތަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ބަރާބަރަށް ފަރްޟު ފަސްނަމާދުވެސް ކުރެވޭނީ ހަމައެކަނި ރޯދަމަހުއެވެ. އެއީވެސް މަދުބަޔަކަށެވެ. ޤުރްއާން ކިޔަވާލަން ހަނދާންވަނީވެސް މިމައްސަރާއި ކުރިމަތި ވުމުންނެވެ. އޭގެ ކުރީގައި މިކަންތައްތަކަކީ ވާކަމެއްކަންވެސް ނޭނގޭ އެތައްބަޔަކު އުޅޭނެއެވެ. ބުއްދިވެރިޔަކީ ތިމާގެ ޙަޔާތަށް އައިސްފައިމިވާ ބަރަކާތްތެރި ދުވަސްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާ މީހާއެވެ.