އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އަރބަންކޯ އިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.
މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަޙައްދާއި، ފެރީ ޓަރމިނަލް ސަރަޙައްދާއި، ކަރގޯ ވެއަރހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަދި ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ތޮއްޑޫ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޯޕަން އެކްސެސް ނެޓްވޯކެއް ޤާއިމުކުރުމުގައި އެހީތެރިވުމަށްވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ އަރބަންކޯގެ، “ގޯ ބިޔޯންޑް ހުޅުމާލޭ”ގެ ދަށުން ރަށްރަށާއި ސިޓީތައް ސްމާޓްކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.


