ށ. ފުނަދޫގައި މިހާރު ކުރިޔަށްދާ ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ފްލޮރެންސް ހޯދާ، ރުއްދަނޑު އާއި ޖަވާރޓްސް ސެމީ އަށް ދަތުރު ކޮށްފިއެވެ.
ރޭ ކުޅެވުނު އަންހެނުންގެ ފުޓްސަލް ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރީ ފްލޮރެންސް އާއި ވިކްސެންސް އެވެ. 9-1 ކާމިޔާބު ކޮށްފައިވަނީ ފްލޮރެންސް އެވެ. އެޓީމަށް ގޯލް ޖަހައިދީފައި ވަނީ ޒައިނާ، އާގިލާ، އިބާނާ، ޝިދާނާ، ޝަމަމް، އެވެ. ޒައިނާ، އާގިލާ 3 ގޯލް ކަމިޔާބު ކުރިއިރު، ދެން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފައެވެ. ވިކްސެންސް ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ ހަމްނާ (ހަމޫ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލޮރެންސްގެ ޖާޒީ ނަންބަރު 4 ޒައިނާ އެވެ.
ރޭ ފިރިހެނުންގެ ފުޓްސަލް ކްއާޓަރ ފައިނަލް ދެމެޗު ކުޅުނުއިރު ފުރަތަމަ މެޗުގައި ކުޅުނީ ގުރޫޕް ސީ ގެ އެއްވަނަ ރުއްދަނޑު އަދި ގުރޫޕު ޑީ ގެ ދެވަނަ ޓަރމިނޭޓަރ އެވެ. 8-3 ކުން މެޗު ކާމިޔާބު ކުރީ ރުއްދަނޑުއެވެ. އެޓީމުގެ ގޯލްތައް ކާމިޔަބު ކޮށްދިނީ އީނާސް، އާދިލް، އިރުފާން، އަދި މުޙައްމަދު ރަޝީދެވެ. އީނާސް 5 ގޯލް ކާމިޔާބު ކޮށްދިންއިރު ދެންތިބި ކުޅުން ތެރިން ވަނީ ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރުއްދަނޑުގެ ޖާޒީ ނަންބަރު 9 އީނާސް އެވެ.

ރޭ ކުޅެވުނު ކްއާޓަރ ފައިނަލްދެވަނަ މެޗުގައި ކުޅުނީ ގުރޫޕް ޑީގެ އެއްވަނަ ޖަވާރޓްސް އާއި ގުރޫޕް ސީގެ ދެވަނަ ބޭވޮޗު އެވެ. 6-3 ކުން ޖަވާރޓްސް ވަނީ މި މެޗު ކާމިޔާބު ކޮށްފައެވެ. އެޓީމުގެ ގޯލްތަށް ޖެހީ ސިނާނު، އަލީ ރިޒްވީން، އަޤީލް އަދި ފާރިޝް އެވެ. ރިޒްވީން އަދި އަޤީލް ކޮންމެ ކުޅުންތެރިއަކު 2 ގޯލް ކާމިޔާބު ކުރިއިރު އަނެއް ދެކުޅުންތެރިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފައެވެ. ބޭވޮޗުގެ 3 ގޯލުގެ ތެރެއިން 2 ގޯލު ސިނާނު ކާމިޔާބު ކޮށްދިންއިރު އަނެއްގޯލު ކާމިޔާބު ކޮށްދިނީ ފުއާދެވެ.

މިރޭ މި މުބާރަތުގެ ފިރިހެން ސެމީ ކުޅެން ވަނީ ތާވަލު ކޮށްފައެވެ. 21:15 ގައި ބައްދަލު ކުރާނީ ޕޮލިސް ފެމެލީ އާއި އަލްފާ ބްރާވޯ އެވެ. 22:15 ގައި ރުއްދަނޑު އާއި ޖަވާރޓްސް އެވެ.


