ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

(09 ސެޕްޓެމްބަރ 2020 އާ ގުޅޭ)
“އެހެންނޫނީ ކޯއްޗެއް؟ ބުނަން ވާހަކައެއް. މި މައްސަލަ ނުވެސް ނަގާނަން. އަދި ކަލެއަށް ތި ކުރި މޮޅު ކަމުގެ އަދަބުވެސް ލިބޭނެ.” ދަތްކުނޑި ވިކާލި ވަރުން ޒަޔާންގެ ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔައެވެ. އެކޮޅުން އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ޒަޔާން ފޯނު ކަނޑާލިއެވެ. އެ ނަންބަރުން ދެވަނަ ފަހަރަށް ގުޅުމުން ފޯނެއްވެސް އޭނާ ނުނެގިއެވެ. ދެން ލިބުނީ މެސެޖެކެވެ.

“ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މައްސަލަ ނުނަގައިފި ނަމަ ޒަޔާން ދައްތަގެ ވިޑިއޯތައް މުޅި ސޯޝަލް މީޑިއާގައި ލީކު ކޮށްލާނަން. އޭރުން ޒަޔާންގެ ދައްތައަށް ބޭރަށް ނިކުމެ އުޅެންވެސް އުނދަގޫވާނެ. ދެން ކުރިޔަށް ކަންތައް ކުރާނެ ގޮތް ވިސްނާނީ ޒަޔާން. ޒަޔާން ބޭނުން ވަރަކަށް ފައިސާވެސް ދީފާނަން.” އެ މެސެޖްގައި ލިޔެފައި އޮތް އެއްޗެއް ކިޔާލުމުން ޒަޔާންގެ ލޭ ކެކިގެން ދިޔައެވެ. އަތުތެރޭގައި ފޯނު ބާރުކޮށްލި ގޮތުން ހީވީ ފޯނުވެސް ފިސްކޮށްލަން އުޅުނު ހެންނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ދައްތައަށް ވީ ވައުދު ފުއްދާނީ ކިހިނެއް ހެއްޔެވެ؟ ޒަޔާންގެ ދައްތައަށް އެކަން އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟

އިޝްތިހާރު
އިޝްތިހާރު

“އިފް ޔޫ ވޯންޓް ޓު މޭކް އަ ޑީލް މީޓް މީ. 20.30 އެޓް ޕަނާޝް ސްޓޭ އިން ކިންގް ސުވީޓް.” އެހެން ހުއްޓާ ޒަޔާންގެ ފޯނަށް ހަމަ އެ ނަންބަރުން މެސެޖެއް ލިބުނެވެ. އެމީހާއާއި ބައްދަލުކުރަން ވަގުތަކާއި އެޑްރެސް ބުނެދީފައި އޮތެވެ. އެއީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަން ޒަޔާންގެ ހިތުގައި އުފެދުނެވެ. އެބުނާ ޑީލްއެއް ހަދާކަށް ޒަޔާން ބޭނުމެއް ނޫނެވެ. އެހެނަސް އެމީހާއާއި ބައްދަލުކުރަން ޒަޔާން އެތަނަށް ދާނެއެވެ.

އަނެއް ދުވަހުގެ ރޭ އަށްގަޑި ބައި ވި އިރު ޒަޔާން އިނީ ‘ޕަނާޝް ސްޓޭ އިން’ ހޮޓެލް ކުރިމަތިގައެވެ. ދިހަ ބުރިއަށް ނަގާފައި ހުރި އެ އިމާރާތަކީ ވަރަށް ފެންވަރު ރަނގަޅު ތަނެއްކަން ބޭރުންވެސް އަންދާޒާ ކޮށްލެވެއެވެ. ސައިކަލު މަތީ އިނދެ އޭނާއަށް ކުރިން ރޭ މެސެޖުކުރި ނަންބަރަށް ޒަޔާން ގުޅިއެވެ. ދެފަހަރަކު ރިންގު ވާ އިރަށް އެކޮޅުން ފޯނު ނެގިއެވެ.

“މީނި އައިސް.” ފަރުވާ ކުޑަ ގޮތަކަށް ޒަޔާން ބުނެލިއެވެ.

“އައި ނިއު ޔޫ ވުޑް ކަމް. އަވަހަށް މައްޗަށް އަރާ. ޓެންތް ފްލޯ.” އެމީހާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިފައި ހުރި ގޮތަކަށެވެ. އޭނާގެ އުންމީދު ހާސިލް ވުމުން ހިތް ހަމަޖެހިފައި ހުރި ކަހަލައެވެ.

ގިނަ ވަގުތުތަކެއް ބޭކާރު ނުކޮށް ޒަޔާން ގޮސް ހޮޓެލަށް ވަނެވެ. ފުރަތަމަވެސް ޒަޔާންގެ ލޮލުގައި އަޅައިގަތީ އެތަނުގެ ރިސެޕްޝަން އޭރިއާގައި ހަރުކޮށްފައި ހުރި ބޮޑު ޗާންޑެލިއާއެވެ. އޭގެ އަލިން މުޅި ސަރަހައްދު އޮތީ ދިއްލިފައެވެ. އެތަން އިތުރަށް ޒީނަތްތެރިކޮށްދެނީ އެތަނުގެ ތަނބުތަކާއި ސީލިންގުގައި ކޮށްފައި ހުރި ލަކުޑީގެ ޑިޒައިން ތަކެވެ. އެތަނަކީ ޒަޔާންމެން ކަހަލަ އާދައިގެ މީހުން އަންނާނެ ތަނެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އިތުރަށް ބަލަން ނުހުރެ، ދެއަތް ޖީންސުގެ ޖީބަށް ލައިގެން އޭނާ ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. އަދި ލިފްޓަށް އަރާ ދިހަ ނަންބަރު ފިތަށް ފިތާލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ލިފްޓުގެ ދޮރު ހުޅުވުނެވެ.

ކަނާއަތް ފަރާތަށް ބަލާލުމުން ކިންގް ސުވީޓް ފެނުނެވެ. އެތަނުގެ ދޮރު ކައިރީގައި ދެ މީހަކު ކަޅު ކުލައިގެ ޔުނިފޯމެއްގައި ތިބި ތަން އޭނާއަށް ފެނުނެވެ. ޖެހިލުންވެފައި ހުރެ ނަމަވެސް އެދިމާލަށް ޒަޔާން ހިނގައި ގަތެވެ. ދޮރުގެ ތަޅުގައި އަތް ލުމަށް އަތް ނެގި ތަނާ އެތާ ހުރި ދެމީހުން ކުރެ އެކަކު ޒަޔާން ހުއްޓުވިއެވެ. އަދި ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅިއެވެ.

“ތީ ޒަޔާން ތަ؟” އެމީހާ އަހާލިއެވެ. އާން އެކޭ ބުނަމުން ޒަޔާން އަނެއްކާވެސް ދޮރު ހުޅުވަން ދިމާކޮށްލިއެވެ. ދޮރުގެ ފުރަގަހުގައި ފޮރުވިފައި އިނީ ކާކުތޯ ބެލުމަށް އޭނާ ވަނީ ކެތް މަދުވެފައެވެ.

“މަޑުުކުރޭ..” ޒަޔާން ގެ އަތުގައި ހިފަމުން އެމީހުން އަނެއްކާވެސް ޒަޔާން ހުއްޓުވިއެވެ. އަދި މުޅި ގައިގައި އަތްލާ ޗެކު ކުރިއެވެ. ޒަޔާންގެ ފޯނާއި ވޮލެޓުވެސް އެމީހުން އަތުލިއެވެ.

“ޝިޓް…” ޒަޔާން ސިކުނޑީގައި ރޭވި ރޭވުމާއި އެއްގޮތަށް ކަން ނުވާނެ ކަން އެނގުމުން އޭނާ ރުޅި ގަދަވިއެވެ. އޭނާ ހުރީ ފޯނު ހިފައިގެން ގޮސް ރެކޯޑު ކޮށްގެން ނުވަތަ ވީޑިއޯ ކޮށްގެން އެމީހާއާއި ދެކޮޅަށް ހެއްކެއް ހޯދާށެވެ. ނަމަވެސް އެމީހާ ވަނީ އެކަމަށް މާ ކުރިން ތައްޔާރުވެފައިކަން ޒަޔާންއަށް އެނގުނެވެ. މޫނުގައި ދެއަތް ހާކާލަމުން އޭނާ ބޮލުގައި އަތުން ފުނާ އަޅާލީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލުމަށެވެ. ބޭރުގައި ހުރި މީހުން ދޮރު ހުޅުވާދިނުމުން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ޒަޔާން އެ ކޮޓަރިތެރެއަށް ފިޔަވަޅު އެޅިއެވެ.

“ވެލްކަމް ޒަޔާން.” ކުުރިން ރޭ ފޯނުން ވާހަކަ ދެއްކި އަޑު ޒަޔާންގެ ކަންފަތުގައި ޖެހުނެވެ. ޒަޔާން ކުރިމަތީގައި ހުރީ ދެބައި އުމުރުގެ ފިރިހެނެކެވެ. އެމިހާއަށް ބަލާލުމުންވެސް އޭނާގެ މުއްސަނދިކަން އެނގެއެވެ. އަތުގައި ރޯލެކްސް ގަޑިއެވެވެ. އެންމެ ފަހުގެ އައިފޯނެކެވެ. ލައިގެން ހުރީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. އަރައިގެން ހުރި ބޫޓުގެ އޮފް ކަމުން ދަޅަ އަޅަ އަޅާ ހުއްޓެވެ.

“ކޯއްޗެއް ބޯނީ؟ ކޮފީ ތަ؟ ޖޫސް ތަ؟” ޒަޔާންއާއި މުހާތަބު ކުރަމުން އެމީހާ ބުނެލިއެވެ. އަދި ސޯފާ ގޮނޑި ދައްކަމުން އިށީނުމަށް އިޝާރާތް ކުރިއެވެ.

“އަހަންނަށް ކިޔަނީ އާޒިމް. ޒަޔާންގެ ދައްތަ އައީ އަހަރެންގެ ރިސޯޓަށް.. ހާދަ ރީތި ކުއްޖެކޭ އެއީ..” އެ ބަސްތައް އިވުމުން ޒަޔާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ،
“ޔޫ ޕާވާޓް. ހައު ޑެއާރ ޔޫ..” އޭނާ ފުންމައިގެން ގޮސް އާޒިމްގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފިއެވެ. އާޒިމް ސެކިއުރިޓީއަށް ގޮވަން ފެށުމުން ޒަޔާންއަށް ޖެހުނީ ދޫކޮށްލާށެވެ.

“މިއޮތީ ފަސް ލައްކަ ރުފިޔާ..” ގަމީހުގެ ގިރުވާން ރަނގަޅު ކޮށްލުމަށްފަހު ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ލާރި ބޮނޑިތައް ބަހައްޓަމުން އާޒިމް ބުނެލިއެވެ. މުޅި ހަޔާތުގައިވެސް އެހާ ގިނަ ފައިސާ އެއްފަހާ ޒަޔާން ނުދެކެއެވެ.

“ކަލޭ ހީކުރީ ފައިސާ ބޭނުންކޮށްގެން ކަލޭ ބޭނުންހާ ގޮތަކަށް ކަންތައް ކުރެވޭނެ ކަމަށްތަ؟” މޭޒުމަތީގައި ހުރި ފައިސާ ބޮނޑިތަކަށް ބަލަން އިނދެ ޒަޔާން ވާހަކަ ދެއްކިއެވެ. “ތި ފައިސާއަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެން ބޭނުންވީ އަހަރެންގެ ދައްތައަށް އެ އަނިޔާ ދިނީ ކާކުތޯ ބަލަން. އެއީ ކާކުކަން މިހާރު އެނގިއްޖެ.” ޒަޔާންގެ ވާހަކަ އެހިސާބަށް ދިޔުމުން، އާޒިމް އަނެއްކާވެސް މޭޒުމައްޗަށް ލާރި ބޮނޑިތަކެއް އިތުރުކޮށްލިއެވެ.

“ދިހަ ލައްކައިން ވާނެތަ؟” އާޒިމްގެ ވާހަކަ ހުރީ ވިޔަފާރީގެ މުއާމަލާތެއް ކުރަން އުޅޭ ކަހަަލަ ގޮތަކަށެވެ. ޒަޔާންގެ ދެއަތް ބާރަށް މުއްކަވާލެވުނީ އާޒިމްގެ ބޮޑާ ކަމާއި ލަދު ކުޑަކަން ހިތަށް އަރާފައެވެ.

“މިލިއަނެއް ދިނަސް މިފަހަރު ކަލޭ ސަލާމަތްވުން އެއީ ނެތް ގޮތެއް. ކަލޭ ހީކުރީ އަހަރެން އަތުން ފޯނު އަތުލާފަ ސެކިއުރިޓީން ލައްވާ މުޅި ހަށިގަނޑު ޗެކުކޮށްފަ ވެއްދީމަ ކަލޭ ސަލާމަތް ވާނެ ކަމަށްތަ؟” ޒަޔާން ސޯފާގައި ހަމަޖެހިލާ އެއްފައިމަތީ އަނެއްފައި ބާއްވާލިއެވެ. “ކަލެއާ ދެކޮޅަށް އަހަރެމެންގެ އަތުގަ އޮތީ އެއަށްވުރެ މާ ވަރުގަދަ ހެއްކެއް. އޭގައި ކަލޭގެ ލޭ ދައުރުވާކަން ޔަގީން.” އާޒިމްއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޒަޔާން ބުނެލިއެވެ.

ޒަޔާން ބުނި ބަސްތައް އަޑު އިވުމުން އާޒިމްގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔަ ތަން ފެނުނެވެ. އޭނާ ގެ ދެ ބުމަ ގޮށް ޖެހުނުތަން ފެނުނެވެ. އެތަން ފެނުމުން ޒަޔާންގެ ހިތަށް ލިބުނީ ބަޔާން ނުކުރެވޭފަދަ ހިތް ހަމަޖެހުމެކެވެ. މީގެ އިރުކޮޅެއް ކުރިން އާޒިމްގެ ފަރާތުން ފެނުނު ބޮޑާ ކަމާއި ކިބުރުވެރިކަން ފިލާގޮސް މިހާރު އެ އިނީ ހަދާނެގޮތް ހުސްވެފައެވެ.

“އެހެންވީމަ ތި ވީޑިއޯތައް ހަމަ މިހާރުން މިހާރަށް، އަހަރެން ކުރިމަތީގަ ޑިލިޓް ކޮށްލާ..” ހަރުކަށި ރާގެެއްގައި ޒަޔާން އަމުރުކުރިއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އާޒިމް އޭނާގެ ފޯނު ނަގާ ހުޅުވާލިއެވެ. އަދި ޒަޔާންއަށް ފެންނާނެހެން ފޯނު ބޭއްވުމަށް ފަހު ވީޑިއޯތައް ޑިލީޓް ކުރިއެވެ. ޒަޔާން އާޒިމްގެ އަތުން ފޯނު ޖަހައިގަނެ އޭގައި އިތުރު ވީޑިއޯ ހުރިތޯ ބެލިއެވެ. ކުރިމަތީގައި އެ އިން މީހާއަށް ޒަޔާން އެއްގޮތަކަށްވެސް އިތުބާރެއް ނުކުރެއެވެ. އިތުރު ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނެތްކަން ޔަގީން ކުރުމަށްފަހު އާޒިމްގެ އުނގު މައްޗަށް އެ ފޯނު އެއްލިއެވެ. އަދި އިތުރަށް އެންމެ ހިނދުކޮޅެއްވެސް މަޑު ނުކޮށް ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.

“ސީ ޔޫ އެޓް ކޯޓް..” ދޮރުން ބޭރަށް ނިކުތުމުގެ ކުރިން ޒަޔާން އާޒިމްއަށް ބަލާލިއެވެ. އަދި ދެން ދިމާވާނީ ކޯޓުން ކަމަށް ބުނެލިއެވެ. އާޒިމްގެ ދެލޮލުން ރުޅިވެރިކަން ފެންނަން ހުއްޓެވެ. ޒަޔާން ކަހަލަ އާދައިގެ މީހަކު އެެ ދިޔައީ އާޒިމްގެ އަނގަ ބަންދު ކޮށްލާފައެވެ. އޭނާގެ ރުޅިގަނޑު ބާލާލީ އަތުގައި އޮތް ފޯނަށެވެ. ފާރުގައި ޖެހި އެ ފޯނު ފުނޑުފުނޑުވި އަޑު ޒަޔާންއަށްވެސް އިވުނެވެ. ފޯނާއި ވޮލެޓް ހިފައިގެން ޒަޔާން ގޮސް އެރީ ލިފްޓަށެވެ.

ޒަޔާން ގެއަށް ވަންނަން ދެވުނީ ނާއިފްގެ ކުރިމައްޗަށެވެ. ނާއިފްއަށް ލުއި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ޒަޔާން ގެއަށް ވަނެވެ. އަދި ސޯފާގައި ތިބި ޒައިނާއާއި ޒޯޔާއަށް ބަލާލެވުނީ ކިހިނެއްވިތޯ އަހާލަމުންނެވެ. އޭރު ޒައިނާ އޮތީ ޒޯޔާގެ ކޮނޑުގައި މޫނު ފޮރުވާލައިގެންނެވެ. ޒަޔާންގެ އަޑު އިވުމާއެކު އޭނާ ތެދުވެ ޒަޔާންއަށް ބަލާލިއެވެ. ޒައިނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އޭނާއަށް އަދިވެސް ގިސްލެވެނީއެވެ.

“ދޮންތާ.. ޕްލީޒް. ބީ ސްޓްރޯންގް.” ޒަޔާން ގޮސް ޒައިނާ ކައިރީގައި އިށީނދެ އޭނާގެ ކޮނޑުގައި ހިފާލިއެވެ. “ނާއިފްވެސް އެ އައީނު ދޮންތަ ކައިރިއަށް.” ޒަޔާން ބެލީ ޒައިނާ ހިތް ހަމަ ޖައްސައިދެވޭތޯއެވެ.

“ޔާން.. ނާއިފް ބުނީ ދެން މެރީއެއް ނުކުރެވޭނެއޯ. އޭނަ މަންމަމެން ގަބޫލެއް ނުވާނެއޯ..” ޒައިނާ މޫނުގައި އަތް އަޅާ އިހުނަށްވުރެ ބޮޑަށް ރޯން ފެށިއެވެ. “މައި ލައިފް އިޒް އޯވާ.” ޒައިނާ ތަކުރާރުކޮށް ބުނަމުންދިޔައެވެ.

“ތިހެން ނުބުނެބަލަ ދޮންތާ. ވީ ވިލް ގެޓް ތްރޫ ދިސް ޓުގެދާ..” ޒަޔާންގެ ލޯވެސް ވަނީ ފެންކަލިވެފައެވެ. ނަމަވެސް އޭނާގެ ދައްތައަށް ހިތްވަރު ދެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އަދި ޒޯޔާ ގާތު ޒައިނާ ގޮވައިގެން ކޮޓަރިއަށް ދިޔުމަށް އެދުނެވެ. ޒައިނާ ރަނގަޅަށް ބެލުމަށްވެސް ޒޯޔާ ގާތު ބުނެލިއެވެ. ޒައިިނާ ކަތި ފިޔަވަޅެއް އަޅާފާނެކަމަށް ޒަޔާންގެ ހިތް ބިރު ގަންނަނީއެވެ. ފަތިހު ހަތަރެއް ޖަހާ އިރު ޑިއުޓީއަށް ދާން ޖެހޭތީ ކުޑަކޮށް ނިދާލުމަށް ޒަޔާންވެސް ކޮޓަރިއަށް ވަނެވެ.

ފޯނުގެ އެލާމުގެ އަޑަށް ޒަޔާން ތެދުވިއެވެ. އަދި ޑިއުޓީއަށް ދިޔުމަށް ތައްޔާރުވިއެވެ. ގޭގެ އެންމެން ނިދާފައި ތިބުމުން އޭނާ ބެލީ ވީހާވެސް މަޑުމަޑުން އުޅެވޭތޯއެވެ. ގެއިން ނިކުތުމުގެ ކުރިން ޒައިނާގެ ކޮޓަރި ބަލާލުމަށް ޒަޔާންގެ ސިކުނޑިން ސިގްނަލްއެއް ދިން ކަހަލައެވެ. ބޫޓަށް އަރަން އުޅެފައިވެސް ބޫޓު ބަހައްޓާފައި ޒައިނާމެން ނިދާ ކޮޓަރިއާއި ދިމާލަށް އޭނާ ހިނގައިގަތެވެ.

ކޮޓަރި ހުލުވާލުމާއެކު ޒަޔާން ގެ ދެލޯ ބޮޑުވިއެވެ. ފަންކާގައި އެލިފައި އެހުރީ ޒައިނާގެ ހަރަކާތެއް ނެތް މަސްގަނޑެވެ. ޒައިނާގެ ދެލޯ ބޮޑުވެފައި ހުރި އިރު ދޫވެސް އޮތީ ބޭރަށް ނިކުމެފައެވެ. ނޫނެކޭ ކިޔާ ހަޅޭލަވައިގަންނަމުން ޒަޔާން ދުވެފައި ގޮސް އެނދު މައްޗަށް އަރާ ޒައިނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ތިރީގައި ގޮދަނޑިއެއް އަޅައިގެން ގަދައަށް ނިދާފައި އޮތް ޒޯޔާއަށް ހޭލެވުނީ ޒަޔާން ހަޅޭލަވައިގެން އަޑަށެވެ. އޭނާ އަށް އެ މަންޒަރު ފެނުމުން ބާރަށް ރޯން ފެށިއެވެ.

ޒައިނާގެ ހަށިގަނޑު އެނދުމަތީގައި ބޭއްވުމަށްފަހު ޒަޔާން ގޮސް އޭނާގެ މަންމަމެން ނިދާ ކޮޓަރީގައި ބާރަށް ޓަކިޖަހާލިއެވެ. ދެތިން ފަހަރަކު މަންމައަށް ގޮވާލުމުން ދޮރު ހުޅުވާލީ ޒީނާއެވެ. ޒަޔާންގެ މޫނު ފެނިފައި ކޮންމެވެސް ގޮތެއް ވެއްޖެ ކަން އޭނާއަށް ވިސްނުނެވެ.

“މަންމާ. ދޮންތަ… ދޮންތަ.” ޒަޔާންއަށް ރަނގަލަށް ވާހަކައެއް ނުދެއްކުނެވެ. އެ ވާހަކަ ބުނާނެ ގޮތެއްވެސް ޒަޔާންއަށް ނުވިސްނުނެވެ. ޒަޔާންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އޭނާ ވަރަށް އަވަހަށް ފޮހެލިއެވެ. ހަމަ އެ ހިނދުކޮޅު ޒީނާ ދުއްވައިގެންފިއެވެ. ޔާސިރުވެސް ޒިނާގެ ފަހަތުން ނިކުތެވެ. ޒަޔާން ނިއްކުރީގައި އެއް އަތުން ހިފަހައްޓާލީ ބޮލުގައި ރިހުމެއް އުފެދިފައިވާތީއެވެ، އަދި އޭނާގެ ޖީބުން ފޯނު ނަގާ ފުލުހުންނަށް އެކަން އެންގިއެވެ.

“ޔާން.. ދަރިފުޅާ.” ޔާސިރުގެ އަޑަށް ޒަޔާން އެދިމާލަށް ދިޔައެވެ. އޭރު ހަބަރު ހުސްވެގެން ޒީނާ ހުރިތަނަށް ތިރިވަނީއެވެ. ޒަޔާން އަވަސް އަވަހަށް ގޮސް ޒީނާ ނަގައިގަނެގެން ގެނެސް ސިޓިންގ ރޫމު ސޯފާގައި ބޭއްވިއެވެ. އަދި ޒޯޔާއަށް ގޮވާ ފެންތައްޓެއް ގެނެސްދިނުމަށް އެދުނެވެ. އެވަގުތު ޔާސިރުވެސް އައިސް ޒީނާ ކައިރީގައި އިށީނެވެ. އޭނާގެ ލޮލަށްވެސް ކަރުނަތައް ޖަމާވެފައި ހުރިތަން ޒަޔާންއަށް ފެނުނެވެ. ޒަޔާންއަށް މީގެ ކުރިން އެފަދަ ހާލަތެއްގައި އޭނާގެ ބައްޕަ ދުވަހަކުވެސް ފެނިފައެއް ނުވެއެވެ.

މާ ގިނަ އިރެއް ނުވެ އެގެއަށް ފުލުހުން އައެވެ. އަދި ޒައިނާ ބާއްވާފައި އޮތް ކޮޓަރިއަށް ވަދެ ތަހުގީގުކުރަން ފެށިއެވެ. ޒަޔާން އެ ކޮޓަރި ދޮރުގައި ލެނގިލައިގެން ހުރީ އެމީހުން ކުރާ ކަމެއް ބަލާށެވެ. އިރުކޮޅަކުން ފަތް ޖަހާފައި އޮތް ކަރުދާސް ގަނޑެއް ހިފައިގެން އެތަނުން ފުލުހަކު ޒަޔާންއާއި ދިމާލަށް އަންނަން ފެށިއެވެ.

“މިއޮތީ ނޯޓެއް.” އެ ގަނޑު ދިއްކޮށްލަމުން އެ ފުލުސް މީހާ ބުނެލިއެވެ.

(ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ