ހަނިމާދޫ ސްކޫލްގެ އޮންލައިން ޤުރުއާން މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފި!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލުގެ ދީނީރޫޙްގެ ފަރާތުން އިންތިޒާމްކުރާ، އެ ސްކޫލުގެ ފުރަތަމަ އޮންލައިން ޤުރުއާން މުބާރާތުގެ ގުރުއަތުލުން އިއްޔެ ބާއްވައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ ގޫގުލް މީޓް މެދުވެރިކޮށް، ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ ކީ ސްޓޭޖް 2 އަދި ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް އަމާޒު ކޮށްގެން 13:45 ގައެވެ. ދެވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ 15:45 ގައި ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް އަމާޒު ކޮށްގެންނެވެ.

މި ގުރުއަތުލުން ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލްގެ ދީނީ ކްލަބުގެ ލީޑިން ޓީޗަރ ލިފްސާ މުހައްމަދު ވިދާޅުވީ މި ބައްދަލުވުންތައް ކުރިއަށް ދިޔައީ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި، ބެލެނިވެރިން ސާމިލް ކޮށްގެންނެވެ.  އަދި މިބައްދަލްވުމުގައި މުބާރާތާއި ގުޅޭ މުޙިއްމު މައުލޫމާތުތައް މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށާއި ބެލެނިވެރިނަނަށް ޙިއްސާކުރެވުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މުބާރާތުގައި އޮންނާނީ ބަލަައިގެން ކިޔެވުމުގެ ގޮފި އެކަނި ކަމަށާއި، ކޮންމެ ދަރިވަރަކަށްވެސް ކުރެވޭނީ މަދީނާ މުޞްޙަފުގެ 8 ފޮޅުވަތުގެ އެންމެ ސުވާލެއް ކަމަށް ލީޑިންގ ޓީޗަރ މަޢުލޫމާތު ދެއްވިއެވެ. މި މުބާރާތުގައި މުޅި ޖުމްލަ 70 ދަރިވަރުން ބައިވެރިވެފައި ވާ ކަމަށް ލިފްސާ ފާހަގަ ކުރެއްވިއެވެ.

މިއަދުން ފެށިގެން ( 14 ސެޕްޓެމްބަރ ) މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކިޔެވުންތައް ސްކޫލަށް ފޮނުވަން ޖެހޭއިރު ކިޔެވުން ރެކޯޑު ކުރާއިރު ދަރިވަރުން ތިބެން ޖެހޭނީ ސްކޫލު ރަސްމީ ޔުނީފޯމުގައި ކަމަށް ލިފްސާ ވިދާޅުވިއެވެ. ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ދަރިވަރަކަށް ލިބިފައިވާ ސުވާލާއި ދަރިވަރުގެ ކީ ސްޓޭޖް އަދި ދަރިވަރުގެ ނަން ވެސް ބުނަން ޖެހޭނެ ކަމަށް ލީޑިން ޓީޗަރ ލިފްސާ ވިދާޅުވިއެވެ.

ކިޔެވުންތަށް ފޮނުވަން ޖެހެނީ ވައިބަރ މެދުވެރިކޮށް ދީނީ ރޫހު ކުލަބުގެ މުދައްރިސް އިބްރާހިމް އަލީގެ ނަންބަރ 9645712 އަށެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ޙަރަކާތްތެރިވެ ލައްވާނީ ރަށުންބޭރުގެ ތިން ބޭފުޅުންނެވެ. އިސްފަނޑިޔާރެއްގެ ގޮތުގައި މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާނީ އިސްކަންދަރު ސްކޫލުގެ ޤުރުއާން މުދައްރިސް އަލްޤާރީ ނިޝާންދު ޙުސައިން އެވެ. ފަނޑިޔާރުންގެ ކޮމިޓީގެ އިތުރު ދެ މެންބަރުންގެ ގޮތުގައި ހދ އެޓޯލް ސްކޫލްގެ ޤުރުއާން މުދައްރިސް އަލްފާޟިލް އަނަސް ޙުސައިން އާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ނަސީމް ބައިވެރިވެ ވަޑައި ގަންނަވާނެ ކަމަށް އެ ކްލަބްގެ ފަރާތުން ގޮށްކޮޅަށް މަޢުލޫމާތު ދެއްވާފައި ވެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ކަންތައްތައް ދާނަމަ ކުރިޔަށް އޮތް އޮކްޓޫބަރ މަހުގެތެރޭގައި ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތު ބޭއްވިގެން ދާނެ ކަމަށްވެސް ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

ގޮށްކޮޅުގެ ފަރާތުން ހަނިމާދޫ ސްކޫލުގެ ދީނީރޫޙްގެ ފަރާތުން މިކުރާ މަސައްކަތަށް ހިތްވަރުދީ ކާމިޔާބު މުބާރާތަކަށް އެދެމެވެ. މުބާރާތުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް ފުރިހަމަ ކާމިޔާބީއަކަށް އެދެމެވެ. ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވާ އެންމެހައި ފަރާތަކަށް ޝުކުރު ދަންނަވަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ