ހަނިމާދޫ ކައުންސިލް އަދި އެމްޓީސީސީ ގުޅިގެން ހަދާ ޑްރައިވިންގް ޓްރެކް ހަދަން ބަޔަކާ ހަވާލު ކޮށްފިއެވެ.
މި މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވަނީ މިއަދު ހަނިމާދޫ ކައުންސިލުގައި މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް އަށެވެ.
މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު އެވެ. މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އިބުރާހިމެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 25 ދުވަހުގެ ތެރޭ ނިންމާގޮތަށް 248884 ފުރިޔާއަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް ވިދާޅުވީ މިއީ ހަނިމާދޫ ރައްޔިތުންގެ މުސްތަގުބަލަށް އަޅާދެވޭ އެންމެ މުހިއްމު އެއް ބިންގާ ކަމަށެވެ. އަދި މިއީ ހަނިމާދޫގެ ގިނަ ރައްޔިތުންގެ އެއް އެދުން ކަމަށެވެ.
“މި ޑްރައިވިންގް ޓްރެކް އެޅުމަށް މުޅި ޕުރޮޖެކްޓަށް 8 ލައްކަ އަށްވުރެ ބޮޑު ހަރަދެއް އެބަ ހިނގާ، މި ކަން ކުރުމަށް އެންމެބޮޑު އެހީތެރި ކަމެއް ލިބިގެން މިދަނީ ރައްޔިތުންގެ ކުނަފުނި އެމްޓީސީސީގެ ފަރާތުން، އެފަރާތުގެ ސީއެސްއާރް ގެ ދަށުން ބޮޑު ހޭދައެއް މި މަސައްކަތަށް އެބަ ކުރޭ، މިކަމަށްޓަކައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” ފިރާގް ވިދާޅުވިއެވެ.
މި ޑްރައިވިންގް ޓްރެކް ނިމުމާއެކު ހުރިހާ ކެޓަގަރީއެއްގެ ލައިސަންސް ވެސް ހަނިމާދޫން ނެގޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލުން ސައިކަލް ލައިސަންސް ނެގުމުގެ ހިދުމަތް މިއަހަރު ޖޫން 1 ވަނަދުވަހު ވަނީ ދޭންފަށާފައެވެ.


