ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ ފަހުގެ

( 16 ސެޕްޓެމްބަރ 2020 އާ ގުޅޭ)
އިޒާނީގެ ބައްޕައާއި ޒަޔާން ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެކަން ޒަޔާންއަށް އެނގެއެވެ. އެދުވަހުން ވާނެ ގޮތަކާއިމެދުވެސް އޭނާ ކަންބޮޑުވެއެވެ. ނިއްކުރީގައި އެއް އަތުން ފިރުމާލަމުން ޒަޔާން އެތަނުން ތެދުވީ ކޮޓަރިއަށް ދިޔުމަށެވެ. ހަމަ އެވަގުތު އިޒާނީގެ ކޯލެއް އައެވެ.

އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު އޭނާ ފޯނު ޖީބަށް ލިއެވެ. މިވަގުތު އޭނާ އިޒާނީއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ސިކުނޑި ހަމަ ޖައްސާލާ ނިދާލާށެވެ. ނަމަވެސް މިރޭ ދިމާވި ކަންތަކުން އޭނާއަށް ނިދޭނެ ކަމެއްވެސް ނޭނގެއެވެ. ލައްޕާލާފައި އޮތް މާޒީގެ ސަފުހާތައް ހަޔާތުގެ މިހާ ހިސާބުން ހުޅުވޭނެ ކަމަށް ޒަޔާން ހުރީ ތައްޔާރު ވެގެނެއް ނޫނެވެ.
އިޒާނީގެ ކޯލުތައް އަންނަކަން އެނގި ހުރެވެސް ޒަޔާން އަޅައެއް ނުލިއެވެ. އެނދުގައި އޮށޯވެގެން އޮތް އިރު އޭނާގެ އެއް އަތް އޮތީ ނިއްކުރިމަތީ ބައްވާލާފައެވެ. ފުން ވިސްނުމެއްގައި އޮތްކަން އޭނާގެ މޫނުން ހާމަ ވަމުން ދިޔައެވެ. އޭސީގެ ފިނި މުޅި ކޮޓަރީގައި ހިފާފައި ހުއްޓެވެ. ޒަޔާން އިރު އިރުކޮޅުން އޭނާގެ ފޯނަށް ބަލާލައެވެ. އިޒާނީގެ އަޑު އަހާލަން އޭނާ ކިތަންމެހާވެސް ބޭނުމެވެ. އިޒާނީ އޭނާގެ މީހަކަށް ހަދަންވެސް އޭނާ ބޭނުމެވެ. ޒަޔާންގެ ހިތް އިޒާނީއަށް އެދެމުން ދިޔައިރު، ޒަޔާންގެ ސިކުނޑި ބުނަމުން ދިޔައީ މުޅިން އެހެން ވާހަކައެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޒަޔާންގެ ދައްތަގެ ގާތިލުގެ ކުރިމައްޗަށް އަރަން ޒަޔާންއަށް ކެރޭނެ ހެއްޔެވެ؟ އެ ގާތިލުގެ ދަރިފުޅަށް ލޮއެއްބާއި އުފާ ދީގެން ޒަޔާން އުޅެފާނަން ހެއްޔެވެ؟ އެއީ އިންސާފު ހެއްޔެވެ؟ ޒަޔާންގެ ބައްޕައާއި މަންމަ ކުރި ހިތާމަ ޒަޔާން ދުށީމެއް ނޫންހެއްޔެވެ. ޒަޔާންގެ މުޅި އާއިލާއަށް ނުހައްގުން ލިބުނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އެ އަނިޔާގެ ބަދަލުގައި އިޒާނީގެ އާއިލާއަށް ލިބެންވީ ޒަޔާންގެ ލޮއެއްބާއި އިހުތިރާމް ހެއްޔެވެ؟

ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ހިޔާލުތައް ޒަޔާންއަށް އުނދަގޫކުރަން ފެށިއެވެ. އެނދުން ތެދުވެ އޭނާ ގޮސް މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ. ބޭރު ބަލަން ހުރުމަށް ފަހު ޒަޔާން އަނެއްކާވެސް އައިސް އެނދުގައި އޮށޯއޮތެވެ. ދެލޯ މަރާލުމުންވެސް އޭނާއަށް ފެންނަނީ އާޒިމްގެ މޫނެވެ. އޭނާގެ އަނިޔާވެރި ބަސްތައް ޒަޔާންގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ދެން ހަދާނެ ގޮތެއް ނިންމަން ޒަޔާންގެ ސިކުނޑި އޭނާއަށް މަޖުބޫރު ކުރުވާ ކަހަލައެެވެ.

އާ ދުވަހެއް ފެށުނެވެ. އާދައިގެ މަތިން އިޒާނީ އެއޮތީ ނިދާފައެވެ. ހުކުރު ދުވަސް ކަމުން ހުސްނާ ގޮސް އިޒާނީގެ ކޮޓަރި ދޮރުގައި ތަޅައިގަނެ އޭނާ ހޭލައްވާލިއެވެ. މެރިފައިވާ ދެލޮލާއި އެކު އިޒާނީ ގޮސް ދޮރު ހުޅުވިއެވެ.

“ސާބަހޭ ދަރިފުޅަށް. ނިދަން ކެރޭ ކުއްޖެއް މަންމައަށް ލިބިފަ މިހުރީ..” އިޒާނީ ދޮރު ހުޅުވާލުމާއެކު ހުސްނާ ކުދި ކިޔަން ފެށިއެވެ. އަދި ތައްޔާރުވެގެން ސައިބޯން އައުމަށް ބުނެލިއެވެ.

“މަންމާ.. އަދި ނުވައެކޭ ޖެހީ..” އެއްލޯ ހުޅުވާލަމުން އޭނާ ކޮޓަރީގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. “އަދި އެއް ގަޑިއިރު.. ޕްލީޒް.” ކުސްތަޅާލަމުން އިޒާނީ ބުނެލިއެވެ.

“ޕިސް ޕިސް… މަންމަ ހިތަށް އަރާ ދަރިފުޅު ތަންކޮޅެއް ހަރުދަނާ މީހަކަށް ވާނީ ކޮން ދުވަހަކުން ބާއޭ..” ހިތް ހަމަ ނުޖެހިފައި ހުރެ ހުސްނާ އެތަނުން ދިޔުމަށް ހިނގައިގަތެވެ. މަންމަ ދިޔުމުން އިޒާނީ ގޮސް އެނދުގައި އޮށޯވެ ރަޖާ އަޅާލީ އަލުން ނިދާލުމަށެވެ. ހަމަ އެވަގުތު އޭނާ ހަނދާންވީ ޒަޔާން މަތިންނެވެ. އިޒާނީގެ ހިޔާލުގައި ޒަޔާން ނުވާ ވަގުތެއް ނާދެއެވެ. ރޭ ވެސް ޒަޔާން ފޯނު ނުނެގުމުން އޭނާ ގުޅާނެ ކަމުގެ އިންތިޒާރުގައި އިޒާނީ އެތަށް އިރެއް ނުނިދާ މަޑުކުރިއެވެ. ނަމަވެސް ޒަޔާންގެ ހަބަރެއް ނުވިއެވެ. އިޒާނީ އަވަސް އަވަހަށް ފޯނު ނަގާ ހުޅުވާލީ ޒަޔާން ގުޅާފައި އޮންނާނެ ކަމުގެ އުންމީދުގައެވެ.

“ގުޑް މޯނިންގ، ބިއުޓިފުލް. ސޮރީ ރޭގަ ފޯނު ނުނެގުނީ. ކުޑަކޮށް ބޮލުގަ ރިއްސާތީ ބޭސް ކެއީމަ ނިދުނީ. ހޭލާފަ ގުޅާތި. އައި ލަވް ޔޫ” ޒަޔާންގެ މެސެޖެކެވެ. އިޒާނީގެ ދުވަސް އެ ފެށުނީ އޭނާ އެންމެ ލޯބިވާ މީހާގެ ބަސްތަކުންނެވެ. ފޯނު މޭގައި ޖައްސާލާ އޭނާ ހިނިތުންވެލިއެވެ. އަދި ޒަޔާންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ދެތިން ފަހަރު ރިންގު ވުމަށްފަހު ޒަޔާން ފޯނު ނެގިއެވެ.

“ގުޑް މޯނިންގ..” އިޒާނީ ބުނެލިއެވެ. ޒަޔާންއާއި ވާހަކަ ދެއްކި އިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ. އެ އުފާވެރިކަން ކިހާ ދުވަހަކަށް ދެމިގެން ދާނެ ކަމީ އެކަކަށްވެސް ނޭނގޭ ކަމެކެވެ. އެކަކު ފިޔަވައެވެ.

“މިރޭ މިކޮޅަށް އަންނަންވީނު؟” ޒަޔާން ދައުވަތު ދިނެވެ. އަދި ހެޔޮ ހިތުން އިޒާނީ އެ ދައުވަތު ގަބޫލު ކުރިއެވެ.

އިޒާނީ ތައްޔާރު ވެގެން ތިރިއަށް ފޭބި އިރު އާޒިމްއާއި ހުސްނާ ފެންނާކަށް ނެތެވެ. އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން މިސްރާބު ޖެހީ ގޭގެ ފުރަގަހުގައި އޮންނަ ބަގީޗާއާއި ދިމާލަށެވެ. އެތަނަށް ދިޔަ އިރު، ގަސްތަކަށް ފެން ޖަހަން ހުސްނާ ހުއްޓެވެ. އަދި އެތަނުގައި ހުރި ގޮނޑިއެއްގައި އާޒިމް އިނެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ދެ ޖޫސް ތަށި ބަހައްޓާފައި ހުއްޓެވެ.

“ހޭލެވިއްޖެ ދޯ ބައްޕަގެ ކަމަނާއަށް..” އިޒާނީ ފެނުމުން އާޒިމް ސަމާސާ ކޮށްލިއެވެ.

“ދެން ބައްޕަވެސް..” އިޒާނީ ތުން ހަދާލަމުން ބުނެލިއެވެ. “ދޮންބެ ފުރުވާފަ ކިހާ ލަހުން އަޅުގަނޑުމެން ނިދީ. އެހެންވީމަ ލަހުންނެއްނު ހޭލެވޭނީ.” އަމިއްލަ ނަފްސު ދިފާއު ކޮށްލަމުން އިޒާނީ ބުނެލިއެވެ. އަދި އެކަމަށް އެއްބަސްވުމުގެ ގޮތުން އާޒިމް ބޯ ޖަހާލިއެވެ.

“ބައްޕަވެސް ދިޔައީމޭ ދޮންބެ ފުރުވަން. އެކަމު ބައްޕަ ހޭލައިފިން ފަހެއް ޖެހި އިރު.” އާޒިމް އޭނާގެ ދަރިފުޅާ ދިމާކޮށްލިއެވެ. އެދެމީހުން ދައްކާ ވާހަކަ އަޑު އަހަން ހުސްނާ ހެވިފައި ހުއްޓެވެ.

“ދޮންބެ ނެތީމަ ވަރަށް ފަޅު ދޯ. ހާއްސަކޮށް ހުކުރު ދުވަސް މީ ދޮންބެ ގޭގަ ހުންނަ ދުވަސް.” އާޒިމްއާއި އިޒާނީއަށް އަޑު އިވޭނޭހެން ހުސްނާ ވާހަކަދެއްކިއެވެ. މިއަދު އެގޭގައި ތިބީ އެ ތިން މީހުންނެވެ. އަޒާން އާއި އޭނާގެ އަލަތު އަނބިމީހާ ވީ އެމީހުންގެ ކައިވެނީގެ އުފާ ފާހަގަ ކުރުމަށް، ފްރާންސްގެ ޕެރިސްއަށް ޗުއްޓީއަށް ގޮހެވެ. އެމީހުން ފުުރީ ކައިވެނި ޕާޓީ ނިންމާލުމަށްފަހު، ރޭގެ ދަންވަރު ފްލައިޓުންނެވެ.

“އަޅުގަނޑު މެރީ ކުރީމަވެސް ބައްޕަ އަޅުގަނޑަށް ހަނީމޫން އެރޭންޖް ކޮށްދޭނަން ދޯ؟” ސަމާސާ ރާގަކަށް އިޒާނީ އޭނާގެ ބައްޕަ ގާތު އަހާލިއެވެ.

“އޮފްކޯޒް، މައި ޕްރިންސެސް. ދަރިފުޅު ބުނި ތާކަށް..” އިޒާނީގެ ބޮލުގައި ފިރުމާލަމުން އާޒިމް ބުނެލިއެވެ. “ދަރިފުޅުވެސް މެރީ ކުރަންވީތަ އަނެއްކާ؟” ސަމާސާ ރާގު ދޫކޮށްލަމުން އާޒިމް އަހާލިއެވެ.

“ނޫނޭ ބައްޕާ.. ހަމަ އަހާލީ. އަޅުގަނޑު ތިކަމާ ވިސްނާނީ މާސްޓާސް ނިންމާފަ..” އިޒާނީ އިސް އޮބާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.

“މި އަހަރު ނިމެއެއްނު. އެހެންވީމަ އެބަ ހުރި ދޯ….” އާޒިމްއަށް ބުނެވުނީ އެހިސާބަށެވެ.

“މަންމާ، ހާދަ ބަނޑުހައޭ.. ކޯއްޗެއްތަ ސައިބޯން ހުރީ؟” ވާހަކަ އޮޅުވާލަމުން އިޒާނީ ތެދުވިއެވެ.

“ކާގެއަށް ދިޔައީމަ އެއްނު އެނގޭނީ.. ނިރުމަލާ އުޅޭނެ. ބުނޭ ސައި ހަދާދޭށޭ.” ހުސްނާ އެހެން ބުނުމާއެކު އިޒާނީ ހިނގައިގަތެވެ. ނުހޭން އިނުމުންވެސް، އިޒާނީ އުޅުނު ގޮތުން އާޒިމްއަށް ހެވުނެވެ.

އެރޭ އިޝާ ނަމާދުން ފައިބައިގެން އާޒިމް ގެއަށް އައި އިރު އިޒާނީ އިނީ އޭނާގެ އިންތިޒާރުގައެވެ. ހުދު ކުލައިގެ ހައި ޒިޕް ޖީންސަކާއި ކޮރަލް ކުލައިގެ ކްރޮޕް ޓޮޕެއްގައި އިޒާާނީ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. އޭނާގެ ބޮލުގެ މެދަށް ވާ ގޮތަށް، އިސްތަށިގަނޑު މާ ތަރުތީބު ނުކޮށް ހުޅިއެއް ޖަހާފައި ހުއްޓެވެ. އަދި އާދައިގެ މޭކަޕެއް ކޮށް ރަތް ކުލައިން ތުންފަތް ޖަރީކޮށްލާފައި ހުއްޓެވެ.

“ދަރިފުޅު ކޮންތާކަށް ދާން؟” އިޒާނީ ފެނުމާއެކު އާޒިމްއަށް އަހާލެވުނެވެ.

“ބައްޕަ އަޅުގަނޑު އެއްކަލަ ހެންވޭރު ގެއަށް ލައިދީފާނަންތަ؟ ކްލާސް ކުއްޖެއްގެ ބާތްޑޭ ވީމަ..” އިޒާނީ ޖެހިލުންވެ ހުރެ އޭނާގެ ބައްޕަ ގާތުން އަހާލިއެވެ.

“މި އަންނަނީ ފާހާނައަށް ވަދެލާފަ. ދަރިފުޅު ނުކުމެ.” އާޒިމް އެހެން ބުނުމުން އިޒާނީ އަވަހަށް ގޮސް ފައިވާން ބަހައްޓާ ހަރުގަނޑުން މުށި ކުލައިގެ ބޫޓެއް ނަގާ ފަޔަށް ހެޔޮވަރު ކޮށްލިއެވެ. އަދި އާޒިމްގެ ކާރު ގަރާޖުން ނެރެންދެން ގޭގެ މައި ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.

“ނިމުނީމަ ބައްޕައަށް ގުޅާ. މާ ލަސް ނުކުރާތި އިނގޭ.” އިޒާނީ އެ ބުނި ގެއަށް ކާރު ގާތް ކޮށްލަމުން އާޒިމް ބުނެލިއެވެ. އޭނާގެ ހުރި އެންމެ އަންހެން ދަރިފުޅަށް އެއްވެސް ގެއްލުމެއް ވާކަށް އޭނާ ނޭދެއެވެ. އިޒާނީ ކޮންމެ ތަނަކަށް ދިޔަޔަސް އާޒިމްގެ ހިތް ނުތަނަވަސްވެއެވެ. މިރޭވެސް އޭނާ ކުޑަކޮށް ހިތް ހަމަ ޖައްސާލީ ކުރިން ދުވަހު އިޒާނީ ބަލާ އައިސް ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. ޒޯޔާއާއި އެއްކޮށް އިޒާނީ އެގެއަށް ވަނެވެ.

“ދޮންބެ ޓެރެސްގަ އެބައިން އިޒޫއަށް ވެއިޓް ކޮށްގެން.” އިޒާނީއާއި އެކު ސިޑިއާއި ހަމައަށް ގޮސް ޒޯޔާ މަޑުކޮށްލިއެވެ.

“ޒޯ ނުދާނަންތަ؟” ސިޑިއަށް އަރަމުން ފަހަތަށް އެނބުރިލާ އިޒާނީ އަހާލިއެވެ. އެއާއެކު ޒޯޔާ ހިނުތުންވެލާފައި ބޯ ޖަހާލީ އާނއެކޭ ބުނަމުންނެވެ. ސިޑިން އަރަމުން ދިޔަ ވަރަކަށް އިޒާނީގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެ ހިތް މޭ ފަޅާފައި ނިކުންނަން އުޅޭ ކަހަލައެވެ. އޭނާ މޭގައި އަތް ބާއްވާލާ ދެތިން ފަހަރު ފުން ނޭވާއެއް ދޫކޮށްލީ އެހެންވެއެވެ.

ޓެރެސްއަށް އެރި ވަގުތު އިޒާނީ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަނގަ މަތީގައި ދެއަތް އަޅާލެވުނީ ފެނުނު މަންޒަރު ގަބޫލު ކުރަން ދަތި ވުމުންނެވެ. މުޅި ޓެރެސް ދިއްލާލާފައި އޮތީ ކުދި ކުދި އުއްބައްތި ތަކަކުންނެވެ. ތަރުތީބެއް ނެތި ރަތް ކުލައިގެ ފިނިފެންމާ ފިޔަތައް މުޅި ތަނަށް އުކާލެވިފައި ހުއްޓެވެ. އުޑުގައި ދިއްލިފައި ހުރި ތަރިތަކުން އެ މާހައުލު އިރުތަށް އުޖާލާ ކޮށްދޭ ކަހަލައެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން ހިތްތައް ފިނިކޮށްދެމުން ދިޔައެވެ.

“ހައި..” ޒަޔާން އައިސް އިޒާނީގެ ކުރިމައްޗަށް ހުއްޓިލާ ރަތް ފިނިފެންމަލެއް އޭނާއަށް ދިއްކޮށްލިއެވެ. “ޔޫ ލުކް ބިއުޓިފުލް.” އިޒާނީގެ ބޮލުން ދޫވެފައި ވާ ކުރު އިސްތަށިކޮޅެއް އިޒާނީގެ ކަންފަތުގެ ފަހަތަށް ލައްވާލަމުން ޒަޔާން ބުނެލިއެވެ. އަދި އިޒާނީއާއި ގާތް ވެލަމުން އޭނާގެ އުނަގަނޑުގައި ޒަޔާން ހިފާލިއެވެ. އިޒާނީވެސް އޭނާގެ ދެއަތް ޒަޔާންގެ ކަރުގައި ވަށާލިއެވެ.

“ކަމް..” އިޒާނީއާއި ދުރަށް ޖެހިލަމުން ޒަޔާން ބުނެލިއެވެ. އަދި އިޒާނީ ގޮވައިގެން ގޮސް އެތަނުގައި އަޅާފައި އޮތް ކުނާ މަތީގައި އިށީނދެލިއެވެ. އިޒާނީ މާ ދުރުގައި އިންނަން ފެށުމުން، އިޒާނީގެ ބުރަކަށި ޒަޔާންގެ މޭގައި ޖެހޭނޭހެން، އިޒާނީގެ ފުރަގަހުން އޭނާ ކައިރިވެލިއެވެ. އަދި އިޒާނީގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ.

“ހާދަ މީރު ވަސް ދުވައޭ.. ކާލާ ހިތް ވަނީ.” އިޒާނީގެ ކަންފަތް ދޮށުގައި ޒަޔާން ބުނެލިއެވެ. އަދި އިޒާނީގެ ކަންފަތުގެ ފޫޅުގަނޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ.

“ޒަޔާން ސްޓޮޕް..” އިޒާނީ ގާތަށް ހިނިއައެވެ. ޒަޔާން ކޮށްލާ އެފަދަ ގޯނާތައް އޭނާއަށް ވަރަށް ކަމުދެއެވެ. އެކަންކަމުން އަންގައިދެނީ ޒަޔާން އޭނާ ދެކެ ވާ ލޯބި ކަމަށް އިޒާނީއަށް ގަބޫލު ކުރެވުނެވެ.

“ޔަމް..” ޒަޔާން އިތުރަށް ސަމާސާ ކޮށްލިއެވެ. އެއާއެކު އިޒާނީ ގަދަ ހަދާލާ، ޒަޔާންގެ އަތްދަށުން ދެމިގެން ދިޔުމަށް މަސައްކަތް ކުރިއެވެ.

“ކިހިނެއްވީ،؟ ނުދޭނަންތަ ކާލާކަށް؟” އިޒާނީގެ ގައިގައި ބާރަށް ހިފަހައްޓާލަމުން ޒަޔާން އަހާލިއެވެ. އެއާއެކު އިޒާނީ ހިމޭންވިއެވެ. އަދި މޫނު އަނބުރާލާ ފުރަގަހުގައި އިން ޒަޔާންއަށް ބަލާލިއެވެ. ޒަޔާންގެ ނޭވާ އިޒާނީގެ މޫނަށް އިހުސާސްވިއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒަޔާންގެ ތުންފަތުން އިޒާނީގެ ތުންފަތް ފޮރުވާލިއެވެ. އިޒާނީގެ މުޅި ހަށިގަނޑު ޒަޔާންގެ އެ ބީހުމަށް އިޖާބަ ދިނެވެ. އޭނާ ގައިން ވާގި ދޫވެ ޒަޔާންގެ އަތް މައްޗަށް ދެމުނެވެ.

“ޒަޔާން…” އިޒާނީ ދެއަތުން ޒަޔާންގެ މޫނުގައި ހިފާލަމުން އޭނާގެ މޫނު ދުރުކޮށްލިއެވެ.

(ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ