ހަނިމާދޫ އެއަރޕޯޓް ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ސަރވޭގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއަން ހައިކޮމިޝަނުން ވިދާޅުވީ އިންޑިއާ އެއަރޕޯޓް އޮތޯރިޓީގެ ޓީމެއް ހަނިމާދޫގައި މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބޭނުންވާ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް އެއަރޕޯޓް ސައިޓުގައި މިހާރު ފަށާފައި ވާކަމަށެވެ.
އިންޑިއާ އެއަރޕޯޓް އޮތޯރިޓީގެ ޓީމުން ހަނިމާދުއަށް ކުރަމުންދާ ދަތުރުގައި ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތަކެއްވެސް ކުރިއަށްގެންގޮސްފައިވާކަމަށް އިންޑިއަން ހައިކޮމިޝަނުން ވިދާޅުވިއެވެ. އަދި އުތުރުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއިވެސް ބައްދަލުކުރައްވައި ޕްރޮޖެކްޓާއި ގުޅޭގޮތުން މަޝްވަރާކޮށް، މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
މި ޕްރޮޖެކްޓްގެދަށުން ހަނިމާދޫ އެއަރޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، ހަނިމާދޫ އެއަރޕޯޓްގެ ރަންވޭ 2200 މީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ބޮޑުކުރުމާއި، ކަރގޯ ޓަރމިނަލް އާއި، ފިއުލް ފަރމް އަދި ފަޔަރ ސްޓޭޝަން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.
އިންޑިއަން ހައިކޮމިޝަނުން ވިދާޅުވެފައިވަނީ މި ޕްރޮޖެކްޓްވެގެން ދާނީ، މުސްތަޤުބަލަށް އެޅޭ ތަރައްޤީގެ މުހިންމު ފިޔަވަޅަކަށްކަމަށެވެ.
މި ޕްރޮޖެކްޓާއިއެކު މުޅި އުތުރުތަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށްވަނީ ވިދާޅުވެފައެވެ. އެގޮތުން އައު ވިޔަފާރިތައް އުފެދުމަށް ދޮރުހުޅުވުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ވިޔަފާރި އާއި، އަދި އުމްރާނީ ތަރައްޤީގެ ދާއިރާއިންވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވަނީ ހާމަކުރައްވާފައެވެ.


