( 20 ސެޕްޓެމްބަރ 2020 އާ ގުޅޭ)
“ޒަޔާން…” އިޒާނީ ދެއަތުން ޒަޔާންގެ މޫނުގައި ހިފާލަމުން އޭނާގެ މޫނު ދުރުކޮށްލިއެވެ. “ދެން ސްޓޮޕް..” އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. ހިތުގެ ހިނގުމާއި އެއްވަރަށެވެ.
“ނޮޓް ޓުނައިޓް، ބޭބީ..” މަސްތީ އަޑަކުން ޒަޔާން ބުނެލިއެވެ. އަދި އަނެއްކާވެސް އިޒާނީގެ ތުންފަތުގައި ބޮސް ދޭން ފެށިއެވެ. ޒަޔާންގެ ބާރުގަދަ ދެއަތުގެ ތެރޭގައި އިޒާނީއަށް އިހުސާސް ކުރެވުނު އަރާމަކީ މީން ދުވަހަކުވެސް އޭނާއަށް އެނގިފައިވާ އިހުސާސެއް ނޫނެވެ. ޒަޔާން މަޑުމަޑުން އިޒާނީ ކުނާ މަތީގައި ބައްވާލިއެވެ.
“އައި ވޯންޓް ޔޫ..” އިޒާނީގެ ގައި މައްޗަށް ތިރި ވަމުން ޒަޔާން ބުނެލި އަޑު އިވުނެވެ. އެވަގުތު އޭނާ އިޒާނީއަށް ބޭނުންވެފައިވާ ވަރު އިޒާނީއަށް އިހުސާސް ކުރެވުނެވެ. އެހެނަސް އެ ދެލޮލުގައިވީ މަސްތީ އަސަރު ފެނުމުން އިޒާނީ ޖެހިލުން ވާގޮތް ވިއެވެ. މިއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
“ޒަޔާން..” އިޒާނީގެ ގައިގައި ބާރަށް ބައްދާލައިގެން އޮތް ޒަޔާންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާލަމުން އޭނާ ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވާލުމުން ޒަޔާން ބޯ ހިއްލާލާ އިޒާނީއަށް ބަލާލިއެވެ.
“ވީ ޝުޑް ސްޓޮޕް ނައު.. ދިސް އިޒް ނޮޓް ރައިޓް.” ދެން ހުއްޓާލަންވީ ކަމަށާއި، މިއީ ރަނގަޅު ގޮތެއް ނޫން ކަމަށް އިޒާނީ ބުނެދިނެވެ. ނަމަވެސް އޭނާ ބުނި އެއްޗެއް ޒަޔާންއަށް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާ މަޑުމަޑުން އިޒާނީ ލައިގެން ހުރި މަތިކޮޅުގެ އަޑިން އިޒާނީގެ ހަށިގަނޑުގައި ބީހިލިއެވެ. އިޒާނީގެ ގަޔަށް ކަރަންޓު ޖެހުނު ކަހަލައެވެ. އޭނާ ތެޅިފޮޅިގަތެވެ.
“ސްޓޮޕް އިޓް، ޒަޔާން.. ޕްލީޒް. ޕްލީޒް ސްޓޮޕް.” އިޒާނީގެ އާދޭހުގެ އަޑު ޒަޔާންގެ ކަންފަތުގައި ޖެހުމާއެކު އޭނާ ހުއްޓުން އެރިއެވެ. އަދި އިޒާނީގެ މޫނަށް ބަލާލިއެވެ. އޭނާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ފެނުމުން ޒަޔާންއަށް ވީ ގޮތްވެސް ނޭނގުނެވެ. އިޒާނީގެ ގައި މަތިން ތެދުވެ އޭނާ އިށީނެވެ. ޒަޔާން ތެދުވުމުން އިޒާނީވެސް ތެދުވެ އޭނާ ކައިރިއަށް ޖެހެލިއެވެ.
“އައިމް ސޯ ސޮރީ، މައި ލަވް..” ޒަޔާންގެ މޭގައި އިޒާނީ ފޮރުވާލަމުން އޭނާ މައާފަށް އެދުނެވެ. “އިޒޫ ދެރަ ކުރާކަށް ނޫން.. ސޮރީ” ޒަޔާންގެ އަމިއްލަ ނަފްސު ހަމަ އަކަށް އަޅުވަން އޭނާ މަސައްކަތް ކުރިއެވެ. އޭރުވެސް އިޒާނީ އޮތީ ޒަޔާންގެ މޭގައި މޫނު ފޮރުވާލައިގެންނެވެ.
” ފުރަތަމަވެސް ހުއްޓުވި ނަމަ..” ޒަޔާން ވާހަކަ ދެއްކިއެވެ.
“އިޓްސް އޯކޭ..” ޒަޔާންގެ މޭ މަތިން މޫނު ނަގާ، އިޒާނީ ހަމަ ޖެހެލިއެވެ. އަދި އިސްތަށިގަނޑު ނިއުޅުވާލުމަށްފަހު އަލުން ބޮލުގައި ހުޅި ޖަހާލިއެވެ.
“އައި ރިއަލީ ލަވް ޔޫ، ޒަޔާން. ވަރަށް ވަރަށް ލޯބިވޭ. ބަޓް ދިސް އިޒް ނޮޓް ވަޓް އައި ވޯންޓް. ފާފަ ކުރާކަށް ބޭނުމެއް ނޫން.” އިޒާނީ ވާހަކަ ދައްކަމުން ދަނިކޮށް ޒަޔާން އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ.
“ޝްޝްޝް. ކަމް ހިޔާރ..” ޒަޔާން އެހެން ބުނެ އިޒާނީ ގައިގައި ލޯބިން ބައްދާލިއެވެ. “އައި ލަވް ޔޫ ޓޫ.” ޒަޔާންވެސް އިޒާނީ ދެކެ ލޯބި ވާ ކަމަށް އޭނާ ބުނެލިއެވެ.
“ޒޯ ގެންނަންވީ ދޯ؟ އެހެން ނޫނީ އަނެއްކާ ގޯހެއް ހެދިދާނެ..” ޒަޔާން އެއް ކޮލުން ހީލަމުން ބުނެލިއެވެ. އަދި ޒޯޔާއަށް ގުޅިއެވެ.
ޒޯޔާ އައުމާއެކު މުޅި މާހައުލު ބަދަލުވިއެވެ. އޭނާގެ ވާހަކަ ހުސް ނުވެއެވެ. ޒަޔާންއާއި އިޒާނީ ތިބީ ޒޯޔާ ދައްކަމުން ދިޔަ މަޖާ ވާހަކަތައް އަޑު އަހާށެވެ. ދެމީހުންގެ މެދުގައި ކުރިން އޮތް ނުތަނަވަސްކަން ފިލާ ގޮސް ދެމީހުންވެސް އެތިބީ ހަމަޖެހިފައެވެ.
“ޕީޒާ ގެންނަންވީނު؟” ޒޯޔާ ހިޔާލު ފާޅު ކުރިއެވެ. އަދި ޒަޔާންއާއި އިޒާނީ އެ ހިޔާލަށް ތާއީދު ކުރިއެވެ.
އިޒާނީ ގޮވައިގެން ތިރިއަށް ދިޔައީ ޒޯޔާއެވެ. އޭރު އިޒާނީގެ ބައްޕަ އޭނާ ބަލާ އައިސް އިނެވެ. ކާރަށް އަރަމުން އޭނާ ޒޯޔާއަށް ހަނާއަޅާލިއެވެ. އެ މަންޒަރު ބަލަން ޓެރެސް މަތީގައި ޒަޔާން ހުރި ކަމެއް އިޒާނީ އަކަށް ނޭނގެއެވެ. އެ ކާރު ގޮސް ލޮލު ކޮޅަށް ގެއްލެންދެން ޒަޔާން ބަލަން ހުއްޓެވެ. އަދި މިރޭ އޭނާއަށް ވީ ގޮތާއި މެދު ވިސްނާލަމުން ގޮސް އުނދޯލީގައި އިށީނެވެ.
އިޒާނީ ފެނުމުން އޭނާއަށް ވާ ގޮތް، ޒަޔާންއަށް ވެސް ނޭނގެއެވެ. މިރޭ އޭނާގެ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. ޒަޔާންގެ ސިކުނޑިއަށް ފެނުނީ އިޒާނީގެ ލޮލުން ކަރުނަ އައި މަންޒަރެވެ. ކަންފަތުގައި ގުގުމާލީ އިޒާނީގެ އާދޭހުގެ ބަސްތަކެވެ. ޒަޔާންގެ ދައްތަވެސް ހަމަ އެފަދައިން އެދުވަހު އާދޭސް ކުރާނެއޭ ހިތަށް އެރުމާއެކު އޭނާއަށް ދަތްކުނޑި ވިކާލެވުނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލެވުނެވެ. ޒަޔާންއަށް ހަގީގަތުގައިވެސް އިޒާނީ ދެކެ ލޯބި ވެވުނީ ހެއްޔެވެ؟
ބޯ ހަމަ ޖައްސާލުމަށް ޒަޔާން ގެއިން ނިކުމެ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ވިކާޝްއަށް ގުޅިއެވެ. ވިކާޝްއަކީ ޒަޔާންއާއި އެކު އެއާޕޯޓުގައި މަސައްކަތް ކުރި އެކުވެރިއެކެވެ. ޒަޔާން ބޭރަށް ކިޔަވަން ދިޔުމުންވެސް އެ ގުޅުމެއް ނުކެނޑެއެވެ. ވިކާޝްއަކީ ގުޅުން ދަމަހައްޓަން ދަންނަ އެކުވެރިއެކެވެ. ޒަޔާންއަށް ކޮންމެ ކަމެއް ދިމާވިޔަސް އެންމެ ގާތުގައި ހުންނަ މީހަކަށް ވިކާޝް ވެއެވެ. ޒަޔާންގެ އެންމެ ގިނަ ކަންކަން އެނގޭ މީހަކީވެސް ވިކާޝްއެވެ. ދެމީހުން ގޮސް ވަނީ ކާނިވާލް ސަރަހައްދުގައި ހުރި ކާ ތަނަކަށެވެ. އަދި ދެމީހުން ކޮފީއަށް އޯޑަރު ކުރިއެވެ.
“ކޮބާ ކިހިނެއް ވަނީ ކަންކަން؟” ޒަޔާން ވާހަކަ ނުދައްކާ އިންނަން ފެށުމުން ވިކާޝް އެމީހުންގެ މެދުގައި ވީ ހަމަ ހިމޭންކަން ފޫއަޅުވާލިއެވެ. “ޖޮބް ކަންތައް ކިހިނެއް އޮތީ؟” ޒަޔާން ލައްވާ ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ނިޔަތުގައި ވިކާޝް އަހާލިއެވެ.
“ސަންޑޭ ގަ އެބަ އޮތް އިންޓަވިއު. މޯލްޑިވިއަން. ޖޮބް ލިބުނީމަ މަންމަމެން ކައިރީ ބުނާނީ. އޭރުން ވަރަށް އުފާ ވާނެ.” ސިކުނޑިއަށް ބަރުވެފައި ހުރި ހިޔާލުތައް ދުރުކޮށްލަމުން ޒަޔާން ވާހަކަ ދެއްކިއެވެ. “ހީވަނީ ލިބޭނެހެން.” ޒަޔާން ހޯދާފައިވާ ތައުލީމާއި މެދު ވިކާޝްވެސް ޝައްކެއް ނުކުރެއެވެ.
“ޖޮބް ލިބޭނެ އިރާދަ ކުރެއްވިއްޔާ. އޫ ކޭން ޑޫ އިޓް.” ޒަޔާންގެ ކޮނޑުގައި ޖަހާލަމުން ވިކާޝް ވާހަކަ ދެއްކިއެވެ. ޒަޔާންއަށް ލިބޭ ކުރިއެރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމުގައި ވިކާޝް ދެކެއެވެ.
“މޭން. އައި ނީޑް ޔޯ ހެލްޕް.” އެތައް ގިނަ ވާހަކަ ތަކެއް ދެއްކުމަށް ފަހު، ވިކާޝްގެ އެހީތެރިކަން ބޭނުންވާ ވާހަކަ ޒަޔާން އެންމެ ފަހުން ބުނެލިއެވެ.
“އެނީ ޓައިމް، މޭން.. ކިޔާބަލަ ތި ވެގެން އުޅޭ ގޮތެއް. މިތަނަށް އައި އިރު ވެސް ހީވިއޭ ކޮންމެސް ކަމެއް ވެއްޖެއޭ.” ކޮންމެ ވަގުތެއްގައިވެސް ވިކާޝްގެ އެހީތެރިކަން ޒަޔާންއަށް ލިބޭނެ ކަމަށް އޭނާ ބުނެލިއެވެ.
“މިހާރު ތިއުޅެނީ މެރީ ކޮށްގެންނު. އެންމެ ލޯބިވާ ކުއްޖާއާތަ މެރީ ކޮށްގެން ތިއުޅެނީ؟” ޒަޔާން ކޮށްލި ސުވާލަކީ ވިކާޝް ހީކުރި ކަހަލަ ސުވާލެއް ނޫނެވެ. އޭނާ ގާތަށް ހިނި އައީ އެހެންވެއެވެ.
“ކިހިނެއްވީ؟ ޔާން މެރީ ކުރަންވީތަ؟” ގޮނޑީގައި ލެނގިގެން އިނދެފައި ވިކާޝް އޭނާގެ ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ޒަޔާން ކުރި ސުވާލުގެ ބަދަލުގައި އޭނާވެސް ސުވާލެއް ކޮށްލިއެވެ. އެއާއެކު ޒަޔާން ދެއަތަށް ބޯ ހަލުވާލަމުން ނޫނެކޭ ބުންޏެވެ.
“ހަމަ އެންމެ ލޯބިވާ ކުއްޖާއާ މެރީ ކޮށްގެން މިއުޅެނީ.” ވިކާޝް ހިނިތުންވެލިއެވެ. އެ ވަގުތު ވިކާޝްގެ ދެ ލޮލުންވެސް އޭނާގެ އަނބިމީހާދެކެ ލޯބިވާ މިންވަރު ހާމަވިކަން ޒަޔާންއަށް ފާހަގަ ވިއެވެ. އަދި ލޯބި ވާކަން އެނގެނީ ކިހިނެއްތޯ ޒަޔާން ސުވާލު ކުރިއެވެ. އޭނާ ކޮންމެވެސް ކަމެއް ޔަގީން ކުރަން އުޅޭ ކަހަލައެވެ.
“ހަމަ އެނގޭނެ، ޔޫ ވިލް ފީލް އިޓް.” މޭގައި އަތް އަޅާލަމުން ވިކާޝް ބުނެލިއެވެ. ” މިސާލަކަށް، މިވެނި މީހަކު ދެކެ ލޯބި ވޭހޭ އަހައިފިއްޔާ ވަގުތުން ނޫނެކޭ ބުނަން އެނގޭނެ ލޯބި ނުވާ ނަމަ. އެކަމަކު، އެ ސުވާލަށް ޖަވާބު ނުދެވޭ ނަމަ އޭގެ މާނަ އަކީ ލޯބި ވެޔޭ.. ލޯބި ނުވާނަމަ ވަގުތުން ބުނާނެ ނުވެޔޭ. ޖެހިލުމެއް ނުވާނެ ބުނާކަށް..” ވިކާޝް ދެއްކި ވާހަކަ އަޑު އަހަން އިން ޒަޔާންގެ މޫނުމައްޗަށް އެރި ކުލަވަރު އޭނާއަށް ސިއްރެއް ނުވިއެވެ. އެހެންކަމުން ޒަޔާންއަށް ލޯބި ވެވިގެން އެއުޅެނީ ކޮން ކުއްޖަކާތޯ ސުވާލުކުރިއެވެ.
“ނޯ ވަން.. ހަމަ އަހާލި.” ފުޅާ ހިނިތުންވުމެއް ގެންނަމުން، ޒަޔާން ހަމަޖެހޭ ގޮތް ދައްކާލިއެވެ. އަދި އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލަމުން ގެއަށް ދާން ވެއްޖެ ކަމަށް އޭނާ ބުނެލިއެވެ. ޒަޔާން އުޅުނު ގޮތް ފެނުމުން ވިކާޝް ގާތަށް ހިނި އައެވެ.
ޒަޔާން ގެއަށް އައި އިރު ގޭ އެންމެން ނިދައިފިއެވެ. ކޮޓަރިއަށް ވަދެ އޭނާވެސް ނިދަން ތައްޔާރުވިއެވެ. އެނދުގައި އޮށޯވެލަމުން ވިކާޝް ދެއްކި ވާހަކައާއި މެދު އޭނާ ވިސްނާލިއެވެ. މީހަކު ޒަޔާން ގާތު އިޒާނީ ދެކެ ލޯބި ވޭހޭ އަހައިފި ނަމަ އޭނާއަށް ސީދާ ޖަވާބު ދެވޭނެ ހެއްޔެވެ؟ ކިތަންމެ ސިއްރުކުރަން އުޅުނަސް، ހަގީގަތަކީ ޒަޔާންގެ ހިތުގެ ކަނެއްގައި އިޒާނީގެ ނަން ފޮރުވިފައި ވާކަމެވެ. އެކަމަކު މާޒީ އެ ލޮއެއްބަށް ތަން ނުދެނީއެވެ. ޒަޔާންގެ ހިތުގައި ރޯވެފައިވާ ބަދަލު ހިފުމުގެ ހުޅުގަނޑު އިޒާނީގެ ލޯބީގެ ފިނިކަމުން ނިވެމުން ދާތީ އޭނާ ޖެހިލުންވަނީއެވެ. އެންމެ ފަހު ވަގުތު ހިތްވަރު އެލިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ގެއަށް ދިޔައިން ސުރެ އިޒާނީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެރޭ ހިނގާދިޔަ ކަންކަމެވެ. ޒަޔާންގެ ލޯބިވެތި ފިރުމުންތައް އޭނާއަށް މިހާރުވެސް އިހުސާސް ވާކަހަލައެވެ. އެ ބީހުންތަކަށް އަދިވެސް އެދެވެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަންވެސް އޭނާއަށް ވިސްނެއެވެ. ނިދަން އޮށޯވެގެން އޮތް އިރު އޭނާއަށް ސިފަ ވަނީ ޒަޔާންގެ މަސްތީ ބެލުމެވެ. އޭނާ އިޒާނީ މޮޔަ ކޮށްލަން އުޅޭ ކަހަލައެވެ. ޒަޔާން މަތިން މާ ބޮޑަށް ހަނދާން ވާން ފެށުމުން އިޒާނީ އޭނާގެ ފޯނު ނަގާ ޒަޔާންއަށް ގުޅާލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ޒަޔާނައާއި އިޒާނީގެ ގުޅުން ވަރުގަދަ ވަމުން ދިޔައެވެ. އެކަން ހިނގަމުން ދިޔައީ އިޒާނީގެ އާއިލާއަށް ސިއްރުންނެވެ. އެކަން އެހެން އޮތަސް، މުޅި އުމުރަށް ޒަޔާންގެ މީހަކަށް ވުމަށް އިޒާނީ ވަނީ ކެތް މަދުވެފައެވެ. ކައިވެނި ކުރަން ބޭނުންވާ ވާހަކަ ޒަޔާން ގާތު ކިތަންމެ ފަހަރަކު އޭނާ ބުނެފިއެވެ. އެފަދަ ކޮންމެ ފަހަރަކު ޒަޔާން ދެނީ އެއް ޖަވާބެކެވެ. ފައިސާކޮޅެއް އެއްކޮށްފައި ނޫނީ ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް އޭނާ ބުނެއެވެ. އަދި އިޒާނީގެ ބައްޕަގެ ފައިސާވެރިކަމަށް ބަރޯސާ ވާން ބޭނުން ނުވާ ކަމަށް ޒަޔާން ބުނެއެވެ. އެ ޖަވާބު އިޒާނީއަށް ކަމު ނުދިޔަޔަސް، ޒަޔާންގެ ހަރުދަނާ ވިސްނުމާއި މެދު އޭނާ ފަހުރުވެރިވެއެވެ.
ދުވަހަކީ އިޒާނީގެ ފަންސަވީސް ވަނަ އުފަން ދުވަހެވެ. އެދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް އިޒާނީއާއި އޭނާގެ އާއިލާ ދިޔައީ ޕަނާޝް ދޮންވެލި ރިސޯޓް އެންޑް ސްޕާ އަށެވެ. އެއީ މާލެ އަތޮޅުގައި އޮންނަ އާޒިމްގެ ރިސޯޓެވެ. އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު އުފާ ކޮށްދިނުމަށް އޭނާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކަހަލައެވެ. ނަމަވެސް އިޒާނީގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުފެނެއެވެ. އޭނާ އެ ހާއްސަ ދުވަސް ހޭދަކުރަން ބޭނުންވީ ޒަޔާންއާއި އެކުއެވެ. އެކަމަކު އާއިލާގެ ކަންކަން އަބަދުވެސް އެންމެ ކުރީގައި ބޭއްވުމަށް ޒަޔާން އޮތީ ބުނެފައެވެ. އަދި މާލެ އައުމުން ‘ސަޕްރައިޒް’އެއް އޮތް ވާހަކަވެސް ޒަޔާން ވަނީ ބުނެފައެވެ.
(ނުނިމޭ)