( 24 ސެޕްޓެމްބަރ 2020 އާ ގުޅޭ)
ދުވަހަކީ އިޒާނީގެ ފަންސަވީސް ވަނަ އުފަން ދުވަހެވެ. އެދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް އިޒާނީއާއި އޭނާގެ އާއިލާ ދިޔައީ ޕަނާޝް ދޮންވެލި ރިސޯޓް އެންޑް ސްޕާ އަށެވެ. އެއީ މާލެ އަތޮޅުގައި އޮންނަ އާޒިމްގެ ރިސޯޓެވެ. އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު އުފާ ކޮށްދިނުމަށް އޭނާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކަހަލައެވެ. ނަމަވެސް އިޒާނީގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުފެނެއެވެ. އޭނާ އެ ހާއްސަ ދުވަސް ހޭދަކުރަން ބޭނުންވީ ޒަޔާންއާއި އެކުއެވެ. އެކަމަކު އާއިލާގެ ކަންކަން އަބަދުވެސް އެންމެ ކުރީގައި ބޭއްވުމަށް ޒަޔާން އޮތީ ބުނެފައެވެ. އަދި މާލެ އައުމުން ‘ސަޕްރައިޒް’އެއް އޮތް ވާހަކަވެސް ޒަޔާން ވަނީ ބުނެފައެވެ.
ރިސޯޓުގައި ހަފްތާއެއް ހޭދަކުރުމަށްފަހު އިޒާނީގެ އާއިލާ މާލެ އައެވެ. ގެއަށް އާދެވުމާއެކު އިޒާނީ އެންމެ ފުރަތަމަ ކުރި ކަމަކީ ޒަޔާންއަށް ގުޅުމެވެ. ޒަޔާން ދެކިލުމަށް އޭނާ ކެތް މަދުވެފައިވާ ކަހަލައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ ސިޑިން އަރައިގެން ދިޔަ މަންޒަރު ބަލަން އާޒިމްއަށް ހުރެވުނީ ދެލޯ ކުޑަކޮށްލައިގެންނެވެ. އިޒާނީވެސް ހަޔާތުގެ ބައިވެރިއަކު ހިޔާރު ކުރީބާއޭ އޭނާގެ ހިތަށް އެރިއެވެ.
އެރޭ ހަތެއް ޖެހި އިރު އިޒާނީ ހުރީ ރީތިވާ މޭޒުދޮށުގައެވެ. މޭކަޕްކޮށް ނިމި ބޮލުގައި ފުނާ އަޅާލުމަށްފަހު ލޯގަނޑުން ފެންނަން ހުރި ސޫރައަށް އޭނާ ބަލާލިއެވެ. ހިތްހަމަ ޖެހޭ ވަރު ވުމުން ގަޔަށް ސެންޓު ޖަހާލާ މީރުވަސް ދުއްވާލިއެވެ. އަދި އެނދު މައްޗަށް އުކާލާފައި ހުރި ހެދުންތައް ނަގާ އަލުން އަލަމާރިއަށް ލިއެވެ. އޭނާ ލައިގެން ހުރި ޒައިތޫނި ފެހި ކުލައިގެ މަތިކޮޅާއި ގުޅޭ ދަބަހެއް އަލަމާރިން ނެގިއެވެ. އަދި ކޮޓަރިން ނިކުތުމަށް އޭނާ ހިނގައިގަތެވެ. ސިޑިން ފޭބި އިރު ސިޓިންގ ރޫމުގައި އާޒިމްއާއި އަޒާން އިނެވެ.
“ބައްޕާ. އަޅުގަނޑު ޒޯޔާމެން ގެޔަށް ލާދެވިދާނެ ތަ؟” އިޒާނީ ވާހަކަ ދައްކަން ފެށުމުން، ފޯނަށް ބަލަން އިން އާޒިމް އޭނާއަށް ބަލާލިއެވެ. އެގެއަށް ދަނީ ކީއްކުރަންތޯ އަހާ ފަދަ ގޮތަކަށެވެ.
“ވަން ވީކް ގެ ލެސަންތައް ގެއްލުނީމަ.. މިހާރު އެގްޒާމް ވަރަށް ކައިރިވެއްޖެ.” އޭނާގެ ބައްޕައާއި ހަތަރު ކަޅި ހަމަކުރަން ޖެހިލުންވެ ހުރެ އިޒާނީ ބުނެލިއެވެ. އެއާއެކު އާޒިމް ހިތްހަމަ ޖެހުނުކަން އަންގާލުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި އަޒާން ގާތު ކޮއްކޮ ގެންގޮސް ލައިދިނުމަށް އެދުނެވެ.
“ޓައިޑްސް ކެފޭ އިންނަ މަގު އެއީ.” އާޒިމް ބުނެދިނެވެ. އަދި އަޒާން ތެދުވެ ހިނގައިގަތުމުން އިޒާނީ އޭނާގެ ފަހަތުން ދިޔައެވެ. އެމީހުން ދިޔައީ އަޒާންގެ ސައިކަލުގައެވެ. އެހެންކަމުން މަދު ވަގުތުކޮޅެއްގައި އެގެއަށް ދެވުނެވެ. އެމަގަށް އެޅުމާއެކު ޒޯޔާ ނިކުމެ ހުރިތަން އިޒާނީއަށް ފެނުނެވެ. އޭނާގެ ދޮންބެއަށް ޒޯޔާ ތައާރަފުކޮށްދިނެވެ. އަދި ދެމީހުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެތަން ބަލަން ޒަޔާން މަޑުކޮށްލިއެވެ. އިޒާނީ ގޮސް އެގެއަށް ވަދެއްޖެކަން ޔަގީން ކޮށްފައި އަޒާންވެސް ސައިކަލު ދުއްވާލީ ގެއަށް ދިޔުމަށެވެ.
އިޒާނީ އެގެއަށް ވަދެގެން އައި އިރު ސޯފާގައި ޒަޔާންއާއި އޭނާގެ މައިން ބަފައިން ތިއްބެވެ. ޒަޔާން އޮތީ އިޒާނީއާއި އޭނާގެ މައިން ބަފައިން ތައާރަފު ކޮށްދޭނެ ވާހަކަ ކުރިންވެސް ބުނެފައެވެ. އެހެން ކަމުން އިޒާނީ ހިނިތުންވެލަމުން ގޮސް ޒަޔާން ކައިރީގައި އިށީނެވެ.
“މަންމާ. ބައްޕާ. މީ ދޮންބެގެ ލޯބިވާ އިޒާނީ.” ޒޯޔާއަށް މަޑަކުން ނުހުރެވުނެވެ. އެދެމީހުންނަށްވުރެ ޒޯޔާ މާ ބޮޑަށް އުފާވެފައި ހުރިކަން ފާޅުވަމުން ދިޔައެވެ. އެއާ ހިލާފަށް އިޒާނީއާއި ޒަޔާން ތިބީ ލަދުން އިސް އޮބާލައިގެންނެވެ. ޒަޔާން ވާހަކަ ދައްކާނެ ފުުރުސަތެއް ނުދިނުމުން އޭނާ ޒޯޔާއަށް ބަލާލާ ލޯވެސް އަޅާލިއެވެ.
“ދަރިފުޅު ދޯ.. އިޒާނީ ލަދު ގަންނަވާލައިފި ހަމަ އަންނަ އިރަށް.” ޒީނާ ހިނިތުންވެލަމުން ބުނެލިއެވެ. “އިޒާނީ ކިހިނެއްތަ؟” އިޒާނީއަށް ބަލާލަމުން ޒީނާ ވާހަކަ ދެއްކިއެވެ. އިޒާނީވެސް އިސް އުފުލާލާ ޒަޔާންގެ މަންމައާއި ވާހަކަ ދެއްކިއެވެ. ފުރަތަމަ ފަހަރު ވާހަކަ ދެއްކުމުންވެސް އިޒާނީއަށް ޒީނާގެ ހިތްހެޔޮކަން އިހުސާސްވިއެވެ.
“އިޒާނީގެ ފެމެލީގަ ތިބެނީ ކޮން ބައެއްތަ؟ ބައްޕަ ކޮން މަސައްކަތެއް ކުރަނީ؟” އެންމެ ފަހުން އިޒާނީގެ އާއިލާއާއި ބެހޭ ގޮތުން ޔާސިިރު ސުވާލުކޮށްލިއެވެ.
“އަޅުގަނޑު ފެމެލީގަ މިހާރު ފަސް މީހުން. މަންމައާއި ބައްޕަ. ދެން ދޮންބެއާއި ދޮންބެދައްތަ. ދެން އަޅުގަނޑު.” ޔާސިރުއާއި ދިމާލަށް ބަލާލަމުން އިޒާނީ އޮޅުން ފިލުވާދިނެވެ. “ބައްޕަ އަކީ ރިސޯޓް ވިޔަފާރިވެރިއެއް. ގެސްޓް ހައުސްވެސް ހިންގާ.” އިޒާނީގެ ވާހަކަ އަޑު އިވުމުން ޔާސިރު ބޯޖަހާލިއެވެ. އަދި ޔާސިރުގެ ވެސް ދެ ފިހާރައެއް މާލޭގައި ހުންނަ ވާހަކަ ބުނެލިއެވެ.
އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު އިޒާނީ ގޮވައިގެން ބޭރަށް ދާން ބޭނުންވާ ވާހަކަ ޒަޔާން ބުނެލިއެވެ. އަދި ކޮޓަރިއަށް ވަދެ ދެ ހެލްމެޓް ހިފައިގެން ނިކުތެވެ.
“ހުޅުމާލެއަށްތަ ދަނީ؟” ޒޯޔާ އަހާލިއެވެ. ޒަޔާން ހޫނ އަޅުވާލިއެވެ އަދި އިޒާނީގެ އަތުގައި ހިފައިގެން ގެއިން ނިކުތުމަށް ހިނގައިގަތެވެ.
“މާ ބާރަށް ސައިކަލު ނުދުއްވާތި، ޒަޔާން. މީހެއްގެ ހުރި ހަމަ އެކަނި އަންހެން ކުއްޖެއް ގޮވައިގެން ތި ދަނީ.” އެދެމީހުން ދޮރުން ނިކުންނަން ދިޔަ ވަގުތު ޒަޔާންއަށް އޭނާގެ މަންމަގެ އަޑު އިވުނެވެ.
އިޒާނީއަށް ހެލްމެޓެއް ދިއްކޮށްލަމުން ޒަޔާން ސައިކަލަށް އެރިއެވެ. އަދި ހެލްމެޓު އެޅުމަށް ފަހު ސައިކަލު ސްޓާޓު ކޮށްލިއެވެ. ޕާކިން ޒޯނުން ސައިކަލު ނެރުމަށް ފަހު އިޒާނީ ގާތު ސައިކަލަށް އެރުމަށް އެދުނެވެ. އޭނާ ސައިކަލަށް އެރުމަށްފަހު ޒަޔާން ގައިގައި ބާރަށް ބައްދާލިއެވެ. އެއާއެކު ޒަޔާން ސައިކަލު ދުއްވާލީ ސިނަމާލޭ ބުރިޖާ ދިމާލަށެވެ. ދެމީހުންވެސް ހެލްމެޓު އަޅާފައި ތިބުމުން އެއީ ކޮން ބައެއް ކަމެއް ވަތްކެއް ނުވެއެވެ. ހުޅުމާލެ ދިޔުމަށް ޒަޔާން ނިންމީވެސް އެހެންވެއެވެ.
ޒަޔާންގެ ސައިކަލު މަޑުކޮށްލީ ހުޅުމާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ އޯޝަން ގްރޭންޑް ކައިރީގައެވެ. ސައިކަލުން ފައިބަމުން ޒަޔާން ފޯނެއް ކުރިއެވެ. އަދި އިޒާނީ ގޮވައިގެން އެތަނަށް ވަނެވެ. ހޮޓަލުގެ މައި ދޮރުން ވަނުމާއެކު އެތަނުގެ މުވައްޒަފަކު، ރަތް ފިނިފެންމަލުގެ ބޮކޭ އަކުން އިޒާނީއަށް މަރުހަބާކިއެވެ. އަދި ނިމި ދިޔަ އުފަން ދުވަހުގެ ތަހުނިޔާ އަދާކުރިއެވެ. އޭނާ ޒަޔާންއަށް ބަލާލަމުން ފުޅާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“ސަރ، ދަ ރޫމް އިޒް ރެޑީ.” އެމީހުންނަށް އެތަނުން މަރުހަބާ ކީ މުވައްޒަފު ބުނެލިއެވެ. އަދި އެދެމީހުން ގޮވައިގެން ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއް ހުޅުވާލުމަށްފަހު ޒަޔާންގެ އަތަށް އެމީހާ ކީ ކާޑު ހަވާލު ކުރިއެވެ. “ހޭވް އަ ނައިސް އީވްނިންގ މޭމް.” އެމީހާ އެތަނުން ދިޔުމުން ޒަޔާން ދޮރު ލައްޕާލިއެވެ. މުޅި ކޮޓަރި ތެރެއަށް އިޒާނީ ނަޒަރު ހިންގާލީ އެވަގުތެވެ.
ރަތް ކުލައާއި ރަން ކުލައިގެ ފުއްޕާހަމުން މުޅި ކޮޓަރި އޮތީ ޒީނަތްތެރިކޮށްފައެވެ. ރަން ކުލައިގެ ފޮއިލް ފުއްޕާލަމުން ‘ހެޕީ ބާތްޑޭ’ ރަމްޒަ ވާނޭހެން އަކުރުތައް އަތުރާލާފައި ހުއްޓެވެ. އަދި ކުޑަ މޭޒެއް މަތީގައި ހިތުގަ ބައްޓަމަށް އިން ކޭކެއް ބައިންދާފައި އިނެވެ. މުޅި ކޮޓަރި އޮތީ ކުދިި ބޮކިތަކުން ދިއްލާލާފައެވެ. އިޒާނީއަށް ގަބޫލު ކުރަން ދަތިވިއެވެ. މިއީ އޭނާ އަބަދުވެސް ބޭނުންވި ކަހަލަ ‘ސަޕްރައިޒް’އެކެވެ. އުފަލުން ގޮސް ޒަޔާން ގައިގައި އޭނާ އޮޅުލައިގަތެވެ.
“ތެންކިޔޫ ސޯ މަޗް..” އޭނާ ޒަޔާންއަށް ޝުކުރު އަދާ ކުރިއެވެ. އެ އަޑުންވެސް އޭނާ އުފާވެފައި ހުރި މިންވަރު ހާމަވެެއެވެ.
“އަދި އެބައޮތް އެހެން ސަޕްރައިޒްއެއް..” އިޒާނީގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ ޒަޔާން ބުނެލިއެވެ. “އައި ގޮޓް ދަ ޖޮބް. މޯލްޑިވިއަން އިން. ފަސްޓް އޮފިސާއަކަށް.” ޒަޔާންއަށް މޯލްޑިވިއަން އެއާލައިނުން ވަޒީފާ ހަމަ ޖެހުނު ވާހަކަ އޭނާ ބުނެލިއެވެ. އެއާއެކު އިޒާނީ އަނެއްކާވެސް ޒަޔާންގެ ގައިގައި އޮޅުލައިގަތީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
“އައިމް ސޯ ހެޕީ..” އިޒާނީގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. ހުރިހާ އުފަލެއް އޭނާއަށް މިރޭ ލިބުނު ކަހަލައެވެ.
“ކޯއްޗެއް ކާން ގެންނަންވީ؟” ކޮޓަރީގައި ބަހައްޓާފައި ހުރި ލޭންޑް ލައިން ފޯނުގެ އަތްގަނޑު ނަގަމުން ޒަޔާން އަހާލިއެވެ. އަދި ކާ އެއްޗެއްސަށް އޯޑަރު ކުރިއެވެ. މާ ގިނަ އިރެއް ނުވެ އެ ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ޒަޔާން ގޮސް ދޮރު ހުޅުވާލުމުން ޓްރޯލީއެއްގައި ކާ އެއްޗެހި ހިފައިގެން ވެއިޓަރުންގެ ޔުނީފޯމުގައި ހުރި މީހަކު ވަނެވެ. އަދި އެ ކޮޓަރީގެ ބެލްކަނީގައި ތައްޔާރުކޮށްފައި ހުރި މޭޒުމަތީގައި ކާ އެއްޗެހި އަތުރާލިއެވެ. އެމީހާ ދިޔުމުން ޒަޔާންމެން ކެއުމަށް އަވަސްވެގަތެވެ.
“ކޭކު ފަޅަންވީނު؟” ކައި ނިމިގެން ކޮޓަރިއަށް ވަންނަމުން އިޒާނީގެ އަތުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ. ދެމީހުން ގޮސް ކޭކު ބަހައްޓާފައި ހުރި މޭޒު ކައިރީގައި އިށީނދެލިއެވެ. އެވަގުތު ކޭކުގައި ޖަހާފައި ހުރި އުއްބައްތި ޒަޔާން ރޯ ކޮށްލަދިނެވެ. އިޒާނީ އެ އުއްބައްތި ތަކަށް ފުމެލަމުން ކޭކު ފެޅި ވަގުތު ޒަޔާން ލަވަ ވެސް ކިޔާދިނެވެ. އެހާ ލޯބިވާ މީހަކު ލިބުމުން އިޒާނީގެ ހިތް އުފަލުން ނަށަމުންދިޔައެވެ. އޭނާ ކޭކު ފޮއްޗެއް ނަގާ ޒަޔާންގެ އަނގަޔަށް ލަވައިދިނެވެ. ޒަޔާންވެސް އިޒާނީއަށް ކޭކު ކޮޅެއް ލެވިއެވެ. އަދި ގަސްތުގައި އިޒާނީގެ އަނގަމަތީގައި ކޭކުކޮޅެއް އުނގުޅާލިއެވެ.
“ސޮރީ..” އިޒާނީ ޓިޝޫ އަކުން އަނގަމަތި ފޮހެލަން އުޅުމުން، ޒަޔާން އޭނާ ހުއްޓުވިއެވެ. އަދި އިޒާނީގެ މޫނުގައި ހިފާލަމުން އޭނާގެ ތުންފަތުގައި އުނގުޅިފައި ހުރި ކޭކުތަކާއެކު، ތުންފަތުގައި ބޮސްދިނެވެ. ޒަޔާން އެގޮތަށް ކޮށްލާ ސަމާސާތަކުން އިޒާނީގެ ހިތުގައި އޭނާއަށް އޮތް ލޯބި އިތުރުކޮށްދެއެވެ.
“ސޯ ޔަމީ..” ލާނެއް ހިނިތުންވުމެއް ދެމުން ޒަޔާން ޓިޝޫއެއް ނަގާ އޭނާގެ އަނގަމަތި ފޮހެލިއެވެ. އިޒާނީ އަތަށްވެސް އޭނާ ޓިޝޫއެއް ދިއްކޮށްލިއެވެ. އަދި އެތަނުގައި ހުރި ސްޕީކަރަކަށް ފޯނު ގުޅާލުމަށް ފަހު އެޑް ޝީރަންގެ ‘ތިންކިންގ އައުޓް ލައުޑް’ ލަވަ ޖަހާލިއެވެ. ކޮޓަރީގެ ބޮކި ނިއްވާލަމުން އޭނާ އިޒާނީ ކައިރިއަށް އައެވެ.
“ހެޕީތަ، ބޭބީ؟” އިޒާނީގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ޒަޔާން އަހާލިއެވެ.
“ވަރަށް ހެޕީ.. ތެންކިޔު ސޯ މަޗް.” ޒަޔާންގެ ކަރުގައި ބައްދާލަމުން އިޒާނީ ބުނެލިއެވެ.
އަޑު އިވެމުން ދިޔަ ލަވައާއި އެއްވަރަށް ދެމީހުންގެ ހަށިގަނޑު ހަރަކާތް ކުރަމުން ދިޔައެވެ. އެދެމީހުންގެ މެދުގައި ވައިރޯޅިއެއްވެސް ވަންނާނެ ޖާގައެއް ނެތެވެ. ޒަޔާން ގެ އަތް މަޑުމަޑުން އިޒާނީގެ ބުރަކަށީގައި ހަރަކާތް ކުރަމުން ދިޔައެވެ. އޭނާގެ ބީހުންތަކުން ލިބެމުން ދިޔަ އަރާމުގެ ސަބަބުން މިރޭ އިޒާނީ އެހުރީ ޒަޔާންއާއި އެންމެ އިންޗިއެއްވެސް ދުރަށް ޖެހިލަން ބޭނުންނުވެފައެވެ. ޒަޔާންގެ އަތުތެރޭގައި އޭނާ މުޅި އުމުރުވެސް ހޭދަކޮށްލަން ތައްޔާރަށް ހުރި ކަހަލައެވެ.
“އައި ލަވް ޔޫ..” ސިއްރެއް ބުނެލިހެން ޒަޔާން ބުނެލިއެވެ. އެއާއެކު އިޒާނީގެ ކަރުދޮށުގައި ބޮސްދޭންފެށިއެވެ. އެވަގުތު ލިބުނު އަރާމުން އިޒާނީއަށް ލޯ މަރާލެވުނެވެ. އިޒާނީގެ ނޭވާ އަވަސް ވަމުން ދިޔަކަން ޒަޔާންއަށް ފާހަގަ ކުރެވުނެވެ. އަދި އޭނާގެ ބާރުގަދަ ދެއަތުން އިޒާނީ އުރާލައިގެން ގޮސް އެނދުމަތީގައި ބޭއްވިއެވެ. އޭނާ އިޒާނީގެ ގައި މައްޗަށް ތިރިވުމުން، އިޒާނީގެ ދެއަތުން އޭނާ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ އިތުރަށް އެމޫނާ ގާތްކޮށްލިއެވެ.
“އާ ޔޫ ޝުއާރ، ބޭބީ؟” ޒަޔާން އަހާލިއެވެ. އެއާއެކު އިޒާނީ އާނ އެކޭ ބުނެ ޒަޔާންގެ ތުންފަތާއި އޭނާގެ ތުންފަތް ގުޅުވާލިއެވެ. އިޒާނީގެ އެ ހަރަކާތުން އޭނާވެސް ޒަޔާންއަށް ބޭނުންވެފައި އޮތް ވަރު އޭނާއަށް ވިސްނުނެވެ. ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެދެމީހުން ލައިގެން ތިބި އަންނައުނު ގައިން ވަކިވެ، ދެމީހުން ލޯބީގެ މަސްތީ ކަނޑަށް ގެނބިގެން ދިޔައެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި ގަރަގުވެގެން ދިޔަޔަސް އެމީހުންގެ ފަރުވާލެއް ނެތް ކަހަލައެވެ.
އިޒާނީ އެނދުން ތެދުވެ ފާހާނާއަށް ވަނުމަށް ހިނގައިގަތެވެ. ޒަޔާންވެސް ތެދުވެ އުނުގައި ތުވާޔެއް އޮޅާލަމުން، ޖީންސު ޖީބުގައި އޮތް ވޭޕް ހިފައިގެން ނިކުތީ ބެލްކަންޏަށެވެ. ވޭޕްގެ ދުންތައް ވައިގެ ތެރެއަށް ދޫކޮށްލަމުން އޭނާ ސިކުނޑި ހަމަޖައްސާލިއެވެ. އޭރު އިޒާނީ ފާހާނާއިން ނިކުމެ ހެދުންލާ ތައްޔާރު ވަނީއެވެ.
“އެގާރަ ޖަހަނީ..” ފޯނުން ގަޑި ބަލާލަމުން އިޒާނީ ބުނެލިއެވެ. އަދި އަވަހަށް ގެއަށް ދާންވީ ކަމަށްވެސް އޭނާ ބުނެލިއެވެ. އިޒާނީ އެހެން ބުނުމުން ޒަޔާންވެސް ތައްޔާރުވިއެވެ. އަދި ދިޔުމުގެ ކުރިން އެތަނުގައި ހުރި އަލަމާރި ހުޅުވާލުމަށް ފަހު، ރީތި ކަރުދާލަކުން ބަންދުކޮށްފައި އޮތް ފޮއްޓެއް ނެގިއެވެ. އެ ފޮށި އިޒާނީއަށް ދިއްކޮށްލިއެވެ.
“ގިފްޓް މަތިން ހަނދާންވި ކަން ނަސީބެއްނު. ޔޫ މޭޑް މީ ފޮގެޓް އެވްރީތިންގ.” އިޒާނީގެ ސަބަބުން އޭނާއަށް ގެނައި ހަދިޔާގެ މަތިންވެސް ހަނދާން ނެތުނު ވާހަކަ ޒަޔާން ބުނެލިއެވެ. އަދި ދެމީހުން އެކުގައި ކޮޓަރިން ނިކުމެގެން ގޮސް ލިފްޓަށް އެރިއެވެ.
“ޔޫ އާރ ސޯ ބިއުޓިފުލް، މައި ލަވް. އައި ލަވް ޔޫ.” ލިފްޓުގެ ދޮރު ހުޅުވުމުގެ ކުރިން ޒަޔާން އިޒާނީ ގައިގައި ބައްދާލިއެވެ. އަދި އިޒާނީގެ ރީތި ކަމަށް ތައުރީފުކޮށްލިއެވެ. އިޒާނީވެސް ޒަޔާންދެކެ ވަރަށް ލޯބި ވާކަމަށް ބުނެލިއެވެ. އަދި އެހެން މީހަކަށް ނުކުރާ ވަރަށް ޒަޔާންއަށް އިތުބާރު ކުރާކަމަށް އޭނާ ބުނެލިއެވެ.
ޒަޔާން މެން ގޭ ކައިރިއަށް އޭނާ ސައިކަލު މަޑުކޮށްލުމުން އިޒާނީ ފޭބިއެވެ. އަދި ފޯނު ނަގާ ބައްޕައަށް ގުޅާލިއެވެ. ޒަޔާންވެސް ޒޯޔާއަށް ގުޅާ ތިރިއަށް ގެނައެވެ. ޒޯޔާ އައުމުން ޒަޔާން އެތެރެއަށް ވަނީ އާޒިމް އަންނަ ވަގުތު އެތަނުގައި ހުންނަން ބޭނުން ނުވާތީއެވެ. އާޒިމްގެ ކުރިމައްޗަށް އޭނާ އަރަން ބޭނުންވަނީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެއީ އާޒިމް އަކީ ކާކު ކަމާއި، ފަރުދާގެ ފުރަގަހުގައި އޭނާ ކުރާ ކަންކަން ޒަޔާންއަށް އެނގޭތީއެވެ.
“ސޮރީ ބައްޕާ. މާ ބޮޑަށް ލަސްވެއްޖެ ދޯ.”
(ނުނިމޭ)