( 27 ސެޕްޓެމްބަރ 2020 އާ ގުޅޭ)
“ސޮރީ ބައްޕާ. މާ ބޮޑަށް ލަސްވެއްޖެ ދޯ.” ކާރަށް އަރަމުން އިޒާނީ ބުނެލިއެވެ. އެކަމަށް މާބޮޑަށް ސަމާލުކަން ދިނުމެއް ނެތި އާޒިމް ކާރު ދުއްވާލިއެވެ. އަދި އިޒާނީގެ ފިލާވަޅުތައް ލިބުނުތޯ އަހާލިއެވެ. ޖަވާބުގައި އާނއެކޭ ބުނަމުން ކާރުގެ ކުޑަދޮރުން ބޭރުބަލާލިއެވެ. އޭނާގެ ސިކުނޑީގައި ކުރެހިގެން ދިޔަ ތަސްވީރުން ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން އިޒާނީ ހަމަޖެހިލުމަށް މަސައްކަތް ކުރިއެވެ. ޕަނާޝް ވިލާ ގޭގެ މައި ގޭޓު ކުރިމަތީ ކާރު މަޑުކޮށްލުމާއެކު ދޮރުވާނު އެ ބޮޑު ގޭޓު ހުޅުވާލިއެވެ.
“ދަރިފުލާ.. އިޒާނީ.” އާޒިމް ދެ ފަހަރަކު ގޮވާލުމުން އިޒާނީ ސިހިގެން ދިޔައެވެ. އޭނާ އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ކަން އާޒިިމްއަށްވެސް ފާހަގަ ކުރެވިއްޖެއެވެ. ގެއަށް އާދެވުނީކަމަށް ބުނުމުން އަވަސް އަރުވާލާފާ، ޒަޔާން ދިން ހަދިޔާ ހިފައިގެން އިޒާނީ ކާރުން ފޭބީ އޭނާގެ ބައްޕަ ސުވާލެއް ކުރިމަތިކުރުވަފާނެ ކަމަށް ޖެހިލުންވެގެންނެވެ. ކާރު ގެންގޮސް ގަރާޖަށް ލުމަށްފަހު އާޒިމް ގެއަށް ވަން އިރު އިޒާނީ ފެންނާކަށް ނެތެވެ. އޭނާ ގޮސް ކޮޓަރިއަށް ވަނީ ކަމަށް ނިންމާ އާޒިމްވެސް ވަނީ ކޮޓަރިއަށެވެ.
އަންހެނަކާއި ފިރިހެނަކު އެކަހެރި ވާ ހިނދު އެތަނުގައި ތިން ވަނަ މީހަކަށް ޝައިތާނާ ހުންނާނެ ކަމަށް ރަސޫލާ ވަނީ އަންގަވާފައެވެ. އަދި ކައިވެނީގެ ބޭރުން ހިންގޭ ގުޅުންތަކަކީ ހަރާމް ގުޅުން ތަކެއްކަން ދީނުގައި އަންގަވާފައި ވެއެވެ. ނަމަވެސް ވަގުތީ އުފަލާއި ލައްޒަތަށްޓަކައި އެފަދަ ގުޅުންތަކުގެ މަތީގައި ތިބޭ މީހުން ވަރަށް ގިނައެވެ. ދުނިޔޭގެ އުފަލަށްޓަކާ އާހިރަތް މަތިން ހަނދާން ނައްތާލާ މީހުންނަށް ނަރަކައިގެ ހޫނު ގަދަ އަލިފާނުގައި އެންމެ ހިނދުކޮޅަކުވެސް ކެތް ނުކުރެވޭނެ ކަން ކަށްވަރެވެ. އިންސާނުންނަށް ވީތީ ކުށް ކުރެވުމަކީ ފިތުރަތުގައި ލައްވަވާފައި ކަމެކެވެ. އެ ކުށަކަށް ތައުބާ ވުމަކީވެސް އޮންނަ ކަމެކެވެ. ނޫން ނަމަ މި ދުނިޔޭގައިވެސް އެކުށުގެ ޖަޒާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އާ ދުވަހަކަށް އިރު އެރިއެވެ. ކޮޓަރި އެނދު މަތީގައި އިޒާނީ އޮށޯވެލައިގެން އޮތީ ފޯނުގެ ކަލަންޑަރު ހުޅުވައިގެންނެވެ. ފޯނަށް ބަލަމުން ދިޔަ ވަރަކަށް އިޒާނިގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަމުން ދިޔައެވެ. ޒަޔާންގެ ނަންބަރަށް އޭނާ ޑައިލްކޮށްލީ ހިތުގައިވާ ޝައްކު ހިއްސާކުރާށެވެ. އޭނާ ވީ ޑިއުޓީގައި ކަން އިޒާނީއަށް އެނގެއެވެ، އެކަމަކު އެވާހަކަ ނުބުނެ އޭނާއަކަށް ދެން ކެތެއް ނުވާނެއެވެ.
“ޒަޔާން.. އައި މިސްޑް މައި ޕީރިއަޑް ދިސް މަންތް.. ޕްރެގްނެންޓް ވީ ކަންނޭގެ.” ޒަޔާން ފޯނު ނެގުމާއެކު އިޒާނީ ވާހަކަ ދައްކަން ފެށިއެވެ. އޭނާއަށް މައްސަރު ކަންތައް މި މަހު ނުޖެހޭ ކަމަށް ބުނެލިއެވެ. އަދި އިޒާނީ އަށް ހީވާ ގޮތުން އޭނާ ބަނޑުބޮޑު ކަމަށްވެސް ޒަޔާންއަށް ބުނެދިނެވެ. އިޒާނީގެ އަޑުގައި އިންތިހާ ދަރަޖައަށް ނުތަނަވަސް ކަމުގެ އަސަރު އެކުލެވިގެންވިއެވެ.
“ކޭން އައި ކޯލް ޔޫ ލޭޓާ، ބޭބީ؟ އިރުކޮޅަކުން ފްލައިޓަށް އަރަން ޖެހޭ.” ފަހުން ގުޅާނެ ކަމަށް ޒަޔާން ބުނެލިއެވެ.
“ނޫޅެން. ހެޔޮ ނުގުލިޔަސް.. މިހާ ވޮރީޑް ވެގެން ގުޅީމަވެސް.. އައި ހޭޓް ޔޫ.” ޒަޔާން ފޯނު ބާއްވަން އުޅުމުން އިޒާނީ ގާތަށް އައީ ރުޅިއެވެ. އޭނާ އެހާ ކަންބޮޑުވެގެން ގުޅުމުންވެސް ޒަޔާން އޭނާ ދެއްކި ވާހަކަ އަޑު ނުއެހުމުންނެވެ. ޒަޔާން މިހާރު އޭނާ ދެކެ ލޯބި ނުވަނީއޭ އިޒާނީ ހިތަށް އެރިއެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި ރުޅިގަނޑު ކަރުނައަށް ބަދަލުވެ އޭނާގެ ކޯތާފަތް ތެންމާލިއެވެ. އެތަށް އިރަކު އެހެން އޮތުމަށްފަހު ތެދުވެ ފާހާނާއަށް ވަނީ ބަނޑުހައިވެ ބަޑުން އަޑު ގޮވަން ފެށީމައެވެ.
“އިޒޫ ލޮލަށް ކިހިނެއް ހަދާފަ؟” ސިޓިންގ ރޫމުގައި އިން ޝާނާއަށް އިޒާނީ ފެނުމުން އަހާލެވުނެވެ. “ހާދަ ރަތްވެފައޭ ތިހުރީ.. ދައްކަބަލަ.” ތެދުވެގެން އިޒާނީ ކައިރިއަށް އަންނަމުން ޝާނާ ވާހަކަ ދެއްކިއެވެ. އަދި އިޒާނީގެ ދެލޮލަށް ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ.
“އެއީ ދެންމެ ފެންވަރަނިކޮށް ފޭސްވޮޝް އެޅިފަ.. އޯކޭ ވާނެ ފަހުން.” ގަދަ ކަމުން ހިނިތުންވެލަމުން އިޒާނީ ބުނެލިއެވެ. “ދޮންބެ ދައްތަ ސައި ބުއީތަ؟” ކާގެއާއި ދިމާލަށް ހިނގައި ގަންނަމުން އިޒާނީ އަހާލިއެވެ.
“ދޮންބެ އައީމަ ހަަމަ ދެންމެ ސައި ބުއީ މި..” އަލުން ގޮސް ސޯފާގައި އިށީންނަމުން ޝާނާ ބުނެލިއެވެ. އެއާއެކު އިޒާނީ ކާގެއަށް ވަދެގެން ދިޔައެވެ.
ސައި ބޮއެ ނިމިގެން އިޒާނީވެސް އައިސް ސޯފާގައި އިށީނެވެ. ޝާނާ އިނީ ނެޓްފްލިކްސްގެ ސީރީޒްއެއް ބަލާށެވެ. އިޒާނީވެސް ޓީވީއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހަށިގަނޑު އެތަނުގައި އިނަސް ސިކުނޑިވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ދެން ހަދާނެ ގޮތެއް އޭނާ ވިސްނަނީއެވެ. އެހެން އިންދާ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޒަޔާންކަން އެނގުމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖަހައިގެން ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.
“ސޮރީއޭ، ލަވް. ޑިއުޓީ ގަޑީގަ ވާހަކައެއް ނުދެއްކޭނެ އެންނު. ޕްލީޒަ އަންޑަރސްޓޭންޑް، ބޭބީ…” ޒަޔާންގެ އަޑު ކަންފަތުގައި ޖެހުމުންވެސް އިޒާނީގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އޭނާ މޭގައި އަތް އަޅާލީ އެހެންވެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އިޒާނީވެސް މައާފަށް އެދުނެވެ. އޭނާއަށް ރުޅި އާދެވުނީ ގަސްތުގައި ނޫން ކަމަށް ބުނެލިއެވެ.
“އިޒޫ.. މާ ބޮޑަށް ކަންބޮޑު ނުވެބަލަ. ވެދާނެއެއްނު ފަސްޓް ޓައިމް ކުރީމާ ލަސް ވީ ކަމަށް.. އައި ވޯޒް ވެރީ ކެއާފުލް. ޓަރަސްޓް މީ ބޭބީ.” އިޒާނީގެ ކަންބޮޑުވުން ހިއްސާ ކުރުމުން ޒަޔާން އޭނާ ހަމަޖައްސަން މަސައްކަތް ކުރިއެވެ. އަދި މާބޮޑަށް ކަންބޮޑު ނުވުމަށް ބުނެލިއެވެ.
ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އިޒާނީގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. މަސް ނިމުނު އިރުވެސް އެއްވެސް އަސަރެއް ނުފެނުމުން އިޒާނީ ނިންމީ ގޭގައި ޓެސްޓު ކުރާށެވެ. އެކަމަކު ޓެސްޓް ކިޓެއް ގަތުމަށް ހަދާނީ ކިހިނެއް ކަމެއް އިޒާނީއަކަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ. އެރޭ އޭނާ ޒަޔާންއާއި ބައްދަލުކުރިއެވެ.
“ވަރަށް ބިރުގަނޭ އެބަ.” ޒަޔާންގެ ކޮނޑުގައި ބޯ އަޅާލައިގެން އިނދެ އިޒާނީ ބުނެލިއެވެ. އެއާއެކު ޒަޔާން އޭނާގެ އުނަގަނޑުގައި ހިފާ އިތުރަށް ކައިރިކޮށްލިއެވެ.
“ޑޯންޓް ވޮރީ. އޯކޭ ވާނެ. ފުރަތަމަ ޔަގީން ކޮށްލަމާ ދޯ. އޭރުން ދެން ހަދަންވީ ގޮތް އެނގޭނީ. އެބަ އަންނަން ކިޓެއް ލިބޭތޯ ބަލާލާފަ އިނގޭ. ޒޯއަށް ގުޅާފަ ބުނެބަލަ މައްޗަށް އަންނާށޭ.” ޒަޔާންގެ އަޑުގައި ހިސާބަކަށް ހާސްކަމުގެ އަސަރު އެކުލެވިގެންވިއެވެ. ޒޯޔާ އައުމުން އޭނާއާއި އެކު އިޒާނީ ޓެރެސްގައި ބޭންދުމަށްފަހު ޒަޔާން ބޭރަށް ދިޔައެވެ.
“ދޮންބެ ކޮންތާކަށް އެ ދިޔައީ މާ އަވަސް އަރުވާލާފަ؟” ޒޯޔާގެ ހިތުގައި އުފެދުނު ސުވާލު އިޒާނީއަށް ކޮށްލިއެވެ. އަމިއްލައަށް ނިންމުން ނުނިންމާ، އަހައިގެން ކަންކަން އޮޅުން ފިލުވުމަކީ ރަނގަޅު ގޮތް ކަމުގައި އޭނާ ދެކެއެވެ.
“ކޮންމެވެސް މީހަކު ގުޅީމަ އެ ދިޔައީ. އެބަ އަންނަމޯ ކިޔާފަ.” އިޒާނީ ދޮގެއް ހަދާލިއެވެ. އެއާއެކު ޒޯޔާ ހޫނ އަޅުވާލަމުން ބޯ ޖަހާލިއެވެ. އަދި ޒަޔާން އަންނަންދެން ދެމީހުން އެކި ވާހަކަ ދެއްކިއެވެ. ޒޯޔާއަކީ ހިތް ސާފު ކުއްޖެއް ކަން އެނގެނީ އޭނާގެ ހުސް ނުވާ ވާޙަކަ ތަކުންނެވެ. ގިނަ މީހުންނަކީ މާ ގިނަ ވާހަކަ ނުދައްކާ ހިތު ތެރޭގައި ކަންކަން ފޮރުވައިގެން އުޅޭ މީހުންނެވެ. ނަމަވެސް ޒޯޔާ އަކީ ހުޅުވިފައި އޮތް ފޮތެއް ކަހަލަ ކުއްޖެކެވެ. ކޮންމެ މީހަކުވެސް އެހާ ފަސޭހައިން އޭނާއާއި ރަހުމަތްތެރި ވަނީ އެހެންވެއެވެ.
“އެއްކަލަ އަނގަ ކޮތަޅު ދޯ މިއުޅެނީ.” ވާހަކައިގައި ތިބި ދެމީހުން ސިހުނީ އެ އަޑަށެވެ. ދެމީހުން އެއްފަހަރަކާ އަޑު އައި ދިމާ ބަލާލި އިރު ހުރީ ޒަޔާންއެވެ. ޒޯޔާ ވަގުތުން ތުން ހަދާލިއެވެ.
“ދޮންބެމެން އަބަދު ހައްޕު ކިޔައިގެން އުޅޭތީއޭ އެހާ އަވަހަށް ތި މުސްކުޅި ވަނީ.. ނިކަން ޒޯ މެން އުޅޭހެން އޯޕަންކޮށް، ހެވިލާފަ އުޅެބަލަ. ޒުވާން ވާނެ.” އެހެން ބުނެ ޒޯޔާ އުނދޯލިން ތެދުވީ އެތަނުން ދިޔުމަށެވެ. އޭނާ ދިޔުމުން އިޒާނީ ކައިރީގައި ޒަޔާން ގޮސް އިށީނެވެ. އަދި ޖީބުން ކޮތަޅެއް ނަގާ އިޒާނީ އަތަށް ދިއްކޮށްލިއެވެ. އޭގައި އޮތީ މާބަނޑުތޯ ބެލުމަށް ގޭގައި ކުރާ ޓެސްޓް ކިޓްގެ ތިން ކިޓެވެ. އޭގައި ހިފުމާއެކު އިޒާނީގެ ދަބަސް ތެރެއަށް އެ ކޮތަޅު ލިއެވެ.
“އޯކޭ ވާނެ، ބޭބީ.” އިޒާނީ ގެނެސް މެޔާ ލާ ބޮނޑިކޮށްލަމުން ޒަޔާން ބުނެލިއެވެ. އިޒާނީ އެގޮތަށް ކަންބޮޑުވެފައި އިންނާތީ ޒަޔާންއަށްވެސް ކުރާ އަސަރު ވަކި ކުޑައެއް ނޫނެވެ. އޭނާގެ ހިތާއި ސިކުނޑިއަށް ވިސްނައިދީދީ ޒަޔާން ވަރުބަލި ވެއްޖެއެވެ. ހިތް ބުނަނީ ޒަޔާން އިޒާނީ ދެކެ އިންތިހާއަށް ލޯބި ވާ ވާހަކައެކެވެ. އެހެނަސް ސިކުނޑި އެ ވާހަކައާއި އެއްބަސް ވާކަށް ބޭނުމެއް ނުވެއެވެ.
ގެއަށް ގޮސް ކޮޓަރިއަށް ވަނުމާއެކު އިޒާނީ ދަބަހުން ކިޓެއް ނެގިއެވެ. ނަމަވެސް ހެނދުނު ހޭލުމަށް ފަހު ކުރާ ޓެސްޓު މާ ސީދާ ވާނެކަން އޭނާ ހަނދާންވުމުން، އެ ކިޓް އަނބުރާ ދަބަހަށް ލިއެވެ. އަދި ފާހާނާއަށް ވަދެ ނިދާ ހެނދުން ލައިގެން އައިސް އެނދުގައި އޮށޯއޮތެވެ. ޒަޔާންއަށް ގުޅަން ފޯނު ނަގާފައިވެސް އިޒާނީގެ ހިޔާލު ބަދަލުވިއެވެ. ފޯނުން ގޫގުލްއަށް ވަދެ މާބަނޑު ވުމުގެ އަލާމާތްތައް ‘ސާރޗް’ ކޮށްލިއެވެ. އިންޓާނެޓުން ފެނުނު ގިނަ ލިޔުންތަކެއް އޭނާ ކިއެވެ. އޭގެން ލިބުނު މައުލޫމާތުން އެނގު ބައެއް ކަންކަން އިޒާނީއަށް މިހާރުވެސް ތަޖުރިބާ ކުރެވެއެވެ. ހެނދުނު ހޭލާ ގޮތަށް ޓެސްޓު ކުރުމަށް ގަސްދުކޮށްގެން އޭނާ ލޯ މަރާލިއެވެ.
ހެނދުނު ހައެއް ޖަހަނިކޮށް އިޒާނީއަށް ހޭލެވުނެވެ. ފާހާނާއަށް ވަންނަން ދަނިކޮށް އޭނާ ހަނދާންވީ ޓެސްޓު ކުރަން ޖެހޭކަމެވެ. އަވަސް އަވަހަށް ގޮސް ކިޓްތައް ހިފައިގެން ފާހާނާއަށް ވަނެވެ.
ފާހާނާ ތަށި މަތީގައި އިށީނދެގެން އިން އިޒާނީގެ އެއް އަތުގައި ދެ ކިޓް އޮތެވެ. އަނެއް އަތުން ބޮލުގައި ހިފަހައްޓާލައިގެން އޭނާ އެއިނީ ގޮތް ހުސްވެފައެވެ. އެ ދޭތިން ވެސް ފެންނަނީ އެއް ނަތީޖާއެކެވެ. ރަތް ކުލައިގެ ދެ ރޮނގުކޮޅު އެ ދެ ކިޓުންވެސް ފެންނަން އިނެވެ. މޫނު ދޮންނަ ތަށިމަތީގައި ދެ ކިޓް ބާއްވަމުން އޭނާ ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން އައެވެ. ޒަޔާންއަށް ގުޅާ ލިބުނު ނަތީޖާގެ ވާހަކަ ބުނަން އޭނާ ބޭނުންވިއެވެ. އެހެނަސް އޭނާ ފޯނަށް ޖަވާބެއް ނުދިނެވެ. އިޒާނީ ދެ ކިޓްގެ ފޮޓޯ ނެގުމަށްފަހު އެ ދޭތި ފާހާނައިގައި ހުރި ޑަސްބިންނަށް ލިއެވެ.
އިޒާނީ އެނދުގައި އޮށޯވެ އަލުން ނިދޭތޯ އުޅުނެވެ. އެކަމަކު ހަމަ ހިލާ ނިދި އަންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ނިންމީ ޒަޔާން ގުޅަންދެން އިންތިޒާރު ކުރުމަށެވެ. އެހެން އޮންނަތާ އެތަށް އިރެއް ވީފަހުން އޭނާގެ އިންތިޒާރަށް ނިމުން އައެވެ. ޒަޔާންގެ ކޯލު ނެގުމަށްފަހު ފޯނު ކަންފަތުގައި ޖަހާލަމުން އިޒާނީ ހަލޯއޭ ބުނެލިއެވެ.
“ގުޑް މޯނިންގ، ލަވް. ހާދަ އަވަހަށް ހޭލެވުނީ؟ ރޭގަ ނުނިދަނީތަ އަނެއްކާ؟” ޒަޔާން ކަންބޮޑުވީ އިޒާނީ މާ ބޮޑަށް ކަންކަމާ ވިސްނާނެކަން އެނގޭތީއެވެ.
“އިޓްސް ޕޮސިޓިވް، ޔާން.. ދެން ކިހިނެއް ހަދާނީ؟” އިޒާނީގެ އަޑުގައިވީ ކަންބޮޑުވުން ޒަޔާންއަށް ފާހަގަވިއެވެ. އެހެނަސް މިވަގުތު އޭނާ އަތުގައިވެސް އިޒާނީގެ އެ ކުރި ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ. ޒަޔާން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވަމުންދާއިރުވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.
“ހިނގާ މެރީ ކުރަން.” ޒަޔާން އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އިޒާނީއަށް ވިސްނުނު އެންމެ މޮޅު ގޮތް އޭނާ ބުނެލިއެވެ. (ނުނިމޭ)