ޕެނަލްޓީއިން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ކުއާޓާއަށް

ކުޅިވަރު ފަހުގެ

އިނގިރޭސި ލީގު ކަޕުގައި އަންގާރަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން 5-4 ން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޓޮޓެންހަމުގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 ން އެއްވަރުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ކެޕްޓަން ސެޒާ އަޒްޕަލިކުއެޓާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޓިމޯ ވާނާއެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާރްބީ ލެއިޕްޒީގް ދޫކޮށް ޗެލްސީއާ ގުޅުނު ވާނާ ރަސްމީ މެޗެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ޓޮޓެންހަމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ސާޖިއޯ ރެގީލޯން ދިން ބޯޅައަކުން މި ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ އެރިކް ލަމޭލާއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޓޮޓެންހަމުން ފޮނުވާލި ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުން ޗެލްސީ ބަލިވީ އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ މޭސަން މައުންޓް އަތުން ބޭކާރުވުމުންނެވެ. މައުންޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ޗެލްސީ ބަލިކޮށް ލީގު ކަޕުގެ ކުއާޓާއަށް ޓޮޓެންހަމް ދަތުރުކުރިއިރު، ހަތަރުވަނަ ބުރުގައި ބުދަ ދުވަހުގެރޭ ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ނުކުންނައިރު، މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާނީ ބްރައިޓަނާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ