ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 30 ސެޕްޓެމްބަރ 2020 އާ ގުޅޭ)

“ހިނގާ މެރީ ކުރަން.” ޒަޔާން އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އިޒާނީއަށް ވިސްނުނު އެންމެ މޮޅު ގޮތް އޭނާ ބުނެލިއެވެ. އާއިލާއާއި ރައްޓެހިންގެ ކުރިމަތީގައި ބޭޒާރުވެ ފަލީހަތް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ކަމުން އެކަން ސިއްރު ކުރުމަށް އެޅެން އޮތް އެންމެ މޮޅު ފިޔަވަޅަކީ ކައިވެނި ކުރުން ކަމުގައި އިޒާނީ ގަބޫލުކުރިއެވެ. ނަމަވެސް އެކަމާ ޒަޔާން އެއްވެސް އެއްޗެއް ނުބުނުމުން އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ޒަޔާންގެ ނަމުން އޭނާ ގޮވާލީ ޒަޔާންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

އިޝްތިހާރު
އިޝްތިހާރު

“ލިސެން، މައި ލަވް.. ވީ އާ ނޮޓް ރެޑީ ފޯ ދިސް. ޔާން އަދި ރެޑީއެއް ނޫން މެރީ ކުރާކަށްވެސް. އެއްވެސް ސޭވިންގ އެއް ވެސް ނެތް. ދެން ކިހިނެއް ބޭބީގެ ހުރިހާ ކަމެއް ބަލަހައްޓާނީ؟” ޒަޔާން ބުނީ ތެދަށެވެ. އާއިލާއެއް ފަށާކަށް އޭނާ އަދި ތައްޔާރެއް ނޫނެވެ. އަމުދުން އިޒާނީއާއި ކައިވެނި ކުރުމުގެ ވިސްނުމެއްވެސް އަދި އޭނާގެ ނެތެވެ. އޭނާ ބޭނުންވަނީ އާޒިމްގެ ކިބައިން ބަދަލު ހިފުމެވެ. ހުރިހާ ކަމެއްވެސް ވަމުން އެދަނީ އޭނާ ބޭނުންވާ ގޮތަށެވެ. މިއަދު ޒައިނާ ހުރި ހާލަތުގައި އެ ހުރީ އިޒާނީއެވެ. ތަފާތަކީ، ޒައިނާއަށް އަނިޔާ ލިބިފައި، އިޒާނީއަށް ލޯބި ލިބުނު ކަމެވެ.

“ވިސްނާލަން ބޭނުން. ގިވް މީ ސަމް ޓައިމް.” އެންމެ ފަހުން، ވިސްނާލުމަށް ވަގުތުކޮޅެއް ބޭނުން ވާ ކަމަށް ޒަޔާން ބުނެލިއެވެ. އަދި ފަހުން ގުޅާނޭ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. އެވަރުން އިޒާނީ ހިތް ހަމައެއް ނުޖެހުނެވެ. ޒަޔާންއާއި ބައްދަލު ކުރަން ބޭނުންވާ ކަން މެސެޖަކުން އޭނާ އަންގާލިއެވެ. އަދި އެރޭ އެ ގެއަށް ދާނެ ވާހަކަ ވެސް ބުންޏެވެ.

ޒަޔާންމެން ގޭގެ ޓެރެސްގައި ދެމީހުން ތިއްބެވެ. އެދެމެދަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ. އަވަހަށް ކައިވެނި ކުރުމަށް އިޒާނީ ބުނި ފަހުން ޒަޔާން އަދި ބަހެއް ނުބުނެއެވެ. އިޒާނީއަށް ނޭނގުނަސް އޭނާ އެދަނީ ސިކުނޑީގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އިޒާނީ ބައްޕައަށް ދެރަ ދިނުމަށްޓަކައި، މައުސޫމު ކުއްޖެއްގެ ހަޔާތް ބަރުބާދު ކޮށްލަންވީތޯ އޭނާގެ ހިތް ސުވާލުކުރިއެވެ. ޖަވާބު ދިނީ ސިކުނޑިއެވެ. އޭނާގެ ދައްތަގެ މައުސޫމުކަމާއި އިއްފަތް ނަގާލީ ވަކި ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އެއާއެކު ޒަޔާންގެ ހަށިގަނޑު ސީދާ ކޮށްލިއެވެ. އަދި އިޒާނީގެ އުނަގަނޑުގައި ހިފާ އޭނާގެ ކައިރިއަށް ޖައްސާލިއެވެ.

“އަދި ނެތް މެރީ ކުރެވޭކަށް.. އައިމް ނޮޓް ރެޑީ.. އިޒޫވެސް ރެޑީއެއް ނޫނެއްނު..” ދުރަށް ބަލަހައްޓައިގެން އިނދެ ޒަޔާން ވާހަކަ ދެއްކީ، އިޒާނީއާއި ހަތަރު ކަޅި ހަމަވެއްޖެ ނަމަ އޭނާގެ އަޒުމަށް ގުޑުން އަރާފާނެތީއެވެ.

“ރެޑީ ނޫނަސް ދެން ނެތެއްނު ކުރެވޭނެ ކަމެއް.. ޒަޔާން ބިރު ގަންނަނީތަ؟ ކޮބާތަ މައްސަލަ އަކީ؟” އިޒާނީ ނުހަނު ލޯބިން ޒަޔާންގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވީ ސާފު ލޯބި ޒަޔާންގެ ކަންފަތަށްވެސް އަޑު އިވުނު ކަހަލައެވެ. “އައި ހޭވް ސޭވިންގސް. އެ ލާރި ބޭނުން ކުރެވޭނެ އެއްނު. ލެޓްސް ގެޓް މެރީޑް. ޕްލީޒް.” ޒަޔާންގެ ކޮނޑުގައި އިޒާނީ ބޯ އަޅާލިއެވެ. އަދި އަނެއްކާވެސް ކައިވެނި ކުރުމަށް ޒަޔާންގެ ކިބައިން އެދުނެވެ.

“ޔޫ ޑޯންޓް އަންޑާރސްޓޭންޑް.. އިޒޫގެ ފައިސާއިން ހަރަދު ކުރާކަށް މަ ބޭނުމެއް ނޫނޭ.. އެންޑް އިޒޫގެ ބައްޕަ ކިތަންމެ ރިޗް ވިޔަސް އެއިން އެންމެ ލާރިއެއްގަ އަތްލާކަށް ބޭނުމެއް ނޫން.. އައި ޑޯންޓް ވޯންޓް ޓު ޑިޕެންޑް އޮން އެނީވަން. އިންކްލޫޑިންގ ޔޫ. އޭރުން މަ ނުވާނެ އެއްނު ފިރިހެނަކަށްވެސް.” ޒަޔާން އެއް ފަހަރުވެސް އިޒާނީއާއި ދިމާލަށް ބަލާ ނުލައެވެ. “އޭރުން މީހުން ހާދަ އެއްޗެހި ކިޔާނެއޭ. ބުނާނެ އަންހެނުންގެ މުއްސަނދި ކަމުގައޭ އުޅެނީ. އައި ޑޯންޓް ވޯންޓް ދެޓް.” ޒަޔާން އެހެން ބުނުމުން ކުއްލިއަކަށް އިޒާނީ ތެދުވިއެވެ. އަދި ޒަޔާންގެ ކުރިމަތީގައި ކަކޫ ޖަހާފައި އިށީނެވެ. ޒަޔާން އޭނާއާއި ހަތަރު ކަޅި ހަމަ ނުކުރާން އުޅޭކަން އިޒާނީއަށް ފާހަގަ ވީއެވެ.

“ޒަޔާންއަށް ވިސްނެނީ ހަމައެކަނި ޒަޔާންއާއި ދިމާލަށް މީހުން ކިޔާނެ އެއްޗަކާ މެދުތަ؟ މިކަން ފަޅާއެރުމުން މަށަށް ވާނެ ގޮތާ މެދު ޒަޔާން ނުވިސްނަންތަ؟” ޒަޔާންގެ މޫނުގައި ދެއަތުން ހިފާ އޭނާގެ މޫނާއި ސީދާ ކޮށްލިއެވެ. “ތިހުރިހާ ކަމެއް ތިގޮތަށް އޮތް އިރު ކީއްވެ މިހެން ހެދީ؟ ކީއްކުރަން އެރޭ އަހަރެން މޮޔަ ކޮށްލީ؟” އިޒާނީގެ ދެކޯތަފަތުގައި ކަރުނައިގެ ރޮނގު އެލިގެން ދިޔައެވެ. “ޒަޔާން ލޯބި ނުވަނީތަ؟” އިޒާނީއަށް ގިސްލެވެން ފެށުނެވެ. އެއަޑު އަހާކަށް ޒަޔާންގެ ހިތަކަށް ކެތެއް ނުވިއެވެ. އަވަހަށް އިޒާނީގެ ދެކޮނޑުގައި ހިފާ އޭނާ ނެގިއެވެ. އަދި ނިކަން ބާރަށް އިޒާނީ ގައިގައި އޮޅުލައިގަތެވެ.

“ލޯބިވޭ.. ވަރަށް ލޯބިވޭ..” އިޒާނީގެ ގައިގައި އޮޅުލައި ގަންނަމުން ޒަޔާން ބުނެލިއެވެ. އިޒާނީ ރޯ ތަން ފެނުމުން އޭނާގެ ހިތުގައި އިޒާނީއަށް އޮތް ލޯބި ވިންދު ޖަހަން ފެށީއެވެ. އިޒާނީ ހިތާމަ ކުރާ ތަން ފެނުމަކީ ޒަޔާންގެ ބަލިފައެވެ. ކަން އެހެން އޮއްވާ ޒަޔާންގެ މަގުސަދު ހާސިލް ކުރުމަކީ ބޮޑު އިމްތިހާނަކަށް ވާނެ ކަން އޭނާއަށް ވިސްނުނެވެ. ނަމަވެސް މިވަގުތު އޭނާއަށް އެންމެ މުހިންމުވީ އިޒާނީއެވެ.

“އިޒޫ ބައްޕަ ގާތު ބުނޭ މެރީ ކުރަން ބޭނުންވާ ވާހަކަ.. އައި ވިލް މީޓް ހިމް..” އިޒާނީ ގަޔާ ދުރުކޮށްލަމުން، އެންމެ ފަހުން ޒަޔާން އެއްބަސްވިއެވެ. ހިތާމަވެރިކަން ފިލާ އުފާވެރިކަމުގެ ކަރުނަ އިޒާނީގެ ލޮލުން ފައިބަން ފެށިއެވެ.

“މިހާރު ކިހިނެއްވީ ތި ރޮވެނީ؟” ދެއަތުން އިޒާނީގެ ކޯތާފަތް ފޮހެދެމުން ޒަޔާން އަހާލިއެވެ. އިޒާނީ އުފާވާނެ މިންވަރުވެސް ޒަޔާންއަށް އެނގެއެވެ. އެ މޫނުމަތީގައި ވީ ހިތާމަވެރިކަން ފިލާ ގޮސްފިކަންވެސް ޒަޔާންއަށް އެނގެއެވެ.

“އުފަލުން.. އައި ލަވް ޔޫ ސޯ މަޗް. ޒަޔާންއާ ނުލާ އުޅޭނެ ގޮތެއް ނުވެސް ވިސްނޭ..” ޒަޔާންގެ ކަރުގައި ބައްދާލަމުން އިޒާނީ ބުނެލިއެވެ.

އިޒާނީ ގެއަށް ދިޔުމުން ޒަޔާން އެކަނި އުނދޯލީގައި މަޑުކުރިއެވެ. އޭނާއަށް އިހުސާސްވަނީ ދެކަފި ވެފައިވާ މަގެއްގެ މެދުގައި ހުރެވޭހެންނެވެ. ދާނީ ކޮން ކޮޅަކަށް ކަމެއް ކަނޑައަޅަން އުނދަގޫވިއެވެ. އެއްކޮޅުން ޒަޔާންގެ ލޯބިވާ އިޒާނީއެވެ. އަނެއް ކޮޅުން ޒަޔާންގެ ލޯބިވާ ދައްތައަށް އިންސާފެވެ. ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ބޮލަށް ބަރުވަމުން ދިޔައެވެ. ކަކުލުގައި އޮޅުނބޮށި ވިއްދާލާ ބޮލުގަ އިސްތަށިގަނޑުގައި ދެއަތުން އޭނާ ހިފާލީ އެހެންވެއެވެ.

“ބައްޕާ.. އަޅުގަނޑު ބޭނުން މެރީ ކުރަން.” ގެއަށް ދެވުމާއެކު އިޒާނީގެ ކެއްތެރިކަން ކޮޅުން ލިއެވެ. އާޒިމް ސޯފާގައި ނުވެސް އިށީންނަނީސް އޭނާ ވާހަކަ ދައްކަން ފެށިއެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ފާޅުވީ ހައިރާން ކަމެވެ. އިށީންނަން އުޅުނު އާޒިމްވެސް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ.

“ކިހިނެއްވީ ކުއްލިއަކަށް؟ ބައްޕަމެންނަށް ނުވެސް އެނގޭ ދަރިފުޅު ކުއްޖަކާއި ގުޅިގެން އުޅޭ ކަމެއްވެސް..” ސޯފާގައި އިށީންނަމުން އާޒިމް ބަލާލީ އިޒާނީއާއި ދިމާލަށެވެ.

“ސޮރީ ބައްޕާ. މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ރިލޭޝަންޝިޕްގަ އުޅޭތާ.. ފައިނަލް ކޮށްފަ ބުނަންވެގެން މަޑުކޮށްލީ.” އިޒާނީ އަދިވެސް ހުރީ ކޮޅަށެވެ. އޭނާގެ ދެއަތް ޖޯޑުކޮށްލައިގެން ހުރި ގޮތުން އެހުރީ ޖެހިލުންވެފައިކަން އެނގެއެވެ.

” ދަރިފުޅު އާދެބަލަ އިށީންނަން..” އާޒިމް އިން ސޯފާގައި ހުރި ހުސް ޖާގައަށް އިޝާރާތް ކުރަމުން އޭނާ ބުނެލިއެވެ. “ކޮން ކުއްޖަކާ ދަރިފުޅު ގުޅިގެން ތިއުޅެނީ؟ ކޮން މަސައްކަތެއް ކުރާ ކުއްޖެއް އެއީ؟ ފެމިލީ ރަނގަޅު ފެމެލީއެއްތަ؟” އިޒާނީ އައިސް އިށީނުމާއެކު އާޒިމްގެ ސުވާލުތައް ބަންޑުން ކޮށްލިއެވެ.

“ޒަޔާން ކިޔަނީ. މޯލްޑިވިއަންގަ ފަސްޓް އޮފިސާ އަކަށް އުޅެނީ. އަޅުގަނޑު ޒަޔާންގެ ފެމެލީއާ މީޓް ކޮށްފިން. އެމީހުން ވަރަށް ރަނގަޅު.” ވާހަކަ ދައްކަމުން ދިޔަ އިރު އިޒާނީގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ބައްޕަ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. “ޒަޔާން ބުނި ބައްޕަ އާއި މީޓް ކުރަން ބޭނުންވާ ވާހަކަ..” އިޒާނީ ބުނެލިއެވެ. ޒަޔާންއާއި ބައްދަލު ކުރުމަށް ބައްޕަ ގަބޫލު ވާނެ ބާއޭ އޭނާ ހިތަށް އެރިއެވެ.

“ފުރަތަމަ ތި ކުއްޖާގެ ބެކް ގްރައުންޑް ބަލާލަން ޖެހޭނީ.. އޭރުން ބައްޕައަށް ޖަވާބެއް ދޭން އެނގޭނީ..” ލޮލުގައި އަޅާފައި އިން ނަންބަރު އައިނު ނަގާ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި ބާއްވާލަމުން އާޒިމް ވާހަކަ ދެއްކިއެވެ. “އެ ކުއްޖަކީ ދަރިފުޅާ އެކަށިގެންވާ ކުއްޖެއްތޯ ބަލަން ޖެހޭނެ އެއްނު. ބައްޕަގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު، ހަމަ ތާކުން ފެންނަ މީހަކާ ހާވާލު ކޮށްގެން ބައްޕަގެ ހިތަށް ހަމަ ޖެހުމެއް ނުލިބޭނެ.” އާޒިމްގެ ކަނާއަތް އޭނާގެ މޭމަތީގައި ބާއްވާލިއެވެ. އަދި އިޒާނީއާއި ދިމާލަށް ބަލާލިއެވެ.

“މޯލްޑިވިއަންގެ އެޗް.އާރު މެނޭޖަރަކީ އަޅުގަނޑުގެ ރައްޓެއްސެއް. ބަލާލެވިދާނެ އެކުއްޖާގެ އިންފޮމޭޝަން.” އާޒިމް ދެއްކި ވާހަކަތައް އަޑު އަހަން އިނދެފައި އަޒާން ބުނެލިއެވެ. “ކޮން ނަމެކޭ ތަ ބުނީ؟ ޒިޔާން ތަ؟” އިޒާނީ ގާތު އޭނާ އަހާލީ ނަން ޔަގީން ކޮށްލުމަށެވެ.

“ޒަޔާން. މުހައްމަދު ޒަޔާން.” އިޒާނީ ބުނެލިއެވެ. އެއާއެކު އޭނާގެ ބޭބެ ވަގުތުން ފޯނު ނަގާ އެބުނި ރަހުމަތްތެރިޔާއަށް ގުޅާލިއެވެ. އަދި ޒަޔާންގެ މައުލޫމާތު ހޯދައި ދިނުމަށް އެދުނެވެ.

“މާދަން އޮފީހަށް ގޮސް ފޮނުވާލަ ދޭނަމޭ ބުނީ.. އެއީ އަޅުގަނޑާއިއެކު މާސްޓާސް ހެދި ކުއްޖެއް. ވަރަށް ރަނގަޅުވާނެ.” އަޒާން އެހެން ބުނުމުން އާޒިމްގެ މޫނުމަތިން ހިތް ހަމަ ޖެހުމުގެ އަސަރު ފާޅުވިއެވެ، އެއާއެކު އިޒާނީ ހިނގައިގަތީ ކޮޓަރިއަށް ދިޔުމަށެވެ.

ޒަޔާންއަށް ގުލާ، ބައްޕަ ގާތު ކައިވެނީގެ ވާޙަކަ ދެއްކި ކަމަށް އިޒާނީ ބުނެލިއެވެ. އަދި އޭނާގެ ބައްޕަ ވަރަށް އަވަހަށް ޒަޔާންއާއި ބައްދަލު ކުރާނެ ކަން ވެސް ބުންޏެވެ. ނަމަވެސް ޒަޔާންއާއި ބެހޭ މައުލޫމާތު ހޯދާ، ޒަޔާންއަކީ ކޮން ކަހަލަ މީހެއްތޯ ބަލަން އުޅޭ ވާހަކަ އިޒާނީ އެއް ނުބުނެއެވެ. އެއީ ޒަޔާން އެކަމާއި ހިތް ހަމަ ނުޖެހިދާނެތީއެވެ. ކައިވެނި ކުރަން ޒަޔާން އެއްބަސް ކުރުވީވެސް އެހާ އުނދަގުލުންނެވެ. އެހެންކަމުން އޭނާ ހިތް ހަމަ ނުޖެހޭ ފަދަ ކަމެއް އިޒާނީގެ ފަރާތުން ފެނިއްޖެ ނަމަ ޒަޔާންގެ ހިޔާލު ބަދަލުވެދާނެތީ އިޒާނީ ބިރުގަނެއެވެ.

އާޒިމް އިނީ އޮފީހުގައި ހުރި އޭނާއަށް ހާއްސަ ކެބިންގައެވެ. މޭޒުމަތީގައި ގިނަ އަދަދަކަށް ފައިލްތައް ހުއްޓެވެ. ކައިރީގައި ޒުވާން އަންހެން ކުއްޖަކު ހުރެ ފަހަރަކު ފައިލެއް ހުޅުވާދެމުން ދިޔައެވެ. އޭނާ ދައްކަމުން ގެންދިޔަ ތަންތަނުގައި އާޒިމް ސޮއެ ކުރަމުންދިޔައެވެ. އަޒާން އެ ކެބިންއަށް ވަދެގެން އައީ އެވަގުތެވެ. އޭނާގެ އަތުގައި ކަޅު ކުލައިގެ ފޯލްޑާ ފައިލެއް އޮތެވެ.

“ބައްޕަ ބިޒީ ގަޑިއެއްތަ؟ އަޅުގަނޑު ފަހުން އަންނަންވީތަ؟” އާޒިމް މަސައްކަތުގައި މަޝްއޫލުވެގެން އިން ތަން ފެނުމުން އަޒާން ދުރުގައި މަޑުކޮށްލިއެވެ.

“މި ނިމެނީ މިކަން. ދަރިފުޅު ސޯފާގަ މަޑުކޮށްލަންވީނު؟” އަޒާންއަށް ބަލާލުމެއް ނެތި އާޒިމް ބުނެލިއެވެ. އެއާއެކު އަޒާން ގޮސް އެތަނުގައި ހުރި އަޅި ކުލައިގެ ސޯފާގައި އިށީނދެލިއެވެ. މާ ގިނަ އިރެއް ނުވެ އާޒިމް އައިސް އޭނާގެ ދަރިފުޅު ކައިރީގައި އިށީދެއްޖެއެވެ.

“އީމާ.. ދެ ބްލެކް ކޮފި ހަދާލަ ބަލަ.” އާޒިމްގެ ޕާސަނަލް އެސިސްޓެންޓަށް ގޮވާލަމުން އޭނާ ބުނެލިއެވެ. އަދި ޒަޔާންއާއި ދިމާލަށް ބަލާލާ ވީ ގޮތެއް އޮޅުން ފިލުވާލިއެވެ.

“އެއޮތީ އެބުނާ ޒަޔާންގެ އިންފޮމޭޝަން.. އޭނަގެ ފެމެލީ އެންމެންގެ އިންފޮމޭޝަންވެސް ހުންނާނެ ހޯދާފަ.” ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި ބާއްވާފައި އޮތް ފައިލަށް އިޝާރާތް ކޮށްލަމުން އަޒާން ބުނެލިއެވެ. “ހީވަނީ ރަނގަޅު ކުއްޖެއް ހެން.” ހުދު އަޒާންއަށްވެސް އޭނާގެ ބައްޕަގެ ހަގީގީ ސިފަ ނޭނގެއެވެ.

ފައިލް ހުޅުވާ ބަލަމުން ދިޔަ ވަރަކަށް އާޒިމްގެ ބުމަ ގޮށްޖެހި، ނިއްކުރިއަށް ރޫތައް ގިނަ ވަމުން ދިޔައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ