އެ އަސްކަނި

ވާހަކަ މުނިފޫހި ފަހުގެ

މިތާ މިހެން ގެއްލި ހުސްވެފަ އިންނަތާ ވީ ކިހާ އިރެއް ކަމެއް ނޭނގެ އެވެ. އިރު ފެނަށް ވެ އޮބިގެންދާ މި ވަގުތު އަހަރެން ނޫން އިތުރު މީހަކު ތުނޑީގައި ނެތެވެ. ރަތް ވިލާތައް ފަނޑުވަނީ އެވެ. އިރު އެހެރަ ގެން ގެއްލެނީ އެވެ. ދުރުން ފެންނަން ހުރި ރަށްތައް ފުސްވަނީ އެވެ. އަލިކަން ފަނޑުވެ ކަޅުކަން ވަށާލަނީ އެވެ. އަހަރެންގެ ހަޔާތުން ވަކިވެ ގޮސްފައިވާ ކަޅުސަފުހާ އާއި މިފެންނަ މަންޒަރު ތަކާއި ވަކިތަފާތަކީ ކޮބާހެއްޔެވެ؟

އަހަރެން މަޑުމަޑުން ތެދުވެ، ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ. ހިތަށް އެރިއެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ގިނަ ބަޔަކު ޤަބޫލު ނުކުރިއަސް ހާދަ ވޭނަކާއި ކެކުޅުމެއް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. ގިނަ ބަޔަކަށް އަދިވެސް މިކަން މޭރުންނުވެއެވެ. މީގަ ހުރިވަރެއް ހަމަ އެނގޭނީ މި ކަމުގައި ގޭނި ހުސްވި މީހަކަށެވެ. މި ކަމާއި ކުރިމަތިވެ، ތުނޑި މަތީގައި ހުރި ކަހަލަ ކަކުނި ހޮރަކަށް ވަދެ ދުނިޔެއަށް ފިލަން ޖެހުނު މީހަކަށެވެ. ލިބުނު ވޭންތަކަށް އޮބި ނޯވެގެން އަމިއްލައަށް މަރުވުމުގެ ޙިޔާލުތައް ކުރެވުނު މީހަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ އަހަރެންގެ ވާހަކަ އެވެ.
އަޑުއަހާށެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ރަށުގެ ނިސްބަތުން އަހަރެންގެ އާއިލާގެ ތަނަވަސް ކަމާއި ޖާހު ކުޑައެއް ނޫނެވެ. ގިނަ ބޭނުންތައް ވަރަށް ފަސޭހަ ކަމާއެކު އަހަރެންނަށް ފުދި އިތުރުވެ އެވެ. މިހެންކަމުން ދުނިޔެއަށް ޖެހޭ އޮޔެއް ވަޔެއް އަހަރެނަކަށް ނޯވެއެވެ. މައިންބަފައިން ދިނީތީ މުހުތާދުތައް ފުއްދަމުން އުފަލާ މަޖަލުގައި ޙަޔާތުގެ ފޮތުގެ އަރިއަރިން ކަރުދާސްތައް ހީރަހުން ވަކިކުރަމުން ގެންދިޔައީ މެވެ.

މިހެން އުޅެނިކޮށް އަހަރެންގެ ޙަޔާތް އެފުން މިފުށަށް ޖަހާލި ކޮޅިގަނޑުގައި މުޅި މީހާ ޤަރަގު ވެއްޖެ އެވެ. އިރުވައި ހަޅައިގެ ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މީހާ ހަފުސްވެއްޖެ އެވެ. މަސްތެއްގައި އަރާގެން ދިޔަ މީހާ ތިރިއަށް ވެއްޓުނު އިރު ހުރީ ގަބުވެފަ އެވެ. ގާވެފައެވެ. ގުޅުންތައް ކެނޑިފައެވެ. އަމިއްލަ ނަފްސު މަތިން ފޫހިކޮއްލާފަ އެވެ.

މި މަސްތެއްގެ ވާހަކަ ފަށާމާ ހިގާށެވެ.

ދުވަހަކީ ހަޅައިގެ ހާޖާނު ގަނޑު ފެށި މޫސުން އެހައި ހިތްގައިމު ދުވަހެއް ނޫނެވެ. ފަތިހުންސުރެން މޫސުން އޮތީ ހަލުވާލާފަ އެވެ. މޫސުމާއި ހެދި އެރި ފޫއްސަކުން އަހަރެންއޮތީ ގޭ ބަންދުގައެވެ. ހަވީރު ފުޓުބޯޅަ ކުޅެން ދާންވެގެން ގެއިން ބޭރަށް ބޯދީ ބަލާލީމެވެ. އޭރުވެސް ހިމަފޮދު ވާރޭ ވެހެއެވެ. ވާރޭ ވެހުނަސް ކުޅެން ބޭނުންވެއެވެ. ހިތަށް ފިނިކަމެއް ލިބޭނީ އޭރުންނެވެ.

ގޭ ފެންޑާގައި ހުރި ބޫޓު ހިފައިގެން ގެއިން ބޭރަށް ނިކުތީ މެވެ. މަގުމަތި އޮތީ ތެމިފައެވެ. ކޮންމެވެސް ވަރަކަށް ފެން ހެދިފަ އެވެ. އޭރުވެސް ތުނިކޮށް ވާރޭ ވެހެމުން ދެއެވެ. ރަށުގެ އިރުން އުތުރަށް ވިއްސާރަ ދުންޏެއް ދައްކާލާފައި އިނެވެ. ހިތަށް އެރި އެވެ. ހާދަހާ ހިތްގައިމެވެ. އެކި މަގުތަކުން ބަރުހެލި ހިގުމެއްގައި ކުރިއަށް ދާން ފެށީމެވެ. މިސްކިތް މަގާ ހަމައިން ވަޔާ އެކު ބޯވާރޭ އަރާ ހަމަކޮށްފި އެވެ.

މި ކުރިމަތިވި ސަކަރާތަކުން ސަލާމަތް ހޯދަން އެބަޖެހެ އެވެ. ދެ ކޮޅު ހޯދާ ބަލާލި އިރު އެންމެ ކަމުދާ ތަނަކަށް ފެނުނީ ކައިިރީގައި ހުރި ގޭގެ އަސްކަންޏެވެ. އަވަސް އަވަހަށް އެ އަސްކަނީގެ ހިމާޔަތަށް އަހަރެން ގޮސް ނިމިއްޖެ އެވެ. އޭރު މީހުންތައް ކޮޅު ކޮޅަށް ހޭލަމޭލަ ވަނީ އެވެ. ޅަފުރާގެ ކުދިން ދުވެ ނަގަނީ އެވެ. ސަކަރާތުން ހުރިހާ މަގުތައް ކުޑަކުރަނީ އެވެ.

ނުނިމޭނެ އިންތިޒާރެއްގެ އިހުސާސާ އެކު އިރު އިރު ކޮޅާ އަސްކަނިން ބޭރަށް ބޯދީ މަތި ބެލުމުގައި އަހަރެން ހުރީމެވެ. މިހެން ހުއްޓާ ވިދާ ގުގުރަށް ފަށާފިއެވެ. ކިތަންމެ ހަމަޖެހިގެން ހުއްޓެއް ކަމަކު ބިރު ހީވަން ފަށާފި އެވެ. އަދި އޭރު އަދިރިކަން ދުނިޔޭގެ މައްޗަށް ގަދަވެގަންނަށް ފަށާފި އެވެ. އަހަރެންނާއި މެދު މަތިން ލިޔެވެމުންދަނީ ކިހާފަލަ ކުލަޔަކުންކަން އޭރަކު ރޭކާނުލިއެވެ. ކުރިން އެނގުނު ނަމަ ބޯ ނޫނީ ނަގޫޖަހާ މިތަނުން ފިލީމުހެވެ.

ވިދާލި ވިދުވަރެއްގެ ތެރެއިން، ދުރުން ދުވެފައި އަންނަ މީހަކު ފެނުނެވެ. ވައިސޫރިއެއްހެން ފެނުން އުފުރެމުން އޮވެ އެބައާދެ އެވެ. އޭނާގެ ބަނދަރަކަށްވީ އަހަރެންގެވެސް ބަނދަރެވެ. އަސްކަނީގެ އަނެއް ކޮޅަށް އޭނާ ލޮތާރި ވަށްޓާލާ ހަމަޖެހެލި ކަހަލަ އެވެ.

މި ވާރޭ މިވީ، ވޭނަކަށެވެ. ހަތަރު އުދަރެސް މި އޮތީ ފެނުޖެހިފަ އެވެ. ކުޅެން ނުދެވުނުތާ ގެ އަށްވެސް ނުދެވި މީހާ ބަންދުވީއެވެ. އިރުވެސް އޮއްސެނީއެވެ. ވާރޭގެފޯރި ހައްތަހާވީ ގަދައެވެ.

އަސްކަނީގެ އަނެއް ކޮޅުގައި ހުރީ ކާކުތޯ ބެލުމުގެ ޝައުޤު ހިތަށް ވެރިވެއްޖެއެވެ. ވަށްތަރަކަށް ފާރުގަ ގޭނެމުން އެމީހާގެ ގާތަށް ޖެހިލީމެވެ. ވިދުވަރުގެ ތެރެއިން އެ އަންހެން ކުއްޖާގެ މޫނު ފެނުނެވެ. ޖެހިގެން އައި ސިކުންތުގައި އޭނާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އެ ބާރުގަދަ ބެލުން އަހަރެންނާއި، ލައްވެ ހުރި ފާރު ފޫއަޅުވާލާ އެ ދިޔަ ހިސާބަކަށް ގޮސް ވީ ހަތަރެއްޗެއް ވެ ނިމިއްޖެ އެވެ. އަހަރެންއަށް ކުރިން ދުވަހަކުވެސް ނުވާ ޒާތެއްގެ ގޮތެއްވެ، ކުއްލިއަކަށް އަނގަ ގަދަވެއްޖެއެވެ.

ވާރޭ ހުއްޓާލި އިރުވެސް އޭނާ އަނގައަކުން ނުބުނެއެވެ. ރެވި ތެޔޮ އެޅިގެން އަނގަތެޅީ އަހަންނެވެ. އެންމިޔަކަނުން ހީލުން ފިޔަވާ ބަހަކުން ބަހެއް ނުކިޔަ އޭނާ ހުރިގޮތަށް ހުރީއެވެ.

ބުދެއްހެން ހުރެ އަސްކަނިން ނިކުމެ ހިގާ ގަތީއެވެ. އޭނާ ގޮސް ގެއްލެންދެން އަހަރެން ހުރީ އަސްކަނި ދޮށުގައެވެ. ކަންވީ ގޮތުން އަނގަ ވެއްޓިފައެވެ.

އެއްކަމެއް ހަމަ ޔަޤީނެވެ. ފަޅި ސިކުންތެއްގެ ހިނދު ކޮޅަކުން މި ހިތުގައި ކޫރުން އެޅިއްޖެވެ. ޒާތެއްގެ ރިހުމެއް ހިތަށް ގެނުވާފި އެވެ. ކުރިން ނުވާ ގޮތްތަކެއް ވާން ފަށާފި އެވެ. ހިތް ބިރު ގަނެއްޖެއެވެ. ކަންވީ ގޮތުން އަވަހަށް ގެއަށް މިސްރާބު ޖެހީމެވެ.

އެރޭ ނިދަން އުޅެއުޅެ ނުނިދުނެވެ. ހަނދާންވަނީއެވެ. އެ ކުޑަ ކުޑަ އުފާވެރި ވަގުތުކޮޅެވެ. އެ އަސްކަންޏެވެ. އެ މޫނެވެ. ބާރެއް އެކުލެވޭ ސާދާ ބެލުމެވެ. އަދި އެތަކެއް ސަތޭކަ ފަހަރު ދުށުމަށް އެދެވެނީއެވެ. ހަމަ ރަނގަޅަށް މި ވިއްސާރާގައި އަހަރެންގެ ހިތުގައި ފެން ބޮޑު ކޮއްލާފިއެވެ. އެކުވެރިންނާއި ދިމާކުރާ އަހަރެން، އެންމެ ރެޔަކުން ލޯތްބޭކިޔާ ޖަޒުބާތުން ބިމާ ހަމަ ކޮށްފި އެވެ.

ލޯބީގައި ގިނަ އެކުވެރިންނާއި ދެބަސްވާ ޤަބޫލުކުރާ ޤަބޫލުކުރުމެއް އަހަރެންގެ އޮވެއެވެ. އެއީ ހަގީގީ ލޯބި ވެވޭނީ އެކަކު ދެކެ އެއްފަހަރުކަމެވެ.

ލޮލު ފިޔައެއް ނުޖެހުނަސް ބޮޑު ފަތިހާ ބޭރަށް ނިކުމެއްޖައީ މެވެ. މުޅި ރަށް ކުޑަކުރީމެވެ. ހުރިހާ މަގެއް ހޯދާ ބެލީމެވެ. ނުފެނުނެވެ. ހިލަމެއްނެތެވެ. ހިތަށް އެރިއެވެ. އޭނާ ފިލީ ހެއްޔެވެ؟. ގެއްލުނީ ހެއްޔެވެ؟. މިކަހަލަގެ ކޫސަނި ހިޔާލު ތަކެއްގައި ގޮސް މެންދުރު ބަންގިއަށް ގެޔަށް ވަދެއްޖައީމެވެ. މަންމަ ގޮވާ އަޑަށް ހޭލެވުނު އިރު ހަވީރު ވެއްޖެ އެވެ.

އޭގެ ތިން ދުވަސް ފަހުން ވަރަށް މަސައްކަތުން ނަމާ ގެ ހޯދީމެވެ. އަހަރެން ވަރަށް އުފާވިއެވެ. އުފާ ނުވާންވީ ސަބަބެއް ނެތެވެ. ނަންބުނީ އޭނާއެވެ.

ކަންވީ މަގަކީ، މަގުމަތިން ފެނިގެން ފަހަތުން އަޅުވާލީއެވެ. ނަން ބުނޭތޯ އާދޭސްކުރީއެވެ. އިތުރު އެއްޗެއް ނުލިބުނެވެ. ނަމަވެސް އެވަރު ފުދުނު ކަހަލައެވެ. އަހަރެންގެ ހިތާ ރޫޙާ ހައްޓާ ފުރި ބާރުވި ކަހަލައެވެ. އޭނާ އަނގައިން ބުނީމައެވެ. ރީތި ކަމާއި އެއްވަރަށް އެ އަޑުގައި މަސްތެއް ޔަގީނުންވެސް އެބަހުއްޓެވެ. އެއީ ޖާދުވީ ބާރެކެވެ. ނަމަވެސް އޭނަ ހުރީ ފާޑަކަށެވެ. ފެންނަ ފެނުމަށް ވަރަށް ބިރުންނެވެ.

އާރޯތާނާ ކަމަޅިމަތީ މަޅި ފައްޗެއް ކޮޑުލާގެން ފަހަތުން ރޮއެ އާދޭސް ކުރުމުގައި އަހަރެން ސާބިތުވެ ހުރީމެވެ. ކޮންމެ ދުވަހެއްގެ ވަޒީފާ އަކަށް މިކަން ބަދަލުވެ މީހާ މުޅިން މިލަން ފަށާފިއެވެ. އެކަމަކު އަހަރެންގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް އަޔަނުދީ އިދިކީލިކަން ދެއްކުމުގައި ދުވަސްތައް ހަފްތާތަކަށް ބަދަލުވަމުން ދެއައެވެ. ހަމަ ހިލާ ބަހަކުން ބަހެއް ނުބުނެއެވެ. އަބަދުވެސް އުޅެނީ އަހަރެން ފެންނަ އިރަށް ނުފިިލިގެންނެވެ.ވަރަށް ބިރުންނެވެ. އެކަމަކުވެސް ފޫބުޑުން ނައްޓާކަށް އަހަރެން ގަސްތެއް ނުކުރީމެވެ. މަންޒިލަށް ވާސިލްވުން އެއީ އަހަރެންގެ އަމާޒެވެ.

އާވާރާވެގެން އުޅޭ ޕަރުވާނާއެއްހެން އަހަރެން އުޅޭތާ މަސްތަކެއް ފަހެވެ. އެއްދުވަހެއްގެ ހެނދުނެވެ. ގަދަ ނިދީގައި އޮއްވާ މީހަކު ގޮވާ އަޑަށް ބަލާލިއިރު ކުރިމަތީގައި ހުރީ އަހަރެންގެ ގާތް އެކުވެރިއެކެވެ. އޭރުވެސް ވަރަށް އަވަސް އަވަހަށް އެއްޗެކޭ ކިޔައެވެ. ދެ ލޯ އުގުޅާލުމަށްފަހު ވެގެން އުޅޭގޮތް އަހާލީމެވެ. ކަމަކުދާކަށް ނެތެވެ. އަހަރެންގެ “އެ އަސްކަނި” ބިމާ ހަމަވެއްޖެއެވެ. ވާނެ އެއްޗެއްވެ ނިމިއްޖެ އެވެ. އެއްޗެއް ބުނެވޭތޯ އުޅެ އުޅެ އަޑެއް ބޭރެއް ވުނިއެވެ. ކުޑަކޮށް ހަމަޖެހިލާ އެކުވެރިޔާ އާއި އެކު މިސްރާބުޖެހީ އަންހެން ކުއްޖާގެ ގެއަށެވެ. މުޅި މަގުމައްޗާއި އަދި ގޯތިތެރެ ފުރި ބާރުވެގެން މީހުންތައް ހިރިނުލެވިފަ ތިބި މަންޒަރު ފެނުނެވެ. ގޯތިތެރޭގައި އަހަރެންވެސް މަޑު ކޮއްލީމެވެ. މި އަދެކޭ އެއްފަދައިން އެތަކެއް ހާސް ސުވާލު އެވަގުތުވެސް އަހަރެންގެ ބޮލުތެރޭގައި ގުގުމަމުން ދިޔައެވެ. އަދިއަދަށްވެސް އެ ސުވާލުތަކުގެ ޖަވާބު ނުލިބެއެވެ. އަބަދުވެސް ހިތަށް އަރަނީ އޭނާ ދަންޖެހުނީ ކީއްވެބާއޭ؟

ހިޔާލުގެ ދުނިޔެއެއްގައި ހިނގަމުން މިއަންނަ އަހަރެންގެ ކުރިމަތީ ފެންނަށް އެހުރީ ފުރަތަމަ އަހަރެމެން ދެ މީހުން ބައްދަލުވި “އެ އަސްކަންޏެވެ” ކޮންމެ ދުވަހަކު އެއްފަހަރު މިތަނަށް އަންނަމެވެ. މި ހަނދާންތަކަށް ނިމުމެއްނެތެވެ. ދިރިމިހުރީ އެ އަސްކަންޏާއި އެކުގައެވެ. (ނިމުނީ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ