( 04 އޮކްޓޯބަރ 2020 އާ ގުޅޭ)
ފައިލް ހުޅުވާ ބަލަމުން ދިޔަ ވަރަކަށް އާޒިމްގެ ބުމަ ގޮށްޖެހި، ނިތްކުރިއަށް ރޫތައް ގިނަ ވަމުން ދިޔައެވެ. ހިތުގެ ތެޅުމާއި އެއްވަރަށް އޭނާގެ ހަރަކާތްތައްވެސް އަވަސްވިއެވެ. ގަނޑުތައް އުކަމުން ގޮސް އެންމެ ފަހުން ފައިލު ލައްޕާ މޭޒުމައްޗަށް އެއްލިއެވެ. ބައްޕަގެ އަމަލުތަކާއިމެދު ސުވާލު އުފެދިފައި އިން އަޒާން އިނީ ހިމޭން ވެފައެވެ. މިވަގުތު ސުވާލެއް ކުރުމަކީ މާ ރަނގަޅު ކަމަކަށް ނުވާނެއޭ އޭނާ ހިތަށް އެރިއެވެ.
“އިޒާނީ ގާތު ބުނޭ ހަމަ މިހާރުން މިހާރަށް އެކަން ހުއްޓާށޭ.” ސޯފާގައި އިނދެ، އެއްފައި އަނެއް ފައި މައްޗަށް ލަމުން އާޒިމް ބުނެލިއެވެ. އަދި އަޅައިގެން އިން އައިނު ނަގާ އެއް އަތުން ނިތްކުރީގައި ފިރުމާލިއެވެ.
“އެކަމަކު ބައްޕާ.. މީގަ އެބަ އޮތް ތޯ ގޯސް އެއްޗެއް؟ އަޅުގަނޑުގެ ފްރެންޑް ވެސް ބުނި ވަރަށް ރަނގަޅޭ ވަޒީފާ އަދާ ކުރާ ގޮތްވެސް. ވަރަށް ޒިންމާދާރު، ހަރުދަނާ ކުއްޖެކޭ. ދެން ކޮބާ ތޯ މައްސަލައަކީ؟” އާޒިމް އެކަމާ ދެކޮޅު ހަދާ ސަބަބު އަޒާންއަކަށް ނުވިސްނުނެވެ.
“ތީ ބައްޕަ ދަންނަ ކުއްޖެކޭ.. ދޮންވެލި ރިސޯޓަށް ވަރަށް ގިނައިން ދާނެ.. ގޮސް ރާ ބުއިމާ ޕާޓީ ކުރުމުގަ އުޅޭ ކުއްޖެއް ތީ.. އަބަދުވެސް ދާނީ ކޮންމެވެސް އަންހެނުންތަކެއް ގޮވައިގެން.” ނިކަން ހަމަ ޖެހިލައިގެން އިނދެ އާޒިމް ހިތަށް އައި އެއްޗެއް ބުނެލިއެވެ. ދޮގެއް ހަދައިގެން ނަމަވެސް އިޒާނީއާއި ޒަޔާން ދުރު ކުރަން އޭނާ މަސައްކަތް ފެށިއެވެ. މާޒީގެ ކަޅު ސަފުހާތައް އަލުން ހުޅުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކީ އޭނާގެ އާއިލާއަށްވެސް ސިއްރު ކުރެވިފައިވާ ކަމެކެވެ. އެ ސިއްރު ހާމަ ވެއްޖެ ނަމަ އޭނާގެ އަގު ވެއްޓި މުޅި ދުނިޔެއަށް ބޭޒާރު ވާނެއެވެ.
“ބައްޕާ. އެކުއްޖާ މާލެ އައީވެސް މި އަހަރު ފެށުނު ކޮޅު. ފަސް އަހަރު ނިއުޒިލެންޑް ގަ އުޅެފަ އެ އައީ. ބައްޕައަށް ތި ފެނުނީ އޭނާއާ ވައްތަރު ކުއްޖެއް ކަންނޭނގެ. ބައްޕަ މިކަމާ ދެކޮޅު ހަދައިފިއްޔާ އިޒޫ ވަރަށް ދެރަ ވާނެ. ބައްޕަ އެއް ފަހަރު އެކުއްޖާއާ މީޓް ކޮށްލަން އަޅުގަނޑަށް ފެންނަނީ.” އަޒާން އޭނާގެ ހިޔާލު ހުށަހެޅުމުން އާޒިމް އެއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒަޔާންއާއި ކުރިމަތި ލުމަކީ އާޒިމް ކުރަން ބޭނުން ވާ ކަމެއް ނޫނެވެ. އެހެނަސް މާ ބޮޑަށް ދެކޮޅު ހަދަން ފަށައިފި ނަމަ އެހެން މީހުންނަށް ޝައްކުވެދާނެ ކަމަށް އާޒިމް އެންމެ ފަހުން އެއްބަސްވިއެވެ. އަދި ޒަޔާންގެ ނަންބަރު ފޯނުގައި ނޯޓު ކުރިއެވެ.
މަޒީ އަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ވަރަކަށް ފަސް އަޅާ ފޮރުވަން މަސައްކަތް ކުރި ނަމަވެސް، މީހަކަށް ދެރައެއް ދީފި ނަމަ އެކަމެއް އަނބުރާ ހަމަ އެމީހަކާއި ކުރިމަތިލާނެއެވެ. އާޒިމްގެ މާޒީ އޭނާއާއި ކުރިމަތިލީ އެކަމަށް ތައްޔާރުވެސް ނުވެ ހުއްޓައެވެ. އޭނާގެ ދަރިފުޅުގެ ފަރާތުން ޒަޔާންއާއި ކުރިމަތިލާން ޖެހޭނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ނަގާފައިފާ ތޫފާނުގެ ކަޅު ވިލާތައް އާޒިމްއަށް ފެންނަ ކަހަލައެވެ. އެތޫފާނުގެ ތެރޭގައި އޭނާގެ އަބުރާއި އިއްޒަތް ދޮވެވިގެން ދާތަން ބަލާކަށް އޭނާއަށް ކެތެެއް ނުވާނެެއެވެ.
އެއާޕޯޓުން ނިކުމެގެން ސައިކަލުތައް ޕާކުކޮށްފައި ހުރި ސަރަހައްދަށް ދިޔުމަށް އަވަސް ފިޔަވަޅުތަކެއް ނަގަމުން ޒަޔާން ހިނގަމުން ދިޔައެވެ. ޕައިލެޓް ޔުނީފޯމުގައި އޭނާ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ހުދު ޔުނީފޯމު އޭނާގެ ދޮން ހަންގަނޑާއި ވަރަށް ގުޅެއެވެ. ކޮނޑަށް ރަން ކުލައިގެ ތިން ފަށް އަރާފައި ހުރި އިރު، ވިންގް އަަކާއި ނޭމް ޓެގެއްވެސް ފެންނަން އިނެވެ. ލޮލުގައި އަވި އައިނެއް އަޅާފައި ހުރުމުން އެ ރީތި ދެލޯ ނުފެނުނަސް އެމޫނުގައި ވީ ފިރިހެންވަންތަ ސިފަ ތަކުން އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރަމުން ދިޔައެވެ. ނަމަވެސް އޭނާއާއި ދިމާލަށް ހުއްޓިފައިވާ ލޯތަކަށް ޒަޔާން މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. ސައިކަލަށް އަރާ ހެލްމެޓް އަޅަން އުޅެނިކޮށް ޒަޔާންގެ ފޯނު ރިންގު ވާން ފެށިއެވެ.
“ހަލޯ.” ނޭނގޭ ނަންބަރަކަށް ވާތީ ނުނަގާން ހުރެފައިވެސް ޒަޔާން ފޯނު ނެގިއެވެ.
“ޒަޔާން. މީ އިޒާނީގެ ބައްޕަ.” ޒަޔާން އެތެރެއަށް ލީ ނޭވާ އޭނާގެ ކަރުގައި ތާށިވީ ކަހަލައެވެ. ކުއްލިއަކަށް އާޒިމްގެ އަޑު ކަންފަތުގައި ޖެހުމުން މާޒީގެ އެތަކެއް ހަނދާންތަކެއް އާވެގެން ދިޔައެވެ.
“އާޒިމް ދޯ.” ސައިކަލު މަތީގައި ހަމަ ޖެހިލަމުން ޒަޔާން އަހާލިއެވެ. އަދި ދަބަހުގެ ވަތްގަނޑަކުން ވޭޕް ނަގާ ތުނބުގައި ޖައްސާލިއެވެ. “އިޒާނީ ބުނެގެން ދޯ ތި ގުޅީ.” އާޒިމް އެއްޗެކޭ ނުބުނެ ހުރުމުން ދެންވެސް ވާހަކަ ދެއްކީ ޒަޔާންއެވެ. “ކިހިނެއް ހަދައި ދޭންވީ؟” ވޭޕްގެ ދުންތައް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޒަޔާން އިނީ އާޒިމް އެއްޗެއް ބުނާނެ ކަމަށް މަޑުކޮށްލައިގެންނެވެ.
“އަހަރެން ބޭނުން ޒަޔާންއާ ބައްދަލުކޮށްލަން. ތަނާ ވަގުތާ މެސެޖު ކޮށްލާނަން.” އާޒިމް ބުނެލިއެވެ. ނަމަވެސް އެގޮތް ޒަޔާންއަކަށް ކަމަކު ނުދިޔައެވެ.
“އުނހު. މިފަހަރު އަންނަން ވާނީ އަހަރެން ބުނާ ތަނަކަށް. އަންނަވީ ތަނާ ގަޑިއާ މެސެޖު ކުރާނީވެސް އަހަރެން. ކޮންމެ ފަހަރަކު އާޒިމް ބޭނުންވާހާ ގޮތަކަށް ނުވާނެ އެއްނު. މިއީ 2013 އެއް ނޫނޭ.” ޒަޔާންގެ އަޑުގައި މަލާމާތުގެ ރާގު އެކުލެވިގެންވިއެވެ. އެއާއެކު ފޯނު ކަނޑާލުމަށްފަހު ޖީބަށް ލަމުން ސައިކަލު ދުއްވާލީ މާލެއާއި ވީ ކޮޅަށެވެ.
އެރޭ އަށެއް ޖެހި އިރު ޒަޔާން އިނީ ހޮޓެލް ޖެންގެ ކޮޓަރިއެއްގައެވެ. އާޒިމްއަށް ގަޑި ކީ އަށްގަޑި ބަޔަށެވެ. އެ ކޮޓަރީގައި ހުރި ސޯފާގައި އިށީނދެގެން އިން އިރު ޒަޔާންގެ ލޯމަތިން ސިފަ ވަމުން ދިޔައީ މީގެ ހަތް އަހަރު ކުރިން އާޒިމްއާއި ބައްދަލުވި ދުވަހެވެ. އެ ދުވަހު އާޒިމް ދެއްކި ވާހަކަތައް ޒަޔާންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އިއްޔެ ވީ ކަމެއް ފަދައިންނެވެ. ލޯ މަރާލަމުން އޭނާ ސޯފާގައި ލެނގިލިއެވެ.
ފުލުހުން މައްސަލަ ނުބަލާ ގިނަ ދުވަސްތަކެއް ވަމުން ދާތީ ޒަޔާން ގަސްދުކުރީ ފުލުސް އޮފީހަށް ގޮސް، ލަސް ވާ ސަބަބު އޮޅުން ފިލުވާށެވެ. އޭނާ ގޮސް ކިޔާ ދިނުމުންވެސް ފުލުހުންގެ ރެކޯޑުން މައްސަލައެއް ފެންނާކަށް ނެތެވެ. ހަމަ އެކަނި އޮތީ ޒައިނާގެ މަރުގެ ސަޓިފިކެޓްއެވެ. އޭގައި، ޒައިނާ މަރުވީ އަމިއްލައަށް ދަން ޖެހިގެން ކަން ލިޔެފައި އޮތެވެ.
“މި ކޭސްއާއި ހަވާލުވީ ކާކު؟” ކައުންޓަރުގައި އަތް އަޅުވާލަމުން ޒަޔާން ވާހަކަ ދެއްކިއެވެ. “އެ އޮފިސަރާއި މީޓް ކޮށްލެވިދާނެތަ؟” އޭނާގެ އަޑުގައި އާދޭހުގެ ރާގު އެކުލެވިގެންވިއެވެ. ޒަޔާން މަޑުކޮށްގެން އިންނަތާ ގަޑިއެއްގެ އިރު ވީ ފަހުންވެސް އޭނާއާއި ބައްދަލުކުރުމަށް މީހަކު ނައެވެ. ކައުންޓަރުގައި އިން ކުއްޖާއާއި ވާހަކަ ދެއްކުމުން ދެންވެސް އެދުނީ މަޑުކޮށްލުމަށެވެ. އޭގެ ފަހުން ދެ ގަޑި އިރު ފާއިތުވެގެން ދިޔަ އިރުވެސް ޒަޔާންއަށް ޖެހުނީ މަޑުކޮށްގެން އިންނާށެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލީ އެހިސާބުންނެވެ.
“މިހާރު ކިހާ އިރެއް މިތާ މަޑު ކޮށްގެން އިންނަތާ.. މީޓް ނުކުރެވެންޏާވެސް ބުނެބަލަ. ތިބުނާ ޝުޖާއު ސާރ ބިރުން މަށާ ބައްދަލުކުރަން ނުކެރިގެންތަ އެއުޅެނީ؟ އޭނައަށް ގުޅާފަ އަހާބަލަ އާޒިމް ކިހާ ލާރިއެއް އޭނައަށް އޮފާ ކުރިތޯ.” ޒަޔާންގެ ރުޅިގަނޑު މައިތިރި ނުވެ، ކިޔޭ ނުކިޔޭވެސް އޭނާއަށް ނޭނގުނެވެ. އެއާއެކު ކައުންޓަރުގައި އިން ކުއްޖާ ފޯނު ކޯލެއް ކުރިއެވެ. އަދި މާ ގިނަ އިރެއް ނުވެ އެތަނަށް ފުލުސް އޮފިސަރަކު އައެވެ. އެއީ ޒައިނާ މަރުވި ރޭ ޒަޔާންމެން ގެއަށް ދިޔަ މީހާކަން ޒަޔާން ހަނދާން ހުއްޓެވެ.
“ޒަޔާން. މީ ޝުޖާއު. ހިނގާ އެތެރެއަށް.. ވާހަކަ ދައްކާލަން.” އެމީހާ އައިސް ޒަޔާންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އަދި އޭނާއާއި އެކު ޒަޔާން ގެންދިޔައީ އޭނާގެ ކެބިންއަށެވެ.
“ކީއްވެގެން ރޭޕް މައްސަލައިގެ އެއްވެސް ރެކޯޑެއް ނެތީ؟” އެތެރެއަށް ވަނުމާއެކު ޒަޔާން ސުވާލުކުރަން ފެށިއެވެ. “އާޒިމް ލާރިގަނޑެއް ދިނީދޯ؟” ޒަޔާންއަށް އެންމެ ހީވާ ގޮތް އޭނާ ބުނެލިއެވެ.
“ޒަޔާން އެހަށް ހަމަ ޖެހިލަބަލަ.” ޒަޔާން އަތަށް ކުޑަ ފެން ފުޅިއެއް ދިއްކޮށްލަމުން ޝުޖާއު ބުނެލިއެވެ. އަދި ގޮނޑީގައި އިށީނުމަށް އެދުނެވެ.
“ޒަޔާންއަށް އެނގެއެއްނު އާޒިމް އެއީ ކިހާ ވަރެއްގެ މީހެއްކަން. މިކޮޅު ކްރައިމް ޑިޕާޓްމެންޓް ގެ ހެޑަށް އޭނާ ވަރަށް ބޮޑު އެމައުންޓެއް އޮފާ ކުރި. ލާރިއާއި ހެދި އުޅޭ މީހުން ވަރަށް ފަސޭހައިން ހައްލައިލެވޭނެ. އޭނަގެ އޯޑަރަށް މިތާ ތިބި މީހުން ސިސްޓަމްތަކުން އެ ރެކޯޑު އެއްކޮށް ފޮހެލީ. ދެން އިތުރަށް ހެދޭނެ ގޮތެއް ނެތެއްނު. ޒައިނާގެ މަރުގެ މައްސަލަ އެއޮތީ އަމިއްލައަށް މަރުވީ ކަމަށް ބުނެ ނިންމާލާފަ. ދެން ޒަޔާން ބުނެބަލަ..” ޝުޖާއު ބަލާލީ ޒަޔާންއަށެވެ. އޭނާ އިސް އޮބާލައިގެން އިން ގޮތަށް އިނީ ގޮތް ހުސްވެފައެވެ. ލިބުނު ކުޑަކުޑަ އުންމީދުގެ އަލިކޮޅުވެސް ގެއްލުނީއެވެ.
“އަދިވެސް ރިޕޯޓު ކުރެވިދާނެ. އެކަމަކު ދެންވެސް އާޒިމް ހަދާނީ އެހެން. މިކޮޅުން ނޫނީ ކޯޓަށް ރިޝްވަތު ދީގެންވެސް އެކަން ހުއްޓުވާނެ. އޭނާ އަތުގަ އެވަރަށް ފައިސާ އޮތީމަ ބޭނުން ގޮތެއް ހަދާލާނީ.” މޭޒުމަތީގައި މުއްކާވާލާފައި އޮތް ޒަޔާންގެ އަތުގައި ޝުޖާއު ހިފާލިއެވެ. “ޒަޔާން ދެން މިކަން ނިންމާލާ.. އިތުރަށް މިކަން ކުރަން އުޅެން ހަދައިގެން ޒަޔާންގެ ފުރާނައަށްވެސް ނުރައްކާވުން އެކަށީގެންވޭ.. އާޒިމްއަކީ ކާކުކަން އެނގޭތީ މިހެން މިބުނީ.” ޝުޖާއު ދެއްކި ވާހަކަ ޒަޔާންއަށް އަޑު އިވުނުކަމެއް ނުއިވޭ ކަމެއް ނޭނގެއެވެ. އޭނާ ފުންމައިގެން ތެދުވެ، ބާރު ވައިރޯޅިއެއްހެން އެތަނުން ނިކުމެގެން ދިޔައެވެ.
ޒަޔާން ގޮސް މަޑުކޮށްލީ ހެންވޭރު ހެދި ގޮނޑުދޮށުގައެވެ. ޖީބުން ސިނގިރޭޓު ފޮށި ނަގާ ސިނގިރޭޓެއް ރޯ ކޮށްލިއެވެ. އޭނާ ވިސްނަމުން ދިޔައީ ގެއަށް ގޮސް މަންމަމެންނަށް ދޭނޭ ޖަވާބަކާއި މެދުގައެވެ. ހަގީގަތް އެނގުމުން އެ މަންމައަށް ވާނެ ގޮތް ޒަޔާންއަށް އިހުސާސް ކުރެވެއެވެ. ފައިސާގެ ބާރުގައި މިއަދު އާޒިމް ސަލާމަތް ވީ ނަމަވެސް އޭނާއަށް އަދަބު ލިބޭނެ ދުވަހެއް އަންނާނެކަން ޔަގީނެވެ. ޒަޔާންއަށް ވެގެން ވާނަމަ އާޒިމް އަތުން އޭނާގެ އަންހެން ދަރިފުޅު ޖަހައިގަންނަންވެސް އެދުވަހު ޒަޔާން ހިތަށް އެރިއެވެ.
ޒަޔާން އިސް ޖަހާލައިގެން ހުރެ ގެއަށް ވަނުމުން ޒީނާ އެ ދަރިފުޅު ގާތަށް ޖެހެލިއެވެ. ޒަޔާންގެ މިލާފައިވާ މޫނު ފެނުމުން ޒީނާގެ ހިތް ތެޅެލިއެވެ. ޔާސިރުވެސް އިނީ ޒަޔާން ވާހަކަ ދައްކާތޯ މަޑުކޮށްގެންނެވެ. ޒަޔާން ބަހެއް ނުބުނެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ޔާސިރު އޭނާއަށް ގޮވާލާ، ވީ ކީއްތޯ ސުވާލުކުރިއެވެ.
“ސޮރީ ބައްޕާ.. އެމީހުން އެ މައްސަލަ ނިންމާލައިފި.” ބައްޕައާއި ހަތަރު ކަޅި ހަމަ ކުރާނެ ހިތްވަރެއް ޒަޔާންގެ ނެތެވެ. “އެމީހާ ރިޝްވަތު ދީގެން ހުރިހާ ރެކޯޑެއް ފޮހެލައިފި.” އޭނާ އެހެން ބުނުމާއެކު ޒީނާގެ ކަކުލު ހުޅުން ވާގި ދޫވެ ހުރި ތަނަށް ތިރިވިއެވެ. ޒަޔާން އަވަހަށް ގޮސް އޭނާގެ މަންމަ ގައިގައި ހިފެހެއްޓިއެވެ.
“ސޮރީ މަންމާ.. އަޅުގަނޑަކަށް ނުވިސްނޭ ދެން ކުރަންވީ ކަމެއް. އެމީހާ ވަރަށް ޕަވަރފުލް. ފައިސާއިން ހުރިހާ ކަމެއް ކޮށް ނިންމާލައިފި. ދެވަނަ ފަހަރަށް މައްސަލަ ޖެއްސިޔަސް ހަދާނީ ހަމަ އެހެން. އަޅުގަނޑު ދެން ކިހިނެއް ހަދަންވީ؟ މަންމަ ބުނެބަލަ.” ޒަޔާންގެ ލޮލުންވެސް ކަރުން ހިލުނެވެ. އޭނާގެ މަންމަ ރޯ ތަން ދުށުމަކީ އޭނާއަށް ކެތްވާނެ ކަމެއް ނޫނެވެ.
“ކޮންމެވެސް ދުވަހަކުން އަދި އެމީހާއަށް މިކަމުގެ އަދަބު ލިބޭނެ..” މަންމަގެ ގައިގައި ހިފަހައްޓާލައިގެން އިނދެ ޒަޔާން ބުނެލިއެވެ.
ދޮރުގައި ޓަކި ޖެހި އަޑަށް ޒަޔާން ބަލާލީ ދޮރާއި ދިމާލަށެވެ. ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ އާޒިމްއެވެ. އޭނާ އެތެރެއަށް ވަނުމަށް ތަން ދައްކަމުން ޒަޔާން އެއް ފަރާތްވެލިއެވެ. އާޒިމް ގޮސް ސޯފާގައި އިށީނުމުން، އާޒިމްގެ ކުރިމަތީ ޒަޔާން ގޮސް ހުއްޓުނެވެ.
“ތީ ބަދަލު ހިފުމެއްތަ؟” އާޒިމް އަހާލިއެވެ. އެ ސުވާލު އަޑު އިވުމާއެކު ޒަޔާން ޖަހާލީ ހިނިގަނޑެކެވެ. (ނުނިމޭ)