ހަނިމާދޫ ސްކޫލު ދީނީރޫޙްގެ ފަރާތުން އިންތިޒާމްކުރާ، އެ ސްކޫލުގެ ފުރަތަމަ އޮންލައިން ޤުރުއާން މުބާރާތުގެ ބައިވެރިންގެ ވީޑިއޯތައް، އެސްކޫލްގެ ފޭސްބްކް ޕޭޖްގައި އިއްޔެއިން ފެށިގެން އާންމުކުރަން ފަށާފިއެވެ.
މިއީ ހަނިމާދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދު ހަމަތަކުގެ މަތިން ދަރިވަރުން ޤުރުއާން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން އިންތިޒާމުކޮށް ކުރިޔަށްގެންދާ މުބާރާތެކެވެ.
މުބާރާތާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލްގެ ދީނީ ރޫޙް ކުލަބުގެ ފަރާތުން އިބުރާހިމް އަލީ ވިދާޅުވީ މުބާރާތުގެ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދިޔަ އޮންލައިން ކޮށްކަމަށެވެ. އެގޮތުން މިދިޔަމަހު 10 ވަނަދުވަހު ބައިވެރިވުމުގެ ފުރުސަތު ބަންދު ކޮށްލިއިރު މުޅި ޖުމްލަ 69 ދަރިވަރުން ބައިވެރިވާން ފޯމް ހުށައެޅި ކަމަށާއި، 67 ދަރިވަރުވެސް ކިޔެވުމުގެ ވީޑިއޯ ފޮނުވާފައި ވާކަމަށެވެ.
ހުރިހާ ކިޔެވުމެއް މިހާރު ވަނީ ފަނޑިޔާރުން ބައްލަވާ އިންސާފުވެރި ކަމާއެކު މާކުސް ދެއްވާފައެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ޙަރަކާތްތެރިވެލެއްވީ އިސްކަންދަރު ސްކޫލުގެ ޤުރުއާން މުދައްރިސް އަލްޤާރީ ނިޝާންދު ޙުސައިން، ހދ އެޓޯލް ސްކޫލްގެ ޤުރުއާން މުދައްރިސް އަލްފާޟިލް އަނަސް ޙުސައިން އާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ނަސީމް މެވެ. ފަޑިޔާރުންގެ މަސަކަތްތައްވެސް ކުރިގެންދިޔާ އޮންލައިން ކޮން ކަމަށް އިބުރާހިމް އަލީ ވިދާޅުވިއެވެ.
ނަތީޖާ ފާޅުކުރުން މި މަހުގެ 22 ވަނަދުވަހުރޭ އޮންލައިން ކޮށް ބާއްވަން މިހާރު ތާވަލު ކުރެވިފައި ވާކަމަށާއި 17 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ކުދިންގެ ކިޔެވުންތައް ފޭސްބްކް ޕޭޖްގައި އާންމުކުރެވޭނެކަމަށެވެ. “އެއްފަހަރާ އެޅުމުގެ ބަދަލުގައި ދުވާލަކު 10 ވަރަކަށް ކިޔެވުން ލަމުން މިދަނީ، އެއްފަހަރާ ލައިގެން ބަލަން އުނދަގޫވާނެތީ ވަކިން މިހެން ލުމުން ބަލައިލަން ފަސޭހަވާނެ” އިބުރާހިމް ވިދާޅުވިއެވެ.
ކިޔެވުން ކުރިޔަށް ގެންދިޔައީ ދަރިވަރުން 4 ކީ-ސްޓޭޖަށް ބަހާލައިގެންކަމަށެވެ. ކީ-ސްޓޭޖު 1 ގައި 28 ދަރިވަރުން ކިޔެވިއިރު އެދަރިވަރުން ކިޔަވާފައިވަނީ ފަޖުރު ސޫރަތުން 29 ވަނަ ފޮތުގެ ނިޔަލަށެވެ. ކީ-ސްޓޭޖް 2 ގައި 22 ދަރިވަރުން ކިޔެވިއިރު އެދަރިވަރުން ކިޔަވާފައިވަނީ 28 ވަނަފޮތުން ފެށިގެން 26 ވަނަ ފޮތުގެ ނިޔަލަށެވެ. ކީ-ސްޓޭޖް 3 ގައި 09 ދަރިވަރުން ކިޔެވިއިރު އެދަރިވަރުން ކިޔަވާފައިވަނީ 26 ވަނަ ފޮތުން ފެށިގެން 24 ވަނަ ފޮތުގެ ނިޔަލަށެވެ. އަދި ކީ-ސްޓޭޖް 4 ގައި 8 ދަރިވަރުން ކިޔަވިއިރު އެދަރިވަރުން ކިޔަވާފައިވަނީ 25 ވަނަ ފޮތުން ފެށިގެން 21 ވަނަ ފޮތުގެ ނިޔަލަކަމަށެވެ.


