ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 11 އޮކްޓޯބަރ 2020 އާ ގުޅޭ)

“ދޮންބެއަށް ގޮވަން ވީ ތަ؟” އިޒާނީ އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒޯޔާ އިންތިހާއަށް ކަންބޮޑުވިއެވެ. އެހެންކަމުން ޒަޔާންއަށް ގޮވަންވީތޯ އިޒާނީ ކުރެން އޭނާ އަހާލިއެވެ. އިޒާނީ ބޯ ޖަހާލުމާއެކު ޒޯޔާ ތެދުވެގެން ގޮސް ޒަޔާންއަށް ގޮވިއެވެ. އޭނާވެސް ހުރީ އިޒާނީ އެ ވަގުތު އެ ގެއަށް އައީތީ ހާސްވެފައެވެ. ގަޔަށް ޓީޝާޓެއް މަހާލަމުން އޭނާ ކޮޓަރިން ނިކުތް އިރު އިޒާނީ ސޯފާގައި އިންތަން ފެނުނެވެ.

އިޝްތިހާރު
އިޝްތިހާރު

ޒަޔާން ފެނުމާއެކު އިޒާނީ ތެދުވެގެން ގޮސް އޭނާ ގައިގައި އޮޅުލައިގަތެވެ. ޒޯޔާ އެތަނުގައި ހުރިކަންވެސް އިޒާނީ ހަނދާނެއް ނެތެވެ. ޒަޔާން އޭނާ ގަޔާ ދުރު ކޮށްލަމުން ވީ ކީއްތޯ ސުވާލު ކުރިއެވެ. އަދި އޭނާ ގޮވައިގެން ޓެރެސްއަށް އެރިއެވެ. އެވަގުތަކީ ޒަޔާންގެ މަންމަމެން ހޭލާ ވަގުތު ކަމަށް ވާތީ، އެމީހުންނަށް އިޒާނީ ފެނުމުން ސުވާލު ކުރާނެކަން ޒަޔާންއަށް އެނގެއެވެ.

“ޔާން.. ބައްޕަ އުޅެނީ ބޭބީ އެބޯޓް ކުރަން. ޕްލީޒް ސޭވް މީ. ގެއިން ފިލައިގެން މި އައީވެސް.” އިޒާނީ އެހެން ބުނުމުން ޒަޔާންގެ ހާސްކަން ވީ އިތުރެވެ. “މީ ޔާންގެ ވެސް ބޭބީ އެއްނު..” އިޒާނީ ބުނީ ދޮގެއް ނޫނެވެ. އެކަމާ ޒަޔާންއަށް އިންކާރު ކުރެވޭކަށް ނެތެވެ. އިޒާނީއާއި އެފަދަ ގުޅުމެއް ބޭއްވީ ފުރަތަމަ މީހަކީ ޒަޔާން ކަން އޭނާއަށް ޔަގީނެވެ. އެހެންކަމުން އިިތުރު ސުވާލެއް އޭނާ ނުކުރެއެވެ. ބޮލުގައި އަތް ފުނާ އަޅާލީ ދެން ހަދާނެ ގޮތެއް ވިސްނާލަމުންނެވެ. އިޒާނީގެ ބައްޕައަށް އޭނާ ހުރި ތަން އެނގިއްޖެ ނަމަ ދެން ވާނެ ގޮތަކާއިމެދު ވެސް ވިސްނާލަން ޒަޔާންއަށް މަޖުބޫރުވިއެވެ.

“އިޒޫ ބައްޕައަށް އެނގިއްޖެއްޔާ ވަރަށް ގޯސް ވާނެ. އެމީހުން ހީކުރާނެ ޔާން ބުނެގެންނޭ އިޒޫ އައީ. އޭރުން ކިހިނެއް ވާނީ؟” އުނދޯލީގައި އިން އިޒާނީ ކައިރީ އިށީންނަމުން ޒަޔާން ވާހަކަ ދެއްކިއެވެ. “އޭރުން ޔާން ދެކެ އެންމެން ރުޅި އަންނާނެ. މެރީވެސް ނުކުރެވޭނެ އޭރުން.” ޒަޔާން ބެލީ އިޒާނީއަށް ވިސްނާދެވޭތޯއެވެ. އެކަމަކު އޭނާގެ އަޒުމް މާ ވަރުގަދައެވެ.

“ދެން ނުދާނަން ގެއަކަށް. ގެއަށް ދިޔައީމަ ބޭބީ މަރާލާނެ.” ޒަޔާންގެ އަތުގައި އިޒާނީ ހިފާ ބާރުކޮށްލިއެވެ. މި ދަނޑިވަޅުގައި އެ އަތުން ހިމާޔަތް ބޭނުންވެއޭ ބުނާ ހެންނެވެ. އިޒާނީގެ ހިތުގެ އަޑު ޒަޔާންއަށް އިވުނު ކަހަލައެވެ. އޭނާވެސް އެ އަތުގައި ހިފާ ބާރު ކޮށްލިއެވެ. މިއަދު އިޒާނީއާއި އޭނާގެ ދަރިފުޅު ރައްކާތެރި ކޮށްދޭން ހުރީ ޒަޔާން ނޫން ވަކި ކާކު ހެއްޔެވެ؟

އިރު އަރާ ވަގުތަށް މުޅި ޖައްވު ތައްޔާރުވާން ފެށިއެވެ. ރަތާއި ރީނދުލުގެ ސާލު ތަކުން ފަޒާ ޒީނަތްތެރިވަމުން ދިޔައެވެ. ޒަޔާންއާއި އިޒާނީ އަދިވެސް ތިބީ ޓެރެސްގައެވެ. ޒަޔާންގެ ކޮނޑުގައި ބޯ އަޅާލައިގެން އިޒާނީ އޮތީ ނިދިފައެވެ. ޒަޔާން އެއް އަތުން އިޒާނީގެ އުނަގަނޑުގައި ހިފަހައްޓައިގެން އިނެވެ. މާހައުލަށް އަންނަ ބަދަލުތަކަށް ކަޅި ހުއްޓާލައިގެން އޭނާ އިނީ ފުން ހިޔާލެއްގައެވެ.

އިންސާނާގެ ހަޔާތްވެސް ވިލާ ތަކަށް އަރަމުން ދިޔަ ކުލަތަކާއި އެއްގޮތެވެ. އެކި ފަހަރު ދައްކާނީ އެކި ކުލައެވެ. އެއްފަހަރު އުފާވެރިކަމުގެ ވިއްސާރަދުންޏެވެ. އަނެއްބައި ފަހަރު ނާމާން ކަމާއި ކަޅުކަމެވެ. ދިރިއުޅުމުގެ ހާލަތު މިގޮތަށް ބަދަލުވަމުންގޮސް މީހާގެ އުމުރު ހުސްވެ ދެއެވެ. ހަޔާތުގައި ދިމާވާ ދަތި ތަކުގައި ކެއްތެރިވެ، އުފާވެރި ކަމުގައި ޝުކުރުވެރިވާ މީހާ އަކީ ކާމިޔާބު މީހެކޭ ބުނެވިދާނެއެވެ. ނަމަވެސް މިހާލަތުގައި، ކަން ކުރަންވީ ގޮތެއް ޒަޔާންއަކަށް ނުވިސްނުނެވެ.

މެންދުރު ވީ އިރުވެސް އިޒާނީ ބޭރަށް ނުނިކުތުމުން ހުސްނާ އެއިނީ އިންތިހާއަށް ކަން ބޮޑުވެފައެވެ. ދޭތެރެ ދޭތެރެއިން އިޒާނީގެ ކޮޓަރި ދޮރުގައި ޓަކިވެސް ދެވިއްޖެއެވެ. އޭނާ ހީކޮށްގެން ހުރީ ރޭ ހިނގާ ދިޔަ ކަންކަމުގެ ސަބަބުން އިޒާނީ ހިތްހަމަ ނުޖެހިގެން ނުނިކުންނަން އޮތީ ކަމަށެވެ. އެހެނަސް މިހާރު މާ ލަސް ވެއްޖެ ކަމަށް ވިސްނާ، ހުސްނާ ގޮސް އިޒާނީގެ ކޮޓަރި ދޮރު މަތީ ހުއްޓުނެވެ.

“ދަރިފުޅާ. އިޒާނީ.. ދެން ތެދުވެ ދޮރު ހުޅުވާލަބަލަ.” ދޮރުގައި ޓަކިޖަހާލަމުން ހުސްނާ ގޮވާލިއެވެ. ނަމަވެސް ކޮޓަރި ތެރެއިން އެއްވެސް އަޑެއް ނުވަތަ ހިލަމެއްވެސް ނުވިއެވެ. ތަކުރާރުކޮށް ގޮވުމުންވެސް އިޒާނީގެ އެއްވެސް ހަބަރެއް ނުވުމުން އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެވަގުތު ގޭގައި ހުރީ ހުސްނާ އެކަންޏެވެ. އެހެން ކަމުން ވަގުތުން ފޯނު ނަގާ އާޒިމްއަށް އޭނާ ގުޅާލިއެވެ.

“ހާދަ ލޯބި އިސްތަށިގަނޑެކޭ..” އީމާގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެލަމުން އާޒިމް ބުނެލިއެވެ. އޭނާ އިނީ އޮފީހުގައި އޭނާއަށް ހާއްސަ ކުރެވިފައިވާ ކެބިންގައެވެ. އޭނާގެ ޕާރސަނަލް އެސިސްޓެންޓް، އީމާ އިނީ އާޒިމްގެ އުނގުމަތީ އިށީނދެގެންނެވެ. އޭނާ ލައިގެން އިން ކުރު ތިރިކޮޅުގެ ސަބަބުން ފައިގެ ފަލަމަސަގަނޑު އޮތީ ފެންނާށެވެ. އޭނާގެ ފައިގައި އާޒިމް ފިރުމާލިއެވެ. ހަމަ އެވަގުތު އާޒިމްއަށް ފޯނެއް އައެވެ. ގުޅަނީ ހުސްނާ ކަން އެނގުމުން އޭނާ ފޯނު ސައިލެންޓް ކޮށްލިއެވެ. އަދި އީމާއާއި އެކު ގައިގޯޅިވާން ފެށިއެވެ. އެމީހުން އެހެން ތިއްބާ ކުއްލިއަކަށް ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ހަމަ އެ ސިކުންތުގައި ދޮރު ހުޅުވިގެން ދިޔައެވެ.

“އީމާ. ކޮން ގޮތަކަށްތަ ތިއުޅެނީ؟ މީ އިމާގެ ބޮސް ކަން ހަނދާން ނުހުންނަނީތަ؟ މީ އިމާގެ ބައްޕަގެ އުމުރުގެ މީހެކޭ.. ކިތައް ފަހަރުތަ ބުނަންވީ؟” އީމާ ދުރަށް ކޮއްޕާލަމުން އާޒިމް ބުނެލިއެވެ. އެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިގެންވީ ނަމަވެސް އެއީ އީމާއަށް އަޑު އިއްވަން ބުނި އެއްޗެއް ނޫނެވެ. އެއީ ދޮރުގެ އަތްގަނޑުގައި ހިފައިގެން ހުރި އަޒާންއަށް އިއްވާލުމަށް ބުނި އެއްޗެކެވެ.

“ދިސް އިޒް ނޮޓް އެކްސެޕްޓެބަލް، އީމާ. މާދަމާއިން ފެށިގެން އޮފީހަށް އަންނާނެ ކަމެއް ނެތް. ޔޫ އާރ ފަޔާރޑް. ގެއަށް ދޭ. މަސައްކަތް ކުރި ދުވަހުގެ މުސާރަ މާދަމާ ޖަމާކޮށްދޭނަން.” ކެބިން ތެރެއަށް ވަންނަމުން އަޒާން ބުނެލިއެވެ. އޭނާގެ މޫނުމަތިންވެސް ރުޅި އައިސްފައި ހުރި މިންވަރު ހާމަވެއެވެ. އީމާ ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ މުވައްޒަފުންނަށް ޕަނާޝް ގްރޫޕްގައި ޖާގައެއް ނޯންނާނެ ކަމަށް އަޒާން ބުނެދިނެވެ. އޭނާ އެހެން ބުނުމުންވެސް އީމާ އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ. އާޒިމް އޭނާ ދިފާއު ކުރާނެ ކަމުގެ ޔަގީންކަން އީމާއަށް އޮތެވެ.

“ރިލެކްސް، އަޒާން. އޭނާ އެހަށް ބަހައްޓާލާ. ދެން ފަހަރަކުން އެކަހަލަ ކަމެއް ކޮށްފި ނަމަ ކަނޑާލާނީ. މިހާރު ބުނެވިއްޖެ އެއްނު.” އާޒިމް ބުނެލިއެވެ. އެއާއެކު އީމާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. “އުންމީދު ކުރަން އީމާގެ ފަރާތުން ދެން އެފަދަ ކަމެއް ނުފެންނާނެ ކަމަށް. ޔޫ މޭ ލީވް.” އީމާއާއި ދިމާލަށް ބަލާލަމުން އާޒިމް ބުނެލިއެވެ. ދެމީހުންގެ ކިބައިން މައާފަށް އެދެމުން އީމާ އެތަނުން ނިކުތެވެ.

“މަންމަ ގުޅި ތަ؟” އަޒާން އަވަސް އަރުވާލާފައި އެހިއެވެ. ފޯނުގެ އަޑު ކަނޑާލެވުނުކަން އާޒިމް ހަނދާންވީ ދެނެވެ. އޭނާގެ ފޯނު ބަލާލި އިރު ހަތަރު ފަހަރު ހުސްނާ ގުޅާފައި އޮތެވެ. “އިޒޫ އަދިވެސް ނުނިކުމެއޯ މަންމަ ބުނީ. ވަަރަށް ގޮވައިފީމޯ. ތަޅުލާފަޔޯ ހުރީވެސް…” އާޒިމްގެ މެއަށް ފިނިވެގެން ދިޔައެވެ. “ވަރަށް ހާސްވެފަ މަންމަ ހުރީ.” އަޒާން އެހެން ބުނުމާއެކު އާޒިމް ބޭރަށް ނިކުންނަން ހިނގައިގަތެވެ. ފަހަތުން އަޒާންވެސް ދިޔައެވެ.

“މީޓިންގތައް ކެންސަލް ކޮށްލާ.” އީމާއަށް އިޝާރާތް ކޮށްލަމުން އާޒިމް ބުނެލިއެވެ. “އަޒާން ކަމް ވިތް މީ.” ދެމީހުން ހަލުވި ހިނގުމެއްގައި ގޮސް އެރީ އާޒިމްގެ ކާރަށެވެ. ދުއްވީ އަޒާންއެވެ. ގެއަށް ދެވެންދެން ވެސް އާޒިމް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނާގެ ހިތް ބިރު ގަންނަނީއެވެ. އިހަށް ރޭ ޒަޔާން ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އާޒިމްގެ އަތުން އޭނާގެ އަންހެން ދަރިފުޅު ގެއްލުވާލާނެ ކަމަށް ޒަޔާން ވައުދުވިކަން އޭނާ ހަނދާނުގައި އެބަ ހުއްޓެވެ. މޭގައި އުފެދުނު ރިހުމަށް ލުޔެއް ލިބޭތޯ އާޒިމް އޭނާގެ މޭގައި ފިރުމާލިއެވެ.

ހުސްނާ ހުރީ ގޭގެ ސިޓިންގރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރު އިރުކޮޅުން އަތުގައި އޮތް ގަޑި ބަލާލައެވެ. އޭނާ އެ އިންތިޒާރު ކުރަނީ އާޒިމް އަންނާނެ އިރަކަށެވެ. ގޭގެ ހުރިހާ ތަނެއްގެ ތަޅުދަނޑި އޮންނަނީ އާޒިމް ފޮރުވާފައެވެ. އިޒާނީގެ ކޮޓަރި ހުޅުވޭނީ އެމީހުން އައި އިރަކުންނެވެ. އެހެންކަމުން ހުސްނާ ހިތާހިތުން ދުއާ ކުރަމުން ދިޔައީ ދެރަ ގޮތެއް މެދުވެރި ނުކުރެއްވުމަށެވެ.

ގެއަށް ވަދެެވުމާއެކު އާޒިމް ފުރަތަމަވެސް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލަމާރީގައި ބަހައްޓާފައި ހުރި ކުޑަ ތިޖޫރީއެއްގައި އޭނާގެ ކަނާއަތުގެ ބޮޑުވައި އިނގިލި ޖައްސާލުމާއެކު އޭގެެ ދޮރު ހުޅުވުނެވެ. އެތެރެއިން ބޮޑު ތަޅުދަނޑިފައްޗެއް ނެގުމަށްފަހު އޭގެ ދޮރު ލައްޕާލިއެވެ. އަދި އިޒާނީގެ ކޮޓަރި ހުޅުވޭތޯ މަސައްކަތް ފެށިއެވެ. ތަޅުދަނޑިއަކަށްފަހު ތަޅުދަނޑިއެއް ލައްވަމުން ގޮސް ތަޅު ހުޅުވުނު އަޑު އިވުނެވެ. ހުސްނާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފާލީ ޖެހިލުންވެ ހުރެއެވެ. އެންމެންގެ ހިތްތަކުގެ ތެޅުން އަވަސްވެފައި ވިއެވެ. މަޑުމަޑުން އެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު އާޒިމްއަށް ބޭއިހުތިޔާރުގައި ލޯ މަރާލެވުނެވެ.

“ކޮބާ އިޒާނީ؟” އަޒާންގެ އަޑަށް އާޒިމް ލޯ ހުޅުވާލިއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި އިރު އިޒާނީގެ ހިލަމެއް ނުވިއެވެ. ފާހާނާ ދޮރުވެސް ހުރީ ހުޅުވާފައެވެ. ކުއްލިއަކަށް އާޒިމްގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ބާއްވާފައި އޮތް ކަރުދާސް ގަނޑެކެވެ. އޭނާ އަވަހަށް ގޮސް އެ ގަނޑު ނަގާ ބަލާލިއެވެ. އޭގައި ލިޔެފައި އޮތީ ކޮން އެއްޗެއްތޯ ބެލުމަށް އަޒާންއާއި ހުސްނާވެސް އެ ކޮޓަރިއަށް ވަނެވެ.

“އަޅުގަނޑު މިދަނީ ތި އެންމެންނާއި ދުރަށެވެ. އަޅުގަނޑުގެ ބަނޑުގައި މިއޮތް ދަރިފުޅަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބުމަކީ އަޅުގަނޑަށް ކެތް ވާނެ ކަމެއް ނޫނެވެ. މި ދަރިފުޅު ސަލާމަތް ކުރުމަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ މިއީއެވެ. އަޅުގަނޑު ހޯދަން ނޫޅޭށެވެ. އަދި އަޅުގަނޑަށް މައާފުކޮށްދޭށެވެ. އިޒާނީ.” އިޒާނީ ލިޔެފައި އޮތް ނޯޓު ކިޔުމަށްފަހު، އާޒިމް ހުއްޓުން އަރާފައި ހުރީއެވެ. އޭނާގެ އަތުން އެ ނޯޓު އަތުލައިގެން އަޒާންވެސް ކިޔާލިއެވެ. އެންމެންގެ މޫނުތަކުން މިހާރު ފާޅުވަމުން ދިޔައީ މާޔޫސްކަމެވެ. އެހެން ހުރެފައި ކުއްލިއަކަށް އަޒާން ދުއްވައިގަތެވެ. އޭނާ ސިޑިން ފައިބައިގެން ގޮސް އެގޭގެ ސެކިއުރިޓީ ކޮޓަރިއަށް ވަނެވެ. އަދި އެ ދުވަހުގެ ސީސީޓީވީ ފުޓޭޖް ދެއްކުމަށް އެތަނުގައި އިން މީހާ ގާތު އެދުނެވެ. އޭގެން ފެނުނީ އިޒާނި ފޮށި ހިފައިގެން އެގެއިން ނިކުންނަން ދިޔަ ތަނެވެ. އަދި ސެކިއުރިޓީ ގާޑާއި ކޮންމެވެސް ވާހަކައެއް ދެއްކި ތަން ވެސް ފެނުނެވެ.

“ސައީދުއަށް ގުޅާފަ ބުނޭ ހަމަ މިވަގުތު މިކޮޅަށް އަންނާށޭ.” ސެކިއުރިޓީ ކޮޓަރިން ނިކުންނަމުން އަޒާން ބުނެލިއެވެ. އަދި ގެއަށް ވަދެ ސިޓިންގރޫމުގައި މަޑުކުރިއެވެ. ހުސްނާއާއި އާޒިމްވެސް ސޯފާގައި ތިއްބެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ސައީދު އައެވެ. އޭނާއާއި ސުވާލު ކުރީ އަޒާންއެވެ.

“އިޒާނީ ނިކުމެގެން ދިޔަ އިރު މިތާ ހުރީ ސައީދު ދޯ؟” އަޒާންގެ ސުވާލަށް އަދަބުވެރިކަމާއިއެކު ޖަވާބުދެމުން ސައީދު ބޯ ޖަހާލިއެވެ. “ކީކޭ ބުނެފަ އިޒާނީ ދިޔައީ؟” އެންމެންގެ ލޯތައް ހުރީ ސައީދުއަށް ހުއްޓިފައެވެ.

“ބުނީ ފުރަންށޯ ދަނީ. ބައްޕައަށް ގޮވާ ގޮވާ ނުހޭލީމަ އެކަނި ދަނީއޭ ބުނީ. ދަނީ ކޮންތާކަށް ކަމެއް ނުބުނެ.” ޖެހިލުންވެ ހުރެ ނަމަވެސް، ހަނދާންވީ ވަރަކުން ސައީދު ކިޔާދިނެވެ. “ލަސް ވެއްޖެއްޔާ ފްލައިޓް މިސް ވެދާނެއޭ ބުނީ. އެހެންވެ އަވަހަށް ގޭޓް ހުޅުވާވެސް ދިނިން.”

“ސައީދު ނުޖެހޭތަ އަހަރެމެންނަށް އެކަން އަންގާކަށް؟ ގޮވަން ޖެހޭނެ ދޯ. އެހެން އެކަނި އޭނަ ދިޔަ ދީގެން ނުވާނެ އެއްނު.. ފިލައިގެން ދިޔަ ތަނެއްވެސް ނޭނގެ.” އާޒިމްގެ ރުޅިގަނޑު ބާލާލީ ސައީދުއަށެވެ.

“އަޅުގަނޑު ހީކުރީ މެޑަމް ޗުއްޓީއަކަށް ދަނީ ކަމަށް. ހެންވޭރާ ވާ ކޮޅަށް ދިޔައީވެސް.” ކުރެވުނު ކުށުގެ ސަބަބުން ސައީދު ވާހަކަ ދެއްކީ އިސް ޖަހައިގެން ހުރެއެވެ. އޭނާ އެހެން ބުނުމާއެކު އާޒިމް ހަނދާންވީ އިޒާނީ ހެންވޭރުގައި ހުރި ގެއަކަށް ދާ ކަމެވެ. އޭނާ ވަގުތުން ތެދުވީ އެގެއަށް ދިޔުމަށެވެ. އަޒާންއާއި އެކު އިޒާނީ އަބަދުވެސް ދާ ގެއަށް އާޒިމް ދިޔައެވެ. އެގެއަކީ އަށް ބުރިއަށް ނަގާފައި ހުރި ގެއެކެވެ. ކޮންމެ ފަންގިފިލައެއްގައި ހުންނަނީ ކިތަށް އެޕާޓްމެންޓް ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އަޒާން ނިންމީ ކޮންމެ ފަންގިފިލައަކަށް އަރާ ބެލުމަށެވެ.

ހަމަ އެވަގުތު އެގޭގައި ހުރި ލިފްޓު ހުޅުވުނެވެ. ލިފްޓުން ނިކުތީ ޑިއުޓީއަށް ދިޔުމަށް ތައްޔާރުވެގެން ހުރި ޒަޔާންއެވެ. އޭނާ ފެނުމުން އާޒިމް ހުއްޓުން އެރިތަން އަޒާންއަށް ފެނުނެވެ.  (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ