ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ އިތުރު ދެ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ތިލަދުންމަތީގެ ޕޮލިސް ކްލަސްޓާއާ ގުޅިގެން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރައިފި އެވެ.
މި ދެ ފުލުހުން ޕޮޒިޓިވްވިކަން އެނގުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ކޭޓަރިންގެ ހިދުމަތް ދެމުންދާ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީއަކު ޕޮޒިޓިވްވުމާ ގުޅިގެން ނެގި ރޭންޑަމް ސާމްޕަލްތަކަކުންނެވެ. އެގޮތުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންގެ އޮފިސަރުންގެ 75 ސާމްޕަލެއް ނެގި އެވެ.
މި 75 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ދެ ފުލުހެކެވެ. މިއަދު ޕޮޒިޓިވްވި ދެ ފުލުހުންނަކީ ކަރަންޓީނުގައި ހުރި ފުލުހުންނަށް ނުވާތީ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވި އެވެ. އަދި ށ ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީއަކުންވެސް ޕޮޒިޓިވްވެފަ އެވެ.


